މާލޭގެ ތޮއްޖެހުމަށް އޮތް ހައްލަކީ ވެހިކަލް ކެރީން ކެޕޭސިޓީ (އުޅަނދުގެ އަދަދު) ކަނޑައެޅުން ކަމަށް މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
މާލޭގެ ތޮއްޖެހުން ކުޑަކުރުމަށާއި ފަސޭހަ އާއްމު ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް އެމްޓީސީސީން އަންނަނީ މާލޭގައި މިނީ ބަހުގެ ހިދުމަތް ދެމުންނެވެ. ނަމަވެސް ބައެއް ޓެކްސީ ޑްރައިވަރުން ފާހަގަކުރާ ގޮތުގައި މިނީ ބަސްތަކުގެ ސަބަބުން މާލޭގެ ޓްރެފިކް އިތުރަށް ވީ ގޯހެވެ.
އަލީ އާޒިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވެހިކަލް ތޮއްޖެހުމުގެ ސަބަބުން މާލޭގައި ދިރިއުޅޭ މީހުންނަށް އެމީހުންގެ ގެއިން ނުނިކުމެވިފައި ތިބެން ޖެހޭ ކަމަށެވެ.
"މާލޭގެ ތޮއްޖެހުމަށް އޮތް ހައްލަކީ ވެހިކަލް ކެރީން ކެޕޭސިޓީ ކަނޑައެޅުން. އެކަން ގާނޫނުން ހަވާލުކޮށްފައިވާ ފަރާތަކީ ސިޓީ ކައުންސިލް. ގާނޫނާ އެއްގޮތަށް ސިޓީކައުންސިލް ހިންގަވާ!" އަލީ އާޒިމް ވިދާޅުވިއެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން އެރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ވެހިކަލް ކެރީން ކެޕޭސިޓީ ކަނޑައަޅަން ޖެހެނީ އެ ސިޓީއެއްގެ ނުވަތަ ރަށެއްގެ ކައުންސިލުންނެވެ.
މާލޭގައި މިހާތަނަށް ވެހިކަލް ކެރީން ކެޕޭސިޓީއެއް ކަނޑައަޅާފައި ނުވާއިރު، ހުޅުމާލޭގެ ވެހިކަލް ކެރީން ކެޕޭސިޓީއަކީ 82،000 ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މީގެ ކުރިން ހެދި ހިސާބުތަކަކުން ދައްކާފައިވެއެވެ. އެއީ ހުޅުމާލެ ފޭސް އެކަކަށް 42،880 ވެހިކަލާއި، ފޭސްދެޔަކަށް 39،128 ވެހިކަލެވެ.
މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގެ ވެހިކަލް ކެޕޭސިޓީ ކަނޑައެޅުމަށް މަޖިލީހުގެ ތަޅުމުގައިވެސް ބަހުސް ކުރިއެވެ. ނަމަވެސް އެކަމަށް ގޮތެއް ނިންމައިފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު