އިނގިރޭސި ރާނީ އެލިޒެބަތު ދެވަނަ އަވަހާރަވުމާއެކު އިނގިރޭސިވިލާތް އޮތީ ހިތާމައެއްގައެވެ. ރާނީއަށް އެންމެފަހުގެ އިހުތިރާމު އަދާކުރުމަށް އެތައް ރައްޔިތުންނެއް ތިބީ މަގުތަކުގައެވެ. ރާނީގެ ހިދުމަތަށް ތައުރީފުކޮށް، ހިތާމަވެރި ދަނޑިވަޅުގައިވެސް ގައުމުގައި އޮތީ އިހުތިރާމެވެ. ހާއްސަކޮށް ރާނީގެ ޖަނާޒާގެ ކުރިން، ރާނީގެ ސަންދޯއް ދެކިލުމަށްވެސް އެތައް ބަޔަކު ކިއޫގައި ތިބޭތަން ފެނެއެވެ. އޭގެ ތެރެއިން އެތައް ބައެއްގެ ސަމާލުކަން ހޯދި މޫނަކީ އިންގްލެންޑް ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން، ފުޓުބޯޅަ ލެޖެންޑް ޑޭވިޑް ބެކަމްގެ މޫނެވެ.
ވެސްޓްމިންސްޓާ ހޯލުގައި ރާނީގެ ސަންދޯއް ބެހެއްޓިފައިވާ އިރު، އެ ސަންދޯކުގެ ކައިރިއަށް ގޮސް ރާނީއަށް ފަހުގެ އިހުތިރާމު އަދާކުރަން ބޭނުން އެތައް ބައެއްގެ ކިއޫ އޮތީ ރިވާ ތޭމްސް ކައިރިން ދަމާލައިފައެވެ. އެތައް ހާސް ބަޔަކު ވަނީ ރާނީގެ ސަންދޯއް ދެކިލުމަށް ކިއޫގައި ޖެހިފައެވެ. ބެކަމްއަކީ ރާނީގެ އަތްޕުޅުން އޯޑާ އޮފް ބްރިޓިޝް އެމްޕަޔާގެ ޝަރަފު އަރުވާފައިވާ އެގައުމުގެ ވަރުގަދަ ޝަހުސިއްޔަތެއް ނަމަވެސް އޭނާވެސް ހުރީ އިންތިޒާރުގެ ކިއޫގައެވެ.
"ރާނީގެ ހަޔާތްޕުޅުގެ އުފާވެރި ކަންކަން ފާހަގަކުރުން އެއީ މުހިއްމު ކަމެއް. މި ސަފުގައި މިހުރީ އިނގިރޭސި އެންމެ ރައްޔިތުންނާއެކު އަހަރެންވެސް ބައިވެރިވެ، ރާނީގެ އެތައް ހެޔޮ ރަނގަޅު ވާހަކަތަކެއް އަޑުއަހާލަން. ރާނީ ގެއްލުމަކީ ހިތާމައެއް. ރާނީގެ ހަޔާތުގެ ހަނދާންތައް އިނގިރޭސީންގެ ހިތަކުން ފިލައިގެން ނުދާނެ،" އުމުރުން 47 އަހަރުގެ ބެކަމް ބުންޏެވެ.
ބެކަމް ނޫސްތަކަށް ބުނީ އޭނާ ކިއޫގައި ޖެހުނީ ބުރާސްފަތި ދުވަހުގެ ރޭ މެންދަމު 2:00 ގައި ކަމަށާއި، އިއްޔެ އިންޓަވިއު ދިން އިރުވެސް ކިއޫގައި ހުންނަތާ 12 ގަޑިއިރު ވެފައިވާ ކަމަށެވެ.
ބެކަމްއަށް ރާނީގެ ހާއްސަ ޝަރަފު، އޯބީއީ އެރުވީ 2003 ވަނަ އަހަރުއެވެ. ބެކަމްއަށް ރާނީގެ ޝަރަފު އެރުވީ ފުޓުބޯޅައިގެ ހިދުމަތަށެވެ.
"އަހަންނާއި އަހަރެންގެ އާއިލާއަކީ ރޯޔަލިސްޓުން. ޝާހީ އާއިލާގެ ބޮޑެތި ސަޕޯޓަރުންތަކެއް. އަހަރެންނަށް އޯބީއީ އެރުވުމުގެ ހަފުލާއަށް ދިޔައީ މާމައާއި ކާފަވެސް ގޮވައިގެން. އަދި އަނބިމީހާވެސް. މާމައާއި ކާފަ މިއަދު ދުނިޔޭގައި ތިބި ނަމަ ޔަގީނުންވެސް މިތަނަށް ކިއޫ ޖެހެން އަންނާނެ. އެހެންވެ މިއައީ، އެމީހުންގެ ޝަރަފުގައި. އެ ދުވަހު އަހަންނަށް ރާނީއާ ވާހަކަދައްކާލަން ފުރުސަތު ލިބުމަކީ ހަޔާތުގައި ލިބުނު އެންމެ ބޮޑު އެއް ޝަރަފު. ރާނީއަކީ ހާއްސަ ފަރާތެއް. ލޯބި ހޯދި ރާނީއެއް،" ބެކަމް ބުންޏެވެ.
ރާނީގެ ސަންދޯކުގެ ކައިރީގައި ބެކަމް ހުރި ވަގުތު ފެނުނީ ފެންކަޅިވެފައި ހުރިތަނެވެ. ކިއޫގައި ހުރެ އޭނާ ދިން އިންޓަވިއުގައި ފާހަގަކޮށްފައިވަނީ އިނގިރޭސި ޖާޒީގައި ގައުމީ ސަލާމް ކިޔާ ކޮންމެ ފަހަރަކުންވެސް ރާނީއަށް ދެވޭ ހާއްސަ ޝަރަފުގެ ހަނދާން އަބަދުވެސް ހުންނާނެ ކަމަށެވެ.
ރާނީ އެލިޒެބަތު 2
ރާނީ އެލިޒެބަތު 2
ރާނީ އެލިޒެބަތު 2
ރާނީ އެލިޒެބަތު 2