ޚަބަރު

އެމްއެންޕީގެ އަސާސީ ގަވާއިދަށް އިސްލާޙު ހުށަހެޅުމަށް ހުޅުވާލައިފި

އިބްރާހިމް ޒަކީ

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފުރަތަމަ ގައުމީ ޖަލްސާގައި ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހު ހުށަހަން ބޭނުންވާ އެ ޕާޓީގެ މެންބަރުންނަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އެމްއެންޕީން މިއަދު ބުނީ، އެ ފުރުސަތު ހުޅުވާލާފައި ވަނީ، މިއަދުން ފެށިގެން މިމަހު 18 ގެ ނިޔަލަށް ކަމަށެވެ. އެހެންކަމުން އެ ޕާޓީގެ އަސާސީގަވާއިދަށް އިސްލާހު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، އިސްލާހު ހުށަހަޅަން ބޭނުންވާ ފޯމު ފުރުމަށްފަހު މިމަހު 18 ވަނަ ދުވަހުގެ 2:00 ގެ ކުރިން ޕާޓީ އޮފީސް ގ.ޕޫލްޑްރީން ގްރައުންޑް ފްލޯ އަށް ހުށަހެޅުމަށް ނުވަތަ މެއިލް ކުރުމަށް އެދޭ ކަމަށްވެސް ބުނެފައިވެއެވެ.

އެމްއެންޕީގެ ގައުމީ ޖަލްސާ ބާއްވަން ނިންމާފައި ވަނީ "ދަ ނެޝަނަލްސް ކޮންވެންޝަން 2022" ގެ ނަމުގައި މިމަހު 23 އިން 24 އަށެވެ.

އެ ޕާޓީގެ ތަރުޖަމާނު ޝިދާތާ ޝަރީފު ވިދާޅުވީ ވަނީ މިމަހު 23 ވަނަ ދުވަހުގެ ރޭ އޮންނާނީ ގައުމީ ޖަލްސާ ރަސްމީކޮށް އިފުތިތާހު ކުރުމާއި ޖަލްސާއަށް ވަޑައިގަންނަވާ ފަރާތްތަކަށް މަރުހަބާ ދެންނެވުން ކަމަށާއި 24 ވަނަ ދުވަހުގެ މަސައްކަތް ކުރިއަށްދާނީ ތިން ދަންފަޅިއަކަށް ބަހާލައިގެން ކަމަށެވެ.

އެ ދުވަހުގެ ފުރަތަމަ ދަންފަޅީގައި އޮންނާނީ ޕާޓީގެ އަސާސީ ގަވާއިދު އިސްލާހުކުރުމެވެ. ދެވަނަ ދަންފަޅީގައި އޮންނާނީ ޕާޓީގެ މައިގަނޑު ސިޔާސަތުތައް އެކުލަވާލައި އެ ސިޔާސަތުތަކާމެދު މަޝްވަރާކުރުމެވެ. އަދި ތިންވަނަ ދަންފަޅީގައި އޮންނާނީ ގައުމީ ޖަލްސާގެ ނިންމުމެވެ.