އިނގިރޭސި ވިލާތުގެ ރާނީ އެލިޒެބަތު ދެވަނައިގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިނގިރޭސި ވިލާތަށް ކުރައްވާ ދަތުރުފުޅަށް ތިން މިލިއަން ރުފިޔާ ހަރަދުވާ ކަމަށް ބުނާ ވާހަކަ ސަރުކާރުން ދޮގުކޮށްފިއެވެ.
ރާނީގެ ޖަނާޒާގައި ބައިވެރިވުމަށް ރައީސް ސޯލިހު އިނގިރޭސި ވިލާތަށް ކުރައްވާ ދަތުރުފުޅަށް ތިން މިލިއަން ރުފިޔާ ހަރަދުވާ ކަމަށް ބުނެ ރިޕޯޓްކުރީ އޮންލައިން ނޫސް، "ދިޔަރެސް" ގައެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން "ވަން" އިން ސުވާލުކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، ރައީސްގެ ދަތުރުފުޅަށް ތިން މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބުނާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.
"ތިން މިލިއަނެއް ހަރަދެއްނުވާނެ. އިނގިރޭސިވިލާތައް ރައީސް މިކުރައްވާ ދަތުރުފުޅަކީ އިނގިރޭސި ރާނީ ކުއީން އެލިޒެބަތު އަވަހާރަވުމާ ގުޅިގެން އެ ގައުމުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް. ދެން ތިން މިލިއަން ރުފިޔާ ހަރަދެއް ނުވާނެ. އާއްމު ގޮތެއްގައި ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅުތަކުގެ ޑެލިގޭޝަނަށްވުރެ ކުޑަ ޑެލިގޭޝަނެއް މި ދަތުރުފުޅުގައި މި ބައިވެރިވެވަޑައިގަންނަވަނީ" މިއުވާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރާއްޖެއަކީ ކޮމަންވެލްތުގެވެސް މެންބަރު ގައުމަކަށްވާ އިރު، އެ ޖަމިއްޔާގެ މެންބަރު ގައުމުތަކުގެ އިސް ބޭފުޅުންވެސް ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވަޑައިނުގަތުމަކީ އެ ގައުމުތަކަށް ފާހަގަކުރެވޭނެ ކަމެއް ކަމަށް ވިދާޅުވިއެވެ.
"މިލިއަނެއް ވެސް ނާރާނެ. [ތިން މިލިއަން ހަރަދުވާނެ ކަމަށް ދައްކާ ވާހަކައަކީ] ހަމަ ކަނޑައެޅިގެން ދޮގެއް،" މިއުވާން ވިދާޅުވިއެވެ.
ރާނީގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ސޯލިހު އިނގިރޭސި ވިލާތަށް ފުރާވަޑައިގަންނަވާނީ މާދަމާގެ ވަގުތެއްގައެވެ. ނަމަވެސް ފަސްދާނުލުމުގެ ކަންކަން ކުރިއަށްދާނީ އަންނަ ހޯމަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު