އިނގިރޭސީންގެ ހިމާޔަތް ރާއްޖެއަށް ނުލިބުނު ނަމަ، ވަރަށް ނިކަމެތި ގޮތްތަކެއް ރާއްޖެއަށް ކުރިމަތިވީސް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މަޖިލިސް މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ، އިނގެރޭސިވިލާތުގެ ރާނީ އެލިޒަބަތު ދެވަނަ އަވަހާރުވުމާ ގުޅިގެން ތައުޒިޔާ ވިދާޅުވުމަށް މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ދިން ފުރުސަތުގައި ވާހަކަ ދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ ދެވަނަ ބޮޑު ހަނގުރާމައިގައި ގައުމުތަކަށް އެކި އެކި ގައުމުތަކުގެ ނުފޫޒު ފޯރުވި އިރު، އެކަހަލަ ކަމެއްގައި ދިވެހި ގައުމު ޖެހުމުގެ ފުރުސަތުވެސް އޮތް ކަމަށެވެ. ނަަމަވެސް އެހެން ގައުމެއްގެ ނުފޫޒުގެ ދަށަށް ދިވެހި ގައުމު ނުދިޔައީ ވެސް އިނގިރޭސީންގެ ހިމާޔަތުގެ ސަބަބުން ކަމަށްވެސް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، ރާނީގެ ޒައާމަތުގައި އިނގިރޭސި ދައުލަތުން ރާއްޖެއަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދިން ކަމަށާއި ދިވެހިންނަށް ވަރަށް ގިނަ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
"ފުރަތަމަ ހޮސްޕިޓަލްވެސް، ގަވާމެންޓް ހޮސްޕިޓަލްވެސް ރާއްޖެއަށް ލިބިފައި ވަނީ އެގައުމުގެ އެހީތެރިކަމުގައި. ފުރަތަކަ ކްރޭން ގަނޑެއްވެސް ލިބިފައިވަނީ. އެކެއް ނޫން ފުރަތަމަ ނީލް ކްރޭން ކިޔާ ކްރޭނެއް، ދެން އޭގެފަހުން ކޯލިޝް ކްރޭންކިޔާ ކްރޭނެއް އިނގިރޭސި ދައުލަތުން އެކަމަނާ ދެއްވި. އަދި އެތައް އެއްޗެއް ދެއްވި. އަދި އޭގެ އިތުރުން ގޯލްޑަން ރޭ އާއި ސިލްވާ ކްރިސްޓްވެސް ދެއްވި،" ގާސިމް ވިދާޅުވިއެވެ.
އޭގެ އިތުރުން އިނގިރޭސި ސަރުކާރުން ތާއަބަދު މަތީ ތައުލީމު ހާސިލްކޮށްދިނުމަށް ރާއްޖެއަށް ވަރަށްގިނަ ސްކޯލާޝިޕްވެސް ކޮމަންވެލްތުގައި ހިމެނިގެން ދެމުން ގެންދިޔަ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ރާނީ އަވަހާރަވުމުގެ ހިތާމާގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ހާއްސަކުރި ވަގުތު ކޮޅުގައި މަޖިލީހުގައި ހިމޭ ކޮންމެ ސިޔާސީ ޕާޓީއެއްގެ ލީޑަރަށް އެކަމާބެހޭގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު ރިޔާސަތުން ދެއްވިއެވެ. އަދި ރާނީ އަވަހާރަވުމުގެ ހިތާމައިގައި މަޖިލިސް ޖަލްސާގައި ވަނީ ސުކޫތެއްވެސް ގެނަސްފައެވެ.
އިނގިރޭސި ރާނީ އެލިޒެބަތު ދެވަނަ އަވަހާރަވެފައި ވަނީ މިދިޔަ ބުރަސްފަތި ދުވަހުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު