ވާހަކަ

ބަދުދުއާ - 02

މަރިޔަމް ޝަފާ އިބްރާހިމް

6

އުނދުންތައް ނިވާލާފައި ކުޑަދޮރުތައް ހުޅުވައި، ބަދިގޭގެ ވަސް ރަނގަޅުކޮށްލުމަށް ފަންކާ ޖެއްސިއެވެ. އަދި ރެއަށް ކައްކައި ނިމިފައި ހުރި ތަކެތީގެ މަތިނަގައި ރަނގަޅުތޯ އާއި މެހުމާނުންނަށް ފުދޭވަރަށް ތަކެތި ހުރިތޯއެވެ.

"ލައްބައޭ... މިކީގެ ސްވީޓްސްވީޓް މަމީ....."

ދުވެފައި ކަހަލަ ގޮތަކަށް ބަދިގެއަށް ވަދެގެން އައީ ސާދަ، ފަނަރައިގެ ހަނދެއްފަދަ ޗާލު، ޅަދޮޅު އަންހެންކުއްޖެކެވެ.

ކޮނޑާ ހަމައިން ކޮށާލާފައި އޮތް ފަންފަށުވި ކޮޅެއްކަހަލަ އިސްތަށިގަނޑާއި ކަޅުކަންގަދަ ވަށްބޮޑު ދެލޮލުގައި ވަރަށްވެސް ކުޑަކުޑަ، ވަރަށް ބޮޑަށް ސަމާލުވެގެން ނޫނީ ނޭނގޭފަދަ އަވަރުގޮތެއް ހުރުމުން ކަމަށްވެސް ވެދާނެއެވެ. އެދެލޮލުގައި ތަފާތު ހާއްސަ އަޅައިގަންނަ ކަހަލަ ގޮތެއް ހުރެއެވެ. ބައްޕަގެ ފަރާތުން މިދަރިފުޅަށް ނުލިބުނު ހަމައެކަނި މަންމަގެ ފަރާތުން ވާރުތަވެފައި ވަނީ މަންމަގެ ހަށިގަނޑުގެ ބައްޓަމާއި ދެތުންފަތެވެ. ފަރަހަގެ ދަތްދޮޅީގައި ހުންނަ އަޑިކޮޅާއި ތިރީތުންފަތާ ދިމާލުން ތިރީގައި ހުންނަ ބިއުޓީސްޕޮޓް ހަމަ އެހެން އެގޮތަށް ލިބިފައިވެއެވެ. ދެމީހުންގެ ސިފަތަކުން ތަތްގަނޑު ޖެހިގެން، ސިފަ ޖެއްސެވުމުގެ ކަލާނގެ ކުޅަދުންވަންތަކަމުގެ ނަމޫނާއަކަށް ހެދިބޮޑުވަމުން އަންނަ ފިނިފެންމާކުލައިގެ މިރީތި ދަރިފުޅަކީ ފަރަހަގެ ފުރާނައެވެ. ދުވެފައި އައި ދަރިފުޅު އޭނާގެ ގައިގައި އޮޅިގަތީ ހަމަ އެންމެ ދެއަހަރުގައި ކުއްޖަކު މަންމަގެ އުރަށް އަރަން އުޅެގަތް ކަހަލަ ގޮތަކަށެވެ.

މިކީއަކީ ހުރިހާ ގޮތަކުންވެސް ޝިވަންގެ ސިފަ އާއި ވައްޓަފާޅިން ބުރުސޫރަ ލިބިފައި އިން ލޯބިލޯބި ޅަދޮޅު އަންހެންކުއްޖެކެވެ. ގޭތެރޭގައި ދުވެފަމެ އުޅޭއިރު ކޮކާލެއް ބަގީޗާއެއްގެ ތެރޭގައި އެއްގަހުން އަނެއްގަހަށް، އެއްމަލުން އަނެއްމަލަށް އުދުހޭ މަންޒަރު ސިފަކޮށްދެއެވެ. މުޅި މިގޭގެ ރޫހަކީ އުފަލަކީ މިކީގެ ހިނިތުންވެ ހުރެ ރާގުރާގަށް ފުމެމުން ގޭތެރޭގައި ހޭލަމޭލަވުމެވެ. ފަރަހަގެ ރެއާދުވާ ފުރިފައިވަނީ ލޮބުވެތި މިދަރިފުޅުގެ އެކިކަހަލަ ވަގުތުތައް އޭނާއާއެކު ހޭދަކުރާ ކުރުންތަކުންނެވެ.

މިކްޔަލްއަކީ ފަރަހަނާޒުގެ ހަޔާތުގެ ބަގީޗާގައި ފޮޅިފައިވާ އުއްމީދާއި އުފާވެރިކަމުގެ އެކިކުލަކުލައިގެ މާތަކުގެ ތެރޭގައި އުދުހެމުންދާ އަލިފާން ކޮކާލެއް ފަދައެވެ. މިތަނަވަސް ގަނޑުވަރެއްފަދަ ރީތި ގެއަކީ މިކީ އަށް ބަލިވެ އިން ހަބަރާއެކު އެތަކެއް ލޯބިވާ މީހުންގެ ހިޔާލާއި ހޭދައިން ތައްޔާރު ކުރެވިފައިވާ ގެއެކެވެ. ކައިވެނީގެ ހަދިޔާއަކަށް ފަރަހަގެ ބައްޕަ، ފަރަހަ އާއި ޝިވަންއަށް ދިން މިރީތި ގޭގައި ކުރިން ހުރި ތިންކޮޓަރީގެ ތެރެއިން މިކީގެ ކޮޓަރި ޒީނަތްތެރިކޮށް ގޭގެ ފުރަގަހުގައި އޮތް ބޮޑު ގޯތިތެރޭގައި ހިތްފަސޭހަ ބަގީޗާއެއް ހެއްދީ ހަމަ މިކީއަށްޓަކައެވެ.

މިކީގެ ތުއްތުތުއްތު ފިޔަވަޅުތައް ސީދާ ކުރުމަށާއި ހުއްޓިހުއްޓި ކިޔަމުން ހިނގައިގަތުމަށް އަދި ކޮންމެ ދުވަހަކު، ކޮންމެ ވަގުތަކުވެސް ކުޅެން ބޭނުންވެއްޖެ ވަގުތަކު ދުރަށް ގެއިން ބޭރަށް އެއްވެސް ޕާކަކަށް ދާން ނުޖެހޭނެހެން ގޭތެރޭގައި ހުރެގެން ބޭނުންވާ ހުރިހާ ކަމެއް ފުއްދައިދިނުމަށް އެންމެން ވެގެން ވަނީ މަސައްކަތްކޮށްފައެވެ. މިއިން ކޮންމެ ކަމަކީވެސް ފަރަހަގެ ދަރިފުޅަށްވީތީ، ފަރަހަގެ އެދުމަށް ކޮންމެ މީހަކުވެސް ކޮށްދީފައިވާ ކަންތައްތަކެވެ. ފަރަހައަކީ އޭނާ ފިޔަވަޅު އަޅައިފި ކޮންމެ ތަނަކުންވެސް، އޭނާއަށްޓަކައި ރަތްދޫލައެއް ފަތުރާލަދޭފަދަ ހާއްސަ އަންހެނެކެވެ.

އެހެން ވާނެ ނޫންހެއްޔެވެ. މަޑުމައިތިރިކަމާއި ހިތްހެޔޮކަމާއެކު ނިޔަނެތިކަމަކާއި މައުސޫމިއްޔަތުކަމުގެ ދިރިހުރި ތަސްވީރެއްފަދަ ފަރަހައަކީ އޭނާއާ ބައްދަލުވެއްޖެ ކޮންމެ މީހަކުވެސް އިހުތިޔާރަކާ ނުލައި އޭނާދެކެ ލޯބިވެވޭފަދަ އަންހެނެކެވެ. އޭނާގެ މިހުރިހާ ސިފަތަކަކާއި ޝިވަންޝާހުގެ ނުހަނު ހިތްގައިމު ސިފަތަކުން ޖަރީވެގެން ދުނިޔެއަށް ލޯހުޅުވާލި މިކްޔަލްނާޒުޝާހުއަކީ 'ނާޒުމަހަލް'ގެ ދިރުމެވެ. އެގޭގެ ރޫހެވެ. އަދި ފަރަހަނާޒާއި ޝިވަންޝާހުގެ ހިތާއިމޭގެ ވިންދެވެ. އެދެމީހުން ހަޔާތުގައި މިހިސާބަށް ނިންމި ކޮންމެ ނިންމުމެއްގައިވެސް ވަނީ ހަަމައެކަނި މިކީގެ ހިތްހަމަޖެހުމާއި އުފަލެވެ.

"ޑެޑާ މަމީގެ ފޯނަށް ގުޅީ ކީއްކުރާށޯ...؟"

ބައްޕައާއި ވާހަކަ ދައްކަމުން ފޯނު ހިފައިގެން ހިނގަމުން ހިނގަމުން ބަދިގެ އާއި ކާކޮޓަރިން ބޭރަށް ނުކުމެގެން ދިޔަ މިކީ ފޯނު ހިފައިގެން އެނބުރި އައިސް ބަދިގެއަށް ވަންނަމުން ގޮވާލިއެވެ. ކައްކާ ނިމިފައި ހުރި ތެލިތަކުގެ މަތިއެޅުމަށްފަހު، ސިންކު ތެރޭގައި ހުރި ތަށިސަމުސާފަދަ ތަކެތި ދޮންނަން ފެށި ފަރަހަ ދަރިފުޅުގެ މިސުވާލަށް ހޭންފެށިއެވެ. މަންމަގެ މިއަޖައިބެއްފަދަ ހިތްގައިމު ހީނގަތުމަށް ހައިރާންކަމުގެ ލޮލަކުން ބަލާލިއެވެ.

"މަންމަގެ ކުޑަކުޑަ ދަރިފުޅު ހާދަހާ ބޮޑު ސުވާލެއް ތި ކުރީ...؟"

"އެއީ ބޮޑު ސުވާލެއް ނޫން.... މިކީގެ ފޯނަށ ނުގުޅާ ޑެޑާ މަމީގެ ފޯނަށް ގުޅުމުން މިކީ ހީކުރީ ކޮންމެވެސް ބޮޑު ހަދިޔާއެއް ލިބެނީކަމަށް..."

މިކީގެ މިވާހަކައަށް ފަރަހައަށް އަނެއްކާވެސް ހީނގަނެވުނެވެ. އެކަމަކު މިފަހަރު އޭނާއަށް ހެވުނީ މިކީގެ ހުށިޔާރުކަމުންނެވެ.

"މާނައަކީ މަމީގެ ޕްރިންސަސް ތިއައީ ޑެޑާގެ ސީކްރެޓްޕްރޮމިސް ބްރޭކްކޮށްފަ މިރޭގެ ސަޕްރައިޒް އަހައިގެނޭ.....!"

ފަރަހަ ސީދާ މުހިންމު ނުކުތާއަށް އަލިއަޅުވާލިއެވެ. އެއީ އަބަދުވެސް މިކީގެ އާދައެވެ. ފަރަހަގެ ފަރާތުން މިކީ ބޭނުންވާ ސިއްރު ވާހަކައެއް ނޭނގޭނެތީވެ، ޝިވަން ގާތުގައި ކުސް ޖަހައިގެން އޮޅުންފިލުވުމަކީ މިކިގެ އާދައެކެވެ. މިހާއްސަރޭގެ ހާއްސަ ހަދިޔާގެ ވާހަކަ އެތައްފަހަރަކު ސުވާލު ކުރުމުންވެސް ފަރަހަގެ ފަރާތުން ނޭނގުމުން މިކީ އޭނާގެ ޑެޑާ ގާތު ކުސްޖަހައިގެން ބޭނުންވާ ސިއްރު އޮޅުންފިލުވައިފިއެވެ.

މަންމައަށް ފަހަރެއްގައިވެސް އެއްވެސް ކަމެއް ސިއްރު ނުކުރެވޭނެކަން ހިތަށް އެރުމުން މިކީއަށް އަނގަހަދާލެވުނެވެ. އަދި ކުރިއަށް ޖެހި މަންމަގެ ކޮނޑުގައި ދެއަތް ވަށާލައި، ކަނދުރާގައި ބައްދާލަމުން މަންމަގެ ދާހިއްލާފައިވާ މޫނުގައި މޫނު ޖައްސާ ބާރުކޮށްލިއެވެ.

"އޭހޭ.... މޮޔަކުއްޖާ.... މަންމަ މިހިރީ ދަލުން ތެމިފައޭ...."

ފަރަހައަށް ދަރިފުޅު ރަކިވީކަން އެނގުމުން ހިތުގައި އެދަރިފުޅަށް އޮތް ލޯބި އުތުރިގެންދިޔައެވެ. އަދި ތަށިފޮހޭ ތުވާލިން އަތް ފުހެމުން ދަރިފުޅު ގަޔާ ދުރަށް ޖައްސާލާ، ރަނގަޅަށް އެދަރިފުޅަށް ބަލާލިއެވެ.

މިއީ އޭނާގެ ބަނޑުގައި ނުވަމަސްވަންދެން އޮވެފައި އޭނާގެ އުނގުތެރޭގައި ތުއްތުތުއްތުކޮށް އޮތް މިކްޔަލްނާޒްޝާހު ހެއްޔެވެ. މިއަދު އޭނާއާ އެއްވަރުގެ އިސްކޮޅެއް އެބަހުއްޓެވެ. އިސްކޮޅާ އެކަށީގެންވާ ރޫފަ އެޅިފައިވާ ތުނިތުނި ހަށިގަނޑު ހެދިބޮޑުވަމުން އަންނަނީ ނުހަނު ފުރިހަމަކަމާއެކުގައެވެ. މިއީ ހަމަ ފަރަހަނާޒުގެ ތުއްތު މިކީ ހެއްޔެވެ.

އާއެކެވެ. އޭނާގެ ކުޑަދަރިފުޅަށް މިރޭ ސޯޅައަހަރު ފުރެނީއެވެ. މިރޭގެ ހާއްސަ ކެއުން ތައްޔާރު ކުރެވެމުން އެދަނީ މިކީގެ ސޯޅަވަނަ އުފަންދުވަސް ފާހަގަ ކުރުމަށެވެ. އަދި ހަމަ އެހެންމެ އެއްދޮނުގައި ދެބުޅި ޖަހާލުމަށް ގަސްދުކުރީ މިކީގެ ދިހަވަނަ ކުލާހުގެ ފައިނަލްޓާމުގެ ނަތީޖާ ލިބިފައިވާތީ އެއުފާވެސް މިރޭ ފާހަގަކޮށްލަން ނިންމާފައިވާތީއެވެ. މިއީ މިކީގެ އޯލެވެލް އިމްތިހާނު ފެށޭ އަހަރެވެ. ބާކީ އޮތީ ހަމަ އެންމެ ދެމަހެއްހާ ދުވަހެވެ. ސުކޫލުގެ ފައިނަލް އިމްތިހާނުގެ ނަތީޖާ މިކީ ހޯދީ ވަރަށްވެސް ފުރިހަމަކޮށެވެ. އެހެންކަމުން މިރޭ މިކީގެ އުފަންދުވަސް ފާހަގަކުރާއިރު، ސްކޫލް އިމްތިހާނުން ފުރިހަމަ އެއްވަނަ ހާސިލުކުރުމުގެ އުފަލުގައި މިކީގެ ސުކޫލުގެ ރައްޓެހިންނަށާއި މުދައްރިސުންނަށްވެސް ވަނީ ދައުވަތުދެވިފައެވެ.

"ދޮންދޫނި ބޭނުން ހުރިހާ އެންމެނަށް އިންވައިޓް ފޮނުވާ ނިމިއްޖެތަ...؟"

މިކީގެ އިސްތަށިގަޑުގައި އިނގިލިތަކުން ފުނާއަޅަމުން ފަރަހަ އަހާލިއެވެ.

"އަސްތަ... މަމީ.... އޯހނޯ...." މޭޒުމަތީގައި މަންމަ ތައްޔާރުކޮށްފަ ހުރި ކާތަކެތީގެ މަތި ނަގާ ބަލަމުން ދިޔަ މިކީއަށް ކޮންމެވެސް އެއްޗެއް ހަނދާންވީ ކަހަލައެވެ. ދެފައިތަޅައިގެންފައި ބަދިގެއިން ނުކުންނަން ދުއްވައިގަތެވެ.

"އަޅޭ... މަމީ... އޯ ގޯޑް ސޭވްމިކީ... މަމީއަށް ކިޔައިދިނީމެއްނު.... އާމިޔުޒިކް އެންޑް އެކައުންޓިންގ ސަރއެއްގެ ވާހަކަ..... މިކީ އެސަރއަށް އިންވައިޓް ކުރަން އުޅެނިކޮށް ޑެޑާގެ ކޯލަށް އަންނަން ޖެހުނީ...."

މިކީ ކޮޓަރިއަށް ވަދެ ދޮރުލައްޕާލުމުން ފަރަހަވެސް ބާކީ ހުރި މަސައްކަތްތަކާ ދިމާއަށް އެނބުލިއެވެ.

ގޯތިތެރޭގައި މޭޒުތަކާއި ގޮނޑިތައް އެތުރުމަށާއި އަދިވެސް އެހެނިހެން ތައްޔާރީތައް ކުރުމަށް، ވަގުތީއުޖޫރައެއް ދީގެން ގެނެސްފައި ތިބި ހަތަރުވަރަކަށް މީހުން ގޮވައިގެން ވަރަށް އަތްމަތި އަވަސްކޮށް، މަސައްކަތްތައް ނިންމާލިއެވެ. އަދި އެމީހުންނަށް ލާރިދީފައި ފޮނުވާލުމަށްފަހު ގޭގެ ބޮޑުދޮރާށި ތަޅުލިއެވެ. އެއްވެސް މީހަކު އައިސް ގެއަށް ވަންނަން އުޅުނަސް ނުވަދެވޭނެހެނެވެ. ސަބަބަކީ މިކީ ވީ ކޮޓަރީގަ ތައްޔާރުވުމުގައި ކަމަށްވެފައި ހުދު ފަރަހަވެސް އެދަނީ ފެންވަރާ ތައްޔާރުވުމަށް ކަމަށްވާތީ މިވަގުތު ގޭގައި އެހެން މީހަކު ނޫޅޭނެތީއެވެ.

ސިޓިން ރޫމު ހުރަސްކޮށް ކޮޓަރިއާދިމާއަށް ދެވޭނީ މިކީގެ ކޮޓަރީގެ ކުރިމަތިންނެވެ. މިކީގެ ކޮޓަރީ ކުރިމަތިން ހުރަސްކުރުމަށް ނެގި ފަރަހަގެ ފިޔަވަޅު ކުރިއަށް ނުގޮސް ހުއްޓުނީ، އަބަދުހެން ކުރެވޭ އާދައަކަށްވެފައިވާ ކަމަކަށްވާތީވެ، މިކީ ކޮބައިތޯ ބަލާނުލާ ހިތްހަމަ ނުޖެހޭނެތީއެވެ. މަޑުމަޑުން ދޮރުގެ ތަޅުގައި ހިފާ އަނބުރާލިއިރު ތަޅުނުލާ ހުރުމުން ހިނިތުންވެލެވުނެވެ.

މަޑުމަޑުން ހުޅުވާލި ދޮރުން އެތެރެއަށް ބަލާލެވުމާއެކު ފަރަހަގެ ލޮލުން ބޭއިހްތިޔާރުގައި ކަރުނަ ހިލުނެވެ. ދޮރަށް ފުރަގަސްދީގެން ގިބްލައަށް ކުރިމަތިލައިގެން ހުރި މިކީ ހަށަން މޮހެލާފައި ރުކޫއުއަށް ދިޔައީއެވެ. އުފަލުންފުރި، ލޯބިން ބަރުވެފަިވާ ނަޒަރަކުން ދަރިފުޅަށް ބަލާލާފައި ފަރަހަ ދޮރުލައްޕާލިއެވެ. އަދި އޭނާގެ ކޮޓަރިއާދިމާއަށް ދާން ފިޔަވަޅު ނެގިއެވެ.

މިކީއަށް ބަލިވެ އިންކަން އެނގުނު ސިކުންތުން ފެށިގެންވެސް ފަރަހަ އޭނާއަށް ލިބޭ ދަރިފުޅު، އީމާންތެރި، ނުހަނު ކިޔަމަންތެރި ކުއްޖަކަށް ވޭތޯ ކެޑިނޭޅި ކުރި ދުއާގެ ނަތީޖާއެވެ. ވަރަށް ތުއްތުއިރުވެސް މިކީ އޭނާގެ ފަހަތުގައި ނަމާދުގެ ހަރަކާތްތައް ކުރެއެވެ. ކިރިޔާވެސް ދެރަވާކަހަލަ ކަމެއް ވެއްޖެނަމަ އަދި ރުޅިއަޔަސް، އުފާވެރިކަމަކަސް، ފަރަހައެކޭ އެއްގޮތަށް މިކީގެވެސް ފުރަތަމަ ކޯލު ދާނީ އޭނާގެ ވެރިރަސްކަލާނގެ ހަޒުރަތަށެވެ. ދެމައިންގެ މިއާދައަކީ މިގޭގެ އުފަލާއި ހަމަޖެހުމުގެ އަސްލެވެ.

*********

މިރޭގެ ކުލައަކަށް ފަރަހަ ހޮވީ ސާފުހުދުކުލައަކާއި ދޮން އަނބު ކުލައެވެ. އެއީ މިރޭގެ ހާއްސަ ކޭކު އޭނާ ތައްޔާރުކުރީ ދޮންއަނބުން ކަމަށްވާތީއެވެ. އަބަދުހެން ލައިއުޅޭ އަނދިރިކުލަކުލައިގެ ހެދުމުގެ ވައްޓަފާޅި ބަދަލުކޮށްލުމަށް މިކީ އޮތީ މާކުރިން އެދިފައެވެ. ލޯބިވާ ނުހަނު ބަސްއަހާ ދަރިފުޅަށްޓަކައި އެވަރުގެ ކަމެއް ކޮށްނުދީފިނަމަ ފަރަހަ ވާނީ ވަރަށް އަމިއްލަ ޒާތްކޮޅު ބޮޑު އަމިއްލައެދުންވެސް ބޮޑުމީހަކަށްތާއެވެ. އެހެންކަމުން ދިގު ފަނަރައަހަރަށްފަހު، މިރޭ ފަރަހަ އެހެރީ ކަޅާއިހުދުގެ ތަސްވީރުން ނުކުމެ ކުލަރީތި ތަސްވީރަކުން ކުލަ ޖެހުމަށް ތައްޔާރުވެގެންނެވެ.

"މަމީ.... މިކީގެ ބޯ...."

މަންމައަށް ގޮވަމުން ގޮވަމުން އައިސް ފަރަހަގެ ކޮޓަރިއަށް ވަންނަން ފަރިވެލި މިކީއށް މަންމަގެ މި އާސޫރަ ލޯގަނޑުން ފެނިފައި ހުއްޓުން އެރިއެވެ.

"ވާހް.. ސުބްހާނަﷲ... މިކީގެ މަމީ ހާދަހާ ވާ ރީއްޗޭ..."

ކުލަހެދުމުގައި ފަރަހަގެ ޒުވާންކަމާއި ރީތިކަން ވިދާ ބަބުޅަނީއެވެ. ގޭގެ ގޯތިތެރެ ފުރެމުންދާ މެހުމާނުންގެ ބައިބަޔަށް އަންނަން ފެށީ މީގެ ވިއްސަކަށް ތިރީހަކަށް މިނެޓް ކުރިންނެވެ. މިކީ ގޮވައިގެން ފަރަހަ ބޭރަށް ނުކުމެ ގޭގެ މައި ދޮރާށި ދޮށުގައި މެހެމާނުންނަށް މަރުހަބާ ކިޔަން ހުރިއިރު، މިކީގެ ލޯ އިންތިޒާރު ކުރަމުން އެގެންދަނީ ކާކަށް ކަމެއް ނޭނގެއެވެ. ޝިވަންޝާހާއި އޭނާގެ އަންހެނުން އަދި ދަރިފުޅު ޕާޓީ ފެށުމުގެ ފަނަރަވަރަކަށް މިނެޓް ކުރިން އަތުވެއްޖެއެވެ. އަދި މިކީއަށް މިކީގެ ހާއްސަ ހަދިޔާ ދިނުމަށްފަހު ބައްޕައާއި ދަރިފުޅު ކޮންމެވެސް ސިއްރު ވާހަކަތަކެއް ދައްކަން ޕާޓީގެ ހާއްސަ ރަސްމިއްޔާތު އޮންނަ ތަން ކަމަށްވާ ކޭކު ބަހައްޓާފައި ހުރި ހޮޅުއަށި ހަޓުދަށުގައި ހުރި ޖޯލިފަތީގައި އެތައް އިރެއްވަންދެން ތިއްބެވެ. ޕާޓީ ފެށިގެން މެހުމާނުން އަންނަން ފެށިއިރުވެސް ބައްޕައާއި ދަރިފުޅުގެ އޮލަ ވާހަކައެއް ނުނިމުނެވެ. އެންމެ ފަހުން ޒިލާއާއި ފަރަހަ ބައްޕައާއި ދަރިފުޅުގެ ސިއްރު ޖަލްސާ ރޫޅާލީއެވެ.

"އަޅެފަހެ މިއީ ޑެޑާއަށް އެކަނި އިންވައިޓް ކުރި ޕާޓީއެއްހެން ހީވަނީ....؟ ދައްތަ އާއި ކޮއްކޮއަށް އިންވައިޓް ކުރި ހަނދާނެއްވެސް ނެތްދޯ....؟ ފަރޫކޮއްކޯ.... އަހަރެމެން މިހާބޮޑަށް ބާކީކޮށްލާނެކަން އެނގޭނަމަ ނުވެސް އަންނާނަން.... ނިކަން ބަލާބަލަ.... ޒައުލްބޭބީވެސް އެހެރީ ދެރަވެފަ..." ޒިލާ ޖޯލިފަތިކައިރީގައި ހުރި އޮނުން ހަދާފައި ހުރި އަށީގަ އިށީންނަމުން ފަރަހައަށް އެއްލޯ މަރާލިއެވެ.

"އާން... ތެދެއް ތިބުނީ.... މިކީއަށް ޑެޑާ އައުމަށްފަހު މަމީވެސް ނުފެނެއެއްނު..." ތިން އަހަރުގެ ޒައުލް އުނގުގައި ބައިންދައިގެން، ފަރަހަވެސް ޒިލާ ގާތުގައި އިށީނދެލިއެވެ.

"އޯހހޯ... ޖެލަސްވިޔަސް ތިބޮޑުވަރު... އަހަރެން އަބަދުވެސް ބުނަމެއްނު އަންހެންކުދިންނަކީ ބައްޕައިންދެކެ ލޯބިވާ ބައެކޭ... ދޯ ޑެޑީގެ ފެއަރީ ކުއީން... މިރޭ ހީވަނީ ހަމައަސްލުވެސް ކޮކާޕަރީއެއްހެން... ކާކު ހެދުން ފަހައިދިނީ...؟" ޖޯލިން ތެދުވި މިކީގެ އަތުގައި ހިފައިގެން ޖޯލިން ތެދުވަމުން ޝިވަން އަހާލިއެވެ.

"މިކީގެ ހެދުން ފަހާނެ އެހެން މީހަކު ނުހުންނާނެކަން ޑެޑާއަށްވެސް އެނގޭނެއެއްނު.... މިކީގެ މަމް އިޒް ދަ ވޯލްޑްސް މޯސްޓް ޓެލެންޓެޑް އެންޑް ވޮންޑަފުލް މަމްއޭ..." މިކީ މަންމަ އާއި ދިމާއަށް އަތް ދިއްކޮށްލީ ފަހުރުވެރިރާގަކަށް މަންމައަށް ތައުރީފުކުރަމުންނެވެ.

"އެންޑް ޑެޑީޔޯ...؟" ޝިވަން ތުންދަމާލަމުން ކަރުއެލުވާލިއެވެ، "ޑެޑީއަކީ އެއްވެސް ސްޕެޝަލް މީހެއް ނޫންދޯ..."

"އަޅޭ... ޑެޑާ.... މިކީ އަބަދުވެސް ބުނަމެއްނު.... މިކީގެ ޑެޑީ އިޒްދަ ވޯލްޑްސް ހޭންޑްސަމް އެންޑް ޗާމިންގ ޑޭޑްއޭ.... އަސްލު ޑެޑާ ބްރެޑްޕިޓްއަށްވުރެ ރީތި... މީހުން ޕިޓް ކިޔަނީ ޑެޑާ ބްރެޑްއާ ވައްތަރުވީމަޔޯ އެކަމަކު އަސްލު ޑެޑާ ޕިޓްއަށްވުރެ މާބޮޑަށްވެސް ރީތި.... އެކަމާ މަމީއެއްވެސް ދެކޮޅެއް ނުހަދާ.... ދޯ މަމީ.... އެންޑް ޒިލާދައްތަވެސް...."

ޒިލާއަށް ރަކިފާޑަކަށް ހީނގަނެވުނެވެ. ނަމަވެސް ފޮނިވެލާފައި "ކޮބާ ހީވޭހޭ.." ބުމައަރުވަމުން ޝިވަން އިޝާރާތުން ފަރަހައަށް ބުނެލި ބަހަށް ފަރަހަ ހޫރާލީ ބޮލެވެ. ހީވާގޮތުން މިކީ އެބުނި ވާހަކައަކަށް ފަރަހަ އެއްބަހެއް ނުވެއެވެ.

މިކީ ލައިގެން ހުރި އަލިފާން ކުލައިގެ ލޭސްފޮތީގެ ކޮކާ ހެދުމަކީ ފަރަހަ އަމިއްލަ އަތުން ޑިޒައިންކޮށް ފަހާފައިވާ ޕާޓީ ހެދުމެކެވެ. ހެދުމާ ގުޅޭނެހެން މިކީގެ އިސްތަށިގަނޑު ހަދާފައިވަނީވެސް ފަރަހައެވެ. އެއްވެސް މޭކަޕެއް ނުކުރިނަމަވެސް މިކީގެ ލޮލުގައި ވަރަށް ރީތިކޮށް އަނދުން އަޅާފައިހުރި އިރު މޫނުގެ ދޮންކަން އިތުރުކޮށްލަދީފައި ވަނީ ބޮލުގައި އަޅާފައިވާ ލޭސްފޮތީގެ ރަންލުކައިގެ މާކޯޅިއެއް ކަހަލަ ބޭންޑެއްގެ ދަޅައެޅުމުންނެވެ. މިކީގެ ހެދުމާއި އިސްތަށިގަނޑު ހަދާފައި ހުރި ގޮތުން ހީވަނީ ރަންކޮކާލެއްގެ ސިފަޖެހިފަ ހުރި އަމީރާއެއްހެނެވެ.

ޕާޓީއަށް އަންނަން ހަމަޖެހިފައިވާ އެންމެންހެން ހާޒިރުވެ ނިމިއްޖެއެވެ. އެހެންނަމަވެސް ރައްޓެހި ކުދިންގެ ތެރޭގައި، ހުރި މިކީގެ ލޯ ހުރީ އަދިވެސް މައިދޮރާ ދިމާއަށް ހުއްޓިފައެވެ. ދެން ކުއްލިއަކަށް އެމޫނަށް ކޮންމެވެސް އުޖާލާ އަލިކަމެއް ވެރިވުމާއެކު، އަވަހަށް ރައްޓެހި ކުދިންނަށް އެބައަންނަމޭ ބުނެފައި، މިކީ އަވަސް ފިޔަވަޅުތަކެއް އަޅަމުން ދިޔައީ ގޭގެ މައިދޮރާށްޓާ ދިމާއަށެވެ. އަދި ދެން އެހިސާބުގައި ހުރި ގަސްތަކުގެ ތެރޭގައި ހުރި އަނދިރިކަނަކަށް ވަދެ ގެއްލިއްޖެއެވެ.

ޕާޓީއަށް އަންނަން ހަމަޖެހިފައިވާ މީހުން ހަމަވީ ކަހަލައެވެ. ފަރަހަގެ މަންމައާއި ބައްޕަގެ އިތުރުން ޝިވަންގެ މައިންބަފައިންނާއި އާއިލާގެ އެންމެންހެން ޕާޓީއަށް އައިސް އެބައުޅެއެވެ. ދެއާއިލާގެ ގުޅުން ކުރިންވެސް ވަރަށް ރަނގަޅެވެ. ޝިވަން އާއި ފަރަހަގެ ވަކިވުމުގެ ސަބަބުން ދެއާއިލާގެ ދެމެދުގައި މާކުރިއްސުރެ އޮތް އާއިލީ އެކުވެރިކަމަށް ހީނަރުކަމެއް އައި ނަމަވެސް މިކީގެ ސަބަބުން އެހީނަރުކަން ފިލާގޮސް، ކުރިއެކޭ އެއްގޮތަށް އެއްއާއިލާއެއްހެން އަނެއްކާވެސް އެގުޅުން ވަނީ ބަދަހިވާން ފަށާފައެވެ.

ކޭކު ބަހައްޓާފައި ހުރި ހަޓްދަށުގައި، ޒިލާއާއި ކޮންމެވެސް ހާއްސަ ވާހަކައެއް ދައްކަން ހުރި ފަރަހައަށް ގަޑި ބަލާލެވުނީ ކޭކު ފެޅުމަށް ހަމަޖައްސާފަވާ ވަގުތު ޖެހުނުތޯ ބަލާލުމަށެވެ. އަސްތާއެވެ. ދިހައެއް ޖަހައިފިއެވެ. މިހާރުދެން ހުރިހާ އެންމެންވެސް ކައިނިމިދާނެތާއެވެ. މިގޭގައި އަބަދުވެސް ކޮންމެ ޕާޓީއެއްވެސް ރޭގަނޑު ބާއްވައިފިނަމަ އެގާރަ ޖެހުމުން އެ ޕާޓީ ރޫޅާލެވޭނެއެވެ. އަދި ގޭތެރޭގެ ކަންތައް ހަމައަކަށް އަޅުވާ ބާރަ ޖަހަންވާއިރަށް ގޭގެ ބޮކި ނިދާބޮތްކަށް ބަދަލުކޮށްލެވޭނެއެވެ. މިއީ ފަރަހަގެ ގަވާއިދުގައި އޭނާގެ ތާވަލުގައި ކަންތައް ކުރަމުންދާގޮތެވެ.

"ޝިވަންއާއެކުގަ ބޭރަށް ނުކުތީކަންނޭނގެ.. .އަޅެ އެދިމާ ބަލާލަން ފަރާ ދޭބަލަ.... އަހަރެން މަންމަމެން ގާތުގަ ހުރިތޯ ބަލާލާނަން... ޒައުލްވެސްވީ މަންމަ ގާތުގައޭ..."

ޒިލާ ހިނގައިގަތީ ޝިވަންގެ މަންމަމެން އިށީނދެގެން ތިބި މޭޒުތަކާ ދިމާއަށެވެ. އަދި ފަރަހަ އަވަސް ފިޔަވަޅުތަކެއްގައި ބޮޑުދޮރާ ދިމާއަށް ދިޔައިރުވެސް އެކިތަންތަނަށް ރަނގަޅަށް ބަލަމުންދިޔައެވެ. އެހެންނަމަވެސް، ގާތްގަނޑަކަށް ގޭގެމައިދޮރާހަމައަށް ދެވުނުއިރުވެސް މިކީއެއް ނުފެނެއެވެ. އަދި ޝިވަންއެއްވެސް ފެންނާކަށް ނެތެވެ.

"ދޮންމޫނަކުން ވިދުވައިފިއޭ، މިބިމާފަޒާ ހުޅުދާންވިއޭ."

ހާސްވެ ކަންބޮޑުވެފައި ގޭގެ މައިދޮރާ ދިމާއަށް ގޮސްގޮސް ހުރި ފަރަހަގެ އަތުގައި ހިފުމާއެކު، އެމީހަކު ލަވައެއް އަޅުވައިލިއެވެ.

"އޭތް... ރޯމިޔޯ... ރޮމޭންސްގެ ގަޑިއެއް ނޫން މީ.... މޫޑެއް ނެތް.... ބަލާފަ ނޭނގޭތަ؟ ބެސްޓްފްރެންޑޯ މީ...." އަނގައަށް ގޮތެއް ހަދާލާފައި ދާދިގާތަށް ހުއްޓުނު ޝިވަންއަށް ބަލާލަމުން ފަރަހަ ބުނެލިއެވެ.

"މިކީ ކޮބާތަ...؟ ޑެޑާގެ ޕަރީއަކަސް ބައެއް ކަންތަކުގައި ޝިވަން ވަރަށް ފަރުވާކުޑަވާނެ... މިހާރު ބަލާލަ ގަޑި...." ފަރަހަ ހިތްހަމަނުޖެހުމުގެ ރާގެއްގަ ވާހަކަދެއްކިއެވެ.

"އޯހޮހޯ.... ހަމަޖެހިބަލަ.... މަށެއް ނުދެކެމޭ މިކީއެއް... އޭރު އައި ގޮތަށް ކުދިންނަށް ސާވިސްކޮށްދިނުމުގަ އެކިއެކި މޭޒުދޮށުގަ މިއުޅެނީ... ކިހިނެއްތަވީ....؟" ޝިވަން ހައިރާންވެފައި އަހާލިއެވެ.

ޝިވަންއާއެކުގައި މިކީ ނެތްކަން އެނގުނީމަ ފަރަހައަށް ފަހަތަށް ޖެހިލެވުނެވެ. އަނެއްކާ މިކީ އެދިޔައީ ކޮންތަނަކަށް، ކާކާއެކުގައިބާވައެވެ. ފަރަހަގެ ލޮލުން ހައިރާންކަމާއި ބިރުގަތުމުގެ އަސަރުން ކަރުނަ ނިރާލައިފިއެވެ. އޭނާގެ ތުއްތު ދަރިފުޅު އެދިޔައީ ކޮންތަނަކަށްހެއްޔެވެ. ބުނުމަކާ ނުލައި އެއްވެސް ކަމަކުވެސް ތަނަކަށް ނުދާ، މިކީ މިރޭ އެދިޔައީ ކޮންތާކަށްބާވައެވެ. އަނެއްކޮޅުން މަންމަމެން ގާތަށް މިކީ ހުރިތޯ ބަލާލަން ދިޔަ ޒިލާވެސް ތެޅެމުން ފޮޅެމުން އެމީހުން ގާތަށް އަތުވެއްޖެއެވެ. އަދި އެއިން އެއްވެސް ތަނެއްގައި މިކީ ނެތްވާހަކަވެސް ބުނެލިއެވެ. އެއާއެކު ފަރަހަގެ ގައިން ވަރުދޫވެގެން ދިޔަކަހަލައެވެ. އަރިއަޅާލާ ކަހަލަ ގޮތެއް ވުމާއެކު ޝިވާން ހުށިޔާރުވެ ފަރަހަގެ ކޮނޑުގައި ހިފެހެއްޓިއެވެ.

(ނުނިމޭ)