ހއ. ހޯރަފުށި އެއާޕޯޓްގެ ޖެޓީ ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.

އެމްޓީސީސީން މިއަދު ބުނީ، ހޯރަފުށި އެއާޕޯޓް ޖެޓީ ހެދުމުގެ މަޝްރޫއުގެ ދަށުން 18،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި ޕްރީކާސްޓް އެލް ބްލޮކްސް ބޭނުންކޮށްގެން ޖެޓީ ހެދުން ހިމެނޭ ކަމަށެވެ. އަދި ޖިއޯބޭގް ރިވެޓްމަންޓެއް ޖެހުމާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

ޕްލޭނިން މިނިސްޓްރީން ހޯރަފުށީ އެއާޕޯޓްގެ ޖެޓީ ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 5.9 މިލިއަން ރުފިޔާ އަށެވެ.

ހޯރަފުށީގައި އެއާޕޯޓެއް އެޅުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ. އެ އެއާޕޯޓްގެ މަސައްކަތް ނިންމައި 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ވަނީ ހުޅުވައިފައެވެ. އެއާޕޯޓް ހުޅުވައިދެއްވީ ރައީސް ސޯލިހެވެ.

ސަތޭކަ ނުވަދިހަ އަށް މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ ހޯރަފުށީ އެއާޕޯޓުގައި 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި 8،635 ސްކޮޔާ މީޓަރުގެ އޭޕްރަންއަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި ޕާކިން އޭރިއާއަކާއި ފަޔާ އެކްސެސް މަގެއް ހިމެނެއެވެ.