މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ އުފެއްދުންތައް ލުއިފަސޭހަކަމާއެކު ހިޔާ ފުލެޓު ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެ ސަރަހައްދުގައި އެ ކުންފުނީގެ އާ ފިހާރައެއް ހުޅުވައިފިއެވެ.
މިފްކޯގެ އާ ފިހާރަ ހުޅުވާފައިވަނީ މިރޭ ހިޔާ ފުލެޓު ދެވަނަ ޓަވަރު ކައިރީގައެވެ. މިފްކޯގެ އާ ފިހާރަ ފޭސް ދޭއްގައި މިރޭ ހުޅުއްވައިދެއްވީ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒާއި މިފްކޯގެ ޗެއާމަން ހުސެން އަމްރެވެ.
ހުޅުމާލޭ ފޭސް ދޭއްގެ މިފްކޯ ފިހާރަވެސް ހުޅުވާފައި ހުންނާނީ އެކުންފުނީގެ އެހެން ފިހާރަތަކެކޭ އެއްފަދައިން ހެނދުނު 8:30 އިން ރޭގަނޑު 10:00 އަށެވެ. ފިހާރަ ހުންނާނީ ހިޔާ ފުލެޓް ދެވަނަ ޓަވަރުގެ ގްރައުންޑް ފްލޯގައެވެ.
މިފްކޯއިން މައުލޫމާތުދޭ ގޮތުގައި ހުޅުމާލޭގެ ފިހާރައިންވެސް ފަސްމީރު ބްރޭންޑުގެ ދަޅުމަސް، ގަނޑުކުރި އަދި ހިކިމަހުގެ ބާވަތްތަކާއި ވަގުތުން ތައްޔާރުކޮށްލެވޭ މަހުގެ އުފެއްދުންތައް ލިބޭނެއެވެ. މިރޭ ބޭއްވި ހަފުލާގައި މިފްކޯއިން ވަނީ އެ ކުންފުނީގެ އުފެއްދުންތައް ރަހަ ބަލައިލުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފައެވެ. އެގޮތުން ޝެފް ނަހީޒް (ނާބެ) ވަނީ މިފްކޯގެ ކަސްޓަމަރުންގެ އެންމެ ބޮޑު ތަރުހީބު ލިބިފައިވާ އުފެއްދުންތަކާއި އަލަށް ތައާރަފުކޮށްފައިވާ ތެޔޮ އުކާލަން ނުޖެހޭ "ޑްރެއިންޑް ކަނޑުމަސް ޗަންކްސް" މަސްދަޅު ބޭނުންކޮށްގެން ރަހަމީރު ޑިޝްތަކެއް ވަގުތުން ތައްޔާރުކޮށްފައެވެ.
ފޭސް ދޭއްގައި މިފްކޯ މަސްފިހާރަ ހުޅުވަން ނިންމާފައިވަނީ އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ހެޔޮއަގުގައި، ލުއިފަސޭހަކަމާއެކު މިފްކޯގެ އުފެއްދުންތައް ފޯރުކޮށްދިނުމަށް ކަމަށް އެކުންފުނިން ބުނެއެވެ.
"އަޅުގަނޑުމެން މިފްކޯއިން ހުޅުމާލެ ފޭސް ދޭއްގައި މަސްފިހާރައެއް ހުޅުވީ ހުޅުމާލެ ފޭސް ދޭއްގައި އުޅޭ ރައްޔިތުންނަށް މިފްކޯގެ ޕްރޮޑަކްޓްސް ލިބޭނެ ގޮތް ހަމަޖެއްސުމަށްޓަކައި. މިފްކޯއަކީ ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތްކުރަމުންދާ ކުންފުންޏަކަށްވެފައި މި ފިހާރަ ވެގެންދާނީ މިފްކޯގެ ހިދުމަތްތަކަށް ލިބުނު އިތުރު ކުރިއެރުމަކަށް،" ހަފުލާގައި ވާހަކަދައްކަވަމުން މިފްކޯގެ ޗެއާމަން ހުސެން އަމްރު ވިދާޅުވިއެވެ.
އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ މިފްކޯގެ އާ އުފެއްދުންތައް މާކެޓަށް ނެރުމަށް މިހާރުވެސް ތައްޔާރުވަމުން އަންނަ ކަމަށާއި، އެ އުފެއްދުންތައް އާންމުންނާ ހަމައަށް ވަރަށް އަވަހަށް އަންނާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު