Close
ލައިފް ސްޓައިލް

ބޭނުންވަނީ ކޮން ކަހަލަ ހަދިޔާއެއް؟ ސޮބީ ތައްޔާރުކޮށްދޭނެ

މަރިޔަމް ޝަފާ އިބްރާހިމް

1

އާއިލާއާއެކު ގޭގައި އިނދެގެން، ގެވެހި އަނތްބެއްގެ ވާޖިބު އަދާ ކުރުމާއެކު، ޒިންމާދާރު މަންމައެއްގެ ބުރަ މަސްއޫލިއްޔަތު ފުރިހަމަކުރަމުން، ދިރިއުޅުމަށްޓަކައި އާމްދަނީ ހޯދުމަށް މަސައްކަތް ކުރުމަކީ ފަސޭހަކަމެއް ނޫނެވެ. އަމުދުން އެހެން ބަޔަކަށް ހިދުމަތެއް ދިނުން ކަހަލަ މަސައްކަތެއްނަމަ ވަރަށް ސަމާލުވެގެން ނޫނީ، ހިދުމަތް ލިބިގަންނަ މީހުންގެ ރުހުމާއި ލޯތްބެއް ނުލިބޭނެއެވެ. މިގޮތަށް ގޭގައި ކުރާ މަސައްކަތަކީ އުފެއްދުންތެރި ހިޔާލުތަކަށް ބިނާކޮށް ކުރެވޭ ކަވި މަސައްކަތެއްނަމަ އެކަމުގައި ކުރިއަށް ދެވޭނީ ވަރަށް ހިތްވަރު ގަދަ އަޒުމުގައި ހަރުދަނާ ފަރާތަކަށެވެ.

ލާމު ގަމަށް އުފަން މަންމައަކާއި ބައްޕައެއްގެ ހަތަރުވަނަ ދަރިފުޅު އައިޝަތު ސޮބީނާ، ސޮބީއަކީ އެންމެ ޅަދުވަހުން ފެށިގެންވެސް، ކަރުދާހާއި ފޮތިން ތަފާތު ވައްތަރުގެ ތަކެތި އުފެއްދުމުގެ ހާއްސަ ޝައުގެއް ހުންނަ ޒުވާނެކެވެ. ސުކޫލު ދައުރު ނިމި ދިރިއުޅުމަކަށް ފެށިފަހުން، ސޮބީގެ މި ޝައުގު، އާމްދަނީ ލިބޭފަދަ މަސައްކަތަކަށް ބަދަލުވެގެން، ރަސްމީކޮށް ފެއްޓީ 2014 ވަނަ އަހަރުގައެވެ. އޭގެ ފަހުން މިހިސާބަށް އައިއިރު، ސޮބީއަކީ ގޭގައި އާއިލާއާއެކުގައި އުޅެމުން މިމަސައްކަތް ބަރާބަރަށް ކުރަމުން އަންނަ ޒުވާނެކެވެ.

އަތުން އެމްބްރޮއިރީގެ މަސައްކަތް ކުރުމަކީ ވަރަށް ކަވި އަދި އެހާމެ ސަމާލުވާން ޖެހޭ ކަމެއް ނަމަވެސް ސޮބީއަށް މިއީ މާބޮޑު ކަމެއް ނޫނެވެ. ހިތާނީ މޫސުމަށް ސޮބީއަށް އޮންނަ ޑިމާންޑު ބޮޑެވެ. ހިތާނީސާލަށް ލިބޭ އޯޑަރުތައް ގިނައެވެ. އެކި މުނާސަބާތަކަށް ބެނާތައް ތައްޔާރުކުރުމުގެ މަސްއޫލިއްޔަތު ހަވާލު ކުރެވެއެވެ. ސޮބީގެ މަސައްކަތަށް ބޮޑު ތަރުހީބަކާއި އެތައް ބައެއްގެ އިތުބާރުވެސް އަންނަނީ ލިބެމުންނެވެ.

"ޑިމާންޑު ކުޑަ ކަމެކޭ ނުބުނެވޭނެ. ވަރަށް ގިނަ އޯޑަރުތައް އާދޭ. އެކިއެކި މޫސުން، މުނާސަބާތަކާ ގުޅިގެން ކުރާ އޯޑަރުތައް ގިނަ. ހިތާނީމޫސުން، އުފަންދުވަސްތައް، ކައިވެނީގެ ހަފުލާތައް، އެކިކަލަހަލަ ދުވަސްތަކުގައި ހަދިޔާ ބަދަލުކުރުމަށް، މީހުންގެ ތަރުހީބު ބޮޑު ކަމެއް. މާލެއިންވެސް ގުޅާ. ތަންކޮޅެއް ބޮޑެތި އޯޑަރުނަމަ ތައްޔާރުކޮށްފަ މާލެ ފޮނުވަވެސްދެން."

ސޮބީ މިމަސައްކަތްކުރުމަށް ބޭނުންވާ ސާމާނު ގަތުމަށް އަމިއްލައަށް މާލެ އަންނަ ދަތުރުތަކުގައި މިކަމުގެ "ޝޮޮޕިން" ކޮށް، މުހިންމު ސާމާނު ސްޓޮކް ހުންނަވަރަށް ގަންނަނީ އަމިއްލައަށް ފިހާރަތަކަށް ގޮސް ބަލައި ޗެކްކޮށްގެންކަމަށްވެސް ސޮބީ ބުންޏެވެ. އެކަމަކު އެންމެ ބޮޑު ގޮންޖެހުމަކަށް ދިމާވެފައި އޮތް ކަމަކީ މަސައްކަތަށް ބޭނުންވާ އެންމެ އެކަށީގެންވާ ސާމާނު، ރަށުން ވެސް އަދި މާލެއިންވެސް ނުލިބޭތީ، އޯޑަރު ކޮށްގެން ގެންނަން ޖެހުންކަމަށްވެސް ސޮބީ ބުންޏެވެ.

"ވެޑިންގ މެކްރަމޭއާއި ކައިވެނީގެ ރަން ރަމްޒުކޮށްދޭ ފްރޭމް، ފްލާވާރބޫކޭ، މަނީބޮކޭ، އެކިކަހަލަ ބެނާތައް، ބޭބީމޮބައިލްސް، ފްލާވާކްރައުން، މަނީކްރައުންފަދަ އެތައް ވައްތަރެއްގެ އޯޑަރު އެކި ހަފުލާތަކަށް، ތަފާތު މުނާސަބަތުތަކަށް ބޭނުންވެގެން ދޭ އޯޑަރުތައް، އެންމެ ހާއްސަ ސަމާލުކަމެއް ދެނީ ވަގުތަށް ނިންމުމަށް، އަދި ވީއެންމެ ފުރިހަމައަކަށް ނިންމުމަށް."

ސޮބީ ބުނިގޮތުގައި ބޭނުންވާވަރަށް މިދާއިރާއިން އޭނާއަށް އިލްމު ލިބިފައެއްނެތެވެ. އޭނާ ދަސްކުރަން ބޭނުންވާ ވަރަށް ގިނަ ކަންތައް އެބަހުރިކަމަށާއި މިދާއިރާއިން އަދިވެސް ވަރަށްބޮޑަށް ކުރިއަށްދާން އެދޭ ކަމަށްވެސް ސޮބީ ބުންޏެވެ.

"އަޅުގަނޑުގެ އެންމެބޮޑު ޓާގެޓަކީ، މަސައްކަތަށް ބޭނުންވާ ސާމާނު ފަސޭހަކަމާއެކު ލިބިގެން އަމިއްލަ، މުޅީންވެސް އަމިއްލަ ސުޓޫޑިއޯއެއް ހުޅުވުން."

މިފަދަ މަސައްކަތެއް ކުރުމުގައި ގިނަ ދުވަސްތަކެއްވަންދެން ދެގޮތެއް ނުވެ، ދެމި ހުރެވޭނީ ކޮންމެވެސް ބައެއްގެ އެހީތެރިކަމެއްވެސް އޮވެގެންކަން ގައިމެވެ. ސޮބީ އޭނާގެ މިމަސައްކަތުގައި ދެގޮތެއް ނުވެ، އަަބަދަށްވެސް އެހީވަމުން އަންނަ އޭނާގެ އާއިލާއާއި ފިރިމީހާގެ އިތުރުން ހެޔޮއެދޭ ރައްޓެހި، ރަހުމަތްތެރިންނާއި އަދި އަބަދުވެސް އޭނާގެ މަސައްކަތަށް ތަރުހީބުދީ، ހިދުމަތް ހޯދާ އޭނާގެ ކަސްޓަމަރުންނަށް ހިތުގެ އެންމެ ފުންމިނުން ވަރަށް ހާއްސަ ޝުކުރެއް އަދާކުރިއެވެ.

މިގޮތަށް އާއިލާއާއެކު ގޭގައި ތިބެގެން އާމްދަނީ ހޯދުމަށް، މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އަދި މިގޮތަށް މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް ސޮބީގެ ނަސޭހަތަކީ "އެއްވެސް މީހަކަށް ޑިޕެންޑް ނުވެ، އަމިއްލައަށް ހިތްވަރާއެކު މަސައްކަތް ކުރާށޭ، އަޅުގަނޑަށް ވަންޏާ ތިބޭފުޅުންނަށްވެސް ވާނޭ" އެވެ.