ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ޓެނިސް ކުޅުންތެރިޔާ، ސްވިޒަލޭންޑްގެ ރޯޖާ ފެޑެރާގެ ރިޓަޔާމަންޓް އިއުލާންކޮށްފިއެވެ.
ފެޑެރާ ރިޓަޔާވާނީ މިމަހުގެ ފަހުކޮޅު ލަންޑަންގައި އޮންނަ ލެވާ ކަޕަށްފަހުއެވެ. އުމުރުން 41 އަހަރުގެ ފެޑެރާ، މަތީ ފަންތީގެ ޓެނިހުން ދުރަށް ދާން ނިންމާފައިވަނީ ކެރިއަރުގައި 20 ގްރޭންޑް ސްލޭމް ކާމިޔާބުކޮށްފައެވެ. ފެޑެރާ ރިޓަޔާމަންޓް އިއުލާން ކޮށްފައިވަނީ 2021 ވަނަ އަހަރު ވިމްބަލްޑަން މުބާރާތަށްފަހު ނުކުޅެ ހުރެފައެވެ.
މިދިޔަ އަހަރު ތެރެއިން ދިމާވި އަނިޔާއެއްގެ ސަބަބުން ފެޑެރާއަށް ކުޅުމަށް އަންނަން ދުވަސް ނެގީ ކަކުލުގެ އޮޕަރޭޝަނެއް ކުރަން ޖެހުމުންނެވެ. އެއީ އޭނާގެ ކެރިއަރުގައި ކުރަން ޖެހުނު ތިންވަނަ ކަކުލުގެ އޮޕަރޭޝަނެވެ.
ރިޓަޔާމަންޓާއެކު ނެރުނު ހާއްސަ ބަޔާނެއްގައި ފެޑެރާ ބުނެފައިވަނީ ހަށިގަނޑުން އޭނާއަށް ދޭ މެސެޖު ސާފު ކަމަށާއި، މިއީ ހުއްޓާލަން ޖެހޭ ވަގުތު ކަމަށް ގަބޫލުކުރާ ކަމަށެވެ.
"އަހަރެންގެ ހަށިގަނޑުން ދޭ މެސެޖު ސާފު. އަހަރެން ކެރިއަރުގައި 1500 އަށްވުރެ ގިނަ މެޗު ކުޅެފިން. ކެރިއަރު ގާތްގަނޑަކަށް 24 އަހަރު ވަންދެން ދެމިގެން ގޮސްފި. މިހާ ހިސާބުން އަހަންނަށް ބެލެވެނީ މިއީ ހުއްޓާލަން ޖެހޭނެ ވަގުތު ކަމަށް. އެކަމަކު އެއީ ވާދަވެރި މުބާރާތްތަކުން. ޓެނިހަށް ބުނެލަން އޮތީ، ޓެނިސް ދެކެ އިންތިހާއަށް ލޯބިވާ ކަމަށް. އެ ކުޅިވަރުން ދުރަކަށް ނުދާނަން،" ފެޑެރާގެ ބަޔާނުގައިވެއެވެ.
ފެޑެރާއަށްވުރެ ގިނައިން ގްރޭންޑް ސްލޭމް ހޯދާފައިވާ ހަމައެކަނި ދެ ކުޅުންތެރިންނަކީ 22 ގްރޭންޑް ސްލޭމް ކާމިޔާބުކޮށްފައިވާ ރަފޭލް ނަޑާލާއި 21 ގްރޭންޑް ސްލޭމް ތަށި ހޯދާފައިވާ ސާބިއާގެ ނޯވަކް ޖޮކޮވިޗެވެ.
އުމުރުން އެންމެ 16 އަހަރުގައި ފެޑެރާ ޕްރޮފެޝަނަލް ޓެނިހަށް ނުކުތީ 1998 ވަނަ އަހަރުއެވެ. އޭނާ ވަނީ 2003 ވަނަ އަހަރު ވިންބަލްޑަން ކާމިޔާބުކޮށް، ފުރަތަމަ ގްރޭންޑް ސްލޭމް ތަށި ކާމިޔާބުކޮށްފައެވެ. އޭޓީޕީ ރޭންކިންގެ އެއްވަނައަށް ފުރަތަމަ ފަހަރަށް ފެޑެރާ ޖެހިލީ 2004 ވަނަ އަހަރުއެވެ. އޭގެ ފަހުން 310 ހަފުތާ ވަންދެން އޭނާ އެ މަގާމު ދެމެހެއްޓި އިރު، އެއީ އޭރުގެ ރެކޯޑެކެވެ. ފެޑެރާގެ އެ ރެކޯޑު ޖޮކޮވިޗް މުގުރާލީ 2021 ވަނަ އަހަރުއެވެ.
ފެޑެރާ އެންމެފަހުން ގްރޭންޑް ސްލޭމް މުބާރާތެއްގެ ތަށި ނެގީ 2018 ވަނަ އަހަރު އޮސްޓްރޭލިއަން އޯޕަން މުބާރާތުންނެވެ. އޭރު އޭނާގެ އުމުރުން 36 އަހަރެވެ.
ޓެނިސް
ޓެނިސް
ޓެނިސް
ޓެނިސް