އިންކަމް ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަންތައް ހާމަކުރަން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނިންމައިފިއެވެ.

މީރާއިން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ ޓެކްސް ފައިސާ އަދި ބަޔާން ހުށަނާޅާ މީހުންގެ ނަންހާމަކުރާ އުސޫލުގެ ދަށުން، މިދިޔަ އަހަރުގެ ނިޔަލަށް ހިނގާފައިވާ ޓެކްސް ނެގޭ މުއްދަތުތަކަށް ނިސްބަތްވާ ޖީއެސްޓީ، ގްރީން ޓެކްސް އަދި ވިތްހޯލްޑިން ޓެކްސް ބަޔާން ހުށަނާޅާ މީހުންނާއި ފައިސާ ނުދައްކާ މީހުންގެ ނަން އަހަރުގެ އެކި މަސްތަކަށް ބަހާލައިގެން ހާމަކުރާނެ ކަމަށެވެ.

އޭގެ އިތުރުން ޓެކުހަށް ނުވާ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައްވެސް ހާމަކުރާނެ ކަމަށާއި އެގޮތުން މިދިޔަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަނާޅާ އަދި އިންކަމް ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަން އަންނަ އޮކްޓޯބަރު މަހު އާންމުކުރާނެ ކަމަށް ބުންޏެވެ.

"ވީމާ، މިހާތަނަށް ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން އެ ބަޔާންތައް ހުށަހެޅުމަށާއި ޓެކްސް ނުދައްކާ ފަރާތްތަކުން ލަސްނުކުރައްވައި ޓެކްސް ދެއްކެވުމަށް ނުވަތަ މި އޮތޯރިޓީއާއެކު ޓެކްސް ދެއްކުމުގެ އެއްބަސްވުމަކަށް އައުމަށް އިލްތިމާސްކުރަމެވެ" މީރާއިން ބުންޏެވެ.

ޓެކްސް ދެއްކުމާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް ރަސްމީ ގަޑީގައި އެ އޮތޯރިޓީގެ ހޮޓްލައިން 1415 އަށް ގުޅުމަށް ނުވަތަ ވައިބާ ނަންބަރު 9821415 އަށް މެސެޖްކުރުމަށް މީރާއިން އެދެއެެވެ.