ތިން ފުލުހަކަށް ހަމަލާދިންކަމުގެ ތުހުމަތުގައި ދެ މީހަކު މިއަދު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ތިން ފުލުހަކަށް ހަމަލާދިން މައްސަލައާ ގުޅިގެންދެ މީހުން ހައްޔަރުކުރީ މިއަދު ހެނދުނު 11:50 ހާއިރު ކަމަށެވެ.

އަނިޔާވި ފުލުހުންނަށް މިހާރު އޭޑީކޭގައި ފަރުވާދެމުން އަންނަ ކަމަށާއި ތިން ފުލުހުންނަށް ވެސް އެކިވަރުގެ އަނިޔާތައް ވެފައިވާ ކަމަށެވެ. ނަމަވެސް ލިބިފައިވާ އަނިޔާތަކުގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އެނގިފައިވާ ގޮތުގައި އެ ދެ މީހުން ހައްޔަރުކުރީ ޖީއެން ސައިކަލެއްގައި ފިލަން ދަނިކޮށް، މަޖީދީ މަގު ޔޫރޯ ސްޓޯރު ފިހާރަ ކައިރިންނެވެ.

ފުލުހުން، އެމީހުން އަތުލައިގަތުމަށްޓަކައި މަސައްކަތް ކުރަނިކޮށް، މަޖީދީމަގުން ޔޫރޯ ސްޓޯރު ކުރިމަތިން ސައިކަލާ އެކު ދެ މީހުން ވެއްޓި އެކަކަށް އަނިޔާވެފައިވާ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެގޮތުން އޭގެ ތެރެއިން އެކަކު އެމްބިއުލަންސްގެ އަށިގަނޑަށް ލާ މަންޒަރު ފެނެއެވެ.