އަތޮޅުތެރޭގެ ވެހިކަލްތަކުން ނަގާ ފީ ރަށު ކައުންސިލްތަކަށް ލިބޭނެ ގޮތް ހެދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން މިހާތަނަށް 107 ކައުންސިލަކުން އެއްކޮށްފައިވާ މައުލޫމާތު ފިނޭންސް މިނިސްޓްރީއާއި ޓްރާންސްޕޯޓް މިނިސްޓްރީއާ ހިއްސާކޮށްފައިވާ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ އަފްޝަން ލަތީފް ވިދާޅުވެއްޖެއެވެ.

ލ. ގަމުގައި ފަށައިގެން މިހާރު ކުރިއަށްދާ ވިއަވަތި ރާއްޖެ ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި އަފްޝަން ވިދާޅުވީ، ވެހިކަލް ފީ ކައުންސިލްތަކަށް ލިބޭނެ ގޮތް ވީ އެންމެ އަވަހަކަށް ހަދައިދިނުުމަށް ކައުންސިލްތަކުން އެދިފައިވާ ކަމަށެވެ. އަދި ކައުންސިލްތަކުން ކުންފުނިތައް ހެދުމަށް ބޭނުންވާ ޕޭޕާވޯކާ ބެހޭ ވަރަށް ގިނަ މައުލޫމާތު އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ހާމަކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އަފްޝަން ވިދާޅުވީ މިފަދަ ބައްދަލުވުންތަކުގެ ބޭނުމަކީ އެންމެން އެކުގައި މަޝްވަރާކޮށް ލާމަރުކަޒީ ނިޒާމު ފުރިހަމަކުރުމަށް ބޭނުންވާ ނަތީޖާ ނެރުން ކަމަށެވެ.

އެގޮތުން މީގެކުރިން ބޭއްވި ވިއަވަތި ކޮންފަރެންސްގައި ލާމަރުކަޒީ ނިޒާމު ކުރިއަށް ގެންދިއުމަށް ހުރި ހުރަސްތަކުގެ ގޮތުގައި ކައުންސިލްތަކުުން ފާހަގަކުރި ކަންތައްތައް އިސްލާހުކޮށް ލާމަރުކަޒީ ނިޒާމުގެ ބާރުވެރިކަން ކައުންސިލްތަކަށް ލިބިދިނުމަށް ބައެއް ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން ކައުންސިލްތަކަށް ބްލޮކް ގްރާންޓް ދިނުމުގައި މިހާރު ގެންގުޅޭ ފޯމިއުލާ ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ލޭންޑް ޔޫސް ޕްލޭނާއި، ލާމަރުކަޒީ ސިޔާސަތު ތަންފީޒު ކުރުމުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އަފްޝަން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ކައުންސިލްތަކުގެ ބާރުވެރިކަން އިތުރުކުރުމަށް ހުރި ގޮންޖެހުންތައް ހައްލު ކުރުމަށް މިހާތަނަށް 78 ޓްރޭނިން ޕްރޮގްރާމް އެލްޖީއޭއިން ހިންގާފައިވާ ކަމަށެވެ.