ދުނިޔޭގެ ފުރަތަމަ ލަގްޒަރީ އެއާލައިން ހިދުމަތް ފެށުމުގެ މަސައްކަތް އެ ކުންފުނިން ފަށާފައިވާ ކަމަށް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ސިމްޑީ ގްރޫޕުން ބުނެފިއެވެ.

ސިމްޑީ ގްރޫޕުން މި އެއާލައިން އުފައްދަނީ ޔޫއޭއީގެ ކުންފުންޏެއް ކަމަށްވާ އަރަބެސްކްއާ ގުޅިގެންނެވެ. އަރަބެސްކްއަކީ ޔޫއޭއީގެ ލުފްތަންސާ، ގަތަރު އެއާވޭސް، އަދި އެހެނިހެން މަތީ ފަންތީގެ އެއާލައިންތަކުގައި މެނޭޖްމަންޓް މަގާމުތައް އަދާކޮށްފައިވާ ތަޖުރިބާކާރު އޭވިއޭޝަން ޕްރޮފެޝަނަލުން އުފައްދާފައިވާ އިންވެސްޓްމަންޓް ކުންފުންޏެކެވެ.

ސިމްޑީން މިއަދު ބުނީ މި އެއާލައިނަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި އެ ކުންފުނިން އަދާކުރަމުން އަންނަ ދައުރު ފުޅާކޮށް ލަގްޒަރީ ޓޫރިޒަމް މާކެޓަށް އަމާޒުކޮށްގެން، އެންމެ މަތީ ފަންތީގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ މަގުސަދުގައި ފަށާފައިވާ މަސައްކަތެއް ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ސިމްޑީގެ މެނޭޖިން ޑިރެކްޓަރު މިޝާލް އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވީ ރާއްޖޭގެ ފުރަތަމަ އޯލް ޕްރީމިއަމް ކްލާސް އެއާލައިނާއެކު އެ ކުންފުނީގެ އަމާޒަކީ މެދުނުކެނޑި 60 މަންޒިލަކަށް ދަތުރުކުރުން ކަމަށެވެ.

މި އެއާލައިންގެ ސީއީއޯ ޓާސްކިލާ ވިދާޅުވީ މި ހިދުމަތް ފެށުމުގެ ގޮތުން ރާއްޖޭގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ވަރަށް ގާތުން މަސައްކަތްތައް ކުރަމުންދާ ކަމަށާއި ދުނިޔޭގެ ފުރަތަމަ ލަގްޒަރީ ލެއިޝާ އެއާލައިން ރާއްޖޭގައި ލޯންޗުކުރުމަކީ އެ އެއާލައިނުން ފަހުރުވެރިވާ ކަމެއް ކަމަށެވެ.

"އެއާލައިނުން މަސައްކަތް ކުރަމުން ގެންދަނީ ވީ އެންމެ އަވަހަށް، ވީހާވެސް ގިނަ އަދި އާ މަންޒިލްތަކަށް ލޯންޗުކުރުން. މިހާތަނަށް އަޅުގަނޑުމެންނަށް ލިބިފައިވާ އެއްބާރުލުމަށްޓަކައި ރާއްޖެ ސަރުކާރަށާއި ކަމާބެހޭ ފަރާތްތަކަށް ޝުކުރު ދަންނަވަން،" ޓެރޯ ވިދާޅުވިއެވެ.

ސިމްޑީ ގްރޫޕާއި އަރަބެސްކްއާ ދެމެދު އެއާލައިނެއް ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް، މި އެއާލައިނަށް ކިޔާ ނަމެއް އަދި މި އެއާލައިންގެ ދަތުރުތައް ފަށާނެ ތާރީހެއްވެސް އަދި އިއުލާން ކޮށްފައެއް ނުވެއެވެ.

ނަމަވެސް "ވަން" އަށް އެނގިފައިވާ ގޮތުގައި، އެއާލައިން ހެދުމުގެ ގޮތުން ސިވިލް އޭވިއޭޝަނުން ނަގަންޖެހޭ ހުއްދަތައް ނަގަން މިހާރު ވަނީ ހުށަހަޅައިފައެވެ.