ވާހަކަ

މޭ ފާރުވެ ޒަހަމްވުމުން - 37

ރާޝިދު ކައިރިވުމާއެކު ބަރަކް ކޮޅަށް ތެދުވިއެވެ. ހިތަށް ލިބުނު ބަޔާންކުރަންދަތި ހިތްހަމަޖެހުމެއްގެ ސަބަބުން ރާޝިދުގެ ދެތުންފަތް ދެފަރާތަށް ދެމިލައިފިއެވެ. ހުދު ދަތްތައް ފެންނަ ވަރަށް ހީލައިފިއެވެ. ޖެހި ބުދެއްހެން ބަރަކް ހުއްޓެވެ. ރާޝިދުގެ ދެލޮލުން ވެއްޓުނު ކަރުނަތިކި ހުދުކުލައިގެ މަތިމަހުގެ ތެރެއަށް ހިނދިގެން އެ ދިޔައީ ބަރަކް ބަލަހައްޓައިގެން ހުއްޓައެވެ. ތުރުތުރު އަޅަމުންދިޔަ ދެއަތްތިލަ ރާޝިދު އުފުލާލިއެވެ. ބަރަކްގެ ކޮނޑުގެ ދެފަރާތުން ރާޝިދު ހިފަހައްޓާލިއެވެ.

"ދަ ރި ފު ޅާ" އެ ބަސްތައް ރާޝިދުގެ ދުލުން ބޭރުވެގެން ދިޔައީ ލަސްލަހުންނެވެ. ބަރަކްއަށް ދެލޯމަރައި ބާރުކޮށްލެވުނެވެ. ހިތުގައި އުފެދިފައިވި ހުރިހާ ޝައްކުތަކާއި ވަހުމްތައް ފިލައިގެން ހިނގައްޖެއެވެ. އުމުރުން ދުވަސްވީ މީހާ ބަރަކްއަކީ އޭނާގެ ދަރިއެއް ކަމަށް ކުރިމަތީގައި ހުރެގެން އިއުތިރާފްވެއްޖެއެވެ. ބަރަކް ދެފަރާތަށް ބޯހޫރާލިއެވެ. މިހުރިހާ ދުވަހު ރޫބިޔާ ހެދި ދޮގުތަކާއި އޮޅުވާލުންތައް ގަބޫލުކުރަން ބަރަކްއަށް ދަތިވިއެވެ. އެއް އިންސާނަކު އަނެއް އިންސާނަކަށް އެހާބޮޑު އޮޅުވާލުމެއް އޮޅުވާލާފާނެ ހެއްޔެވެ؟ އެވެސް މަޔަކު ދަރިއަކަށެވެ.

"ތިއީ އަހަރެންގެ ދަރިއެއް. ދަރިފުޅުގެ ގައިގަ ތިވަނީ މި ބައްޕަގެ ލޭ" ބަރަކްގެ ދެ ކޮނޑުގައި ހިފައި ތަޅުވަމުން ރާޝިދު ކިޔަމުން ދިޔައެވެ.

ރޮވެމުންދިޔަ ބަރަކްގެ ސަމާލުކަންހޯދަން ރާޝިދު އެތައް މަސައްކަތެއް ކުރިއެވެ. އެންމެފަހުން ފަހަތުގައި ހުރި ޖިލްވާ ބަރަކްގެ ގައިގައި ހިފަހައްޓާލިއެވެ. ހަގީގަތް ބަރަކް ގަބޫލުކުރާކަން ޖިލްވާއަށް އެނގެއެވެ. ކޮންމެސް ސަބަބަކާ ހުރެ ބަރަކްއަށް އުނދަގޫތަކެއް ވަނީއެވެ.

"މަންމަ ދޮގެއް ނުހަދާ... މަންމަ ދޮގެއް ނުހަދާ" ބަރަކް ކިޔަމުން ދިޔައެވެ.

ރާޝިދު ހުއްޓުންއެރިއެވެ. ހިތްވަރުއެލޭގޮތްވެ ބަރަކްގެ ގައިން ދޫކޮށްލެވުނެވެ. ރާޝިދަކީ ބައްޕަކަން ގަބޫލުކުރަން ބަރަކް ބޭނުންނުވެއޭ ރާޝިދަށް ހީވިއެވެ. ހަށިގަނޑަށް ވަމުން ދިޔަ އުނދަގޫތަކެއްގެ ސަބަބުން އެންމެފަހުން ބަރަކް ލޯމައްޗަށް އަނދިރިވާން ފެށިއެވެ. ޖިލްވާ ހިފަހައްޓައިގެން ހުއްޓާވެސް ބަރަކް އަރިއަޅާލައިފިއެވެ.

*********

އާދުވަހެއްގެ ފެށުމަކީ އެތައް ބަޔަކަށް ނިމުމެއްނެތް އުފަލާއި ހިތްހަމަޖެހުން ގެނުވާ ކަމެކެވެ. އެތައްބައެއްގެ އުންމީދުތަކެއް ގުޅިފައިވާ ކަމެކެވެ. އެތައްބައެއް ކުރަމުން އައި ދިގު އިންތިޒާރަކަށް ނިމުންވެސް ގެނުވައެވެ. އެހެންނަމަވެސް ރިންދާ ދުވަސް ފަށަން ޖެހުނީ ބިރުވެރިކަމާއި ހިތް ނުތަނަވަސްކަމެއްގެ ތެރެއިންނެވެ. އެންމެންގެ މެދުގައި ރޭވުން ކުރިއަށްގެންދިޔަ ގޮތަށް ނަހީކަށް ރިންދާ އާ ބަސްބުނާ ދުވަހެވެ. އެކަމާ ވިސްނޭވަރުން ރިންދާގެ ރޭގަނޑުގެ ނިދި ގެއްލުނެވެ. ނަހީކް އަމަލުކުރާނެ ގޮތެއް ހިޔާލަށްވެސް ގެންނަން ދައްޗެވެ. މިހުރިހާ ދުވަހު ފިލައިގެން އުޅެފައި ކުއްލިއަކަށް ގުޅުން ކުރިއަށްގެންދަން ބޭނުންވާ ވާހަކަ ބުނުމުން ނަހީކް ވިސްނާނެގޮތެއްވެސް ނޭނގެއެވެ. އޭގެ އަގު އަދާކުރަން ރިންދާއަށް ޖެހޭނެކަން ޔަގީނެވެ. އެހެންނަމަވެސް އެކަމަށް ފުރަގަސްދޭކަށް ރިންދާ ނުވިސްނައެވެ. އެހެނީ ބޮޑެތި ކަންތައްތައް ހާސިލުކުރަން ގިރާކުރަންޖެހޭ އޮޅިތައް ގިނަވާނެއެވެ. ކާމިޔާބު ލިބޭނީ ނާކާމިޔާބީ އާ ކުރިމަތިލައިގެންނެވެ.

**********

ޖޯލީގައި ހިމޭންވެފައި އިން ރާޝިދަށް ޒުބައިރު ވިސްނައިދެމުން ދިޔައެވެ. އެހާ އަވަހަށް އުންމީދު ގެއްލުވާނުލަން ބުނަމުން ދިޔައެވެ. ދެލޮލުން ކަރުނަ އޮހެމުންދިޔަ ރާޝިދު ފުންނޭވައެއް ދޫކޮށްލިއެވެ. އުމުރުގެ އެ ހިސާބުން ގެއްލުނު ދިރިއުޅުން އޭނާއަށް ހޯދައިދެއްވީ ހެއްދެވިފަރާތުގެ މޮޅު ރޭވުމުންނެވެ. އެކަލާނގެއަކީ ކޮންމެ ކަމަކަށް ކުޅަދުންވަންތަ އެންމެ ބާރުވެރި ފަރާތެވެ. އެކަލާނގެ ރަހުމަތުން އުންމީދު ކަނޑާލައިގެން މާޔޫސްވާކަށް އަމިއްލަ ނަފްސަށް އޭނާ ފުރުސަތެއް ނުދޭނެއެވެ.

"ކޮންތާކަށް ރާބޭ..." ކުއްލިއަކަށް ރާޝިދު ތެދުވެގެން ހިނގައިގަތުމުން ޒުބައިރު އެހިއެވެ.

"ދަރިފުޅު ކައިރިއަށް. އަހަރެން ޔަގީންކޮށްދޭނަން އެއީ އަހަރެންގެ ދަރިއެއްކަން" ރާޝިދު ބުންޏެވެ. ރާޝިދު ކުރިއަށްދިޔައީ އަޒުމެއްގައި ހުރެއެވެ.

************

އެނދުގައި އޮންނަން ބަރަކް ބޭނުމެއްނުވިއެވެ. އޭނާ ބައްޔެއް ނުވެއެވެ. މޫނުމައްޗަށް އަނދިރިވީ ސަބަބެއް ނެތިއެއް ނޫނެވެ. ކޮޓަރީގައި ދެކޮޅަށް ހިނގަމުންދިޔަ ބަރަކްގެ އަތުގައި ޖިލްވާ ހިފެހެއްޓިއެވެ. ބަރަކް ޖިލްވާގެ މޫނަށް ބަލައިލިއެވެ.

"ހިނގާބަލަ އިށީންނަން" ޖިލްވާ ބުންޏެވެ.

ބަރަކް އެނދުގައި އިށީނެވެ. މޫނުމައްޗަށް ވެރިވެފައިވާ އުދާސްތައް ދެއަތުން ފޮހެލާފައި ހަމަޖެހިލެވޭތޯ ބަރަކް މަސައްކަތް ކުރިއެވެ. ކަންތައް ކުރެވުނުގޮތާ މެދު ބަރަކްއަށް ވިސްނާލެވުނީ ދެނެވެ. އެވަގުތު ރާޝިދަށް އިސުސާސް ކުރެވޭނެ ހިތްދަތިކަން ހިތަށް އެރުމުން ބަރަކްގެ މޭފިތިގެންދާ ކަހަލަ އިހުސާސެއް ކުރެވުނެވެ. އެހެން އެވީ ރޫބިޔާގެ ސަބަބުންނެވެ. މަޔަކަށްވެ ހުރެ ދަރިންނަށް ހެދީ މަކަރާއި ހީލަތެވެ. ބަފައެއް ދުނޔޭގައި ހުރިކަން އެނގި ގަސްތުގައި ދެ ދަރިން ބަފައެއްގެ ލޯބިން މަހުރޫމް ކުރީއެވެ. ރާޝިދު އާ ބައްދަލުކުރަން ބަރަކް ބޭނުންވިއެވެ. ނޭނގުމެއްގެ ތެރޭގައި ބައްޕަ އާ ދިމާލަށް ބުނެވުނު އެންމެ ޖުމްލައެއްގެ ސަބަބުން ބައްޕަ ހިތަށް ތަދުކޮށްލެވުނީތީ މާފަށްއެދެން ބޭނުންވިއެވެ. އޯގާތެރިކަމުގެ އަތަކުން ބައްޕަގެ މޭގައި ފިރުމާލަން ބޭނުންވިއެވެ.

ބަރަކް ތެދުވީ ކޮޓަރިން ނުކުންނާށެވެ. އެހެންނަމަވެސް މަޑުޖެހުނީ ކޮޓަރީ ދޮރަށް އެރި ރާޝިދު ފެނިފައެވެ. ބަރަކް ރާޝިދާ ދިމާލަށް ހިނގައިގަތެވެ. އެކަކު އަނެކަކުގެ ކުރިމަތީގައި ދެބަފައިން އެކަކު އަނެކަކަށް ބަލަހައްޓައިގެން އިރުކޮޅަކު ތިއްބެވެ. ދެބަފައިންގެ ލޮލުގައިވެސް ވީ ކަރުނައެވެ. ރާޝިދުގެ ދެއަތުގައި މިފަހަރު ކުރިން ހިފީ ބަރަކްއެވެ.

"ބައްޕާ..." ބަރަކް ގޮވާލިއެވެ. ރޮމުންދިޔަ ރާޝިދަށް ހީގަނެވުނީ ބޭއިހުތިޔާރުގައެވެ.

ފުރަތަމަ ފަހަރަށް އޭނާ ބޮޑުވެ އޭނާ އާ ދާދި އެއް އިސްކޮޅެއް ލިބިފައިވާ ޒުވާން ފިރިހެން ދަރިފުޅު ގެނެސް މޭގައި ޖައްސާލިއެވެ. ދެބަފައިންގެ ލޮލުން ފައިބަމުން ދިޔައީ އުފާވެރިކަމުގެ ކަރުނައެވެ. ރާޝިދުގެ ފަހަތުގައި ތިބި ޒުބައިރު އާއި ހަބީބާ އާއި ކޮޓަރި ތެރޭގައި ހުރި ޖިލްވާގެ ދެލޮލުންވެސް ކަރުނަ ނީރާލައިފިއެވެ.

އެކަކު އަނެކަކުގެ ގައިގައި ބައްދާލައިގެން ދެބަފައިން އިރުކޮޅަކު ތިއްބެވެ. ދެލޯމަރާލައިގެން ބަރަކް ހުރިއިރު މިހުރިހާ ދުވަހު މަންމަގެ ފަރާތުން ނުލިބުނު ލޯތްބާއި އޯގާތެރިކަން އެވީ ވަގުތުކޮޅުގައި ބައްޕަގެ ފަރާތުން އޭނާ އިހުސާސް ކުރަމުން ދިޔައެވެ.

**********

ފަހުން ގެއަށް ގޮސް ލައިދު ވިލިނީ އާ މެދު ވިސްނިއެވެ. މީހެއްގެ އަންބެއް ހޯދަން އިތުރަށް މަސައްކަތް ނުކުރުމަށް އަމިއްލަ ހިތަށް އޭނާ ވިސްނައިދިނެވެ. އެހެންނަމަވެސް ވިލިނީ އާ އެންމެ ފުރަތަމަ ބައްދަލުވި ދުވަހު އޭނާއަށް ފެނުނު ވިލިނީ ހަނދާންވެފައި އެ ވިސްނުން ދޫކޮށްލިއެވެ. އުފާވެރި ކައިވެންޏެއްގެ މަތީގައި ވިލިނީ ހުރިހެން ލައިދުއަށް ހިއެއްނުވެއެވެ. އެންމެ ފުރަތަމަ ދުވަހުވެސް އޭނާއަށް ވިލިނީގެ ދެލޮލުން ފެނުނީ ކަރުނައެވެ. މީހަކާ އިނދެގެން އުޅުނަސް ވިލިނީގެ ދުނިޔެ އުޖާލާ ނޫންކަން ލައިދުއަށް ވިސްނިއްޖެއެވެ. ދިރއުޅުމުގައި ހިނގާ ކަންކަމަކީ ބައެއް މީހުން އެއްވެސް އިންސާނަކާ ހިއްސާކުރަން ބޭނުންވާ ކަންކަމެއް ނޫނެވެ. ތުންފަތް މަތީގައި ހިނިތުންވުމެއް ކުރަހައިގެން ވިލިނީ އުޅެނީ އެހެންވެއެވެ. ވިލިނީ ކުރާ ހިތާމަ ބޭރުން އެއްވެސް މީހަކަށް އެނގެން ބޭނުނުވެއޭ ލައިދުގެ ހިތަށް އެރިއެވެ. އޭނާ ވިލިނީގެ ހުރިހާ ކަމެއް އެނގެން ބޭނުންވިއެވެ. އެކަމަށް އޭނާ ބޭނުންވީ ވިލިނީ އާ ބައްދަލުކުރުމުގެ ބަދަލުގައި ވިލިނީގެ އެންމެ ގާތް އެކުވެރިޔާ އާ ބައްދަލުކުރާށެވެ. އެހެނީ ހަމައެކަނި މީހަކާ އިނދެގެން އުޅޭ ވާހަކަ ބުނުމަކުން ލައިދުއަށް ނުފުދުނެވެ. އެތައް އިރަކު ގޭތެރޭގައި ވިސްނަން އޮތުމަށްފަހު ފެންވަރައިގެން ލައިދު ބޭރަށް ނުކުތެވެ. ސައިކަލުގައި ގޮސް މަޑުކޮށްލީ އަޔާލް މަސައްކަތްކުރާ ގަރާޖު ކުރިމަތީގައެވެ. އަޔާލް މަސައްކަތްނިމޭ ވަގުތަށް އޭނާ އިންތިޒާރުކުރަމުން ދިޔައެވެ.

**********

މޭޒުމަތީގައި ހުޅުވާފައި ފައިލްތަކެއް ހުއްޓަސް ނަހީކްގެ ސަމާލުކަން ފައިލްތަކަށް ނުދެއެވެ. އެއް އަތުން މޭޒުމަތީގައި އޮތް ބަރު އަނބުރަމުން ދިޔައިރު އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ހުޅުވާފައި ހުރި ލެޕްޓޮޕުން ފެންނަން އިން ރިންދާގެ ތަސްވީރަށެވެ. އެތަސްވީރަށް އޭނާ ބަލަހައްޓައިގެން އިންނަތާ އެތައް އިރެއްވެއްޖެއެވެ. ރިންދާ އާ ބައްދަލުކުރާނެ ގޮތަކާމެދު އޭނާ ވަރަށް ވިސްނައިފިއެވެ. އަދި އަލިމަގެއް ފެނިފައެއް ނުވެއެވެ. ކުއްލިއަކަށް އޭނާ ބަލައިލީ ފޯނަށް މެސެޖެއް އައުމުންނެވެ. ފަރުވާކުޑަ ބެލުމަކުން ފޯނަށް އޭނާ ބަލަހައްޓައިގެން އިނދެފައި ދެފަރާތަށް ބޯހޫރާލިއެވެ. ރިންދާގެ ތަސްވީރުން ނަޒަރު ވަކިކޮށްލަން ޖެހުނީ ފޯނުގެ ސަބަބުންކަން އެނގުމުން ފޯނުދެކެވެސް ރުޅިއައެވެ. އެހެންނަމަވެސް ކޮންމެވެސް ސަބަބަކާ ހުރެ ފޯނަށް ދެވުނު ސަމާލުކަން ބޮޑުވިއެވެ. ދެން އަވަހަށް ފޯނު ނަގާފައި ޗެކްކޮށްލިއެވެ. ހިތުގެ ހިނގުން ބާރުވެގެން ދިޔައީވެސް އެވަގުތުގައެވެ. ރިންދާ ކުރިން ގެންގުޅުނު ނަންބަރު 'އޮން' ވެއްޖެކަމަށް ބުނެ އައި މެސެޖެކެވެ. ވަގުތުން އެ ނަންބަރަށް ނަހީކް ގުޅިއެވެ. ދެފަހަރު ތިންފަހަރު ގުޅުމުންވެސް ރިންދާ ޖަވާބެއް ނުދިނެވެ. އެންމެފަހުން ނަހީކް ގޮނޑިން ތެދުވެ ދެކޮޅަށް ހިނގަން ފެށިއެވެ. މިހުރިހާ ދުވަހު ރިންދާ ނަންބަރު ބަދަލުކޮށްގެން އުޅުމަށްފަހު ކުއްލިއަކަށް ބަދަލުވުމުން ނަހީކްގެ ހިތުގައި ސުވާލު އުފެދުނެވެ. މާގިނައިރެއް ނުވެ ރިންދާގެ މެސެޖެއް ނަހީކަށް ލިބުނެވެ.

ބައްދަލުކުރަން ބޭނުންވާ ކަމަށް ރިންދާ ބުނެފައި އޮތުމުން އެންމެ ފުރަތަމަ އަމަލުކުރާނެ ގޮތެއް ނޭނގިފައި ނަހީކް އިނެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިވީ އިރުކޮޅެއް ފަހުންނެވެ. ރިންދާއަށް ވިސްނުނީ ކަމަށް ނަހީކަށް ހީވިއެވެ. އަވަސް އަވަހަށް އެ މެސެޖަށް ރިޕްލައިކޮށްލިއެވެ. "ގުޅަންތަ؟" ނަހީކް މެސެޖް ފޮނުވާލިއެވެ. ރިންދާ ހަމައެކަނި 'ހޫނ' އެއް ލިޔެފައި އިތުރު އެއްޗެއް ނުބުނެއެވެ. ވަގުތުން ރިންދާގެ ނަންބަރަށް ނަހީކް ގުޅިއެވެ. އެންމެ ރިންގަކާއެކު ރިންދާ ފޯނު ނަގައިފިއެވެ.

"ރިދާ....!" ނަހީކްގެ ގޮވާލިއެވެ. މަޑުމައިތިރިކަމާއެކު ރިންދާ ލައްބައޭ ބުނެލިއެވެ. ނަހީކަށް ހެވުނެވެ.

"ކުޑައިރުވެސް އަހަރެން ގޮވާލީމަ ހަމަ ތިގޮތަށް ރިދާ ލައްބައޭ ބުނާނެ" މަޖާވެފައި ނަހީކް ބުންޏެވެ.

ހީލުން ފިޔަވާ އިތުރު އެއްޗެއް ރިންދާ ނުބުނެއެވެ. މިހުރިހާ ދުވަހު ފިލައިގެން ރިންދާ އުޅުނުތަކެއް ހޯދަން ނަހީކް ބޭނުންވިއެވެ. ސުވާލުކުރަން އުޅެފައިވެސް އެ ވިސްނުން ނަހީކް ދޫކޮށްލިއެވެ. ރިންދާގެ އަޑު އިވުމުން އެކަނިވެސް އޭނާގެ މުޅި ދުވަސް ފުރިހަމަވެއްޖެ ކަމުގައި ހީވިއެވެ. އެހެންކަމުން ބައްދަލުކުރަންވީ ތަނެއް ބުނަން ރިންދާ ކައިރީގައި ބުންޏެވެ. ރިންދާ އެކަން ދޫކޮށްލީ ނަހީކަށެވެ. ނަހީކް ބުނި ކޮންމެ ތަނަކަށް ދާނަމޭ ރިންދާ ބުންޏެވެ. ނަހީކަށް ގަބޫލެއްވެސް ނުކުރެވުނެވެ. ހިތުގައި ސުވާލުވެސް އުފެދުނެވެ. މީގެ ދެތިން ރޭ ކުރިން އަޔާލްގެ ދެއަތުގެ ތެރޭގައި ރިންދާ ހުރިތަން ނަހީކަށް ވަނީ ފެނިފައެވެ. ކުއްލިއަކަށް ރިންދާއަށް ބަދަލެއް އަތުވެދާނެ ހެއްޔެވެ؟

ފޯނު ކަނޑާލާފައި ނަހީކް އަމިއްލަ ނަފުސަށް ފަހުރުވެރިވެލިއެވެ. ރިންދާ އަމިއްލައަށް ބައްދަލުކުރަން ބޭނުންވުމުން ހިތުގައި އެތައް އުންމީދެއް އާވިއެވެ. ފޯނު ކަނޑާލުމުގެ ކުރިން ރިންދާ ބުނެލި ޖުމްލައިން ނަހީކްގެ އުފާވެރިކަން އިތުރުވިއެވެ. ރެޑް ކުލައިގެ އެއްޗެއް ލައިގެން ބައްދަލުކުރަންދާން ރިންދާ އެބުނީ ކީއްވެގެން ހެއްޔެވެ؟ ކޮންމެގޮތެއް ވިޔަސް ވަޒީފާ ނިންމާފައި ނަހީކް ގެއަކަށް ނުދާނެއެވެ. ރަތްކުލައިގެ ގަމީހެއް ނުވަތަ ޓީޝާޓެއް ވިޔަސް ހޯދަން މުޅި މާލޭގައި ނަހީކް ދުއްވާނެއެވެ. ކުރީފަހަރު ކަންތައްވީގޮތަށް ރިންދާ އާ މެދު ކަންތައްވާކަށް ނަހީކު ބޭނުމެއް ނުވެއެވެ. ރިންދާ ހިތް އެދޭގޮތަށް ހުރިހާކަމެއް ގެންދަން ނަހީކް ބޭނުންވިއެވެ.

***********

ލައިދުއަށް ހަމަޖެހިގެން އަޔާލް އާ ވާހަކަދައްކާލާނެ ރަނގަޅު ފުރުސަތެއް ލިބުނީ ޖެހިގެން އައި ދުވަހުއެވެ. ހުން ފާޑުވެފައި ހުރުމުން އަޔާލް ވަޒީފާއަށް ނުގޮސް އޮތީ ރިންދާގެ ގޭގައެވެ. އަޔާލް އާ ބައްދަލުކުރަން ލައިދު އައީ އެގެއަށެވެ. ގޭތެރެއިން މީހަކު ފެންނަން ނެތެވެ. ސޯފާގައި އޮތް އަޔާލް ބޯއަޅައިގެން އޮތީ ރިންދާގެ އުނގުގައެވެ. ރިންދާގެ އިނގިލިތަކުން އަޔާލްގެ ބޮލުގައި މަސާޖު ކުރަމުން ދިޔައެވެ. ދެ އެކުވެރިންނަށް ޖެއްސުމަށް އެއްޗެއް ބުނެލާފައި ގޮނޑީގައި ރަނގަޅަށް ނުއިށީނދެވެނީސް ކާމޭޒު ކައިރީގައި ކޮފީ ބޯންއިން ވިލިނީ ލައިދުގެ ލޮލުގައި އަޅައިގަތެވެ. ލައިދު ވިލިނީއަށް ފެނުނީ އޭގެ އިރުގަނޑެއް ފަހުންނެވެ. ކޮފީތައްޓާއި ބިސްކޯދު ތަށި ހިފައިގެން ވިލިނީ ކޮޓަރިއަށް ވަދެ ދޮރުލެއްޕުމުން ލައިދުގެ ހިތުގައި އިންތިހާއަށް ރިއްސާލިއެވެ.

"އެބަ އަންނަން" ވިލިނީގެ ފަހަތުން ހިނގައިގަންނަމުން ރިންދާ ބުންޏެވެ.

އަޔާލް ތެދުވެ ގޮނޑީގައި ހަމަޖެހިލިއެވެ. އެކުވެރިޔާގެ މިލާފާއިވާ މޫނަށް އަޔާލް ފުން ނަޒަރަކުން ބަލައިލިއެވެ. ދެން ސުވާލުކުރިއެވެ.

ލައިދުގެ ހިތުގެ ހާލަތު އަޔާލްގެ ކުރިމަތީގައި ހުޅުވާލިއެވެ. އޭނާގެ ހިތުން ވިލިނީއަށް ދީފައިވާ މަގާމެވެ. ލޯބީގެ ގުޅުން މާތް ގުޅުމަކަށް ބަދަލުކުރާން އޭނާ ބޭނުންވާވަރެވެ. މީގެކުރިން ދުވަހަކުވެސް އަންހެންކުއްޖަކާ މެދު އޭނާ ނުދެކޭ ފަދަ ނަޒަރަކުން ވިލިނީ އާ މެދު ދެކެވޭ ވާހަކައެވެ. އޭނާއަށް ވިލިނީ އެހާ ހާއްސަވީ ކިހިނެއް ކޮންއިރަކު ކަމެއް ނޭނގުނު ވާހަކައެވެ. އެކުވެރިޔާގެ ވާހަކަތައް އަހާފައި އަޔާލް އިސްޖަހާލިއެވެ. ލައިދުގެ ހިތާމައާ ގުޅިފައިވަނީ ކޮންކަމެއްކަން އަޔާލްއަށް ވިސްނިއްޖެއެވެ. ވިލިނީއަކީ މީހެއްގެ އަންބެއްކަން އެނގުމުން ލައިދުގެ ހިތް ހަލާކުވެފައިވާކަން އަޔާލްއަށް އިހުސާސް ވިއެވެ.

"އަހަރެން ހުރިހާ ވާހަކައެއް ކިޔައިދޭނަން. ކޮފީއަކަށް އަރާފަ" އަޔާލް ބުންޏެވެ. ގޭތެރޭގައި ހުރިހާ ވާހަކައެއް ކިޔައިދިނުން އެހާ ރަނގަޅު ކަމުގައި އަޔާލް ނުދެކުނެވެ.

***********

ފޯނު ކަނޑާލާފައި ހިނިތުންވުމަކާއެކު ޖެހިގެން އިން ރާޝިދަށް ބަރަކް ބަލައިލިއެވެ. ރާޝިދަށްވެސް ހެވިއްޖެއެވެ. އަޔާލްގެ އަޑު ފޯނުން އިވުމުންނެވެ. ވީޑިޔޯ ކޯލް ހަދަން ރާޝިދު ބުންޏަސް ބަރަކް ބޭނުންވީ އަޔާލް އާއި ރާޝިދު ކައިރިން ބައްދަލުވާގޮތް ހެދުމަށެވެ. އެހެންކަމުން ބަރަކް ދެންމެ އެ ކަނޑާލީ އަޔާލްގެ ފޯނެކެވެ. ކުއްލިއަކަށް އެރަށަށް އަންނަން ބުނުމުން އަޔާލް އެތައް ސުވާލެއް ކުރިއެވެ. ބަރަކްއަށް މަޖުބޫރުވީ އެންމެފަހުން ދޮގެއް ހަދާށެވެ. ރަށުން ބައްޕަ ފެނިއްޖޭ ބުނަން ބަރަކް ބޭނުންނުވިއެވެ. އަޔާލްއަށް ވެސް ބަރަކް ފަދައިން ހަގީގަތް ގަބޫލުކުރަން ދަތިވާނެކަން ބަރަކްއަށް ވިސްނެއެވެ.

"އެކަމަކު ދޮގަކަށް ނަމަވެސް ދަރިފުޅު ދެންމެ ތިބުނި ފަދަ އެއްޗެއް ނުބުނާތި" ރާޝިދު ބުންޏެވެ. ބަރަކް ބޯޖަހާލިއެވެ. އަޔާލް އެރަށަށް ދާން އެއްބަސްވީ ބަރަކް ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ ކަމަށް ބުނުމުންނެވެ.

"ރާބޭ ދެން ބަރަކަށް ކިޔައިދީބަލަ ކަންތައްވީގޮތް" ޒުބައިރު ބުންޏެވެ.

"އަހަރެންގެ އަޔާލު އައިމަ ދެކުދިން އެއްތާކު ތިބެގެން" ރާޝިދު ބުންޏެވެ.

(ނުނިމޭ)