ލަނޑާ ނަގާ ދޯންޏެއްގެ ތެރޭގައި، 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުގެ ރޭ އިސްމާއިލް ހައްމާދަށް ވަޅިން ހަމަލާދީ މޫދަށް އެއްލައިލި މައްސަލައިގައި ދައުވާ އުފުލާފައިވާ އިސްމާއިލް އާސިފް ދިހަ އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ދައުލަތުން އާސިފްގެ މައްޗަށް ކޮށްފައިވަނީ، ނުރައްކާތެރި ހާނީއްކައެއް ވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ.

ދައުލަތުން ކޮށްފައިވާ ދައުވާގައިވާ ގޮތުގައި އެ މާރާމާރީ ހިންގީ އއ. މާޅޮހު ބޭރުގައި އޮތް ޖަރީ ދޯނީގެ ތެރޭގައެވެ. އެ ދޯންޏަކީ ވަކި ޖަމާއަތް ހަދައިގެން ނަމާދުކުރާ އަދި ދީނީ ގޮތުން ހަރުކަށި ފިކުރުގެ ވިސްނުމުގެ މީހުން ލަނޑާ ނަގަން ނެންގުޅޭ ދޯންޏެކެވެ.

ހައްމާދު ބުނެފައިވާ ގޮތުގައި އާސިފް އޭނާއަށް ހަމަލާދިނީ، ދީނީ ގޮތުން އުފެދުނު ދެބަސްވުމެއްގައެވެ.

ހައްމާދު ބުނީ އޭނާއަށް ހަމަލާ ދިނީ އާސިފް ކަމަށާއި، ހަމަލާ ދިނުމަށް ފަހު އޭނާ މޫދަށް އެއްލައިލީ ކަމަށެވެ. އަދި ވަޅިން ހަމަލާދިނުމަށްފަހު މޫދަށް އެއްލައިލީ ކަމަށް ބުނެފައިވެއެވެ. ހަމަލާއަށްފަހު ހައްމާދު ވަނީ ފަތާފައި ގޮސް ކައިރީގައި އޮތް މާޅޮހަށް އަރައިފައެވެ. ނަމަވެސް ޝަރީއަތުގައި ދައުވާއަށް އިންކާރުކޮށް އާސިފް ބުނެފައިވަނީ ހައްމާދު މޫދަށް ފުންމާލީ އަމިއްލައަށް ކަމަށެވެ. ނަމަވެސް އަމިއްލަ ދިފާއުގައި މާރާމާރީއެއް ހިންގިކަމަށް ބުނެފައިވެއެވެ.

ހައްމާދުގެ ބޮލަށާއި ވައަތު ކޮލަށާއި ވައަތު ކަންފަތަށާއި ވައަތުގެ އަތްތިލައަށާއި އިނގިލިތަކަށާއި، ތުންފަތަށާއި ބުރަކައްޓަށް ވެސް ވަޅިން ހަމަލާދީފައި ހުއްޓެވެ.

އެ މައްސަލައިގައި އާސިފްގެ މައްޗަށް ކުށް ސާބިތުކުރަން ގިނަ އަދަދެއްގެ ހެކިން ހުށަހަޅައިފައިވެއެވެ. އޭގެ ތެރޭގައި އެ ދޯނީގައި ތިބި ބައެއް މީހުންވެސް ހިމެނެއެވެ ފުލުހުން ވަނީ، ހައްމާދަށް ހަމަލާ ދިނުމަށް ބޭނުންކުރި ކިވީ ބްރޭންޑުގެ ވަޅި ވެސް ދޯނި އޮތް ސަރަހައްދުގެ ކަނޑު އަޑިން ހޯދައިފައެވެ.

ހެކީން ބުނެފައިވާ ގޮތުގައި އެ ދޯނީގެ އެކިއެކި ތަންތަނުގައި ގިނަ އަދަދަކަށް ލޭ ހުއްޓެވެ. އެ ލެއާއި ހައްމާދުގެ ޑީއެންއޭ ދިމާވެފައިވާއިރު އާސިފްގެ އަތްތިލައިން ނެގި ސްވަބްއިން ހައްމާދުގެ ޑީއެންއޭ ފެނިފައިވެ އެވެ.

ދައުވާއަށް އިންކާރު ކުރި ނަމަވެސް، އާސިފް ވަނީ އޭނާއަކީ ރުޅިއައުމުގެ މައްސަލަ ހުންނަ މީހެއް ކަމަށާއި އެ މާރާމާރީ ހިނގީ ދީނާއި ފައިސާއާ ގުޅިގެން ޖެހުނު މައްސަލައެއްގެ ތެރެއިން ކަމަށާއި އެހެން އަމަލު ނުކުރެވުނު ނަމައޭ ހިތަށް އަރާ ކަމަށާއި އަދި އެއީ އަމިއްލަ ދިފާއުގައި ކުރި ކަމެއް ކަމަށް ތަހުގީގުގައި ބުނެފަ އެވެ.

އެ މައްސަލައިގައި ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައިވަނީ ދައުލަތުން އާސިފާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވާ ކަމަށާއި އެހެންވެ، އެކަމުގެ އުގޫބާތެއްގެ ގޮތުން ދިހަ އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރާ ކަމަށެވެ. އެ މައްސަލައިގެ ތަހުގީގާއި ޝަރީއަތުގެ މަރުހަލާ ކުރިއަށް ދިޔައިރު އާސިފް ވަނީ ދެ އަހަރާއި އަށް މަހަށް ވުރެ ގިނަ ދުވަސް ބަންދުގައި ހޭދަކޮށްފަ އެވެ. އޭނާއަށް އިއްވި ޖަލު ހުކުމުން އެ މުއްދަތު އުނި ކުރުމުން އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ ހަތް އަހަރާއި ތިން މަސް ދުވަހުގެ ޖަލު އަދަބެކެވެ.