މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން މިހާތަނަށް ހިންގި އޮޕަރޭޝަންތަކުން 2018 ވަނަ އަހަރުން ފެށިގެން މިހާތަނަށް 2000 ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މި މައުލޫމާތުތައް ހާމަކުރީ ލ. ގަމުގައި ކުރިއަށްދާ ވިއަވަތި ކޮންފަރެންސްގައެވެ. މި ކޮންފަރެންސްގައި ފުލުހުން އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން 2018 ވަނަ އަހަރުން ފެށިގެން މިހާތަނަށް 2،066.33 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ. އޭގެ ތެރެއިން ނައްތާނުލެވި ހުރީ 36.16 ކިލޯގެ މަސްތުވާތަކެތި އެކަނި ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ދެހާސް ނަވާރަ ވަނަ އަހަރުން ފެށިގެން މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން 605 އިންޓެލިޖެންސް އޮޕަރޭޝަނެއް ހިންގާފައިވާ އިރު، އެ މުއްދަތުގައި އަތުލައިގަނެވުނު ތަކެތީގެ އަގު 1.4 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން ދެކުނުގެ އަތޮޅުތަކުގައި މަސްތުވާތަކެތި ބޭނުންކޮށް އަދި އޭގެ ވިޔަފާރި ކުރުމުގައި 204 އަންހެނުން ހަރަކާތްތެރިވެއެވެ. މި އަތޮޅުތަކުގައި މަސްތުވާ ތަކެތި ބޭނުންކުރާ އުމުރުން 50 އަހަރުން މަތީގެ 59 މީހަކު އުޅޭއިރު، އޭގެ ވިޔަފާރި ކުރުމުގައި ހަތް މީހަކު އުޅެއެވެ. އަދި އޭގެ ތެރޭގައި 50 އަހަރުން މަތީ ތިން އަންހެނުންވެސް ހިމެނެއެވެ.

އޭގެ އިތުރުން 18 އަހަރުން ދަށުގެ 380 ކުދިންވެސް މި ސަރަހައްދުގައި މަސްތުވާތަަކެތީގެ މައްސަލަތަކުގައި ޝާމިލުވާ ކަމަށް ފުލުހުން ބުންޏެވެ.

ދެކުނުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން އެންމެ ގިނައީ އައްޑޫ ސިޓީ އާއި ފުވައްމުލަކުގައެވެ. އައްޑޫ ސިޓީގައި އެކަނިވެސް މަސްތުވާތަކެތި ބޭނުންކުރާ 933 މީހުން އުޅޭއިރު، ފުވައްމުލަކު ސިޓީގައި 422 މީހަކު އުޅެއެވެ. އަދި ގދ. އަތޮޅުގައި 415 މީހުން، ގއ. އަތޮޅުގައި 246 މީހުން، ލ. އަތޮޅުގައި 266 މީހުން، ތ. އަތޮޅުގައި 218 މީހުންގެ އިތުރުން ދ. އަތޮޅުގައި 46 މީހަކު އުޅޭ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި އަތޮޅުތަކުގައި އެވުރެޖުކޮށް ހަ ބާވަތެއްގެ މަސްތުވާތަކެތި ބޭނުން ކުރާ ކަމަށެވެ. އެއީ ކެނަބިސް، ހެރޮއިން، ކޮކެއިން، މެތު، ބަނގުރާ އަދި ބޭހުގެ ބާއްވަތްތަކެވެ.

ފުލުހުން ވަނީ ގއ. ގެމަނަފުށީގެ އެންމެހާ ރައްޔިތުންނާއި މުއައްސަސާތައް ގުޅިގެން އެރަށުން މަސްތުވާތަކެތި އެއްކޮށް ނައްތާލަން ކުރި މަސައްކަތް ކާމިޔާބު ކުރި ގޮތުގެ ކުޑަ ޑޮކިއުމެންޓްރީ އެއްވެސް ދައްކާލައިފައެވެ.

ފުލުހުން ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ރައްޔިތުން ގުޅިގެން އެރަށުން ދެއްކި ނަމޫނާގެ އަލީގައި ރާއްޖޭގެ ކޮންމެ ރަށަކީވެސް މަސްތުވާތަކެތިން ސަލާމަތްވެފައިވާ މުޖުތަމައަކަށް ހެދޭނެ ރަށެއް ކަމަށެވެ.