އަންހެނުންނަށް ބައިކުޅަބައި ދީގެން މާނަވީ ލާމަރުކަޒީ ޖަޒީރާ ދިރިއުޅުމެއް ނުހޯދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ދެކުނުގެ އަތޮޅުތަކުގެ ކައުންސިލްތަކުގެ ރައީސުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންނާއެކު ހައްދުންމަތީ ގަމުގައި މިހާރު ކުރިއަށްދާ ތިން ވަނަ "ވިއަވަތި ކޮންފަރެންސް" ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ، ކައުންސިލްތަކުގެ ހިންގުމާއި ރަށުގެ ތަރައްގީ އާއި އިޖުތިމާއީ ހުރިހާ ކަމެއްގައި އަންހެނުންގެ ބައިވެރިވުން އިތުރުވާން ޖެހޭ ކަމަށެވެ.
"މައްސަލައެއް ހައްލު ކުރުމަށް، ނުވަތަ ކާމިޔާބެއް ހޯދުމަށް ކަމުގައިވިޔަސް، އަންހެނުންގެ ދައުރު ވީ އެންމެ ފުޅާ ދާއިރާއެއްގައި އޮންނަން ޖެހޭ. ޑަބްލިޔުޑީސީއާއި ކައުންސިލް އަދި ސަރުކާރާއެކުގައި ތިބެ، ކުރާ މަސައްކަތުގެ ނަތީޖާ މާފޮނިވާނެ. ގައުމުގެ ނުވަތަ އާބާދީގެ ދެބައިކުޅަ އެއްބައި ކަމުގައިވާ އަންހެނުންނަށް، ބައިކުޅަބައި ދީގެން މާނަވީ ލާމަރުކަޒީ ޖަޒީރާ ދިރިއުޅުމެއް ނުހޯދޭނެ" ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ރާއްޖޭގައި ފުރިހަމަކޮށް އަށަގަންނުވަން ޖެހޭނީ ދެމެހެއްޓެނިވި ގޮތެއްގައި ކަމަށެވެ. އަދި ވިއަވަތި ރާއްޖެ ކޮންފަރެންސް ރާއްޖޭގެ ހުރިހާ ކައުންސިލްތަކާއެކު ބާއްވަނީވެސް އެބޭނުމުގައި ކަމަށް ވިދާޅުވިއެވެ،
މި ސަރުކާރުން އަންނަނީ މިންތީގެ ހަމަހަމަކަން ގާއިމްކުރަން ހާއްސަ އިސްކަމެއް ދެމުންނެވެ. އެގޮތުން ކައުންސިލްތަކުގެ 33 ޕަސަންޓް ވަނީ އަންހެނުންނަށް ހާއްސަކޮށްފައެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް އެކުލަވާލައި، އެ ކޮމިޓީގެ މެންބަރުންގެ މުސާރަ ވަނީ ބޮޑުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު