ފުލުހުންގެ މުސާރަ 30 ޕަސެންޓަށް ބޮޑުކުރުމާބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ކަނޑައަޅައިދިނުމަށް އެދި، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ހުށަހެޅުއްވި ގަރާރު މަޖިލީހުން ބޭރުކޮށްލައިފިއެވެ.
މި ގަރާރު ބަލައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި، ގަރާރު ބަލައި ގަތުމަށް ވޯޓު ދެއްވީ، ޖަލްސާގައި ތިއްބެވި 41 މެމްބަރުންގެ ތެރެއިން އެންމެ ފަސް މެންބަރުންނެވެ. ބިލު ބަލައި ނުގަތުމަށް 31 މެމްބަރުން ވޯޓު ދެއްވިއެވެ. ބިލު ބަލައި ގަތުމަށް ބޭނުންވަނީ 19 ވޯޓެވެ.
ގަރާރުގައި ބުނެފައިވަނީ، 2005 ވަނަ އަހަރު މަލްޓި ޕާޓީ ނިޒާމު ގައުމުގެ ސިޔާސީ ހިންގުމަށް ބަދަލުކުރަން ނިންމި ހިސާބުން ފެށިގެން، އެންމެ ބޮޑު ތަކްލީފުތައް ތަހަންމަލުކުރަން ޖެހުނު ބަޔަކީ ދިވެހި ފުލުހުންގެ އިދާރާ ކަމަށެވެ. އެ އިދާރާގައި އެންމެ އިސްކޮށް ތިއްބެވި ބޭފުޅުންނާއި އެކިއެކި ޑިއުޓީތަކުގައި ތިއްބަވާ ބޭފުޅުންނާ މެދު އެކިއެކި ސިޔާސީ ޕާޓީތަކާއި ވެރިންގެ ފަރާތުން އަދި އެފަދަ ބައެއް ސިޔާސީ ޕާޓީތަކާއި އެޕާޓީތަކުގެ އެކްޓިވިސްޓުންގެ ފަރާތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކަކީ ދިވެހިންގެ ގިނަ ބަޔަކު ދަންނާނެ ކަމެއް ކަމަށެވެ.
ގަރާރުގައި އިތުރަށް ބުނެފައިވަނީ، މިފަދަ ބުރަ މަސައްކަތްތަކެއް ކުރަމުންދާ ބަޔަކަށް އެކަށޭނަ މުސާރަ އާއި އިނާޔަތްތަކާއި މަސައްކަތާ ގުޅުން ހުރި ޔުނީފޯމާއި އުޅަނދުފަހަރާއި އެނޫންވެސް ޒަމާނީ ވަސީލަތްތައް ދޭންވާނެ ކަމަށެވެ. އިންފްލޭޝަނާއި މުދަލާއި ހިދުމަތުގެ އަގު އަދި އިގުތިސޯދަށް އަންނަމުންދާ އެކިއެކި ބަދަލުތަކާއެކު ފުލުހުންގެ މުސާރަ ބޮޑުވާން ޖެހޭކަން ގަބޫލުކުރައްވަނީ، ގައުމުގެ ހައްގުގައި ކަމަށް ގަރާރު ހުށަހަޅުއްވަމުން މެމްބަރު ޖާބިރު ވިދާޅުވިއެވެ.
ފުލުހުންނަށް އެކަށޭނަ މުސާރާއި މަސައްކަތާ ގުޅޭ ޒަމާނީ ވަސީލަތްތައް ފޯރުކޮށްދޭން ޖެހޭނީ ކުށްތަކަށް އަރައިގަންނަ ފަރާތަތްތަކަށް ތަހުގީގުކޮށް އިންސާފުގެ ކުރިމައްޗަށް ގެނައުމުގައި ފުލުހުން އަދާކުރާ ގާނޫނީ ވާޖިބު ކަފި ނުވުމައްޓަކައި ކަމަށް ގަރާރުގައި ބުނެފައިވެއެވެ.
އެއްގަމާއި ކަނޑާއި އަދި ވައިގައިވެސް ދިވެހި ފުލުހުންނަށް އެކަމާ ގުޅޭގޮތުން އެންމެ ޒަމާނީ ވެހިކަލް ދިވެހި ދައުލަތުން ފޯރުކޮށްދޭންޖެހޭ ކަމަށާއި ތަހުގީގަށް ބޭނުންވާ ތަމްރީނާއި ފުލުހުންނަށް ބޭނުންވާ ބޯހިޔާވަހިކަން ފަދަ ކަންކަން މިއީ ހަމައެކަނި ކެމްޕޭން ތެރޭގައި ވެވޭ ވައުދަކަށް ނުވެ، އާންމު މޫސުމުގައިވެސް ދެކެވެން ޖެހޭ ވާހަކައެއް ކަމަށް ގަރާރުގައި ބުނެފައިވެއެވެ.
އެހެންކަމުން މި ހިނގާ 2022 ވަނަ އަހަރު ނިމުމުގެ ކުރިން ދިވެހި ފުލުހުންގެ މުސާރައަށް މަދުވެގެން 30 އިންސައްތައިގެ ކުރިއެރުމެއް އަންނަން ޖެހޭ ކަމަށް ފެންނަ ކަމުގައި ގަރާރުގައި ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު