ދެހާސް އަށާރަ ވަނަ އަހަރު އައިއިރު 70 ޕަސެންޓް ރަށުގައި ފެނާއި ނަރުދަމާއެއް ނެތް ކަމަށާއި މި ފަސް އަހަރުގެ އަމާޒަކީ އެކަން ނިންމުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ދެކުނުގެ އަތޮޅުތަކުގެ ކައުންސިލްތަކުގެ ރައީސުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންނާއެކު ހައްދުންމަތީ ގަމުގައި މިހާރު ކުރިއަށްދާ ތިން ވަނަ "ވިއަވަތި ކޮންފަރެންސް" ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ، ކަރަންޓާއި ފެނާ ނަރުދަމާއަކީ ހުރިހާ ރައްޔިތުންނަށް ކޮންމެހެން ލިބިދިނުން މަޖުބޫރު އަސާސީ ހިދުމަތްތައް ކަމަށެވެ.
ރައީސް ވިދާޅުުވީ، އެ ހިދުމަތްތަކީ، ލާމަރުކަޒީ ޖަޒީރާ ދިރިއުޅުމާއި ރާއްޖޭގެ ތަރައްގީގެ އަސާސްކަމަށެވެ.
"2018 އާ ހަމައަށް އައިއިރު، ރާއްޖޭގާ މީހުން ދިރިއުޅޭ 70 އިންސައްތަ އަށްވުރެ ގިނަ ރަށުގައި ފެނާ ނަރުދަމާއެއް ނެތް. މި ފަސް އަހަރު އަމާޒު ކޮށްފައި މިވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާ އަޅާ ނިންމުމަށް" ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ، ފާއިތުވި 70 އަހަރުން އަތޮޅުތަކުގައި ހުރި ކަރަންޓް މެގަވޮޓްގެ ޖުމުލަ މިދިޔަ ދެތިން އަހަރުން ދެގުނަ ކޮށްފައިވާ ކަމަށާއި ޖަޒީރާ ރާއްޖެއަށް ބޭނުންވާ އިތުރު ހަކަތަ ލިބެމުން އަންނަ ކަމަށެވެ.
ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ކުންފުނިތަކާ ހަވާލުކޮށްގެން ރަށްރަށުގައި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން، އެފަދަ މަސައްކަތްތައް އެންމެ ގިނައިން ހަވާލުކޮށްފައިވަނީ އެމްޑަބްލިޔުއެސްސީއާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު