ދުނިޔެ

ކުދިންގެ ލޮލުގެ ފެނުން މުޅިން ގެއްލުމުގެ ކުރިން ދުނިޔެ ދައްކައިލުމުގެ ދަތުރެއް ކެނެޑާގެ އާއިލާއަކުން ފަށައިފި

ކެނެޑާގެ ދެމަފިރިންކަމަށްވާ ސެބާސްޓިއާނާއި އެޑިތަށް ލިބިފައިވާ ހަތަރު ކުދީންގެ ތެރެއިން އެންމެ ދޮށްޓަށް ހުރި މިއާގެ ލޮލުގައި މައްސަލަތަކެއް ހުރިކަން އެދެމަފިރިންނަށް އެންމެ ފުރަތަމަ ފާހަގަކުރެވުނީ މިއާގެ އުމުރުން އެންމެ ތިން އަހަރުގައެވެ. އެންމެ ފުރަތަމަ މާ ސީރިއަސް މައްސަލައެއްކަމަށް ނުފެންނާތީ ލޮލުގެ ޚާއްސަ ޑޮކްޓަރަކާ ހަމަޔަށް ދެވުނީ އަހަރުތަކެއްވެސް ފާއިތުވީ ފަހުންނެވެ.

ޓެސްޓުތައް ހަދައި ދިރާސާތަކެއް ކުރުމުން ޔަގީންވީ މިއާއަށް ކުރިމަތިލާން ޖެހިފައިވަނީ ވާރުތަވާ ޒާތުގެ ވަރަށް ނުރައްކާތެރި ބައްޔެއް ކަމެވެ. މިބައްޔަށް އެއްވެސް ފަރުވާއެއް ނުވެއެވެ. މިއީ އުމުރުގެ ވަކި ހިސާބަކަށްދާއިރު ލޮލުގެ ފެނުން މުޅިން ގެއްލިގެންދާ ބައްޔެކެވެ. ފަރުވާއެއް ނެތުމުގެ އިތުރަށް ބަލީގެ ކަންކަން ލަސްކުރުމަށްވެސް ކުރެވޭނޭ ކަމެއް ނޯވެއެވެ.

ސެބާސްޓިއަނާއި އެޑިތުގެ ކައިވެންޏަށް މިހާތަނަށް ބާރަ އަހަރު ވެގެންދިޔައިރު ޖުމްލަ ހަތަރު ކުދިން ވަނީ ލިބިފައެވެ. މިއާގެ ހަގަށް ތިބި ތިން ކުދިންގެ ތެރެއިން އެންމެ ހަގު ދެބެއިންނަށްވެސް ހަމަ މިބަލި ވަނީ ޖެހިފައެވެ. އޭގެ ތެރެއިން ކޮލިންގެ އުމުރަކީ ހަތް އަހަރެވެ. ލޯރަންޓްގެ އުމުރަކީ ފަސް އަހަރެވެ. ޖުމްލަ ހަތަރު ކުދިންގެ ތެރެއިން މިބަލީގެ ޝިކާރައަކަށް ނުވެ ހުރީ އުމުރުން ނުވަ އަހަރުގެ ލިއޯ އެކަންޏެވެ.

އެ ދެމަފިރިން ބުނާ ގޮތުގައި ކުދީންނަށް މިބަލި އައީ އެދެމީހުންގެ ސަބަބުންނެވެ. ގުޅިގެން ކުދިން ހޯދަން ނުޖެހޭ ދެމަފިރިޔަކަށް ލިބުނު ކުދީންކަމަށް ވުމުންނެވެ. އެކަން ރޭކާލީ ހަތަރު ކުދިން ލިބި އޭގެތެރެއިން ތިން ކުދީންނަށް މިބަލި ޖެހިފައިވާކަން އެނގުމުންނެވެ. މިވަގުތު އެއްވެސް ކުއްޖެއްގެ ލޮލުގެ ފެނުން މުޅިޔަކުން އަދި ނުގެއްލެއެވެ. އެހެންވީމާ މިދެމަފިރިން މިހާރު ކުރާކަމަކީ ކުދިންގެ ލޮލުގެ ފެނުން މުޅިން ގެއްލުމުގެ ކުރިން ހެޔޮއެދޭ ދީލަތި ފަރާތްތަކުގެ އެހީތެރިކަމާއެކު ކުދިން ގޮވައިގެން ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރު ކުރުމެވެ. ދުނިޔެ ވަށައިގެން ބުރެއްޖެހުމެވެ. ދުނިޔޭގެ ވީހާވެސް ގިނަ ތަންތަން ކުދީންނަށް ދައްކައިލުމެވެ.