އިނގިރޭސި އައު ރަސްގެފާނު ޗާލްސްއަކީ އާއްމުންގެ ތެރޭގައި މަގްބޫލު ރަސްކަލަކަށް ނުވެއެވެ. ވިދާޅުވެވުނު އެއްޗަކުން، ކުރެއްވުނު ކަމަކުން ނުވަތަ ވަޑައިގެންނެވުނު ތަނެއްގެ ގޮތުން އަބަދުވެސް ކޮންމެވެސް ކަހަލަ ފާޑުކިޔުންތަކެއް އޭނާއަށް އޮންނަނީ އަމާޒު ކުރެވިފައެވެ. ބައެއް މީހުން ހީކުރެއެވެ. އޭގެ ސަބަބަކީ ރީތިކަމާއި ފަރިކަން ހުސްކުރައްވައިގެން ހުންނެވި ޕްރިންސެސް ޑަޔާނާ ވަރިކުރައްވައި ޗާލްސްްއަށްވުރެވެސް ދޮށީ ކެމީލާޔަކާ ކައިވެނި ބެއްލެވީމާ ވެގެން އުޅޭ ގޮތެކެވެ. ނޫނެކެވެ. އޭގެކުރިންވެސް ޗާލްސްއާ ދޭތެރޭ ކަންތައް އޮންނަނީ އެބީދައިންނެވެ. ރަސްކަމުގެ ލައިނުން ޗާލްސް އެކަހެރި ކުރައްވައި ޗާލްސްގެ ދަރިކަލުން ޕްރިންސް ވިލިއަމަށް ތަޚުތު ވާރުތަވާގޮތް ހެއްދެވުމަށް ރާނީއަށް އިލްތިމާސް ކުރުންވެސް އޮވެއެވެ.

ރާނީ އެލިޒަބަތު ނެތް ދުނިޔެއެއްގައި ތަޚުތުގައި ޗާލްސް ބައިންދައިގެން މާގިނަ ދުވަހަށް އިނގިރޭސި ރަސްކަން ދެމިއޮވެދާނެތޯވެސް ވަރަށް ގިނަ ބަޔަކު ސުވާލުކުރެއެވެ. އެމީހުން ގަބޫލުކުރާގޮތުގައި ޗާލްސްގެ މަގްބޫލުކަން ކުޑަކަމުން ރަސްކަން އުވާލައި ޖުމްހޫރިއްޔަތަކަށް އެނބުރުމަށް ރައްޔިތުން ނިންމުމަކީވެސް ވަރަށް އެކަށީގެންވާ ކަމެކެވެ. ރަސްކަން އުވައިލުމުގެ ބަހުސަށް ޗާލްސްގެ ސަބަބުން އަންނާނީ ދިރުމެކެވެ. ރާނީ ނެތް ދުނިޔެއެއްގައި އިނގިރޭސި ތަޚުތަށް ދެން މާދިގު މުސްތަގުބަލެއް ނެތެވެ. މިހިރީ ރާނީ އަވަހާރަވުމުގެ ކުރިންވެސް ޚިޔާލުތައް އެނބުރެމުން އައިގޮތެވެ. ވާހަކަ ދެކެވޭގޮތެވެ. އެހެންވީމާ ޗާލްސްއާ މެދު މިޒާތަކުން ވިސްނުންތައް ހުންނާން ޖެހުމުގެ ހަގީގީ ސަބަބާމެދު ފިކުރު ހިންގައިލުމަށް މިއީ ވަރަށް މުނާސަބު ވަގުތެއްކަމުގައި ދެކެމެވެ.

ސިޔާސީ ކަންކަމުގެ ތެރެއަށް ވެދެވަޑައިގެން ސިޔާސީ ވާހަކަފުޅު ދެއްކެވުމަކީ އިނގިރޭސި ޝާހީ އާއިލާޔަށް ހުއްދަ ކަމެއް ނޫނެވެ. އެކަމަކު ޗާލްސް ވަޑައިގަންނަވާ ތަންތަނާއި ބައްދަލުކުރައްވާ މީހުންނާއި ފާޅުކުރައްވާ ބައެއް ޚިޔާލުފުޅުތަކުން ސިޔާސީ ބޮޑެތި މައްސަލަތަކުގައި އޭނާގެ ރައުޔަކީ ކޮބައިކަން ވަރަށް ސާފެވެ. ޚާއްސަކޮށް މެދުއިރުމައްޗާއި އިސްލާމީ ދުނިޔޭގެ މައްސަލަތަކާމެދުގައެވެ. ޗާލްސް ގަބޫލުކުރައްވާ ގޮތުގައި މެދުއިރުމަތީގެ މައްސަލަތަކުގެ އަސްލަކީ އިޒްރޭލުގެ އަނިޔާވެރިކަމެވެ. ހުޅަނގުގެ ގައުމުތަކަށް އިސްލާމީ ދުނިޔޭގައި ނަފުރަތުކުރުން ބޮޑުވުމުގެ ހަގީގީ ސިއްރަކީ އިޒްރޭލަށް ހުޅަނގުން ކުރާ ތާއީދާއި ފޯރުކޮށްދޭ މަދަދެވެ. ފަލަސްތީނުގެ ރައްޔިތުންނާމެދު ޗާލްސްގެ ހަމްދަރުދީޔާއި ފަލަސްތީނުގެ މިނިވަން ދައުލަތެއް އޮތުމަށް އޭނާގެ ތާއީދަކީ އެންމެންވެސް ދަންނަ ބޮޑު ސިއްރެކެވެ.

ހިފާފައިވާ ބިންތަކަށް ޗާލްސް އެންމެ ފަހުން ރަސްމީ ދަތުރުފުޅެއް ކުރައްވައި ފަލަސްތީނުގެ ރައްޔިތުންގެ ހާލު ދެކެވަޑައިގަތީ މީގެ ދެއަހަރުކުރިން 2020 ވަނަ އަހަރުގެ ތެރޭގައެވެ. އެ ދަތުރުފުޅުގެ ތެރޭގައި ހުޅަނގު އައްސޭރީގެ ބައިތުލަހަމްގައި ވާހަކަފުޅު ދައްކަވަމުން ޗާލްސް ވިދާޅުވިއެވެ. މިއީ އިސްތިއުމާރީ ގައިދުޚާނާއެކެވެ. މިތަނުގައި ފަލަސްތީނުގެ ރައްޔިތުންނަށް މަޖްބޫރު ކުރެވިފައިވާ ބިކަ ހާލު ފެނިފައި ހިތްފަޅައިގެންދެއެވެ. އަހަރެންގެ އެދުމަކީ އަދި އުއްމީދަކީ އެހެން މީހުންނެކޭވެސް އެއްފަދައިން އިންސާފާއި ހަމަހަމަކަމާއި އެންމެހައި ހައްގުތައްވެސް ފަލަސްތީނުގެ ރައްޔިތުންނަށް ކަށަވަރުވުމެވެ. ފަލަސްތީނުގެ މިނިވަން ދައުލަތެއް ހަގީގަތަކަށް ވުމެވެ. ޗާލްސްގެ މި ތާއީދަކީ އިނގިރޭސި ޝާހީ އާއިލާގެ ބޭފުޅެއްގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނާމެދު މިހާތަނަށް ފެނިފައިވާ އެންމެ ބޮޑު ތާއީދެވެ.

އިރާގާއި ދެކޮޅަށް އެމެރިކާޔާއި އިނގިރޭސިވިލާތް އިސްކޮށް ތިބެގެން 2003 ވަނަ އަހަރު ކުރި ހަނގުރާމަޔާއި ޗާލްސް ވަރަށް ދެކޮޅެވެ. ޗާލްސްގެ އެކި ކަންކަމާމެދު އޭނާގެ ރަހުމަތްތެރިއެއް ކަމަށްވާ ރޮބަޓް ޖޮބްސަން ލިޔުނު ފޮތުގައިވަނީ ތަޚުތުގައި އިންނެވީ ޗާލްސް ކަމުގައިވީނަމަ އެ ހަނގުރާމައިގައި އިނގިރޭސިން ބައިވެރިވިޔަ ނުދިނުމަށް އޭނާ މަސައްކަތް ކުރެއްވީސް ކަމުގައެވެ. އެމެރިކާގެ އޭރުގެ ރައީސް ޑަބްލިޔު ބުޝްއަކީ ދުނިޔެެއަށް ނުރައްކަލެއް ކަމަށްވެސް ޗާލްސް ގަބޫލުކުރެެއްވިއެވެ. އިނގިރޭސިވިލާތުގެ އޭރުގެ ބޮޑުވަޒީރު ޓޯނީ ބްލެއާއަކީ އަމިއްލަ ވިސްނުމެއްނެތް ވަރަށް ދެރަވަރު ޝަޚުސިއްޔަތެއް ކަމަށްވެސް ގަބޫލު ކުރެއްވިއެވެ. އިރާގަށް އަރައި އެ ގައުމު ސުންނާފަތި ކުރުމަކީ އިނގިރޭސިންނާއި އެމެރިކާއިން ހިންގި ބޮޑުވެގެންވާ ޖަރީމާއެއް ކަމަށްވެސް ގަބޫލު ކުރެއްވިއެވެ.

ސައޫދީ އަރަބިޔާ، ކުވޭތު، ގަތަރު، ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި އޮމާނާއި ބަހުރޭނުގެ ޝާހީ ބޭފުޅުންނާއި ޗާލްސް ވަރަށްވެސް ގާތް ގުޅުންތަކެއް ބާއްވަވައެވެ. އެގައުމުތަކަށް އިނގިރޭސިވިލާތުން ހަތިޔާރު ވިއްކުމަށް ބާރުވެސް އަޅުއްވައެވެ. ޗާލްސްއަށް އެންމެ ގިނައިން ބައްދަލު ކުރެއްވެނީވެސް އަރަބި ގައުމުތަކުގެ އަމީރުންނާއެވެ. މިކަން މިހެން އޮންނާތީ އަރަބީން ޗާލްސްއަށް ރިޝްވަތުދެނީއޭ، އެވެނި އަދަދެއްގެ ރިޝްވަތު ހިމެނޭ ބްރީފް ކޭހެއް ޗާލްސްގެ ގަނޑުވަރަށް މިވެނި ދުވަހެއްގައި ވައްދައިފިޔޭ ކިޔައިގެން ދޭތެރެ ދޭތެެރެއިން އިނގިރޭސި ނޫސްތަކުގައި ލިޔާންވެސް ލިޔެއެވެ. ހަގީގަތުގައި މިކަމަކީ އިސްލާމުންނާއި ޗާލްސްގެ ގުޅުން ބަދަހިކަމުން ޗާލްސްގެ އަގު ވައްޓާލައި ރައްޔިތުންގެ ތެރޭގައި ޗާލްސްއަށް ނަފުރަތު އުފެއްދުމުގެ ގޮތުން ވަރަށް ކުރީއްސުރެ ހިނގަމުން އަންނަ ކަމަކީއެވެ.