ޚަބަރު

މުސާރައިގެ ހެޔޮ ބަދަލު ދެން އެންމެ އަވަހަށް ލިބޭނީ ސިއްހީ ދާއިރާއަށް: ރައީސް

1

މުސާރައިގެ ހެޔޮ ބަދަލު ދެން އެންމެ އަވަހަށް ލިބޭނީ ސިއްހީ ދާއިރާއަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދެކުނުގެ އަތޮޅުތަކުގެ ކައުންސިލްތަކުގެ ރައީސުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންނާއެކު ލ. ގަމުގައި މިހާރު ކުރިއަށްދާ ތިން ވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ކުރާ މަސައްކަތުގައި މުޅި އުމުރު އަވަދިކުރަމުންދާ މީހާއަށް ހައްގު އުޖޫރަ ލިބެންޖެހޭ ކަމަށެވެ. އަދި މިނިމަމް ވޭޖާއެކު، ގިނަ ބައެއްގެ އާމްދަނީ ރަނގަޅުވެފައިވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ޓީޗަރުންނާއި ޕްރިންސިޕަލުންގެ މުސާރަ ބޮޑުކޮށްދީ، ގާބިލު ޕްރިންސިލަލުންނާއި ޓީޗަރުން ލިބުމަށް އޮތް ހުރަސް ނައްތާލައިފައިވާ ކަމަށާއި މުސާރައިގެ ހެޔޮ ބަދަލު، ދެން އެންމެ އަވަހަށް ލިބޭނީ ސިއްހީ ދާއިރާއަށް ކަމަށެވެ.

ސިއްހީ ނިޒާމު ފުރިހަމަކުރުމަށް ކުރަންޖެހޭ ކަންކަން އަދިވެސް ވަރަށް ގިނަ ނަމަވެސް އެ މަސައްކަތްވެސް ކުރަމުން އަންނަކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ، ސްޕެޝަލިސްޓް ޑޮކްޓަރުންގެ އައުޓްރީޗް ޕްރޮގްރާމާއި މޮބައިލް ލެބޯޓަރީގެ ހިދުމަތް އަމާޒުކުރެވިފައި ވަނީ އެ ހިދުމަތް ކުރިން ނެތް ރަށްރަށަށް ކަމަށެވެ.

މިދިޔަ މޭ މަހުން ފެށިގެން ސަރުކާރުން ވަނީ ޓީޗަރުންނާއި ޕްރިންސިޕަލުންގެ މުސާރައިގެ އޮނިގަނޑަށް ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ.

އެގޮތުން "ދައުލަތުގެ ޕޭ ފްރޭމް ވާކް" ގައިވާ ގޮތުން ޑިޕްލޮމާ ލެވެލްގެ ޓީޗަރަކަށް 13،266 ރުފިޔާ ލިބޭނެއެވެ. ޑިގްރީ ލެވެލްގެ ޓީޗަރަކަށް 19،467 ރުފިޔާ ލިބޭނެއެވެ. އަދި މާސްޓާސް ލެވެލްގެ ޓީޗަރަކަށް 20،895 ރުފިޔާ ލިބޭނެއެވެ. ޕްރިންސިޕަލުންގެ ތެރެއިންވެސް ރޭންކު އެކެއްގައި ހިމެނޭ ޕްރިންސިޕަލަކަށް 30،610 ރުފިޔާ ލިބޭއިރު ރޭންކު ދޭއްގައި ހިމެނޭ ޕްރިންސިޕަލަކަށް 33،075 ރުފިޔާ ލިބޭނެއެވެ.