އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލު ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހެއްގެ ހާލު ސީރިއަސްވެ ފަރުވާދޭން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ އައްޑޫގައި އެކްސިޑެންޓެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު މިއަދު މެންދުރުފަހު 1:50 ގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އޮފިސަރު ވިދާޅުވީ މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓު ހިނގީ، މަގުމަތިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ކެރޭން ލޮރީއަކުން ޖެހިގެން ކަމަށެވެ.
އެކްސިޑެންޓުގައި އަނިޔާވީ ދިވެހި ފިރިހެނަކަށް ކަމަށާއި އޭނާއަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް އޮފިސަރު ވިދާޅުވިއެވެ. އަދި އޭނާގެ ހާލު ސީރިއަސް ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި އެ މީހާއަށް މިހާރު ވެންޓިލޭޓަރުގައި ދަނީ ފަރުވާދެމުންނެވެ. އަދި ލޮރީން ޖެހުމުން އެމީހާ ބިންމައްޗަށް ވެއްޓުނު ކަމަށާއި އެ ވަގުތު ލޮރީ އެމީހާގެ ގައި މަތިން ދިޔަ ކަމަށްވެސް މައުލޫމާތު ލިބެއެވެ.
މިކަމާ ގުޅިގެން އިކުއެޓޯރިއަލް ހޮސްޕިޓަލުގެ މީޑިއާ އޮފިސަރަށް "ވަން" އިން ގުޅާލުމުން ފޯނަށް ޖަވާބު ދީފައި ނުވާތީ ހޮސްޕިޓަލުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު