ދުނިޔެ

އިނގިރޭސި ރަސްގެފާނުގެ ޝާހީ އަސާކޮޅުގައި ހަރުކޮށްފައިވާ ބޮޑު އަލިމަސް ރުޖޫއަކޮށްދިނުމަށް ދެކުނު އެފްރިކާއިން އެދެނީ

އިމާދު ލަތީފު

އިނގިރޭސި ރާނީ އެލިޒަބަތު އަވަހާރަވުމާއެކު ކޮހިނޫރު އަލިމަސް ދޭށޭ ގޮވުން ދެކުނު އޭޝިޔާގައި ގަދަވެފައިވަނިކޮށް ހަމަ އެކަހަލަ އަޑެއް ދެކުނު އެފްރިކާއިންވެސް ވަނީ އިވޭން ފަށައިފައެވެ. ދެކުނު އެފްރިިކާގެ ރައްޔިތުން މިހާރު އެބަގޮވަައެވެ. އަހަރެމެންގެ ބޮޑު އަލިމަސް އަހަރެމެންނަށް ރުޖޫއަކުރާށެވެ. އަވަސްކުރާށެވެ. އެބުނާ އަލިމަހަކީ ދުނިޔޭގެ އެންމެ ބޮޑު އަލިމަހެވެ. ނަމަކީ ދަ ގްރޭޓް ސްޓަރ އޮފް އެފްރިކާއެވެ. އެފްރިކާގެ މަތިވެރި ތަރިއެވެ. މި އަލިމަހަކީ އިނގިރޭސި ރާނީގެ ރަސްމީ، ޝާހީ އަސާކޮޅުގައި ހަރުކުރެވިފައިވާ 500 ކެރަޓްގެ އަލިމަހެކެވެ. މިއީ 1905 ވަނަ އަހަރު އިނގިރޭސީން ދެކުނު އެފްރިކާއިން ގެންދިޔަ އަލިމަހެކެވެ. ދެކުނު އެފްރިކާގެ ރައްޔިތުން ގަބޫލުކުރާ ގޮތުގައި އެއީ ފޭރިގެން، ލޫޓުވައިގެން ގެންދިޔަ އެއްޗެކެވެ.

ދެކުނު އެފްރިކާއަކީ ރަނާއި ޖަވާހިރުގެ ޚާއްސަ ތަނެކެވެ. އިނގިރޭސިން އެތަނުން ގެންދިޔައީ އެންމެ އަލިމަހެއް، ޔާގޫތެއް، ޒުމުއްރަދެއް ނޫނެވެ. އޭގެ ކިތަންމެ އެއްޗެކެވެ. ދަ ގްރޭޓް ސްޓަރ އޮފް އެފްރިކާ ޚާއްސަވާ ސަބަބަކީ އޭގެ ސައިޒެވެ. ދުނިޔޭގެ އެންމެ ބޮޑު އަލިމަސް ކަމުގައި ބެލެވޭތީއެވެ. ދެކުނު އެފްރިކާގެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އިނގިރޭސީން ގެންގޮސްގައިވާ ކޮންމެ އެއްޗަކީ ހަލާލުނޫން ގޮތަކަށް ގެންގޮސްފައިވާ އެއްޗެކެވެ. ފޭރިގެންފައިވާ އެއްޗެކެވެ. އެހެންވީމާ ލަސްނުކޮށް އެއިން ކޮންމެ އެއްޗެއް އަލުން ރުޖޫއަކޮށްދޭން ޖެހޭނެއެވެ. އިނގިރޭސި ރަސްކަން ރަމްޒުކޮަށްދޭ ވިދާބަބުޅާ ކޮންމެ އެއްޗަކީ ފޭރިގެންފައިވާ އެއްޗަކަށްވާއިރު އެކަން އެގޮތަށް ދެމެހެއްޓުމަކީ އިނގިރޭސިން ލަދުވެތިވާން ޖެހޭނޭ ކަމެއް ކަމަށްވެސް ބުނެއެވެ.

ދެކުނު އެފްރިކާގެ ރައްޔިތުން މިބުނާ ބުނުން އިނގިރޭސިވިލާތުން ދޮގުކުރެއެވެ. ޝާހީ ޚާންދާނުގެ ހުރިހާ ރަނާއި ރިއްސާއި ޖަވާހިރުތައް ބަލަހައްޓާ ޓްރަސްޓްގެ ފަރާތުން ބުނެފައިވަނީ ދަ ގްރޭޓް ސްޓަރ އޮފް އެފްރިކާއޭ ކިޔުނު އަލިމަހަކީ ދެކުނު އެފްރިކާގެ ޓްރާންސްވާލް ޕްެރޮވިންސްގެ ޕްރައިވެޓް މައިނަކުން 1903 ވަނަ އަހަރު ފެނުނު އަލިމަހެއް ކަމަށާއި ޓްރާންސްވާލްގެ ސަރަހައްދީ ސަރުކާރުން އޭތި ގަނެގެން އޭރު އިނގިރޭސި ތަޚުތުގައި އިންނެވި އެޑްވަޑް ހަތްވަނައިގެ އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުގައި ވެދުންކުރީ ކަމުގައެވެ. އެހެންވީމާ މި އަލިމަހުގެ މިލްކުވެރިކަން އިނގިރޭސި ޝާހީ އާއިލާއަށް ހުރިހައި ގޮތަކުންވެސް ހަލާލުކަމަށް ބުނެފައިވެއެވެ. ޓްރާންސްވާލްގެ ސަރަހައްދީ ސަރުކާރަކީ އެދުވަސްވަރު އިނގިރޭސީންގެ ކޮންޓްރޯލް ދަށުގައި އޮތް ސަރުކާރެކެވެ. އެބުނާ ޕްރައިވެޓް މައިނަކީވެސް އިނގިރޭސިޔަކު އަމިއްލަކޮށްގެން އުޅުނު މައިނެކެވެ.

ދަ ގްރޭޓް ސްޓަރ އޮފް އެފްރިކާއަކީ މިހާރު ވަރަށް ބޮޑަށް ކޮށައި މަށައި ކުޑަކުރެވިފައިވާ އަލިމަހެކެވެ. އޭތީގެ އަސްލުގޮތުގައި އޮތްއިރު ބަރުދަނުގައި 3106 ކެރަޓް ހުރިކަމަށްވެއެވެ. އިނގިރޭސި ރަސްގެފާނު އެޑްވަޑް ހަތްވަނައަށް ވެދުންކުރުމުގެ ކުރިން އެ އަލިމަސް ކޮށައި މަށައި މިހާރުގެ ބައްޓަމަށް ގެނައީ ހޮލެންޑުގެ އެމްސްޓެޑަމްގައި ގާއިމްކުރެވިފައިވާ ތިލޭރު ކުންފުންޏަކުންނެވެ. ބުނެވޭގޮތުގައި އޭރު މި އަލިމަހުގެ ސައިޒަކީ އިންސާނެއްގެ ހިތުގެ ސައިޒެވެ. މި އަލިމަސް އިނގިރޭސި ރަސްގެފާނުގެ ޝާހީ އަސާކޮޅުގައި ހަރުކުރީ އެޑްވަޑް ހަތްވަނައިގެ އެންގެވުމަކަށެވެ. މި އަސާކޮޅަކީ ތަޚުތުގައި އިންނަވާ ބޭފުޅަކު ރަސްމީ އިއްޒަތުގައި ތަންތަނަށް ވަޑައިގަންނަވާއިރު އިއްޒަތް ފުރިހަމަކުރުމަށް ބޭނުންކުރައްވާ ދަނޑިކޮޅެއް ކަހަލަ އެއްޗެކެވެ.

އަސްލު އަލިމަހުގެ ސައިޒް ބޮޑުކަމާއެކު އެ އަލިމަސް ކޮށައިލެވުނީ ބޮޑު ނުވަ ބަޔަށާއި ކުދިކުދި 96 ބަޔަށެވެ. އެންމެ ބޮޑު ނުވަބައިގެ ތެރެއިން އެންމެ ބޮޑު ބަޔަށް ނަންދިނީ ދަ ގްރޭޓް ސްޓަރ އޮފް އެފްރިކާގެ ނަމުންނެވެ. ދެން އެންމެ ބޮޑުބަޔަށް ނަން ދެވުނީ ދަ ސްމޯލަރ ސްޓަރ އޮފް އެފްރިކާގެ ނަމުންނެވެ. މިގޮތަށް ނަން ދެއްވީވެސް ސީދާ ކިންގް އެޑްވަޑް ހަތްވަނައެވެ. ސްމޯލަރ ސްޓަރ އޮފް އެފްރިކާއޭ ކިޔުނު އަލިމަސް ހަރުކުރެވިފައިވަނީ އިނގިރޭސި ރަސްކަމުގެ އެންމެ ބޮޑު އެންމެ މުހިއްމު ތާޖުގައެވެ. މި ދެ އަލިމަސްވެސް އެންމެ ފަހުން ބޭނުންކުރެއްވީ ރާނީ އެލިޒަބަތެވެ. މިހާރު އޭގެ މިލްލުވެރިޔަކީ ކިންގް ޗާލްސް ތިންވަނައެވެ. އެހެންވީމާ އެ ތަކެތި އޭގެ އަސްލު ފަރާތަށް ރުޖޫއަކުރިޔަސް އަދި އެހެން ގޮތެއް ހެދިޔަސް އެކަމުގެ އިޚުތިޔާރު އޮތީ ޗާލްސްއަށެވެ.

ކޮހިނޫރަކަސް، އެފްރިކާގެ ބޮޑު ތަރިޔާއި ކުޑަ ތަރިޔަކަށް ވިޔަސް އެހާ ފަސޭހައިން އިނގިރޭސިވިލާތުން އެތަކެތި ދޫކޮށްލާނޭ ކަމަށް ނުބެލެވެއެވެ. ކޮންމެވެސް ބަހަނާއެއް ދައްކައިގެން އެތަކެތި ހިފަހައްޓާނެއެވެ. އެކަމަކު މިތަކެތި ރުޖޫއަކޮށްދިނުމުގެ ގޮވާލުންތަކުގައި އެގައުމުތަކުގެ ސިޔާސީ ފަރާތްތަކުންވެސް ބައިވެރިވާން ފަށާފައިވާތީ އިނގިރޭސިވިލާތަށް ވަރަށް ބޮޑު ޕްރެޝަރަކަށް މިކަން ވާނެއެވެ. ޕްރެޝަރު ބޮޑުވެގެން ބައެއް ކަހަލަ ތަކެތި މީގެ ކުރިން ރުޖޫއަކޮށްދޭން އެއްބަސް ވެފައިވެއެވެ. އެގޮތުން އެފްރިކާގެ ބެނިންއޭ ކިޔުނު ގައުމަކުން ލޫޓުވައިލި ތަކެތީގެ ތެރެއިން 72 އައިޓަމެއް އަލުން ރުޖޫއަކޮށްދޭން ލަންޑަނުގެ ދާރުލްއާސާރަކުން ހުސްވި އޮގަސްޓްމަހު ވަނީ އެއްބަސްވެފައެވެ. އޭގެތެރޭގައި ޖަވާހިރެއް ނުހިމެނެއެވެ.