ޚަބަރު

އެއްޖިނސުން ގުޅުން ހިންގުމުގެކުށް ނާޒިމް ސައްތާރުގެ މައްޗަށް ސާބިތުވެއްޖެ، ހުކުމް އިއްވުން މިހަފުތާގައި

އިބްރާހިމް ޒަކީ

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު، ނާޒިމު އަބްދުއްސައްތާރުގެ މައްޗަށް އެއްޖިންސުން ޖިންސީ ގުޅުން ހިންގިކަމުގެ ކުށް ސާބިތުވެއްޖެއެވެ.

ބަނގްލާދޭޝްގެ ރައްޔިތެއް ކަމަށްވާ، އެމްޑީ އަލަމްގީރް ކިޔާ މިީހަކާއެކު، އެއްޖިންސުން ޖިންސީ ގުޅުން ހިންގި މައްސަލަ އޭނާގެ މައްޗަށް ސާބިތު ބީ، މިއަދު އޮތް އެ މައްސަލައިގެ އިބްތިދާއި އަޑު އެހުމުގައި އޭނާ އެކަމަށް އިއުތިރާފު ވުމުންނެވެ.

ޕްރޮސިކިއުޓާޖެޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް ޝަފީއު ވަން އަށް މިއަދު ވިދާޅުވީ، ނާޒިމް ކުށަށް އިއުތިރާފު ވެފައިވާތީ ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވީ އެ މައްސަލައިގެ އަވަސްނިޔާ އަޑުއެހުމެއް ކަމަށެވެ. އޭނާ ކުށަށް އިއުތިރާފު ވެފައިވާތީ އޭނާގެ މައްޗަށް މި ހަފުތާގައި ހުކުމް އިއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ނާޒިމްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާގެ އަސާސީ އަދަބަކީ، ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް އޭނާ ކުށަށް އިއުތިރާފުވެފައިވާތީ އެއް ދަރަޖަ ލުއިކޮށް، އޭނާގެ މައްޗަށް އަންނާނީ ހަތް މަހާއި ހަ ދުވަހުގެ ހުކުމެކެވެ.

އަލަމްގީރް އާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި އަލަމްގީރް އާއި ނާޒިމު ސައްތާރުގެ އިތުރުން، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓުގެ އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރި އަބްދުއްރަހުމާން ރަފީއު އާއި މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުގެ މައްޗަށް ދައުވާ ކުރިއެވެ.

އަބްދުއްރަހުމާން ރަފީއުއަށް ކުރާ ދައުވާގެ އަޑުއެހުންތައްވެސް ކުރިމިނަލް ކޯޓުގައި މިއަދު ވަނީ ފަށައިފައެވެ. މިއަދުގެ އަޑުއެހުމުގައި ވަކީލަކު ހަމަޖައްސަން އޭނާއަށް ވަނީ ދިހަ ދުވަސް ދީފައެވެ. އަދި ނަޝީދުގެ މައްސަލަ މިއަދު ފެށި ނަމަވެސް އޭނާގެ މައްސަލައިގައި ކުރިއަށްދަނީ ވަގުތީ އަމުރަކާ މެދު ގޮތް ނިންމުމުގެބައެވެ.

މި މައްސަލައިގައި އަލަމްގީރަށް ކުރި ދައުވާގައި އޭނާ ކުށަށް އިއުތިރާފުވެފައިވާތީ، ހަތް މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް ހުކުމްކޮށްފައެވެ.