ވާހަކަ

މޭ ފާރުވެ ޒަހަމްވުމުން - 38

1

"އެކަމަކު ދޮގަކަށް ނަމަވެސް ދަރިފުޅު ދެންމެ ތިބުނި ފަދަ އެއްޗެއް ނުބުނާތި" ރާޝިދު ބުންޏެވެ.

ބަރަކް ބޯޖަހާލިއެވެ. އަޔާލް އެރަށަށް ދާން އެއްބަސްވީ ބަރަކް ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ ކަމަށް ބުނުމުންނެވެ.

"ރާބޭ ދެން ބަރަކަށް ކިޔައިދީބަލަ ކަންތައްވީ ގޮތް" ޒުބައިރު ބުންޏެވެ.

"އަހަރެންގެ އަޔާލު އައިމަ ދެކުދިން އެއްތާކު ތިބެގެން" ރާޝިދު ބުންޏެވެ.

*******

ބޭރަށް ދާން ތައްޔާރުވެގެން ރިންދާ ކޮޓަރިން ނުކުތްއިރު ސޯފާގައި އަޔާލް އިނެވެ. ވަކިން ހުރި ސޯފާގައި އަޔާލްގެ ދަބަސް އޮތެވެ. ބަދިގެއިން ތަށި ތަޅުވާ އަޑު އިވުނަސް ގޭތެރެ އޮތީ ހުސްކޮށެވެ. ރިންދާ މާބޮޑަށް ރީތިވެފައި ނެތެވެ. ހަމައެކަނި ތުންފަތުގައި ގްލޮސްއެއް ހާކާލާފައި ހުރިކަމެވެ. ހުދުކުލައިގެ އަތްދިގު ޓީޝާޓަކާއި ނޫކުލައިގެ ޖީންސެއްގައެވެ. ރިންދާއަށް އަޔާލް ބަލައިލީ ކަރުއެލުވާލާފައެވެ. ދެޒުވާނުން އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބިއިރު ދެޒުވާނުންވެސް ދިޔައީ ބަސްމޮށުންތެރިކަމަކާ ނުލައި ވާހަކަދައްކަމުންނެވެ. އެކަކުގެ ހިތުގެ އިހުސާސް އަނެކަކަށް އެނގޭ ކަހަލައެވެ. ނަހީކާއެކުގައި ދުވަހަކުވެސް ކުލަނުޖެހޭނެ ލޯބީގެ ޑްރާމާއެއް ކުޅެން ރިންދާ ތައްޔާރުވަމުން ދިޔައިރު އެންމެ ބޮޑު ހިތްވަރެއް ކަމުގައި ދެކުނީ އަޔާލްއެވެ. އަބަދުވެސް އަޔާލް ފެންނަ ފަށުގައި ހުންނާނެ ކަމަށް ރިންދާ އުންމީދު ކުރިއެވެ. އެހެންނަމަވެސް ބަރަކް ބަލިވެގެން އަޔާލް ފުރަންއުޅޭކަން އެނގުނު ހިސާބުން ރިންދާގެ މުޅި ޒިންދަގީ ޚަރާބުވި ކަހަލައެވެ. އަޔާލާއެކުގައި އެދަތުރުގައި ބައިވެރިވާން ހިތްއެދުނެވެ. ނަހީކަށް އަދި ހަބަރެއްނުވެ ހުރެވުނުނަމައޭ ހިތަށް އެރިއެވެ. ނަހީކާ ބައްދަލުކުރަން ގޮސްފައި ރިންދާ އެނބުރި ގެއަށް އަންނައިރު އަޔާލް ނުހުންނާނޭކަން ހަނދާންވެފައި ރިންދާގެ ހިތްހަލާކުވި ކަހަލައެވެ. ހިތް އެދޭގޮތަށް އެއްވެސް ކަމެއް ނުވާކަން އެނގުމުން ރިންދާގެ ހިތަށް އަސަރުކުރިއެވެ. ދެލޮލަށް ކަރުނަޖަމާވިއެވެ. އަޔާލް ބަލަހައްޓައިގެން އިންގޮތުން ހިތްފަޅާއިގެންދާވަރު ވިއެވެ. ރިންދާއަށް ހޭވެރި ކަމެއް ލިބުނީ އަތުގައި އޮތް ފޯނަށް މެސެޖެއް އައި ހިސާބުންނެވެ. ބަލައިލި އިރު މެސެޖްކޮށްފައި އޮތީ ނަހީކެވެ. އިންތިޒާރުގައި އިން ވާހަކަ ބުނެފައި ނަހީކް އޮތެވެ.

"ދަނީ" ރިންދާ ބުންޏެވެ. އިތުރަށް އެއްޗެއް ބުނާނޭ ހިތްވަރެއް ރިންދާއަށް ނުލިބުނެވެ.

ދޮރާ ދިމާލަށް ރިންދާ އަޅަމުންދާ ކޮންމެ ފިޔަވަޅަކާއެކު އަޔާލްގެ ހިތް އިތުރަށް ނުތަނަވަސްކަން ލިބެމުން ދިޔައެވެ. އަތުން ރިންދާ ބީވެގެން ހިނގައިދާނޭކަމުގެ ބިރުހީވެ އަޔާލް ތެޅިގަތެވެ. އެހެން ފިރިހެނެއް ކައިރިއަށް ރިންދާ ފޮނުވާފައި އަޔާލް ކެތްކުރާނީ ކިހިނެއް ހެއްޔެވެ؟ ފަހަތުން އެދިޔަ ބާރުމިނުގައި ގޮސް ރިންދާގެ އަތުގައި ހިފެހެއްޓިއެވެ. ރިންދާގެ ގައިގައި ބައްދާލީ ދުވަހަކުވެސް ދޫކޮށްލަން ބޭނުންނުވާ ފަދައިންނެވެ. އެކަން ރިންދާއަށް އިހުސާސްވިއެވެ. ހިނދަކަށްފަހު ހިނދެއް އަޔާލް ދިޔައީ ރިންދާގެ ހަށިގަނޑަށް ބާރުކުރަމުންނެވެ.

*********

އެންމެ މިޒަމާނުގެ ފެންވަރަށް ފަރުމާކޮށްފައިވާ އިމާރާތަށް ބަލަހައްޓައިގެން ފަރީދުގެ ސައިކަލު ފަހަތުގައި ރޫބިޔާ އިނެވެ. އެގޭގެ ފުރިހަމަކަން ފެނި ރޫބިޔާގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. އެތެރެ ހުރިގޮތް ބަލާލަން ދާން ބޭނުންވެގެން ސައިކަލުން ފައިބައިގެން ގޮސް ތަޅުގައި ހިފާލިއެވެ. ހުޅުވޭގޮތް ނުވީ ތަޅުލާފައި ހުރުމުންނެވެ. ބޭރުން ހަރުކޮށްފައިވާ ރަނގަބީލަށް ރޫބިޔާ ފިތާލިއެވެ. މާގިނައިރެއް ނުވެ ދޮރުހުޅުވާލިއެވެ. ރޫބިޔާ ހީކުރިގޮތާ ހިލާފަށް ދޮރުމަތިން ބައްދަލުކުރީ އަޔާލް އެއް ނޫނެވެ. ބޭރުމީހެކެވެ. ރޫބިޔާ އެތެރެއަށް ވަންނަން އެމީހާ ތަންނުދިނެވެ. އެންމެފަހުން ރޫބިޔާ ރުޅިގަދަވެގެން އެމީހާއަށް ހަޅޭއްލަވަން ފެށިއެވެ. ދިވެއްސަށް ފަރިތަ މީހަކަށް ނުވުމުން ރޫބިޔާ ކިއީ އެއްޗެހި އެމީހާއަށް ފަހުމުވާ ގޮތް ނުވިއެވެ. އެންމެފަހުން ފަރީދަށް ޖެހުނީ ރޫބިޔާ ގަދަކަމުން ގެންދާށެވެ.

ގެއަށް ދިޔަ މަގުމަތީގައިވެސް ރޫބިޔާ ހަޅޭއްލެވުން ހުއްޓައެއް ނުލިއެވެ. އެރުޅިގަނޑުން ބައެއް ފަރީދަށްވެސް ބޭލިއެވެ. ފަރީދު ހެދި އެތިފަހަރު ފެނަށްވެގެން ދިޔުމުންނެވެ. ރޫބިޔާ ހިމޭންވީ އޭނާ ކިއި އެއްވެސް އެއްޗަކަށް ފަރީދު ރައްދު ނުދިނުމުންނެވެ. ފަރީދު ދެރަވީކަމަށް ހީކޮށް ރޫބިޔާ މައާފަށް އެދުނެވެ. މިވީ ދުވަސްކޮޅުގެ ތެރޭގައި ފަރީދުދެކެ ފާޑެއްގެ ލޯތްބެއް ރޫބިޔާ ވެއްޖެއެވެ.

"އެއީ އެ ބަރަކްގެ ކަންތައް" އެންމެފަހުން ރޫބިޔާ ކުށްވެރިކުރީ ބަރަކްއެވެ.

**********

ނަހީކްގެ ކުރިމަތީގައި ހުރި ގޮނޑީގައި ރިންދާ އިށިން އިރު ފަހަތުގައި ހުރި މޭޒެއް ކައިރީގައި އަޔާލް އިނެވެ. ފަހަތުން އަޔާލް އައިކަމެއް ރިންދާއަށްވެސް ނޭނގެއެވެ. ނަހީކްގެ އަތްދަށަށް އެގޮތަށް ރިންދާ ދޫކޮށްލަން އެއްގޮތަކަށްވެސް އަޔާލްގެ ހިތް އެއްބަހެއް ނުވިއެވެ. އެހެންކަމުން ފުރަންވަންދެންވެސް ރިންދާގެ ފަސްފަހަތުގައި ހުންނަން އަޔާލް ބޭނުންވިއެވެ.

"އަހަރެން ހީކުރީ އަހަރެންނަށް ރިދާ ގެއްލުނީ ކަމަށް" ނަހީކް ބުންޏެވެ. ރިންދާ ހީލީ ގަދަކަމުންނެވެ. މޭޒުމަތީގައި އޮތް ރިންދާގެ އަތުގައި ހިފަން ނަހީކް އުޅުނެވެ. އެހެންނަމަވެސް އަތް ރިންދާ ދަމައިގަތެވެ. ނަހީކްގެ މޫނަށް ވެރިވިކުލަވަރު ފެނި ރިންދާގެ މުޅި ހަށިގަނޑަށް ފިނިގަނޑެއް އަރައިގެންދިޔައެވެ.

"އަހަރެންނަށް ފުރުސަތެއްދީ ބަލަ. އަހަރެން ވަރަށް ލޯބިވޭ ރިންދާދެކެ" ނަހީކް ބުންޏެވެ.

ހަގީގަތުގައި ރިންދާއަށް އުނދަގޫތަކެއް އެބަވެއެވެ. މޫނުމަތިން އެކަން ނަހީކަށް އެނގިދާނެ ކަމަށްޓަކައިވެސް ރިންދާ އިނީ ކަންބޮޑުވެފައެވެ.

"ބަލީތަ؟" ރިންދާގެ ފުށުން އެއްވެސް ޖަވާބެއް ނައުމުން ނަހީކް ބުންޏެވެ.

ރިންދާ ދެފަރާތަށް ބޯހޫރާލިއެވެ. އޯޑަރުކުރި ކާއެއްޗެހިވެސް އައީ އެވަގުތުއެވެ. ކޮފީތަށި ކައިރިއަށް ޖައްސާލާފައި ނަހީކަށް ރިންދާ ބަލައިލިއެވެ. ނަސީބަކުން އެވަގުތަކީ ނަހީކް ރިންދާއަށް ބަލަން އިން ވަގުތެއް ނޫނެވެ.

"ނުބައީތަ؟" އެއްފަހަރު ތުނބުގައި ޖައްސާލިގޮތަށް ރިންދާ ކޮފީތަށި ދުރުކޮށްލިގޮތުން ނަހީކް ބުންޏެވެ. މިފަހަރުވެސް ރިންދާ ދެފަރާތަށް ބޯހޫރާލިއެވެ.

"ބައްދަލުކުރަން ބޭނުންވީ ރިދާ. އެކަމަކު ރިދާ އެކައްޗެއްވެސް ނުކިޔަނީ ކީއްވެ؟" ނަހީކް ބުންޏެވެ.

**********

ރިންދާ ގެއަށް އައިރު އަޔާލް ސޯފާގައި އިނެވެ. އޭރު ގަޑިން އެގާރަޖަހަން ކުޑަ ވަގުތުކޮޅެއް ހުއްޓެވެ. އަޔާލް ފެނުމާއެކު ރިންދާގެ އޮށްސިފައިވާ މޫނުމަތި އުޖާލާވެގެން ދިޔައެވެ. ގެއަށް އަންނައިރު އަޔާލް ނުހުންނާނޭ ކަމަށް ހީކުރެވުނު ހީކުރެވުން އެވީ ކުއްހީއަކަށެވެ. އެހާ ހިތްހަމަޖެހުން ރިންދާއަށް ލިބުނީ އެހެންވެއެވެ. ވަގުތުން ރިންދާއަށް އަޔާލްއާ ދިމާލަށް ދެވުނެވެ. އަޔާލްގެ ދެއަތުގެ ތެރެއަށް ވަދެވުމާއެކު ކުޑަކުއްޖެއްހެން ޝަކުވާކުރަން ފެށިއެވެ. ނަހީކް ދެއްކި ވާހަކަތަކެވެ. އަތުގައި ހިފަން ނަހީކް މަސައްކަތްކުރިކަމެވެ.

"އަހަރެން ހުރިން. ރިދާ ފެންނަ ހިސާބުގަ" ރިންދާ ހުރިހާ ވާހަކައެއް ދައްކަންދެން މަޑުކޮށްގެން ހުރެފައި އަޔާލް ބުންޏެވެ. ރިންދާއަށް ލިބުނީ ހައިރާންކަމެކެވެ. އަޔާލް ހުރިނަމަ ހުރީ ކޮންތާކު ހެއްޔެވެ؟ ރިންދާއަށް ނުފެނުނީ ކީއްވެގެން ހެއްޔެވެ؟

"އަހަރެންނަށް ގޭގަ ނުހުރެވުނު. އެހެންވެ ފަހަތުން ދިޔައީ" އަޔާލް ބުންޏެވެ.

ރިންދާ ދެރަވިއެވެ. އެދުމެއް ހާސިލުކުރުމަށް އެހާ ބޮޑަށް އަޔާލްގެ ހިތަށް އަނިޔާދޭން ޖެހުމުން ރިންދާގެ ހިތުގައި ރިއްސާލިއެވެ. ދެން ކުރިއަށް ވުރެވެސް ބާރަށް އަޔާލްގެ މޭގައި ބޮނޑިވެލިއެވެ.

"މިކަން ނިމޭނެ ވަރަށް އަވަހަށް" ރިންދާ ބުންޏެވެ.

********

ނިދަން އެނދުގައި އޮވެ ރިންދާ ވިސްނިއެވެ. ނަހީކްގެ ކުރިމައްޗަށް އަރާފައި ދޭން ބޭނުންވި އެއްވެސް ޖަވާބެއް ނުދެވުނެވެ. ރަނގަޅަށް ވާހަކަވެސް ނުދެއްކުނެވެ. ނަހީކް އެތަކެއް ފަހަރު ސުވާލުކުރިއެވެ. ކުއްލިއަކަށް ރިންދާއަށް ބަދަލު އައީ ކީއްވެގެންތޯ ސުވާލުކުރިއެވެ. ދައްކާނެ ވާހަކައެއް ކުރިން ވިސްނާނުލެވި ހުރުމުން އަނގަ އޮޅޭ ގޮތް ވިއެވެ. ރިންދާ ޖެހިލުންވެފައި އިންކަން ރިންދާގެ އަމަލުތަކުންވެސް ނަހީކް ދެނެގަތެވެ. ބިރުނުގަންނާށޭ ނަހީކް ބުނީ އެހެންވެގެންނެވެ. ރިންދާ އުންމީދުކުރި ގޮތާ ހިލާފަށް މިފަހަރު ފެނުނީވެސް މުޅިން ތަފާތު އިންސާނެކެވެ. ކުރީގަ ފެނުނު ދީވާނާކަމާއި މޮޔަކަން ނަހީކްގެ ދެލޮލުން ރިންދާއަށް ނުފެނުނެވެ. މޮޔަ ވާހަކަތަކާއި މަޖުބޫރުކުރުމެއް ނެތެވެ. އޯގާތެރިކަމާއެކު ރިންދާގެ އިތުބާރު ހޯދަން ނަހީކް މަސައްކަތްކުރިތަން ރިންދާއަށް ފެނުނެވެ.

"ރިދާ އަހަރެންނާ އިންނާނަންތަ؟" އެއީ ނަހީކް ކުރި ސުވާލެކެވެ. ބުނާނެ އެއްޗެއް ދުލަށް ނައުމުން ރިންދާއަށް ކުރެވުނުހާވެސް ކަމަކީ ބޯ ޖަހާލުމެވެ.

"އެކަމަކު އަހަރެން ވަގުތު ބޭނުން. މިބުނީ ކައިވެންޏަކާ ހަމައަށް ދިޔުމުގެ ކުރިން" ރިންދާ ބުންޏެވެ.

ނަހީކް ރިންދާގެ ހުރިހާ ޝަރުތުތަކަށް އެއްބަސްވިއެވެ. ރިންދާ ނުރުހޭ ކަމެއް ނުކުރާނޭކަމުގެ ޔަގީންކަން ދިނެވެ. ނަހީކް ހުންނާނީ ރިންދާ ބެހެއްޓި ހިސާބެއްގައި ކަމަށް ބުންޏެވެ. ނަހީކް އެދުނީ އެންމެ ކަމަކަށެވެ. ދެވަނަ ފަހަރަށް ނުފިއްލައްޗޭ ރިންދާ ކައިރީގައި ބުންޏެވެ. ރިންދާގެ ބަސްމަދުވެފައި އިނުމުން ސުވާލުކޮށްގެންވެސް ޖަވާބެއް ނުލިބުމުން އެ ސުވާލުގެ ޖަވާބު ހޯދީ ނަހީކް އަމިއްލައަށެވެ. އޮފީހުގައި ހުއްޓައި ރިންދާ ގެއަށް ގެންގޮސްގެން ކަންތައްކުރެވުނު ގޮތާމެދު މައާފަށް އެދުނެވެ. ނަހީކްގެ ވިސްނުމަކީ ކޮބައިކަން ރިންދާއަށް އަންގައިދޭން މަސައްކަތް ކުރިއެވެ. އެތައް ފަހަރަކު ލޯބިވާ ކަމަށް ބުންޏެވެ. ދެލޮލުން ކަރުނަ ފާއްދާލި މަންޒަރުވެސް ރިންދާއަށް ފެނުނެވެ. އެހެންނަމަވެސް ރިންދާގެ ހިތް ވަނީ އެހެން މީހަކަށް ހިބައިން ދެވިފައެވެ. އަމިއްލަ ނަފުސަށް ވުރެވެސް ބޮޑަށް އަޔާލްދެކެ ރިންދާ ލޯބިވެއެވެ. ނަހީކް ފަދަ ޖަނަވާރަކަށް ދުވަހަކުވެސް ރިންދާގެ ހިތެއް ނުދެވޭނެއެވެ. ހިލޭ އަންހެނެއްގެ ކުރިމަތީގައި ލޯބިވާ ކަމަށް އިއުތިރާފުވި އިރު އެންމެ ފަހަރަކުވެސް ތިމާގެ އަންބަކު އިންކަމެއް ހަނދާނެއް ނެތެވެ. ކުރި ކައިވެންޏާ ގުޅުވައިގެން އެންމެ ލަފްޒެއްވެސް ނުބުނެއެވެ. އަމިއްލަ އެދުން ބޮޑު އިންސާނެކެވެ.

*********

ބަނދަރަށް ލޯންޗު ކައިރިކުރި އިރު ބަރަކް ގަސްދަށުގައި ހުރި ޖޯއްޔެއްގައި މަޑުކޮށްލައިގެން އިނެވެ. ރަށު މީހުންގަނޑު ފައިބަންދެން މަޑުކޮށްލައިގެން ހުރެފައި އަޔާލް ފޭބީ އެންމެ ފަހުންނެވެ. އަލަށް އައި ރަށެއްކަމުން އަޔާލްއަށް ދާނެ ދިމާލެއް ނޭނގިފައި ހުއްޓެވެ. ކުރިމަތިން ބަރަކް ފެނުމާއެކު އަޔާލްގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ. ލޯބިވާ ކޮއްކޮ ހެޔޮހާލުގައި ހުރިތަން ފެނުމުން ހެއްދެވިފަރާތަށް ޙަމްދުކޮށްލެވުނެވެ.

"ކޮންއިރަކު ދޫކޮށްލީ. ނުވެސް ބުނަމެއްނު" ބަރަކް ކުރިމަތީގައި ހުއްޓުމާއެކު އަޔާލް ބުންޏެވެ. ބަރަކް އަޔާލްއަށް ޖަވާބެއްނުދީ އަޔާލްގެ ގައިގާ ބައްދާލިއެވެ. މައާފަށްއެދުނެވެ. އަޔާލްއަށް ލިބުނީ ހައިރާންކަމެކެވެ. ގެއަށް ދިޔުމުގެ ބަދަލުގައި އަޔާލް ގޮވައިގެން ބަރަކް މިސްރާބުޖެހީ ވަލާ ދިމާލަށެވެ.

"ކޮންކަމަކާ ބަރަކް މައާފަށްއެދުނީ" ދިޔަ މަގުމަތީގައި އަޔާލް އެހިއެވެ.

"މާބޮޑުކަމެއް ނޫން. އިރުކޮޅަކުން ދޮންބެއަށް އެނގިދާނެ" ބަރަކް ބުންޏެވެ.

ރާޝިދު ރުކަށް ދިޔައީ ކޮންމެހެންވެސް ދާން ޖެހިގެންނެވެ. މީހަކު ކައިރީގައި ރުކު އަޅައިދޭނެ ކަމަށް ވައުދެއްވެވިފައި އޮތުމުންނެވެ. އެހެން ނޫނީ އަޔާލް އާ ބައްދަލުކުރަން ދާންވެސް ރާޝިދު ހުރީ ތައްޔާރަށެވެ.

ހިނގާ ހިނގާ ވަރުބަލިވި އިރުވެސް މީހުން ދިރިއުޅޭ ގެއެއް ނުފެނުމުން އަޔާލް ހިތުގައި ސުވާލު އުފެދުނެވެ. ބަރަކް އެދަނީ ކޮންތާކަށް ހެއްޔެވެ؟

"މިއީ މިރަށު ވަލެއްނު. މިތަނަށް ކީއްކުރަން؟" ބަރަކް މަޑުކޮށްލުމުން އަޔާލް އެހިއެވެ.

"ދޮންބެ މަޑުކުރައްޗެ. އެބައަންނަން ދަޅެއް ގަނެގެން" އަޔާލް ކުރި ސުވާލަށް ބަރަކް ޖަވާބެއް ނުދިނެވެ.

ބޯކެޔޮ ގަސްތައްދޮށުގައި ބަހައްޓާފައި ހުރި ރާޝިދު ދުއްވާ ބައިސްކަލަށް އަރައިގެން ރަށުތެރެއަށް ބަރަކް ދުއްވާލިއެވެ. އެދިމާލަށް ބަލަން ހުރެފައި އަޔާލް ދެފަރާތަށް ބޯހޫރާލިއެވެ. ބަރަކްއަށް ބަދަލުތަކެއް އައިސްފައި ހުރިކަން އަޔާލްއަށް ފާހަގަވިއެވެ. މީހުން ދިރިނޫޅޭ ހިސާބަކަށް ދޫކޮށްލާފައި ދިޔައިރު އަޔާލްގެ ހިތުގައި ސުވާލުތައްވީ އިތުރެވެ. އެތަނުން ނުކުމެގެން ބަރަކް ދިޔަ ދިމާލަށް ހިނގައިގަންނަންވެސް އަޔާލްގެ ހިތަށް އެރިއެވެ. އެހެންނަމަވެސް ދަޅެއް ގަނެގެން އަންނާނަމޭ ބަރަކް ބުންޏެވެ. ބަރަކް އަންނާނަމޭ ބުނެފިއްޔާ އަންނާނެކަން އަޔާލްއަށް ޔަގީނެވެ. އިށީންނާނެ ތަނެއް ފެނޭތޯ އަޔާލް އެތެރެއަށް ހިނގައިގަތެވެ.

ތަފާތު ސޫފީގެ ގޮވެލިތަކުން ތަނުގެ ފަޅުކަން ކަނޑުވާލާފައިވިއެވެ. ބޯކޮށް ހެދިފައިވާ ގަސްތަކުގެ ތެރެއިން ދެފަތް ދޭތެރެއިން އެޅިފައިވާ ކޮކާ އަވިނޫން އެންމެ އަވިކޮޅެއްވެސް އެ ސަރަހައްދަކު ނެތެވެ. ގަސްބުޑެއްގެ މަތީގައި އިށިން އަޔާލްއަށް ކުޑަވެސް ހިތްހަމަޖެހުމެއް ލިބުނީ އަޔާލް އާ ގާތްގަނޑަކަށް އެގާރަ ފޫޓް ދުރުގައި ހުރި ރުކަކުން ފޭބި އުމުރުން ދުވަސްވީ ފިރިހެނެއް ފެނިފައެވެ. އެމީހަކު އައީ އަޔާލް އާ ގާތަށެވެ. ހިތްހެޔޮ ހިނިތުންވުމެއްގެ ވެރި އެމީހާ އަޔާލްގެ ކުރިމަތީގައި ހުއްޓުނެވެ. އެއް އަތުގައި އޮތް ކަތިވަޅި އާއި ބޭނުންކުރާ އެހެނިހެން ސާމާނުތައް ހުރި ދަބަސްގަނޑު ތިރީގައި ބާއްވާފައި އަޔާލްގެ ކޮނޑުގެ ދެފަރާތުގައި ހިފެހެއްޓިއެވެ. އަޔާލްއަށް ލިބުނީ ހައިރާންކަމެވެ. ފުރަތަމަ ހީކުރެވުނީ ރަނގަޅަށް ސިކުނޑި މަސައްކަތް ނުކުރާ މީހެއް ކަމަށެވެ. އެހެންނަމަވެސް އަޔާލްއަށް އެ ވިސްނުން ދޫކޮށްލަން މަޖުބޫރުކުރީ އެމީހާގެ ދެލޮލުން ފައިބައިގަތް ކަރުނަތައް ފެނުމުންނެވެ. އެވީގޮތެއް ވިސްނަންވީ އެއްޗެއް އަޔާލްއަކަށް ނޭނގުނެވެ. އެމީހާ އާ ސުވާލެއްކޮށްލަންވެސް ހަނދާންނެތިފައި އަޔާލް ހުއްޓެވެ. އެމީހާއަށް ގޮވާލާނެ ނަމެއް ނޭނގުނުތާ ފާޑުފާޑުގެ އެއްޗެހިތަކުން ހިތަށް އުނދަގޫތަކެއް ވަމުން ދިޔައެވެ. ވަލު ތެރެއިން ފެނުނު ރޫހާނީ ކަމެއް ކަމަށް ހީކޮށް ދެފައިގައި ތުރުތުރު އަޅައިގަތެވެ. އަޔާލްއަށް ހަމަޖެހުމެއް ލިބުނީ ދުރުން އަންނަ ބައިސްކަލެއް ފެނިފައެވެ.

"ތީ މަގޭ އަޔާލްކަން ޔަގީން. ބަރަކްދޯ މިތަނަށް ގެނައީ. އެވެސް ސިޔާސަ ކުއްޖެއް. ކުޑައިރުވެސް ނިކަން އެކަހަލަ ކަންކަންކުރާނެ" ރާޝިދު ހިތްހެޔޮކަމާއެކު ވާހަކަދެއްކިއެވެ.

އަޔާލްގެ ހިތުގައި އޮޅުންބޮޅުން ގަނޑެއް އުފެދުނެވެ. އެއީ ކާކު ހެއްޔެވެ؟ ބަރަކްވެސް އެނގޭ މީހެކެވެ. ގާތްތިމާގެ މީހެއް ކަންނޭނގެއެވެ. އަޔާލް ހީލިއެވެ. ރާޝިދުއަށް އަތްދިއްކޮށްލާފައި ސަލާން ގޮވާލިއެވެ. އެ އަތުގައި ރާޝިދު ހިފިއެވެ. ސަލާން ބަލައިގަނެފައި ރާޝިދަށް ވުރެ މާބޮޑަށްވެސް އިސްކޮޅުން ދިގު އަޔާލްގެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ.

"ބޭބެގެ ހާލު ރަނގަޅުތަ؟" އަޔާލް އެހިއެވެ. ރާޝިދު ދެތުންފަތް ފިއްތާލިއެވެ. އަޔާލް 'ބޭބެ' ނަމުން މުހާތަބު ކުރީމައެވެ. އެހެންއެވީ އަޔާލްއަށް އެއްވެސް ކަމެއް ނޭނގޭތީކަން އަމިއްލަ ހިތަށް ރާޝިދު ވިސްނައިދިނެވެ.

ބައިސްކަލް ހުރިތަނުގައި ބަހައްޓާފައި ބަރަކް ކައިރިވި އިރު އަޔާލްއަށް ގަނެގެން އައި ދަޅު އަތުގައި އޮތެވެ. ރޮވިފައި ހުރި ރާޝިދު ފެނުމުން ބަރަކް ހިތުގައި ރިއްސާލިއެވެ. އަޔާލް ހަމަޖެހިފައި ހުރިތަން ފެނުމުން އަދި އެއްވެސްކަމެއް އަޔާލްއަށް ނޭނގޭކަން ބަރަކްއަށް އެނގުނެވެ.

"ބަރަކް ނުވެސް ބުނަމެއްނު އަހަރެމެންގެ ތިމާގެ ބޭބެއެއް މިރަށުގަ ހުރި ވާހަކައެއް" އަޔާލް ބުންޏެވެ.

"ދަރިފުޅާ. ބައްޕަ އޭ ބުނޭ. މިއީ ބައްޕަ. ތިދެކުދިންގެ ބައްޕަ ރާޝިދު" ރާޝިދު ބުންޏެވެ.

އަޔާލްއަށް ލިބުނު ހައިރާންކަން މުޅި ހަށިގަނޑަށް ފެތުރިގަތް ކަހަލައެވެ. ހަށިގަނޑުގެ ހުރިހާ ގުނަވަނެއް އައްސިވެގެން ދިޔަ ކަހަލައެވެ. ރާޝިދުއަށް ވުރެ ކުޑަތަންކޮޅެއް ފަހަތުގައި ހުރި ބަރަކްއަށް އަޔާލް ބަލައިލި ހިނދު ބަރަކް ބޯޖަހާލިއެވެ. ބަރަކްގެ ދެލޮލުގައިވެސް ކަރުނައެވެ. ރާޝިދުގެ ދެލޮލުގައި ކަރުނައެވެ. ކަރުނަ ނެތީ އަޔާލްގެ ދެލޮލުގައެވެ. ކުރިމަތިން ނިއުޅުވެންފެށި ހަގީގަތް ގަބޫލުކުރަން އަޔާލްއަށް ދަތިވަނީއެވެ. އެހެންނަމަވެސް އެހެން ބުނާކަށް ބޭނުމެއް ނުވިއެވެ. އެކައްޗެއް ދިމާވުމުންނެވެ. ދުވަހަކުވެސް ބައްޕަ ހުންނަގޮތް އަޔާލްއަށް ނޭނގުނަސް ބައްޕަގެ ނަމަކީ ރާޝިދުކަން އަޔާލްއަށް އެނގެއެވެ. އެއީ އެއްދުވަހަކު ގޭތެރެއިން ރޫބިޔާ އާ ދެމެދު ކުރެވުނު ޒުވާބެއްގެ ތެރެއިން ރޫބިޔާގެ ފަރާތުންނެވެ.

"ބައްޕަ.... ބައްޕަ......" އަޔާލްއަށް ޖުމްލަ ފުރިހަމަކުރަން ދަތިވިއެވެ.

ހޭލާ ހުއްޓައި ފެންނަ ހުވަފެނޭ ހީވިއެވެ. ޖަވާބު ބޭނުންވާ އެތައް ސުވާލުތަކެއް ހިތު ތެރޭގައި ފުނިޖެހުނެވެ. ދިރިއުޅުމުގެ އެހިސާބުން އަޔާލްގެ ދިރިއުޅުމަށް އެފަދަ ބަދަލެއް އަތުވެދާނެ ހެއްޔެވެ؟ އެއީ ބަރަކްއަށް ކުރެވޭ ކުއްހީއެކޭ އެއްފަހަރު ހިތަށް އެރިއްޔާ ހަގީގަތުގައިވެސް އެއީ ހަމަ ބައްޕައޭ އަޔާލްގެ ހިތް ބުނެލައެވެ. އެވަގުތުކޮޅު އަޔާލްގެ ހިތެކޭ ދެއަތަށް ކިރޭ ކައްޓާއެކޭ ތަފާތެއްނެތެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟