ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ހުސްވި ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ރަސްމީ ދަނޑުގައި ކުރިއަށްގެންދިޔަ ހަރަކާތް ހުއްޓުވައި ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ޝައިހް ފަޒްލޫން މުހައްމަދު ދޫކޮށްލި އަމުރުގެ އިސްތިއުނާފުގެ ޝަރީއަތް މާދަމާ ފަށަން ތާވަލުކޮށްފިއެވެ.
ޝައިހް ފަޒްލޫން ދޫކޮށްލި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އެއިރު އެ ކޯޓުގެ ރަޖިސްޓްރާ ވަނީ އެ މައްސަލަ ބަލައިނުގަންނަން ނިންމަވައިފައެވެ. އެހެންވެ، ދައުލަތުން ރަޖިސްޓްރާގެ ނިންމެވުން މުރާޖާ ކުރަން ހުށަހެޅުމުން ފަނޑިޔާރުންގެ ބެންޗުން ވަނީ އެ މައްސަލަ ބަލައިގަތުމަށް ނިންމަވައިފައެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް ޕަބްލިކް ޕްރޮސެކިއުޓާ، އަހުމަދު ޝަފީއު "ވަން" އަށް މިއަދު ވިދާޅުވީ އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާ މެންދުރުފަހު 1:00 އަށް ތާވަލުކޮށްފައިވާ ކަމަށެވެ.
ޝައިހް ފަޒްލޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އޭނާ ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރު ބާތިލު ކުރުމަށް ޕީޖީން ހައިކޯޓުގައި އެދުނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އަމުރުފުޅަށް ފުލުހުންގެ އެދުމުގެ މަތީން ކަމަށެވެ.
ޝައިހް ފަޒްލޫން ދޫކޮށްލީ، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ.
ޝައިހް ފަޒްލޫން ހައްޔަރުކޮށް މުއްދަތު އިތުރުކުރި ތިން ފަހަރުވެސް އެ މައްސަލަ އޭނާގެ ފަރާތުން ހައިކޯޓަށް ހުށަހެޅިއެވެ. ނަމަވެސް އެހުރިހާ ފަހަރެއްގައިވެސް ހައިކޯޓުން ނިންމީ ޝައިހް ފަޒްލޫން ބަންދުކުރީ ރަނގަޅަށް ކަމަށެވެ.
ޔޯގާ ހަމަނުޖެހުމާ ގުޅިގެން އެކި ދުވަސްމަތިން ފުލުހުން 25 މީހުން ހައްޔަރުކުރިއެވެ. އޭގެ ތެރޭގައި ޝައިހް ފަޒްލޫންއާ އެކު ހަރަކާތުގައި އިސްކޮށް ހުންނެވި ޝައިހް އާދަމް ނިޝާންވެސް ހިމެނެއެވެ. ޔޯގާ މައްސަލައިގައި މިހާރު ބަންދުގައި ހުރީ އެންމެ މީހެކެވެ. އެއީ މ. ކުދެހިގެ، މުހައްމަދު ޝިފާޒް 29އ، އެވެ. އޭނާއަށް ކޯޓުން އެންމެ ފަހުން ދީފައިވަނީ 15 ދުވަހެވެ. އެ މުއްދަތު މިމަހުގެ 20 ވަނަ ދުވަހު ހަމަވާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު