"ބައްޕަ.... ބައްޕަ......" އަޔާލްއަށް ޖުމްލަ ފުރިހަމަކުރަން ދަތިވިއެވެ. ހޭލާ ހުއްޓައި ފެންނަ ހުވަފެނޭ ހީވިއެވެ. ޖަވާބު ބޭނުންވާ އެތައް ސުވާލުތަކެއް ހިތުތެރޭގައި ފުނިޖެހުނެވެ. ދިރިއުޅުމުގެ އެހިސާބުން އަޔާލްގެ ދިރިއުޅުމަށް އެފަދަ ބަދަލެއް އަތުވެދާނެ ހެއްޔެވެ؟ އެއީ ބަރަކްއަށް ކުރެވޭ ކުށް ހީއެކޭ އެއްފަހަރު ހިތަށް އެރިއްޔާ ހަގީގަތުގައިވެސް އެއީ ހަމަ ބައްޕައޭ އަޔާލްގެ ހިތް ބުނެލައެވެ. އެވަގުތުކޮޅު އަޔާލްގެ ހިތެކޭ ދެއަތަށް ކިރޭ ކައްޓާއެކޭ ތަފާތެއް ނެތެވެ.
*******
ގޭދޮރާށިން އެތެރެއަށް ވަން އަޔާލް ފެނުމާއެކު ޖޯލީގައި ތިބި ޒުބައިރުގެ ދެމަފިރިންނަށް އެއީ ކާކުކަމެއް ނޭނގުނެވެ. އެހެންނަމަވެސް އަޔާލްގެ ފަހަތުގައި ތިބި ރާޝިދާއި ބަރަކް ފެނުމުން އިތުރު ސުވާލަކަށް ނުދެވެނީސް ދެމަފިރިންނަށް ޖަވާބު ލިބިއްޖެއެވެ.
"އާދޭ، އާދޭ އެތެރެއަށް" ޖޯލިން ތެދުވަމުން ޒުބައިރު ބުންޏެވެ.
ބަދިގޭގައި އުޅުނު ޖިލްވާ ނިކުތީ ބޭރުން ވާހަކަދައްކާ އަޑު އިވިގެންނެވެ. ޖިލްވާއަށް އަޔާލް ފެނުމާއެކު ހީލިއެވެ. އަޔާލްއަށް ހީލަންވެސް ނޭނގިފައި ހުއްޓެވެ.
ރާޝިދު ހުއްޓުނީ ކޮޅަށް ހުރި އަޔާލް އާ އެއް ހަމައެއްގައެވެ. ޒުބައިރުއަށް ނަޒަރެއް ދީފައި ހީލިގޮތަށް މޭގައި އަތްޖަހާލާފައި މަގޭ އަޔާލްއޭ ބުނެލިއެވެ. ޒުބައިރު ހީލަމުން ބޯޖަހާލިއެވެ. ރާޝިދަށް ލިބުނު އުފަލުގައި ޒުބައިރު ބައިވެރިވިއެވެ. މާތްﷲ އަށް ހަމްދުކޮށްލެވުނުއިރު ޒުބައިރުގެ ދެލޮލުން ކަރުނަ ނީރާލައިފިއެވެ.
"ތިއީ ހަމަ ރާބޭގެ ތަތްގަނޑެއްނު" ހީލަމުން ޒުބައިރު ބުންޏެވެ.
*********
ހަތަރެއްޖަހާ ބޮޑުވިއިރުވެސް ރިންދާ އިނީ ކެބިންގައެވެ. ކޮމްޕިއުޓަރު ސިސްޓަމް ނިއްވާލާފައި ހުރިއިރު ހުރިހާ ފައިލްތަކެއް ލައްޕާފައި ލިޔުންތައް ޓްރޭގައި އަތުރާލާފައި ހުއްޓެވެ. މޭޒުމަތިގައި އޮތް ފޯނަށް އިރުކޮޅަކާ ރިންދާ ބަލައިލައެވެ. ގެއަށް ދާހިތްނުވެފައި އިނީ ބޭރުގައި ރިންދާ ބަލައި އައިސް ނަހީކް އިންކަން އެނގުމުންނެވެ. އެހެންނަމަވެސް އެހެން އިނދެގެން ނުވާނޭކަން އެނގުމުން ފުންނޭވައެއް ދޫކޮށްލިއެވެ. އިންތަނުން ތެދުވެގެން ގޮސް ކުޑަދޮރު ކައިރީގައި ހުއްޓިފައި ބޭރު ބަލައިލިއެވެ. އެއްވެސް ފޫހިކަމެއްނެތި ނަހީކް އިންތަން ފެނުމުން ރިންދާގެ މޫނުގެ ކުލަ އޮއްސުނެވެ. ނުގޮސްނުވާނޭކަން އެނގޭތީ ދަބަސް ކޮނޑުގައި އަޅުވައިގެން ރިންދާ ނުކުތެވެ. ލަސްލަހުން ފިޔަވަޅު އަޅަމުންނެވެ.
އޮފީހުން ރިންދާ ނުކުތްތަން ފެނުމާއެކު ނަހީކްގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. ރިންދާ އައުމުގެ ކުރިން ސައިކަލު އަނބުރާލާފައި އައިސް އޮފީސް ދޮރުމައްޗަށް މަޑުކޮށްލިއެވެ. ހިނިތުންވެލަމުން ރިންދާ ނަހީކްގެ ފަހަތަށް އަރައި އިށީނެވެ. ސައިކަލް ދުއްވާލުމުގެ ކުރިން އެއް ލޯގަނޑުން ރިންދާ ފެންނާނެހެން ސެޓްކޮށްލިއެވެ. ރިންދާއަށް މަޖުބޫރުވީ ފަހަތުގައި އިންއިރުވެސް ހީލައިގެން އިންނާށެވެ.
"ކުޑަކޮށް ދުއްވާލާފަ ދޯ ދާނީ" ނަހީކް ބުންޏެވެ. ރިންދާ ބޯޖަހާލިއެވެ.
ތުންފަތްމަތީގައި ހިނިތުންވުމެއް ކުރަހާލައިގެން އިންއިރު ރިންދާގެ ހިތް ރޮމުން ދިޔައެވެ. މުޅި ދުވަސް އެއްކޮށް އެދަނީ އަޔާލްގެ އަޑު އިވި ނުލައެވެ. އޮފީހުގައި އުޅެންޖެހުނީ އެހާ ބިޒީކޮށެވެ. ނަހީކަށް ފުރުސަތު ނުދިނުމަށް އޮފީހުން ނުކުމެވުނީ އެހާ ލަހުންނެވެ. އެވަރުންވެސް އަރަންޖެހުނީ ނަހީކްގެ ސައިކަލް ފަހަތަށެވެ. ދުވަސް ހައްތަހާވީ ދިގެވެ. އަޔާލްގެ ހާލެއްވެސް ނޭނގެއެވެ. ފޯނަށް ގުޅާފައި އޮންނާނެކަން ޔަގީނެވެ. ނަހީކްގެ ސަބަބުން އަޔާލްއަށް ގުޅަން ގެންގުޅޭ ފޯނު ޖެހުނީ އޮފީހަށް އަންނައިރު ގޭގައި ބާއްވާށެވެ. މީހާ ހަމަޖެހިފައި ހުރިކަމަށް ހެދިގެން ހުއްޓަސް އެތެރެއިން އަލިފާން ފަދައިން ރިންދާ އަނދަމުން ދިޔައެވެ. އެއްފަހަރާ ދެސިފައެއް ހިޔާރުކުރަން ޖެހުމަކީ ވޭނެއް ކަހަލަ ކަމެކެވެ.
**********
އަޔާލް އިން ޖޯއްޔާ ޖެހިގެން ހުރި ޖޯލީގައި ރާޝިދު އިށީނުމާއެކު އަޔާލް ބަލައިލިއެވެ. އަދިވެސް އަޔާލްގެ މޫނުމަތީގައި ވަނީ ހައިރާންކަމުގެ ކުލަވަރެކެވެ. ހަގީގަތުގައިވެސް އެއީ 'ބައްޕަ' ހެއްޔޭ އަމިއްލަ ހިތާ އެތައްފަހަރަކު ސުވާލުކޮށްފިއެވެ. ހިތާއި ސިކުނޑި ގޮތެއް ނުނިންމާތީ އަޔާލްއަށް ވަނީ އުނދަގޫތަކެއް ކުރިމަތިވެފައެވެ.
"އަހަރެންގެ މި ދަރިއަށް މި އިނީ ހަމަ ބަރަކަށް ވީހެންވެފަ. ބައްޕަ ގަބޫލުކުރަން އެހެންކަން ވާނީވެސް" ރާޝިދު ބުންޏެވެ. ބަރަކް ފަދައިން ދިމާލަށް އަޔާލް އެހެން ނުބުނާކަން އެކަންޏެވެ. އަޔާލްގެ ހިތަށް އަރައި ފައިބާ އެއްޗެހި ރާޝިދަށް ފެންނަ ކަހަލައެވެ. އަޔާލްގެ މޫނުމަތިން ހުރިހާ އެއްޗެއް ރާޝިދު ކިޔައިފިއެވެ. ރާޝިދު ފުންނޭވައެއް ދޫކޮށްލިއެވެ. މިހާރު ދެ ދަރިން އެއްތަންވެއްޖެއެވެ. ﷲ ތައާލާއަށް ދެންނެވި ދުއާ އިޖާބަކުރައްވައިފިއެވެ. ދެ ދަރިން އެތިބީ ހެޔޮ ހާލުގައި ރާޝިދުގެ ދެލޮލުގެ ކުރިމަތީގައެވެ. ދެން އޮތީ 'ބައްޕަ' ގެ ހިތްދަތި ދިރިއުޅުމުގެ ސަފުހާތައް ދެ ދަރިންގެ ކުރިމަތީގައި ހުޅުވާލުމެވެ. ދެ ދަރިންގެ ހިތުގައި އުފެދިފައިވި ހުރިހާ ސުވާލުތަކެއްގެ ޖަވާބުދިނުމެވެ.
***********
ރޭގަނޑު ކާން އިނދެފައި ޝާހްބާޒް ބުނި އެއްޗަކުން ރިންދާ ތެޅިގަތެވެ. ނަހީކާ ގުޅުމެއް ރިންދާ އޮތްކަން ޝާހްބާޒަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ ނަހީކް ބުނީ ހެއްޔެވެ؟ ރިންދާ ޝާހްބާޒްގެ މޫނަށް ބަލއިލިއެވެ. ނަހާ ހުއްޓުން އަރާފައި ރިންދާއަށް ބަލަހައްޓައިގެން ހުއްޓެވެ. ނަހާގެ އެއްވެސް ދަރިއަކާ ގުޅުވައިގެން ތާކުންތާކު ނުޖެހޭ ވާހަކައެއް ޝާހްބާޒް ނުދައްކާނެކަން ނަހާއަށް ޔަގީނެވެ. ރިންދާގެ އެފަދަ ވާހަކައެއް ޝާހްބާޒް ބުނާނީ ކޮންމެވެސް އެއްޗެއް އެނގިގެންނެވެ.
"ހާދަ ހާސްތިވީ. ބޭބެ އެހެން މިބުނީ މިއަދު ތިދެކުދިން ސައިކަލުގައި ދިޔަތަން ފެނުނީމަ" ޝާހްބާޒް ބުންޏެވެ. ރިންދާ ހަމަޖެހުމުގެ ނޭވައެއްލިއެވެ. ޝާހްބާޒަށް މާބޮޑު އެއްޗެއް ނޭނގެއެވެ. އަތުގައި އޮތް އުލުން ބަތްތަށި ހާވަން ފެށުމުންވެސް ރިންދާއަށް ހަމަޖެހުމެއް ނުލިބުނެވެ. މަންމައާއި ބޭބެއަށް ކޮންމެވެސް ޖަވާބެއް ދޭން ޖެހޭނެއެވެ. ފަހަކަށް އައިސް ރިންދާއަށް މިއޮއްވާ ގޮތެކެވެ. މީހަކަށް ޖަވާބެއް ދޭން ޖެހުމުން އެއްވެސް އެއްޗެއް ސިކުނޑިއަކަށް ނާދެއެވެ. ސުވާލުކުރާ މީހާގެ ހިތުގައި މަތިމައްޗަށް ސުވާލު އުފެދޭނެކަން ރިންދާއަށް އެނގެއެވެ.
އެންމެފަހުން ބަލައިލިއިރު ނަހާގެ ސަމާލުކަން ހުއްޓިފައި ހުރިތަން ފެނުމުން ރިންދާ ހީލިއެވެ. ފެންތަށިން ކޯވަރެއް ބޯލާފައި އަނެއްކާވެސް ނަހާއަށް ބަލައިލިއެވެ.
"ނަހީކް އަޅުގަނޑު ދެކެ ވަރަށް ލޯބިވޭ. ކައިވެނިކުރަން ބޭނުންވޭ" ރިންދާ ބުންޏެވެ.
އަނގައިގެ ތެރެއަށްލި ރޮށިކޮޅު ޝާހްބާޒަށް ޖެހުނީ ހަފާވެސްނުލައި ދިރުވާލާށެވެ. އެހާބޮޑަށް ހައިރާންކަން ލިބިއްޖެއެވެ. ނަހާއަށްވެސް ވީ އެވަރެވެ. ބުނާނެ އެއްޗެއް ދުލަކަށް ނައެވެ. ހިތުގައި އާ ސުވާލުތަކެއް އުފަންވެގެން ދިޔައެވެ.
"ނަހީކް އެހެން ބުނީތަ؟" ޝާހްބާޒް އެހިއެވެ. ރިންދާ ބޯޖަހާލިއެވެ.
ރިންދާ ނަހީކްގެ ވާހަކަތައް ފެށިއެވެ. ނަހީކް ލޯތްބަށް އެދުނުގޮތާއި ދެއްކި ވާހަކަތަކެވެ. ނަހީކް ބުނި ބުނުމަކަށް އެގެއަށް ބައްދަލުކޮށްލަން ދިޔަ ވާހަކައެވެ. ކުޑައިރުން ފެށިގެން ނަހީކް ރިންދާ ދެކެ ލޯބިވާ ވާހަކައެވެ. އެއްދުވަހަކު ރެސްޓޯރަންޓަކުން ހައިބް އާއި ނަހީކް ބައްދަލުކުރި ވާހަކައެވެ. ޕާކުގައި ހައިބް ގޮވައިގެން ނަހީކް އެތައް ވަގުތެއް ހޭދަކުރި ވާހަކައެވެ. އެންމެންގެ ގާތްކަމާއި އަޅައިލުންދީގެން ނަހީކް ރަނގަޅު ކުރެވިދާނެކަމަށް ރިންދާ ބުނީ ޝާހްބާޒްގެ ހިތަށް ހިތްހަމަޖެހުމެއް ދޭށެވެ. ރިންދާގެ ވިސްނުމާއި ރޭވުން މައިންބަފައިނަށް ސިއްރުކުރިއެވެ. ނަހީކްގެ ނުބައިކަމާއި ވިލިނީ އާ މެދު ކަންތައްކުރި ގޮތް ސިއްރުކުރިއެެވެ. ރަނީންގެ މަރުގެ ފަހަތުގައި ވަނީ ނަހީކާއި އޭނާގެ އެކުވެރިއެއްކަން ރިންދާ ނުބުނެއެވެ. އެހާ އަވަހަށް ޝާހްބާޒްގެ ހިތް ހަލާކުކޮށްލަން ރިންދާ ބޭނުމެއް ނުވެއެވެ.
"ދެން ރިދާ ތިއިނީ އެކަމަށް ރުހިގެންތަ؟" ނަހާ އެހިއެވެ.
ރިންދާ ދެފަރާތަށް ބޯހޫރާލިއެވެ. އެއީ ދުވަހަކުވެސް ރިންދާ ރުހޭނޭކަމެއް ނޫނެވެ.
"އަޅުގަނޑު ލޯބިވަނީ ޔާލް ދެކެ. އިންނަންވެސް މިއުޅެނީ ޔާލް އާ. އަޅުގަނޑާއި ނަހީކް އާ ދެމެދުގައި އޮތީ އެކުވެރިކަން. ރަނގަޅު ވަގުތަކުން އަޅުގަނޑު ނަހީކަށް ހުރިހާ ހަގީގަތެއް ކިޔައިދޭނަން. ވިސްނައިދޭނަން. އޭނަ ގަބޫލުކުރާނެ. މަންމައާއި ބޭބެގެ ފަރާތުން އެއްވެސްކަމެއް ނާންގާތީ"
**********
ވިލިނީ އުންމީދުކުރި ފަދައިން ފުރަތަމަ އަޑު އެހުމާއެކު ވަރީގެ ކަންތައްތައް ނިމިއްޖެއެވެ. ގާޒީގެ ދުލުން ބޭރު ނުވަނީސް ނަހީކް ވިލިނީ ވަރިކޮށްފިއެވެ. ހިފަހައްޓައިގެން ހުރި ނޭވާ މިނިވަންކަމާއެކު ބޭރަށް ދޫވެގެން ދިއުމާއެކު ވިލިނީގެ ހައްޓަށް ލުއިވެގެން ދިޔައެވެ. ދެލޮލުން އުފާވެރިކަމުގެ ކަރުނައެއް ފައިބައިގެން ދިޔައެވެ.
ކޯޓުން ނުކުމެފައި ވިލިނީ ބޭނުންވީ ޖައްވުގެ ތެރޭގައި އުދުހިގަންނާށެވެ. އަނިޔާވެރިއެއްގެ އަތްދަށުން ސަލާމަތްވީއެވެ. އަނިޔާވެރިއެއް ނޫނެވެ. ގާތިލެކެވެ. ހަމަ ޖަނަވާރެކެވެ. ފަހަތުން ނަހީކް ނުކުތްތަން ފެނުމާއެކު ވިލިނީ ހިނގައިގަތެވެ. އެއީ ދުވަހަކުވެސް ވިލިނީ ދުށުމަށް އެދޭނެ އިންސާނެއް ނޫނެވެ. ހަމަ އެހިނދުން ފެށިގެން ވިލިނީގެ ހަޔާތުން ލިޔަމުންދިޔަ ކައިވެނީގެ ވާހަކަތައް ހުއްޓާލިއެވެ. ފޮތް ލައްޕާލީ ދެން ދުވަހަކުވެސް އެފޮތް ނުހުޅުވުމަށް ނިންމައިގެންނެވެ. މާޒީ އަކީ ވިލިނީގެ ކުރިމަގަށް އެޅިގެންދާނެ ހިޔަންޏަކަށް ނުވާނެކަމަށް އަޒުމެއްގައި ހުރެ ވިލިނީ ކުރިއަށްދިޔައެވެ.
ފަހަތުން ލައިދު އަންނަކަމެއް ވިލިނީއަށް ނޭނގެެއެވެ. ކޯޓަށް ވިލިނީ ވަނީ ކޮންކަމަކު ކަމެއް ލައިދުއަކަށް ނޭނގެއެވެ. އެހެންނަމަވެސް ވިލިނީގެ ފަހަތުން ނުކުތް ނަހީކް، ރިންދާއަށް ކުރި ކޯލެއްގެ ތެރެއިން މިހާރު އޭނާއަކީ އެއްވެސް މީހެއްގެ ފިރިއެއް ނޫނޭ ބުނި ހިސާބުން ލައިދުއަށް ޔަގީންވެއްޖެއެވެ. ވިލިނީ މިނިވަންވެއްޖެކަން އެނގުމުން ލައިދުއަށް ލިބުނު ހިތްހަމަޖެހުމާއި އުފާވެރިކަން ދުލުން ބަޔާންކުރަންވެސް ދައްޗެވެ. ހެއްދެވިފަރާތަށް ޝުކުރުކޮށްފައި ވިލިނީގެ ފިޔަވަޅު މަތިން ފިޔަވަޅު އަޅަމުން ލައިދު ކުރިއަށް ދިޔައެވެ.
**********
ދުވަހުގެ އިރުއޮއްސެންވާއިރަށް ރާޝިދާއެކު އަޔާލާއި ބަރަކްގެ ދެމަފިރިން އެގެއަށް ބަދަލުވެއްޖެއެވެ. އެއީ ރާޝިދުގެ ދިރިއުޅުން ހަމަޖެހިފައިވާ ގެއެވެ. އެންމެ ކޮޓަރިއެއް ހުރިއިރު ރާޝިދު އެކޮޓަރި ދިނީ ބަރަކްގެ ދެމަފިރިންނަށެވެ. ފެންޑާ ތެރޭގައި ދެ ފަތްޖެހި އެނދެއް ބަހައްޓާފައި ހުރިއިރު އެއީ އަޔާލްއާއި ރާޝިދުގެ ތަންމަތިކަން އެނގެއެވެ. ހަފުތާއަކަށް ބޭނުންވާވަރަށް ގެއަށް ކާއެއްޗެހި ރާޝިދުގެ ހަރަދުގައި ހޯދިއެވެ. ދެކުދިން އަތުން އެންމެ ލާރިއެއްގައިވެސް ރާޝިދު ނުހިފިއެވެ.
ރާޝިދަށް ނިދުނުކަން ޔަގީންވުމާއެކު ތިންކުދިން ގޯތިތެރެއަށް ނުކުތެވެ. ފެންޑާއަށް ވަންނަ ދޮރުގެ މަތީގައި ފަސްވޯޓުގެ ބޮތްކަކުން އޮރެންޖް ކުލައިގެ އަލިކަމެއް ޖޯލިފަތި ހުރި ހިސާބަށް ފޯރާފައި ހުއްޓެވެ. ގޯތީގެ ބިއްދޮށުން ފެންނަން އޮތް ބޯގަސްތައް އަނދިރިވެފައި އޮތަސް އެއިން އެއްވެސް ކުއްޖެއްގެ ހިތުގައި ބިރުވެރިކަމެއް ނެތެވެ. ތިންކުދިން އެއްކުއްޖަކު އަނެއް ކުއްޖަކާ ބަހެއްނުކިޔާ ހިމޭންކަމާއެކު އިރުކޮޅަކު ތިއްބެވެ. އެންމެބޮޑު ފިކުރެއްގައި އިނީ އަޔާލްއެވެ. ހީވެސްނުކުރާ ފަދަ ގޮތަކަށް ކަންތައްތައް ބަދަލުވުމުން އަޔާލް އިނީ ބަސްމަދުވެފައެވެ.
"ދޮންބެ އެންމެފަހަރަކުވެސް ބައްޕައަށް ގޮވާވެސްނުލާ. ބައްޕަ ހާދަ ދެރަވާނޭ" ބަރަކް ބުންޏެވެ. އަޔާލް ފުންނޭވައެއް ދޫކޮށްލިއެވެ. ދެއަތްތިލައިގެ ތެރޭގައި މޫނު ފޮރުވާލިއެވެ.
"ކިހިނެއް މިވަނީ؟ ބައްޕަ މިހުރިހާ އަހަރު ދުނިޔޭގަ. އަހަރެން ހިތަށް އަރަނީ މިއީ ހުވަފެނެއް ނޫންބާއޭ" އަޔާލް ބުންޏެވެ.
އަޔާލްގެ އިހުސާސްތައް ބަރަކްއަށް ފަހުމްވިއެވެ. އެއީ ފުރަތަމަ ބަރަކްއަށްވެސް ވީވަރެވެ. ގަބޫލުކުރަން ދަތިވެގެން ދިޔައެވެ. ބޮލަށް އެނބުރުން އަރައި އެ ހަގީގަތާ ދުރަށްދާން ބޭނުންވިއެވެ. އެހެންނަމަވެސް ބަރަކްއަށް މަޖުބޫރުވީ ހަގީގަތާ ކުރިމަތިލާށެވެ. ގަބޫލުކުރަން ބޭނުންވިޔަސް، ނުވިޔަސް ހަގީގަތް ބަދަލުނުވާނެކަން ބަރަކްގެ ސިކުނޑި ވިސްނައިދިނެވެ. މިއަދު އަޔާލް އިނީވެސް ދިރިއުޅުމުގައި ބަރަކް އެދުވަހު އިން ހާލަތުގައެވެ. އަޔާލްގެ އަތުގައި ބަރަކް ހިފަހައްޓާލިއެވެ.
"އަސްލު ކުށްވެރިޔަކީ މަންމަ. ތި ދެމީހުންގެ ސުވާލުކުރަންވީ މަންމަ އާ. މިއީ ވަރަށް ބޮޑުކަމެއް. މައްސަލައެއް ޖައްސައިފިއްޔާ މަންމަ ބޮޑު ކުށެއްގައި ބެދޭނެ" ޖިލްވާ ވާހަކަދެއްކިއެވެ.
ޖިލްވާ އެހެން ނުބުނިކަމުގައި ވިޔަސް އެކަން ބަރަކްއަށް އެނގެއެވެ. ރޫބިޔާ ކުށްވެރިނުވާނޭ ހަމަ އެއްގޮތެއްވެސް ނެތެވެ. ހަގީގަތް އެނގޭ ހާލު ސުވާލުކުރުމުންވެސް ރޫބިޔާ ހެދީ ދޮގެވެ.
"ހުރިހާ ކަމެއް ﷲ ސުބްހާނަހޫ ވަތައާލާ ދެނެވޮޑިގެންވޭ. އެކަލާނގެ އާ ވަކީލު. އަހަރެމެންނަށް މި ލިބުނީ އާ ދިރިއުޅުމެއް. ނިއުމަތެއް. އިންޝާﷲ. މާދަމާ ބައްޕަގެ ފަރާތުން ހުރިހާ ސުވާލެއްގެ ޖަވާބު އަހަރެން ހޯދާނަން" އަޔާލް ބުންޏެވެ.
************
ރިންދާއަށް އަޔާލްގެ ކޯލެއް ލިބުނީ ނިދަން އުޅުނު ވަގުތުގައެވެ. އެނދުގެ އެއްފަރާތުގައި ދެ ފޯނު ބާއްވާފައި އޮތްއިރު ދެ ފޯނުވެސް ދިޔައީ ފޯރީގައި ރިންގުވަމުންނެވެ. ރިންދާ އިސްކަމެއްދިނީ އަޔާލަށެވެ. ނަހީކަކީ އެއްވެސް މީހެއް ނޫނެވެ.
"ހާދަ އިންތިޒާރެއް ކުރެވިއްޖެއޭ" ފޯނު ނެގިގޮތަށް ރިންދާ ބުންޏެވެ. އަޔާލް ފުންނޭވައެއް ދޫކޮށްލިއެވެ. މުޅި ދުވަހު އެއްކޮށް ރިންދާއަށް ހަބަރެއް ނުވެ ހުރެވުނީތީ މައާފަށް އެދުނެވެ. އެހާ ވަރަށް ރިންދާ އިންތިޒާރުކުރުވަން ޖެހުނީތީ ދެރަވާކަމަށް ބުންޏެވެ.
"ބަރަކް ރަނގަޅުތަ؟ އަދިވެސް ހޮސްޕިޓަލުގަތަ؟" ރިންދާ އެހިއެވެ.
އަޔާލް ހިމޭންކަމުގައި ހުއްޓެވެ. ރިންދާއަކީ އަޔާލްގެ ހަށިގަނޑުގެ އެއްބައެވެ. އަޔާލްގެ ކޮންމެ ހިތާމައެއްގައި އަދި ކޮންމެ އުފަލެއްގައި ރިންދާ ބައިވެރިކުރަން ބޭނުންވެއެވެ. ވީއީރު އަޔާލްގެ ދިރިއުޅުމަށް އެހާ ބޮޑު ބަދަލެއް އައި ވާހަކަ ރިންދާ އާ ހިއްސާނުކުރަންވީ ސަބަބެއް ނެތެވެ.
"ބަރަކްއަށް ކަމެއްނުވޭ. ހަމަ ބަރާބަރު" އަޔާލް ބުންޏެވެ. ރިންދާ ތެދުވެ އެނދުގެ ހެޑްބޯޑުގައި ލެނގިލިއެވެ. އަޔާލްއަށް ބަދަލެއް އައިސްފައި ހުރިކަން ރިންދާ ދެނެގަތެވެ. އަޔާލްގެ އަޑަށް ވެރިވެފައިވާ މަޑުމައިތިރިކަމެވެ. ސުވާލެއް ކުރުމުން ޖަވާބު ދޭން އަޔާލް ނަގާ ވަގުތެވެ. ރިންދާ ހިތް ބިރުގަތެވެ. އަނެއްކާ ބޮޑުކަމެއްވީ ހެއްޔެވެ؟
"އާނ. ބޮޑުކަމެއްވެއްޖެ" އަޔާލް ބުންޏެވެ. "ވީގޮތަކީ"..................
އަޔާލް ހުރިހާ ވާހަކައެއް ކިޔައި ނިމުނުއިރު ރިންދާ އެންމެ ސުވާލެއްވެސް ނުކޮށް އަޑުއެހިއެވެ. ބުނާނެ އެއްޗެއް، ކިޔާނެ ބަހެއް ނޭނގިފައި ރިންދާ އިނެވެ. އެއީ ހަމަ އަސްލު ހެއްޔެވެ؟ އާންމުކޮށް ރިންދާއަށް އެކަހަލަ ކަންކަން ފެނިފައިވަނީ ފިލްމުތަކުންނެވެ.
"ބުނާނެ އެއްޗެއް ނޭނގިފަ މި އިންނަނީ" ހިމޭންކަމުގައި ވަގުތުކޮޅެއް ދިއުމުން އަޔާލް ކުރި ސުވާލަކަށް ރިންދާ ޖަވާބުދިނެވެ.
************
ހުޅުމާލެއަށް ވިލިނީ އައީ ރޫބިޔާ އާ ބައްދަލުކުރާށެވެ. އޯގާތެރިކަމެއް ނެތް، ހީލަތްތެރި ހިނިތުންވުމެއްގެ ތެރެއިން ނަހީކްގެ އަތްދަށުގައި ވިލިނީ ކުރި ހައްޔަރުން ވީއްލުނުކަމުގެ އުފާވެރި ހަބަރު ދިނުމަށެވެ. ލިފްޓުން ފޭބިއިރު ވިލިނީ ހުރީ ފޯނުން ރަށުގައި ހުރި އާތިފާއަށް ގުޅައިގެންނެވެ. ވަރީގެ ހަބަރު ވިލިނީ އާތިފާއަށް ނުދެއެވެ. އެންމެ ފުރަތަމަ ވިލިނީ ބޭނުންވީ ރޫބިޔާއަށް އެ ހަބަރުދީފައި ސުވާލުކުރާށެވެ. ވަގުތު ޖެހުމާއެކު އެ ހުރިހާ ވާހަކައެއް އާތިފާއަށް ވިލިނީ ކިޔައިދޭނެއެވެ. ބޮޑުދައިތައެއްގެ ޒިންމާ ބޮލުގައި އަޅައިގެން ހުރެ ވިލިނީއާ މެދު އިހުމާލުވި އިހުމާލުވުން އާތިފާއަށް އަންގައިދޭނެއެވެ.
އެތެރެއަށް ހުޅުވިގެންދިޔަ ދޮރާއެކު ވިލިނީއަށް ފަހަތަށް ޖެހިލެވުނީ ފެނުނު މަންޒަރަކުންނެވެ. ސޯފާގައި އެކަކު އަނެކަކުގެ ގައިގައި އޮޅުލައިގަނެގެން ތިބި ރޫބިޔާއާއި ފަރީދު ހީވީ ކޮޅަށް ޖެހުނުގޮތުން ކަރަންޓު ޝޮކެއް ޖެހުނުހެންނެވެ. ލައިގެން ހުރި ގަމީހުގެ މަތިން ނައްޓާފައި ހުރި ގޮށްތައް ރޫބިޔާ އަޅުވަމުން ދިޔައެވެ. ސޯފާމަތީގައި އޮތް ޓީޝާޓުލަމުން ފަރީދު ނުކުމެގެން ދިޔުމުންވެސް ވިލިނީ އެތެރެއަށް ނުވަދެ ބޭރުގައި ހުއްޓެވެ.
"އާދޭ އެތެރެއަށް" ހަމަޖެހިލަމުން ރޫބިޔާ ބުންޏެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ