މޯލްޑިވްސް ބްރޯޑްކާސްޓް ކޮމިޝަންދޭ ލައިފްޓައިމް އެޗީވްމެންޓް އެވޯޑު ދިވެހިރާއްޖޭގެ އަޑުގެ ކުރީގެ މަޝްހޫރު ޕްރެޒެންޓަރު އަލްމަރުހޫމާ ޒާހިދާ އިބްރާހީމް އާއި ކުރީގެ އިންފޮމޭޝަން މިނިސްޓަރު އިބްރާހީމް މަނިކު (ސަމަރޭ) އަށް ދީފިއެވެ.
ހުޅުމާލޭގައި މިރޭ ބޭއްވި މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް ޖަލްސާގައި އެ އެވޯޑު އެ ދެ ބޭފުޅުންނަށް ހަވާލުކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. ޒާހިދާގެ ފަރާތުން އެވޯޑާ ހަވާލުވީ ދަރިކަނބަލެއް ކަމަށްވާ އާއިޝަތު ޝިއާރާއެވެ.
ޒާހިދާ އާއި ސަމަރޭއަކީ ބްރޯޑްކާސްޓިން ދާއިރާއަށް ވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ދެ ބޭފުޅުންނެވެ.
ލައިފްޓައިމް އެޗީވްމެންޓް އެވޯޑު ލިބިވަޑައިގަތް ސަމަރޭ، ދިވެހިރާއްޖޭގެ އަޑާ ގުޅިވަޑައިގަތީ ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި 1974 ވަނަ އަހަރުއެވެ. ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ލަވަ ރިކުއެސްޓް ޕްރޮގްރާމާއި ޑްރާމާތަކުން ސަމަރޭ ވަނީ އާންމުންގެ މެދުގައި މަގުބޫލުކަން ހޯއްދަވައިފައެވެ.
ސަމަރޭ އާންމުގެ މެދުގައި އެންމެ ބޮޑަށް މަޝްހޫރުވެގެން ދިޔައީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން "ގިތެޔޮ ގުޅިން ނެގި ލޯބި" ޕްރޮގްރާމުންނެވެ. އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ "ބާއްޖަވެރި ހެނދުނެއް" އަދި ކޮންމެ ރޯދަ މަހަކު ގެނެސްދޭ "ރޯދަ ކުރުކުރުން" ޕްރޮގްރާމަކީ ސަމެރޭގެ އުފެއްދުންތަކެވެ. މީގެ އިތުރުން ޓީވީއެމްގެ ބައެއް ޕްރޮގްރާމްތައް އުފެއްދެވުމުގައި ވެސް ސަމަރޭ ވަނީ ވަރަށް ބޮޑު ދައުރެއް އަދާކުރައްވައިފައެވެ.
ޓީވީއެމްއިން ގެނެސްދިން "ތިޔަ ބޭފުޅުންގެ ފުރުސަތު"ގެ މޭސްތިރިއަކީވެސް ސަމަރޭއެވެ. އަދި ޓީވީއެމް ސުކޫލް ކުދީންގެ ލަވަ މުބާރާތާއި ދިވެހި ފަންނާނުންގެ މިއުޒިކީގެ އިތުރުން ބައިބަލާ މުބާރާތް ފެށުނީވެސް ސަމަރޭގެ ވަރަށް ބޮޑު ދައުރެއް އޮވެގެންނެވެ.
އިނގިރޭސިވިލާތާއި އެމެރިކާއިން ބްރޯޑްކާސްޓިން ދާއިރާއިން ތަޖުރިބާ ހާސިލުކުރެއްވި ސަމަރޭ ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުވެސް އަދާކުރައްވައިފައެވެ. ބްރޯޑްކާސްޓިން ދާއިރާއިން ސަމަރޭ ވަކިވެވަޑައިގަތީ 2006 ވަނަ އަހަރުއެވެ.
ލައިފްޓައިމް އެޗީވްމެންޓް ލިބިވަޑައިގަތް ޒާހިދާ ބްރޯޑްކާސްޓިންގެ ހިދުމަތާ ގުޅިވަޑައިގަތީ 1968 ވަނަ އަހަރުއެވެ. ކުޑަކުދިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި "އެބައުޅޭ އެބައުޅޭ" ޕްރޮގްރާމަކީ ޒާހިދާގެ އެންމެ ފާހަގަކޮށްލެވޭ ޕްރޮގްރާމެވެ. މީގެ އިތުރުން "އަންހެނުން" ނަމުގައި ގެނެސްދިން ޕްރަގްރާމާއި "ހޮޅުއަށި" ޕްރޮގްރާމަކީ ވެސް ޒާހިދާގެ މޮޅެތި އުފެއްދުންތަކެވެ.
ދިވެހިރާއްޖޭގެ އަޑުގައި ޒާހިދާ ވަނީ 41 އަހަރު މަސައްކަތް ކުރައްވައިފައެވެ. ޒާހިދާ 2008 ވަނަ އަހަރު ދިވެހިރާއްޖޭގެ އަޑުން ވަކިވެވަޑައިގެންނެވި އިރު، އޭނާ ހުންނެވީ ޑިރެކްޓަރުގެ މަގާމުގައެވެ. އެއަށްފަހު ޒާހިދާ މަސައްކަތް ކުރެއްވީ ސަން އެފްއެމްގައެވެ. އުމުރުން 58 އަހަރުގައި ޒާހިދާ އަވަހާރަވީ 2010 ވަނަ އަހަރުއެވެ.