ދިރާގާއި ބައިކް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދިޔުމަށް ރާވާފައިވާ މަމެން އިންޓަ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕް މާދަމާ ހުޅުމާލޭގައި ފަށަން ތައްޔާރުވެއްޖެއެވެ.
މަމެން އިންޓަ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕަށް ވަނީ އާދަޔަ ހިލާފު ބޮޑު ތަރުހީބެއް ލިބިފައެވެ. 32 ސްކޫލަކުން 1000 އަށްވުރެ ގިނަ ކުދިން މުބާރާތުގައި ވާދަކުރަން ތައްޔާރުވެފައިވާ އިރު، މުބާރާތް ދެ ދުވަހަށް ދެމިގެންދާނެއެވެ. މުބާރާތް ބާއްވަން ފުރަތަމަ ތާވަލުކުރީ އެއް ދުވަހުގެ މުއްދަތެއްގައި ނަމަވެސް ކެޓަގަރީތަކުގައި ވާދަކުރާ ކުދިންގެ އަދަދު އިތުރުވުމުން ދެ ދުވަހަށް ބަހާލައިފައިވާ ކަމަށް އިންތިޒާމު ކުރާ ފަރާތުން ބުނެފައިވެއެވެ.
ހުޅުމާލެ ރޭސިން ޓްރެކުގައި މާދަމާ ފަށަން ތައްޔާރުވެފައިވާ އިންޓަ ސްކޫލު ސައިކްލިން ޗެމްޕިއަންޝިޕްގައި 11 އަހަރުން ދަށުގެ 1000 މީޓަރު ފަން ރަންއިން ފެށިގެން، 13 އަހަރުން ދަށުގެ ކެޓަގަރީގެ 200 މީޓަރު އަދި 1000 މީޓަރު ރައިޑް، 15 އަހަރުން ދަށުގެ 200 މީޓަރު ސްޕްރިންޓް، 1000 މީޓަރު ރައިޑް، 17 އަހަރުން ދަށުގެ 200 މީޓަރު ސްޕްރިންޓާއި 1000 މީޓަރު ރައިޑް، 19 އަހަރުން ދަށުގެ 200 މީޓަރު ސްޕްރިންޓާއި 1000 މީޓަރު ރައިޑްގެ ކެޓަގަރީތައް ހިމެނެއެވެ. އެއިން ކޮންމެ ކެޓަގަރީއެއްގައިވެސް އަންހެން އަދި ފިރިހެން އިވެންޓުތައް ވަކިން ކުރިއަށްގެންދާނެއެވެ.
އޭގެ އިތުރުން ކޮންމެ އުމުރުފުރާއެއްގެވެސް ޓީމު އިވެންޓުތަކުގެ ގޮތުގައި 3000 މީޓަރުގެ ޓީމް ޕާސޫޓް ކުރިއަށް ގެންދާނެއެވެ. ފަން ރަން ފިޔަވައި ދެން ހުރި ކެޓަގަރީތަކުން ވަނަތައް ހޮވައި މެޑަލްވެސް ދޭނެއެވެ. އަދި ކޮންމެ ކެޓަގަރީއެއްގެ އެއްވަނަ ސްކޫލުވެސް ހޮވާނެއެވެ.
ބައިކް މޯލްޑިވްސްއަކީ ރާއްޖޭގެ ސައިކްލިންއަށް އިންގިލާބީ ބަދަލެއް ގެންނަން ބުރަކޮށް މަސައްކަތްކޮށް، ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއާ ގުޅިގެން ދިރާގުން ގެނެސްދޭ އިންޓަ ސްކޫލުން ސައިކްލިން ޗެމްޕިއަންޝިޕްގެ މައިގަނޑު މަގުސަދަކީ ސްކޫލް ކުދިންގެ މެދުގައި ބައިކިންއަށް ސަމާލުކަން ބޮޑުކޮށް، ޒުވާން އުމުރުން ފެށިގެން ދުޅަހެޔޮ ދިރިއުޅުމަކަށް ސަމާލުކަން ބޮޑުކުރުމެވެ. އޭގެ އިތުރުން ދިރާގުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި މުޖުތަމައާ ގުޅިގެން ތިމާވެއްޓާ ރައްޓެހި އިންތިޒާމުތަކުގެ ހޭލުންތެރިކަން އިތުރުކުރުންވެސް ހިމެނެއެވެ.
ދިރާގު
ދިރާގު
ދިރާގު
ދިރާގު