ޚަބަރު

އިގްތިސޯދީ ކާރިސާއެއްގެ ބިރު ރާއްޖެއަކަށް ނެތް: ވޯލްޑް ބޭންކް

އަލީ ޔާމިން

ރާއްޖޭގެ އިގްތިސޯދަށް ކާރިސާއެއްގެ ބިރުވެރިކަން ނެތް ކަމަށާއި އެހެން ނަމަވެސް ދައުލަތުގެ ހަރަދުތައް ހުރީ އިންތިހާއަށް މަތީގައި ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

ވޯލްޑް ބޭންކުން ނެރުނު "މޯލްޑިވްސް ޕަބްލިކް އެކްސްޕެންޑިޗާ ރިވިއު" ގައިވާ ގޮތުން ރާއްޖޭގެ ހިންގުމުގެ ހަރަދު ބޮޑު ވެފައިވާތީ އާމްދަނީ އިތުރު ކުރަން މުހިންމު މަސައްކަތްތަކެއް ކުރަންޖެހެއެވެ.

ރިޕޯޓުގައިވާ ގޮތުން ސިވިލް ސާވެންޓުންގެ މުސާރައަށް ކުރާ ހަރަދުވެސް ވަނީ އިތުރުވެފައެވެ. އެކަމަށްވެސް ބޮޑު ހޭދައެއް ހިނގާއިރު، ޕެންޝަންގެ ގޮތުގައި ހޭދަކުރަން ޖެހޭ ވަރު އިތުރުވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ރިޕޯޓުގައިވާ ގޮތުގައި، ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމަށްވުރެ ހަރަދު އިތުރުވުމުން ބަޖެޓު ޑެފިސިޓް ބޮޑުވެ، ދަރަނި ނަގަން ޖެހިފައިވެއެވެ. އެގޮތުން،

ދައުލަތުގެ ދަރަނި އެހާ ބޮޑަށް އިތުރުވި މައިގަނޑު ސަބަބަކީ ބޯހިޔާވަހިކަމާއި ސިއްހީ ދާއިރާގެ މަޝްރޫއުތައް ހިންގުން އިތުރުވުން ކަމަށް ބުނެފައިވެއެވެ.

ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ދަރަނި މިހާރު ހުރީ 100 ބިލިއަން ރުފިޔާއަށް ވުރެ މަތީގައެވެ.

ވޯލްޑް ބޭންކުން ބުނެފައިވާ ގޮތުގައި ރާއްޖޭގެ ހަރަދުތައް ކުޑަކުރަން ހާއްސަ އިސްކަމެއް ދޭން ޖެހެއެވެ. އެގޮތުން ޑަބަލް ޕެންޝަން ދިނުމާއި އާސަންދައަށް ކުރާ ހަރަދު މަދުކުރަން ޖެހޭ ކަމަށް ބުނެފައިވެއެވެ. އާމްދަނީ އިތުރުކުރާނެ ގޮތްތައް ހޯދުން މުހިންމުކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން ޖީއެސްޓީ ބޮޑުކުރުމަކީ ރަނގަޅު ނިންމުމެއް ކަމަށް ބުނެފައިވެއެވެ.