ފަހަކަށް އައިސް އުމުރުން ދުވަސްވެ ގައިގެ ބާރު ދެރަވަމުންދާ މާމަމެން، ކާފަމެނަކީ ބައެއް ޅަޒުވާނުންނަށް މާމުހިންމު ބަޔަކަށް ނުވެއެވެ. އެހެންނަމަވެސް އެމީހުންގެ އުމުރުގެ ތަޖުރިބާއާއި ބޮލުގައި ކަޅުކުލައަށްވުރެ ގިނަވެފައިވާ ހުދު އިސްތަށިތަކުން ދުނިޔޭގައި އެމީހުން ހޭދަކޮށްފައިވާ ދުވަސްތަކުގެ ކުލަވަރު ހާމަކޮށްދެއެވެ. މިކަންތައް ބުނެދެނީ އެމީހުންނަށް އަހަރެމެންގެ ގަދަރާއި ލޯބި އަދި އަޅައިލުމާއި އޯގާތެރިކަން ބޭނުންވާ ކަމެވެ. ހަމައެހެންމެ އެމީހުންގެ ހިތުގައި އެމީހުންގެ މާމަކާފަ ކުދިންކޮޅަށްޓަކައި އޮންނަ އިންތިހާދަރަޖައިގެ ހަންހާރަވެތިކަންވެސް ފާހަގަ ވެގެންދެއެވެ. ބައެއް ކުދީންނަށް އެކުދިންގެ އުފަން މަންމައާއި ބައްޕައަށްވުރެ މާމައާއި ކާފަ ހާއްސަވެފައި ލޮބުވެތިކަންބޮޑެވެ. އަދި ގާތްކަންވެސް ބޮޑެވެ.
ބައިނަލް އަގުވާމީ ގޮތުން ފާހަގަކުރާ މާމަކާފަ ދުވަހަކީ ސެޕްޓެމްބަރު 11 އެވެ. މި ދުވަސް ރާއްޖޭގައި ވެސް ދާދި މިދާކަށްދުވަހު ފާހަގަކޮށްފި އެވެ. ހާއްސަ ދުވަހެއް ކަނޑައެޅުމުގެ މާނައަކީ ބާކީ ދެން އެހުންނަ އެހެން ދުވަސްތަކުގައި އަހަރެމެން އެމީހުންގެ ހަނދާން ނެތުމެއް ނޫނެވެ. އެކަމަކު މިފަދައިން ކަނޑައެޅޭ ވަކި ދުވަހެއް ފާހަގަ ކުރުމުން އެމީހުންނަށްވެސް އެއީ ހާއްސަކަމެއް ދެވިފައިވާ ބައެއްކަން އިހުސާސްކުރެވޭނެއެވެ. އަހަރެމެން ކޮންމެ ދުވަހަކުވެސް ކާފަ އާއި މާމައަށް ޝަރަފުވެރިކަން ދޭން ޖެހެއެވެ. ކާފަ އާއި މާމަ އަހަރެމެންގެ ދިރިއުޅުމަށް ގެނެސްދޭ ހުރިހާ އުފަލަކާއި ގުރުބާންވުމުގެ އަގުވަޒަން ކުރުމަށް އިތުރު ވަގުތުކޮޅެއް ދެވޭތޯ ބަލާން ޖެހެއެވެ.
ކާފަ އާއި މާމަ އަކީ އަގުހުރި ވަސީލަތަކަށް ވާތީ އެމީހުންގެ އަމިއްލަ ދިރިއުޅުމުގެ އެތައް ވާހަކަތަކަކާއި ތަޖުރިބާތަކެއް ހިއްސާ ކުރަން ހުންނާނެއެވެ. ގިނަ ފަހަރަށް ކުދިން ކާފަ އާއި މާމަގެ ވާހަކަ އަޑުއަހާނީ މައިންބަފައިންގެ ވާހަކަ ނުވަތަ އެހެން ބޮޑެތި މީހުންގެ ވާހަކަ އަޑުއަހާފައި ނުވާ ވަގުތުތަކުގައެވެ. އަދި ކާފަ އާއި މާމަ، ކުއްޖާގެ ސަގާފީ ތަރިކައާއި އާއިލީ ތާރީހާ ގުޅޭ ހިސާބަށްވެސް ގެންދެއެވެ.
ހަމަގައިމުވެސް އަޅުގަނޑުގެ ހަޔާތުގެ އެންމެ ލޮބުވެތި އަދި އެންމެ ހާއްސަ ގިނަ ހަނދާންތަކުގައި ވަނީ މާމައާއި ކާފައެވެ. ކާފަގެ ވަޒީފާއަކީ އިނގިރޭސިންގެ ދުވަސްވަރު ގަމު ހޮސްޕިޓަލުގެ އެންމެ މުހިންމު އެއް ވަޒީފާކަމުން އަޅުގަނޑުމެންގެ އާއިލާއަކީ އޭރު އެންމެ ފުދުންތެރިންގެ ތެރޭގައި ގުނާލެވޭ އާއިލާއެކެވެ. ގަމުން ގެއަށް ގެނެސްފައި ހުންނަ މޭވާއާއި ކިރާއި ޗޮކްލެޓް ކަހަލަ ކާބޯތަކެތީގެ އިތުރުން ނިދާ އެނދުތަންމަތި، ކަފަބާލީސްތަކާއި ސްޕަންޖު ޖެހި ގޮނޑި، އަދި އެންމެ ހާއްސަ އެކައްޗަކީ ހުދު ފޮއްޗާއި ކުލަކުލައިގެ 'ބެޓިކްކުލަ'އެވެ. މަންމަގެ ކުޅަދާނަ ދެއަތުން ކާފަ ގެންނަ ބޮޑެތި ފޮތިރޯލުތަކުންނާއި އެހެނިހެން ކުލަފޮތިތަކުން ފަހައި، ބެޓިކުކުލައިން ތަތްގަނޑު ޖަހައިގެން ތައްޔާރުކުރާ ބެޑްޝީޓް، ބާލީހުއުރަ، ގޮނޑިތަކުގެ ކަވަރު، އަދި އަހަރެމެން ކުޑަކުދިން ލާނެ ކުދިކުދި އަންނައުނުވެސް ފެކްޓަރީއެއްގެ އުފެއްދުމަކަށް ދުލެއް ނުކުރެއެވެ. ކާފަގެ ބޮޑު ފޮށްޓާއި މާމަގެ ބޮޑު ފޮށީގެ އިތުރުން، އެދެމީހުންގެ ބޮޑު އަލަމާރިއެއް ހުރެއެވެ. މިއީ ގޭގެ ބަނޑަހަގެއޭ ބުނުން ހަމަ އެންމެ ރަނގަޅެވެ. މިއަދުވެސް އަޅުގަނޑަށް ބަނަސް، ރޮށި ބަތްކަހަލަ ކެއުންތަކަށްވުރެ މީރެވެ. ކާފަ އަޅުގަނޑު ބޮޑުކުރީ ހުސްބަނަހާއި ކިރު ދީގެންނޭ ކިޔައި އާއިލާގެ ކުދިން ދިމާކުރުމުން އަޅުގަނޑު އުފާވެއެވެ.
މާމައަކީ އަޅުގަނޑުމެން އާއިލާގެ ހުރިހާ ކުދިންގެ އެދުރުދައިތައެވެ. އަޅުގަނޑުމެންގެ މުނިފޫހި ފިލުވައިދޭ އެކުވެރިޔާއެވެ. މެދުގޭތެރޭގައި ހުންނަ ބޮޑު އުނދޯލީގައި ދެކޮޅަށް ހެއްލައި ދޮންކުރަމުން، މާމަ އެއްފައި ކުރުކޮށްލައިގެން، އިންނައިރު، ބޯވަޅުއެޅި ލިބާހުގައި ލާފައި ހުންނަ އަތަރުވަހާއި، ކަންހުޅިމައްޗަށް ޖަހާފައި ހުންނަ ހުޅީގައި އޮޅާލާފައި ހުންނަ ތާޒާ ގަނދަކޯޅިމާގަނޑުގެ މީރުވަސް މުޅިތަނުގައި ހުންނާނީ ހުވަނދުލައިފައެވެ. އެހެން އިންނައިރު މާމަގެ އުނގުގައި ދެފަރާތުގައި މާމަކުދިން ތިބޭނެއެވެ. އަޅުގަނޑު މީ އޭރު އެންމެ ކުޑަކުއްޖާކަމުން އަޅުގަނޑު ވެޑުވިފައި އިންނަނީ މާމަގެ އުނގުގައެވެ. އޭރު ކިޔައިދެމުން ދިޔަ 'އީސާގެފާނުންގެ މިއުރާޖުމައުލޫދު' އާއި 'މުސަޅުގެޖިހާދު، އަދި 'ދުނިޔެއިން އިލްމުމަދުވުން، ދޫނީގެ ހިކުމަތުގެބަސް، ފަހު ޒަމާނުގެ ފުޅަކާ ދަންނަބޭކަލުން." މިވާހަކަތައް އަދިވެސް ހަނދާން އެބަހުއްޓެވެ. ޅަދުވަސްތަކުން ފުރާވަރަށް އެޅިއިރު، މާމަގެ ފޮތުން އުނގަންނައިދެވުނު އިލްމުގެ ބޭނުން އަދިވެސް ހިފެއެވެ. ޒަމާންބަދަލުވެ، ކަންތައްތައް ކުރި އަރައިގެން ގޮސްފައިވާ އިރުވެސް އަދިވެސް އެއިލްމު ބޭނުންތެރިއެވެ. މާމައަކީ ލިޔުންތެރިކަމާއި ކިޔުންތެރިކަމުގެ ފަންނުގައި ވެސް މޮޅު މީހެކެވެ. އަޅުގަނޑުމެންގެ އާއިލާގެ ބައެއް މާމަކުދިންނަށް މާމަގެ ފަރާތުން މިހުނަރު ވާރުތަވެފައިވެއެވެ.
މިއަދު ފެންނާން ހުރީ ކާފައާއި މާމަގެ ފެންނަން ހުދުދޮންވެލި މަހާނަ ކަމަށްވިޔަސް ކާފަ އާއި މާމަ ދީފައިވާ އަގުހުރި ނަސޭހަތްތަކާއި ބުނެދީފައިވާ ފިލާވަޅުތައް ދުވަހަކުވެސް ހިތުންފިލައިދިއުމެއް ނެތެވެ. ބަހަކުން ވިޔަސް އަދި ޅެންބަހުރުވައަކުންވެސް އެދެމީހުންގެ ލޯތްބާއި އެމީހުންގެ ތަޖުރިބާއިން ދިން ތަރުބިއްޔަތު، އަޅައިކިޔާނެ ހަމަ އެއްވެސް ގޮތެއް ނެތެވެ. އެއީ ވާނެކަމެއްނޫނެވެ.
މިފަހަކަށް އައިސް ވަރަށް އާންމުކޮށް ފެންނަ އެއް މަންޒަރަކީ އުމުރުން ދުވަސްވެ، ގައި ބާރުދެރަވެފައިވާ މީހުން އެކަނިވެރިކަމާއެކު ކޮންމެވެސް ތަނެއްގައި އިށީނދެގެން ވަރުބަލިވެފައި ތިބޭ މަންޒަރެވެ. ގޮތެއް ނެތް، ނާއުއްމީދުން ފުރިފައިވާ ބައެއްގެ ގޮތުގައެވެ. އަތޮޅުތަކުގެ ރަށްތަކުން ވެސް މިމަންޒަރު ފެންނަލެއް ގިނައެވެ. މާލެސަރަހައްދުންވެސް އުމުރުން ދުވަސްވެފައި ތިބޭ މާމައިންނާއި ކާފައިން އެކަނިވެރިވެފައި ތިބޭ މަންޒަރު އާންމެވެ. މިފަދަ މާމަމެން ކާފަމެނާ ދެއްކި ވާހަކަތަކަކުން ހިތަށް އަސަރުތަކެއް ކުރިއެވެ.
"ސަރުކާރުންދޭ ފަސްހާސްރުފިޔާ ހޭދަވަނީ މާމަދަރިފުޅުގެ ކިޔެވުމަށް، އެމަންޖެ ހުންނަނީ ބޭރުގައުމެއްގަ ކޮންމެވެސް ޑިގުރީއަކަށް ކިޔަވަން. ކާޑުވެސް އޮންނަނީ އެމަންޖެއަތުގަ. ބޭނުންވާ ކަންތައް ފަހިކޮށްދެނީ އެމަންޖެގެ މަންމަ، މަގޭ އަންހެންދަރިފުޅު. މިއުމުރުގައި ބޭނުން ކޮންކަމެއް ވަކި އޮންނާނީވެސް..." ބޯހިޔާވަހިކަމާއި ކެއިންބުއިމާއި ބޭސްފަރުވާއާ ދަރިފުޅު ހަވާލުވުމުން، މާމަދަރިފުޅު ކޮލެޖަށް ދޭން ޖެހޭ ފައިސާ ކޮންމެ މަހަކު ދެއްކުމަށް މާމަގެ ކޭޝްކާޑު އެދަރިފުޅާ ހަވާލުކުރި، މިމާމަ ޑޮކްޓަރަށް ދައްކަން އައިޖީއެމްއެޗަށް ގޮސްހުރީ އެކަންޏެވެ. ބޯނެފެންފުޅިއަކާއި ޖޫސްޕެކެޓެއް ގަނެދިނީ ބީރައްޓެހިކުއްޖެކެވެ. ޑޮކްޓަރަށް ދައްކައި ނިމިގެން މިމާމަ ދިޔައީ ބަލިހިނގުމެއްގައި ހައިރާންކުރުވި ތަނަކަށެވެ. އުމުރުން ދުވަސްވެ، ގައިބާރުދެރަވި ދުވަހު، މަސައްކަތް ކުރުމަކާ ނުލައި، ސަރުކާރުން ދޭ ލާރިކޮޅުވެސް މާމަދަރިފުޅުގެ މުސްތަގުބަލަށްޓަކައި، ހިބަކޮށްދީފައިވާ މިމާމަ ގޮވައިގެން ޑޮކްޓަރަށް ދައްކަން އަންނާނޭ މީހަކުވެސް، އެއާއިލާއަކު ނެތެވެ. އެފަކީރު ހިތްފަސޭހަ ކޮށްލަން އެދިޔައީ އޭނާފަދަ އުމުރުން ދުވަސްވެފައި ތިބި އެހެން އެތަކެއް މީހުންވެސް ގޮސް އުޅޭ ރަސްފަންނަށެވެ. އެތަނުގެ ޖޯލިފަތީގައާއި ހަޓުދަށުގައި މިކަހަލަ ކިތަންމެ މާމައަކާއި ކާފައެއް ތިބެއެވެ. މިއީ ފަހަކަށް އައިސް ވަރަށް އާންމު އަދި ގިނަ މަންޒަރެކެވެ.
ކޮންމެ ދުވަހަކު ހެނދުނުހެނދުނާ ރަަސްފަންނުގެ ހަޓު ދޮށަށް ގޮސް އިންނަ ހަތްދިހަވަރަކަށް އަަހަރުގެ ހެޔޮލަފާ ވައްތަރުޖަހާ ކާފައެއްގެ ހަބަރު އޮޅުންފިލުވާލާ ހިތްވީ އަބަދުމެ އެތަނުން އެބޭބެ ފެންނާތީއެވެ. މާލޭގެ ގެދޮރުވެސް ހުރި މީހެކެވެ. ލިބުނު ހަކުދިންނަށް ގެ ބަހާފައި ދިނީ އެކުދިންގެ މަންމަ ނިޔާވިފަހުން، އަދި ވަޒީފާއިންވެސް ރިޓަޔާވީފަހުންނެވެ. ސަރުކާރުން ލިބޭ ފަސްހާސްރުފިޔާ ދޮށީ މަންޖެއަށް ލިބޭ ގޮތްހަދާފައިވަނީ ގޭގެ ހަރަދުތަކަށް އެހީވުމަށާއި ބޭސްފަރުވާކުރުމަށް ގޮވައިގެން ހޮސްޕިޓަލަށް ދިއުން ފަދަ ކަންތައްކޮށްދިނުމުގައި ފަސޭހަވާނެހެނެވެ. އެހެންނަމަވެސް މިއަދު މިކާފައަކީވެސް ވަންނާނެ އަމިއްލަ ގެދޮރެއް ނެތް، އަޅައިލާނެ އާއިލާއެއް ނެތް އެކަނިވެރިއެކެވެ.
ބައެއް މީހުން ކާފަމެނާއި މާމަމެން އުމުރުންދުވަސްވެ މުސްކުޅިވުމުން، އެމީހުންގެ ގައިގައި ހުންނަ ބައެއްކަހަލަ ބޯދާ އާދަކާދައާއި އެމީހުންގެ ވަހާއި އެމީހުންގެ އުސޫލުތަކާއި ހިޔާލުތައް އަޅުގަނޑުމެންނަށް ކަމުނުދަނީ ޒަމާނަށް ނުފެތޭތީއެވެ. އެހެންނަމަވެސް ހިތުގެ ލޮލުން އެމީހުންނަށް ބެލުމުން ހުސްވުމެއް ނެތް، އަގުނުކުރެވޭވެފަދަ ހަޒާނާއެއް ފެންނާނެކަން ޔަގީނެވެ. ކާފައާއި މާމަ އާއި ކާފަދަރިންގެ ގުޅުމަކީ ކޮބައިކަން ދެނެގަނެ އެގޮތަށް، މާމަ، ކާފަ އާއި ކާފަދަރިންނާ ދެމެދު ގާތް ގުޅުމެއް އޮތުމަކީ ދެމީހުންގެ ސިއްހަތާއި ދުޅަހެޔޮކަމަށް ބަލާއިރު ދެފަރާތަށް ވެސް ފައިދާހުރި ކަމެކެވެ. ކާފަ އާއި މާމަ ކާފަދަރިންނަށް ގަބޫލުކުރުމާއި، ކެތްތެރިކަމާއި، ލޯތްބާއި، ހަމަޖެހުމާއި، ހިކުމަތާއި، މަޖާކުރުމާއި، އެހީތެރިކަން ފޯރުކޮށްދެއެވެ. މިކަމުގެ ސަބަބުން، ކުއްޖާގެ ދުޅަހެޔޮކަމަށް ހެޔޮ އަސަރުތަކެއް ކުރެއެވެ.
މާމައާއި ކާފަގެ ތަޖުރިބާއާއި އެމީހުންގެ ދުނިޔެ ދެނެގަނެ ދަސްކޮށްފައިވާ އިލްމާއި ހިލްމުން މާމަ،ކާފަ ކުދިންނަށް ކުރާނެ ފައިދާ ބޮޑެވެ. ކިތަންމެ ބިޒީ ވިޔަސް، މާމަ ކާފައިންނަށް ވަގުތު ދޭން ޖެހެއެވެ. ލޯތްބާއި ގަދަތު ދޭން ޖެހެއެވެ. އެމީހުންގެ ދުނިޔަވީ ތަޖުރިބާއާއި ލޯބިން ދަރުސްތައް ލިބިގަންނަން ޖެހެއެވެ. އެއީ ސްކޫލަކުން ކޮލެޖަކުން ލިބޭނޭ މައުލޫމާތަކަށްވުރެ ހާސްބައި އަގުހުރި އިލްމުގެ ހަޒާނާއެކެވެ. މިއަދު އެމީހުން އެކަނިވެރިކޮށް ތަދާއި ވޭން ދިނުމަކީ އަޅުގަނޑުމެން ލަދުވެތިވާން ޖެހޭނެ ކަމެކެވެ. އެއީ ކޮންމެ ނަޒަރަކުން ބެއްޔަސް އިންސާނިއްޔަތުކަމުންވެސް ބޭރުވުމުގެ އަމަލެކެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް