ކުންފުނިތަކާ ހަވާލުކޮށްފައިވާ މަޝްރޫއުތައް މުއްދަތަށް ނުނިންމައި، މަޝްރޫއުތައް ހިންގުމުގައި މަކަރު ހަދައި އޮޅުވާލި 11 ކުންފުންޏެއް ސަސްޕެންޑުކޮށްފިއެވެ.
މާލިއްޔަތު ގަވާއިދުގައިވާ ގޮތުން، ބީލަންތައް ކާމިޔާބުކޮށް މަޝްރޫއުތައް ހިންގުމާ ހަވާލުވުމަށްފަހު، އެ ގަވާއިދާ ހިލާފުވާ ކުންފުނިތަކާއި ސަޕްލަޔަރުން ބަލައި ފިޔަވަޅު އަޅަން ޖެހެއެވެ. ކުންފުންޏެއް ނުވަތަ ސަޕްލަޔަރަކާ ދޭތެރޭގައި ފިޔަވަޅު އަޅާނީ ބީލަމުގެ މައްސަލަތައް ބަލައި މުސްތަގިއްލު ރިވިއު ކޮމިޓީންނެވެ.
އެ ފިޔަވަޅު އެޅޭނީ ކުންފުންޏާ ދެކޮޅަށް ބަލައި މައްސަލައިގައި، ދިފާއުވާން މައުލޫމާތު ހުށަހެޅުމަށާއި ޖަވާބުދާރީވާން ފުރުސަތު ދިނުމަށް ފަހު، ތަހުގީގުކޮށް ނިމޭއިރު މައްސަލަތަކެއް ސާބިތުވާ ނަމަ ކަމަށް ވެސް މާލިއްޔަތު ގަވާއިދުގައިވެއެވެ. ފިނޭންސް މިނިސްޓްރީން ވަނީ އެފަދަ 11 ކުންފުންޏެއް ސަސްޕެންޑުކޮށް ކުންފުނިތަކުގެ ނަން އާއްމުކޮށްފައެވެ.
- ގުޑް ވޯކްސް މޯލްޑިވްސް - މެރިން ރިސާޗު ސެންޓަރުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް އެއްބަސްވުމާ އެއްގޮތަށް ނުކުރުން
- މާރިސް - ނ. އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލެއް އެޅުމުގެ މަސައްކަތް ނުކުރެވުން
- ވޯޓާޕާކް މޯލްޑިވްސް - ރ. އުނގޫފާރާއި ވ. ކޮޔޮދޫ ސްކޫލުގައި މަލްޓި ޕާޕޯސް ހޯލެއް އެޅުމުގެ މަސައްކަތް ނުކުރެވުން
- ވިންކް މޯލްޑިވްސް - ރައީސް އޮފީހަށް ވޭނެއް ގަތުމުގެ ބިޑްގައި އޮޅުވާލާފައި ވުން
- ޓޮމީ އިންޖިނިއަރިން - ރައީސް އޮފީހަށް ވޭނެއް ގަތުމުގެ ބިޑްގައި އޮޅުވާލާފައި ވުން
- ޓީއެންޑީބީ އިންޖިނިއަރިން - ރައީސް އޮފީހަށް ވޭނެއް ގަތުމުގެ ބިޑްގައި އޮޅުވާލާފައި ވުން
- އެސްބްރޯ މޯލްޑިވްސް - ވ. ރަކީދޫ ސްކޫލް ތަރައްގީކުރުމުގެ މަސައްކަތް ނުނިންމުމާއި ލ. ގަން މުގުރިމަގު ސްކޫލް އޮފީސް އިމާރާތް ނުނިންމުން
- ކޭއެސްއޭ މޯލްޑިވްސް - ހުޅުމާލޭ ހޮސްޕިޓަލް ފޮޅައި ސާފުކުރުމުގެ ބިޑަށް ވަގު ލިޔުމެއް ހުށަހެޅުން
- އެސްޓޮނިސް ކްލީނިން ކޮމްޕެނީ - ހުޅުމާލޭ ހޮސްޕިޓަލް ފޮޅައި ސާފުކުރުމުގެ ބިޑަށް ވަގު ލިޔުމެއް ހުށަހެޅުން
- މޫވް އެކްސް - ށ. މިލަންދޫ ކައުންސިލަށް ކުނި ނަގާ ޓްރެކްތައް ހޯދައިނުދެވުން
- އެލްއެފް ކޮންސްޓްރަކްޝަން - ށ. ފޯކައިދޫ ކޮމިއުނިޓީ ސެންޓަރުގެ މަސައްކަތް ނުނިންމުން
ބީލަމުގައި ބައިވެރިވާ ފަރާތްތަކާއި ސަޕްލަޔަރުން ސަސްޕެންޑުކުރެވޭނެ ޝަރުތުތަކުގެ ތެރޭގައި މަސައްކަތް ލަސްވުމުގެ އިތުރުން ބީލަމުގެ މަރުހަލާގައި ސައްހަ ނޫން ލިޔެކިޔުން ހުށަހެޅުމާއި ކޮންޓްރެކްޓް ކުރިއަށް ގެންދާއިރު ވެސް އޮޅުވާލުމާއި ދޮގު މައުލޫމާތު ދިނުން ހިމެނެއެވެ. އެހެން ފަރާތްތަކުން ބައިވެރިވުމަށް ހުރަސްއެޅުމާއި ވާދަވެރި ބީލަމެއް ކަމުގައި ދެއްކުމަށް އެކި ނަން ނަމުގައި ބީލަން ހުށަހެޅުން ވެސް ހިމެނެއެވެ.
މިނިސްޓްރީން ބުނީ އެ ކުންފުނިތައް ސަސްޕެންޑުކޮށްފައިވާ މުއްދަތު އުވެންދެން އެ ކުންފުނިތަކަށް ސަރުކާރުން ކުރިއަށްގެންދާ ބީލަމެއްގައި ބައިވެރި ނުވެވޭނެ ކަމަށާއި އެ ކުންފުނިތަކާ އެއްވެސް މަޝްރޫއެއް ހަވާލު ނުކުރެވޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު