އެކަމަނާ އުފަންވެވަޑައިގަތީ 1930 ވަނަ އަހަރުގަ. އެކަމަނާ ތައުލީމު ހާސިލުކުރެއްވެވީ ގޭގައި އުނގެނިވަޑައިގެން. އެކަމަނާ ފުރާވަރުގައިވެސް ފާހަގަކުރެވިފައި ވަނީ މަންމާފުޅާއި ބައްޕާފުޅާ ގާތް ގުޅުމެއް ބޭއްވި ފަރާތެއްގެ ގޮތުގަ.
ޑޫކް އޮފް ޔޯކް ކިންގް ޖޯޖު ހަތަރުވަނަ ގައުމުގެ ތަހުތާ ހަވާލުވެ އުމުރުފުޅުން އެންމެ 13 އަހަރުފުޅުގެ އެލިޒަބަތާ ބޮޑެތި ޒިންމާތަކެއް ހަވާލުކުރެއްވި. އެގޮތުން ގައުމުގެ ނަން ދެމެހެއްޓުމުގައި އެލިޒަބަތު މުހިއްމު ދައުރެއް އަދާކުރެއްވި އިރު، އެކަމަނާ ވަނީ ރަސްކަމުގައި ހުންނެވި ބައްޕާފުޅާއި މަންމާފުޅަށް ބޮޑެތި އެހީތައް ފޯރުކޮށްދެއްވާފައި. އެކަމަނާ ވަނީ 1940 ވަނަ އަހަރު ގައުމާ މުހާތަބު ކުރައްވައިފި.
އިނގިރޭސި ރާނީ އެލިޒަބަތު ދެވަނަ ކައިވެނި ބައްލަވައިގަތީ އުމުރުފުޅުން 21 އަހަރުގައި، އެއީ 1947 ވަނަ އަހަރު ނޮވެމްބަރު މަހުގަ. އެކަމަނާ ކައިވެނި ބައްލަވައިގަތީ ޑޫކް އޮފް އެޑެންބާގު ފިލިޕް މައުންޓްބަޓަންއާ. ރާނީގެ ކައިވެނީގެ ހަފުލާ ބޭއްވީ ވެސްޓްމިންސްޓާ އަބޭގައި. އެ ދެމަފިރި ކަނބަލުންނަށް މިއަދު ވެރިކަމާ ހަވާލުވެލެއްވި ޗާލްސް ލިބިލެއްވީ 1948 ވަނަ އަހަރުގައި.
އިނގިރޭސި ރާނީ އެލިޒަބަތު ދެވަނަ، އިނގިރޭސި ތަހުތުގެ ހުވާ ކުރެއްވެވީ 1953 ވަނަ އަހަރުގެ ޖޫން މަހުގު ދެވަނަ ދުވަހު. އެ ދަރުބާރުގެ މަންޒަރުތައް ވަގުތުން ދުރަށް ފޮނުވާފައިވޭ. އެއީ އެފަދަ ގޮތަކަށް ލައިވް ކުރި ފުރަތަމަ ހުވާކުރުމުގެ ދަރުބާރު. އެކަމަނާ ވެރިކަމުގެ ހުވާކުރެއްވުމަށްފަހު ކޮމަންވެލްތުގެ ގައުމުތަކުގެ އިތުރުން އެތައް އެހެން ގައުމުތަކަކަށްވެސް ޒިޔާރަތް ކުރައްވާފައިވޭ. އެ ދަތުރުފުޅުގައި ހަ މަސް ދުވަސް ހޭދަކުރެއްވި.
އިނގިރޭސި ރާނީ އެލިޒަބަތު ދެވަނަ ތަހުތުގައި ހުންނަވައި 1960 ވަނަ އަހަރު ވަނީ ޝާހީ އާއިލާގެ ދިރިއުޅުއްވުމާއި ބަކިމްހަމް ޕެލެސްގެ މަންޒަރުތައް އާންމުނާ ހަމައަށް ގެންދެވުމަށް ބުރަ މަސައްކަތްތަކެއް ކުރައްވާފައި. އެ މަންޒަރުތައް ދައްކުވައިދޭ ޑޮކިމެންޓްރީއަށް އާންމުކުރުމާ އެކު އާންމުންގެ ފަރާތުން ރާނީއަށް ލޯބި ލިބިލެއްވިކަމަށް ފާހަގަކުރެވިފައިވޭ.
މިހާރު ރަސްކަމާ ހަވާލުވެލެއްވި ޗާލްސް ކައިވެނި ބައްލަވައިގެން އުޅުއްވި ޑަޔާނާ 1997 ވަނަ އަހަރު ފްރާންސްގެ ޕެރިހުގައި ހިނގި ކާރު އެކްސިޑެންޓެއްގައި އަވަހާރަވުން ވެގެން ދިޔައީ ރާނީ އާއި ޝާހީ އާއިލާއަށް ފާޑު ކިޔުން އަމާޒުވި ކަމަކަށް. އެ މަރުގެ ތަހުގީގަށް ގިނަ ބަޔަކު އަޑު އުފުލި އިރު، ޑަޔާނާ ވެވަޑައިގެންފައި ވަނީ އެތަކެއް ބަޔަކު ލޯތްބާއި އިހުތިރާމް ކުރެއްވި ޝަަހުސިއްޔަތަކަށް. އެކަމުގައި ރާނީއަށް ނުރުހުން އަމާޒުވީ ގިނަ ދުވަސްތަކެއް ވަންދެން ހަނުހުންނަވަން ގަސްތުކުރެއްވުމުން.
ރާނީ އާއި ޑޫކް އޮފް އެޑެންބާގު ޕްރިންސް ފިލިޕާ އެކު ނަގާފައިވާ ތާރީހީ ފޮޓޯއެއް. ރާނީގެ ފިރިކަލުން ޕްރިންސް ފިލިޕް އަވަހާރަވީ މިދިޔަ އަހަރުގެ ތެރޭގައި. އެމަނިކުފާނު އަވާހަރަވި އިރު އުމުރަކީ 99 އަހަރުފުޅު.
އިނގިރޭސި ރާނީ އެލިޒަބަތު ދެވަނައަކީ އެގައުމުގެ ވެރިކަމުގެ ތާރީހުގައި އެންމެ ގިނަ ދުވަހު ހިދުމަތްކުރެއްވި ވެރިޔާ. އެކަމަނާ ވަނީ 2017 ވަނަ އަހަރު ވެރިކަމަށް 65 އަހަރުފުރުމުގެ އުފާފާޅުކުރައްވާފައި. އެކަމަނާ ފާހަގަކުރެއްވުނީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ އަންހެން ޝަހުސިއްޔަތުގެ ގޮތުގައި.
ރާނީ އެލިޒަބަތު ދެވަނަ ޕްރިންސް ހެރީ އާއި މޭގަންގެ ދަރިކަލުންނާއެކު. ހެރީ އާއި މޭގަން ވަނީ ޝާހީ އާއިލާއަށް ފާޑު ވިދާޅުވެ ދިރިއުޅުންވެސް ކެނެޑާއަށް ބަދަލުކުރައްވައިފަ. ޝާހީ އާއިލާއާ ހެރީ ދުރަށް ޖެހިވަޑައިގެންނެވުމަށްފަހު، ޝާހީ އާއިލާގެ ބައެއް ފަރާތްތަކުން އާޗީއަށް ނަސްލީ ދިމާކުރުންތައް ގެންގުޅު ކަމަށް ރާނީއަށް ހުށަހެޅުއްވި. އެކަމާ ގުޅިގެން ރާނީ ކަންބޮޑުވުންވެސް ފާޅުކުރެއްވި.
ކޮވިޑް 19ގެ ތެރޭގައި އިނގިރޭސިވިލާތް ފުރަބަންދުގައި އޮންނެވި އިރު، ރާނީ ވަނީ ގައުމާ މުހާތަބުކުރައްވައިފަ. އެއީ މަދުން ނޫނީ ރާނީ ނުކުރައްވާ ކަމެއް. އޭގެ ފަހުން ރާނީ ވަނީ ކޮވިޑުގެ އާލާސްކަންފުޅުގައިވެސް ދުވަސްތަކެއް ހޭދަކުރައްވާފައި. އެކަމަނާއަށް ކޮވިޑް ޖެހުމާއެކު އެތައް ބަޔަކު ވަނީ ހިތްވަރުގެ މެސެޖުތައް ފޮނުވާފައި.
2021 ވަނަ އަހަރުން ފެށިގެން ރާނީ އުޅުއްވީ ކޮންމެވެސް ވަރަކަށް އާލާސްކަންފުޅުގަ. އެހެން ނަމަވެސް މީގެ ތިން ދުވަސްކުރިން ޔޫކޭގެ އާ ޕްރައިމް މިނިސްޓަރު ލިޒް ޓްރަސްއަށް މަރުހަބާ ކިޔުއްވުމަށް ރާނީ ވަނީ އެކަމަނާއާ ބައްދަލުކުރައްވާފައި. ރާނީ އިތުރަށް ބަލިހާލަތު ގޯސްވެ، ޑޮކްޓަރުން ކައިރިން މޮނީޓާ ކުރަން ފެއްޓެވީ މިއަދު. އެކަމަނާ މިއަދު މެންދުރުފަހު އަވަހާރަވީ އުމުރުފުޅުން 96 އަހަރުފުޅުގަ.
ފޮޓޯ ސްޓޯރީ
ފޮޓޯ ސްޓޯރީ
ފޮޓޯ ސްޓޯރީ