ރާއްޖޭގެ އިގުތިސޯދީ ހާލަތު މިވަގުތު ރަނގަޅު ކަމަށް ރާއްޖެއަށް ކުރި ޒިޔާރަތެއްގައި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ވަފުދުން ބުނެފިއެވެ.
އެ ވަފުދުން މިހެން ބުނީ ރާއްޖޭގެ އިގުތިސޯދީ ކަންކަމާބެހޭގޮތުން މަޝްވާރަ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި އިގުތިސޯދީ ކޮމިޓީއާ އެކު ބޭއްވި ބައްދަލުވުމެއްގައެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މި ބައްދަލުވުމުގައި އެ ވަފުދުގެ ވެރިޔާގެ ގޮތުގައި ހުންނެވި، ޓިޑިއާން ކިންޑާ ވިދާޅުވީ ރާއްޖޭގެ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީ 10-9 ޕަސެންޓް ކުރިއަރާނެ ކަމަށެވެ. އެއީ ރާއްޖޭގެ ޓޫރިޒަމްގެ ފޯކަސް ރަޝިޔާ ނޫން މާކެޓްތަކަށް އަނބުރާލާފައިވުމާއި ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ޓޫރިސްޓުން ރާއްޖެ އަންނަ އަދަދަަށް މާ ބޮޑު އަސަރެއް ނުކުރުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެހެން ގައުމުތަކާ އަޅައި ބަލާއިރު ރާއްޖޭގައި ތަކެތީގެ އަގުތައް ބޮޑުވުން ނުވަތަ އިންފްލޭޝަން ރާއްޖޭގައި ހުރީ ހިފެހެއްޓިފައި ކަމަށެވެ. އެއީ ތަކެތީގެ އަގުތައް ހިފަހައްޓަން ދޭ ސަބްސިޑީތަކުގެ ސަބަބުން ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް ކުރިއަށް އޮތް ދުވަސްތަކަކީ އުނދަގޫ ދުވަސްތަކެއް ކަމަށް އައިއެމްއެފުން އެ ބައްދަލުވުމުގައި ބުންޏެވެ.
އެގޮތުން ޔޫރަޕްގެ އިގުތިސޯދުތަކަށް އަންނަ ހީނަރުކަމާއި ޗައިނާގެ ކުރިއެރުން މަޑުޖެހުން ފަދަ ކަންކަމުގެ ސަބަބުން އަންނަ އަހަރު ދުނިޔޭގެ އިގުތިސޯދު ފެންނަނީ ބަނަކޮށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ރާއްޖެ ފަދަ ކުރިއަރަމުން އަންނަ ގައުމުތަކަށް ވެސް ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖެއަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ކިންޑާ ފާހަގަ ކުރެއްވީ، ބައިނަލް އަގުވާމީ ދުނިޔޭން ފައިސާ ހޯދުމެވެ. އެއީ ދުނިޔޭގެ އިގުތިސޯދަށް ކުރިމަތިވާ ކަންތައްތަކުގެ ސަބަބުން އިންޓްރެސްޓް ރޭޓުތައް ބޮޑުވުމެވެ.
ރާއްޖެއިން ވިއްކާފައިވާ ސްކޫކުގެ އިންޓަރެސްޓް ރޭޓަށް މިހާރު އައިސްފައިވާ ބަދަލު ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ 10 ޕަސެންޓްގައި ހުރި އިންޓަރެސްޓް މިހާރު 20 ޕަސެންޓަށް އުފުލިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެ މައްސަލައިގައި ރާއްޖެއަށް ކުރެވެން އޮތީ އެންމެ ކަމެއް ކަމަށެވެ. އެއީ ހަރަދު ކުޑަކުރުމާއި އާމްދަނީ އިތުރު ކުރެވޭނޭ ފިޔަވަޅުތައް އެޅުން ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން ދައުލަތުގެ ބަޖެޓުން ސަރުކާރުގެ ކުންފުނިތަކަށް ކުރާ ހަރަދުތައް ކުޑަކުރުމާއި މިނޫންވެސް ހަރަދު ކުޑަކުރެވޭނެ އިތުރު ދާއިރާތައް ބަލައި އަވަސް ފިޔަވަޅު އެޅުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.