ދުނިޔެ

އަދުގެ ދުނިޔެ: އަމިއްލަޔަށް އުފެއްދި މަތިންދާބޯޓު އުފުލާ އައު މަނަވަރަކާއެކު އިންޑިޔާއިން ދައްކައިލީ ކެރިފޯރުންތެރިކަމެވެ.

އިމާދު ލަތީފު

އިންޑިޔާއިން އަމިއްލަޔަށް ފަރުމާކޮށްގެން، އަމިއްލަޔަށް ބަނދެގެން، އަމިއްލަޔަށް އުފެއްދި އެންމެ ފުރަތަމަ މަތިންދާބޯޓު އުފުލާ މަނަވަރު އައިއެންއެސް ވިކްރަންތު ހުސްވި ހަފުތާ ތެރޭގައި ވަނީ ޚިދުމަތަށް ނެރެފައެވެ. މަތިންދާބޯޓު އުފުލާ އެއްމަނަވަރަށްވުރެ ގިނަ މަނަވަރު ގެންގުޅެނީ ވަރަށް މަދު ގައުމެއްގައެވެ. އެހެންވީމާ ކަނޑުގެ ބާރެއްގެ ގޮތުން އެމެރިކާޔާއި ޗައިނާޔާއި އިނގިރޭސިވިލާތާއި އެއް ގިންތިއެއްގައި އިންޑިޔާވެސް މިހާރު ގުނަން ފެށުނީއެވެ. ގާތްގަނޑަކަށް ތިން ބިލިޔަން ޑޮލަރު ޚަރަދުކޮށްގެން އުފެއްދި މި މަނަވަރަކީ އިންޑިޔާގެ ތާރީޚުގައިވެސް މިޒާތުގެ އެންމެ ބިޔަ މަޝްރޫއެވެ. އިންޑިޔާގެ މަގްސަދެއް އޮންނާނެއެވެ. އެހެންވީމާ އެކަމުގެ މައްޗަށް ފިކުރު ހިންގުމަކީ އަވަށްޓެރީން ކުރަން ޖެހޭނެ ކަމެކެވެ. އިންޑިޔާކަނޑޭ މިކިޔޭ ކަނޑުގެ އައްސޭރިއެއް ލިބިގެންވާ ހަމަ ކޮންމެ ގައުމަކުންވެސް ކުރާންޖެހޭނެ ކަމެކެވެ.

މަތިންދާބޯޓު އުފުލާ މަނަވަރެއް އޮޕަރޭޓްކުރުމަކީ އެއްވެސް ގައުމަކަށް ފަސޭހަކަމެއް ނޫނެވެ. އެއީ ޚަރަދު ބޮޑު ކަމެކެވެ. ހުނަރާއި ތަޖުރިބާޔާއި މީހުންނާއި ވަސީލަތާއި ފައިސާ ބޭނުންވާ ކަމެކެވެ. އެންމެ މަނަވަރެއް އޮޕަރޭޓް ކުރުމަކީވެސް ކުޑަވަރެއްގެ ގައުމެއްގެ މުޅި އަސްކަރިއްޔާ ހިންގުމާއި ނުބައްދަލު ކަމެކެވެ. އިންޑިޔާއިން ޚިދުމަތަށް އެނެރުނީ މަތިންދާބޯޓު އުފުލާ ދެވަނަ މަނަވަރެވެ. އެ މަނަވަރު ބާލައި ޚިދުމަތަށް ނެރުމުގެ ކުރިން މިއަށްވުރެ ބޮޑު، މިއަށްވުރެ ފުރިހަމަ ތިންވަނަ މަނަވަރެއްގެ މަޝްރޫއުވެސް ވަނީ ފަށައިފައެވެ. މިއީ ހަގީގަތުގައި އެއްތަނުން އަނެއް ތަނަށް ދަތުރުކުރާ އަސްކަރީ މަރުކަޒެކެވެ. އެޔާއެކު ދަތުރުކުރާ ޚާއްސަ އަރުމާދެއްވެސް އޮންނާނެއެވެ. ބޭނުމަކީ ކިތަންމެ ދުރުގައިވާ ތަނަކަށްވިޔަސް ބާރުފޯރުވުމުގެ ކެރިކުޅަދާނަކަން ހޯދުމެވެ. އިންޑިޔާގެ އަމާޒަކީ އިންޑިޔާކަނޑުގެ ކޮންމެ އައްސޭރިޔަކަށް ވާސިލްވާން ޖެހުނަސް އެކަން ކުރުމެވެ. ދުރުމިން ގާތްކޮށްލުމުގެ ބާރު ލިބިގަތުމެވެ.

ދުނިޔޭގެ ބޮޑެތި ބާރުތަކުގެ އާރާއި ބާރު ރަމްޒުކޮށްދޭ އެއްޗަކީ މަތިންދާބޯޓު އުފުލާ މަނަވަރެވެ. އެމެރިކާއިން މުޅި ދުނިޔެއަށް ނުފޫޒު ފޯރުވުމަށް ބޭނުންކުރާ މައިގަނޑު ވަސީލަތަކީވެސް މަތިންދާބޯޓު އުފުލާ މަނަވަރެވެ. ދުނިޔޭގެ ކިތަންމެ ދުރުގައިވާ ގައުމަކާމެދު ނުރުހުނަސް އެގައުމެއްގެ އައްސޭރިޔަށް މަތިންދާބޯޓު އުފުލާ މަނަވަރެއް ފޮނުވައިގެން ބިރުދެއްކުމަކީ ކުރަމުން އަންނަ ކަމެކެވެ. ފަހަކަށް އައިސް ޕެސިފިކް ކަނޑުގައި އެމެރިކާގެ ބާރަށް ގޮންޖަހަމުންދާ ގައުމަކީ ޗައިނާއެވެ. މިކަމަށްޓަކައި ޗައިނާއިންވެސް އެންމެ އިސްކަމެއް ދީގެން ކުރާކަމަކީ އެގައުމުގެ ފްލީޓަށް މަތިންދާބޯޓު އުފުލާ މަނަވަރު އިތުރުކުރުމެވެ. މިކަންކަން މިހެން ހިނގާއިރު އިންޑިޔާއަށް ހިމޭނަކުން ނޯވެވޭނެއެވެ. ހިމޭނުން އޮތުމަކީ އިންޑިޔާގެ މަސްލަހަތެއްވެސް ނޫނެވެ. އިންޑިޔާގެ ފްލީޓަށް މަނަވަރުތައް އިތުރުކޮށް ބާރުގަދަކުރަމުން އެދަނީ އިންޑިޔާކަނޑުގައި ޗައިނާއަށް އެފަދަ ފުރުސަތެއް ނުދިނުމުގެ ގޮތުންނެވެ.

އިންޑިޔާއިން މީގެކުރިން އެއްފަހަރާ މަތިންދާބޯޓު އުފުލާ ދެމަނަވަރު އޮޕަރޭޓް ނުކުރިޔަސް އޭޝިޔާގެ ގައުމުތަކުގެ ތެރެއިން މަތިންދާބޯޓު އުފުލާ މަނަވަރު އޮޮޕަރޭޓްކުރުމުގެ އެންމެ ދިގު ތާރީޚެއް ލިބިގެންވަނީ އިންޑިޔާއަށެވެ. އިންޑިޔާގެ ނޭވީން ވަނީ މީގެ 61 އަހަރު ކުރިން ފެށިގެން މަތިންދާބޯޓު އުފުލާ މަނަވަރު ބޭނުންކުރަން ފަށައިފައެވެ. އިންޑިޔާގެ ފުރަތަމަ ކެރިއަރަކީ އިނގިރޭސިވިލާތުގެ އުފެއްދުމެކެވެ. އެޔަށްވެސް ނަންދިނީ އައިއެންއެސް ވިކްރަންތުގެ ނަމުންނެވެ. މިއީ ސެންސްކުރިތު ލަފުޒެކެވެ. މާނަޔަކީ ހިތްވަރާއި ކާމިޔާބެވެ. އެމަނަވަރު 1997 ވަނަ އަހަރާ ހަމަޔަށް ބޭނުންކުރިއެވެ. އެ މަނަވަރުގެ ބަދަލުގައި ދެންވެސް މަތިންދާބޯޓު އުފުލާ މަނަވަރެއް ގެނައީ އިނގިރޭސިވިލާތުންނެވެ. އެޔަށް ނަންދިނީ އައިއެންއެސް ވިރާތުގެ ނަމުންނެވެ. މި މަނަވަރު ބޭނުންކުރީ 2017 ވަނަ އަހަރާ ހަމައަށެވެ. އެ މަނަވަރު އެހެލުމުގެ ކުރިން ރަޝިޔާއިން މަތިންދާބޯޓު އުފުލާ މަނަވަރެއް ގެނެސް އިތުރަށް ތަރައްގީކޮށްގެން އައިއެންއެސް ވިކްރަމަދީތިޔާގެ ނަމުގައި މިހާރު ދަނީ ބޭނުން ކުރަމުންނެވެ.

އިންޑިޔާއިން 61 އަހަރުވަންދެން އޮޕަރޭޓް ކުރަމުން އައީ ކުރިން ދެންނެވި ބީދައިން މަތިންދާބޯޓު އުފުލާ އެއްމަނަވަރެވެ. އެކަން ހުސްވި ހަފުތާގައި ބަދަލުކޮށް އެއްފަހަރާ ދެ މަނަވަރު އޮޕަރޭޓްކުރަން ފެށީއެވެ. ޕްލޭނުގައި އޮތީ 2030 ވަނަ އަހަރު އަންނަންވާއިރު އެއްފަހަރާ ތިން މަނަވަރު އޮޕަރޭޓް ކުރުމެވެ. އެހެން ގައުމުތަކުގެ އުފެއްދުންތަކަށް ބަރޯސާކުރުމުގެ ބަދަލުގައި ދެން އިންޑިޔާއިން ބޭނުންކުރާނީ އަމިއްލަ އުފެއްދުންތަކެވެ. އައު މަނަވަރުން އިންޑިޔާއަށް އެކަމުގެ ކެރިފޯރުންތެރިކަން ލިބިފައިވާ މިންވަރު ވަނީ ފެނި ހާމަވެފައެވެ. އައިއެންއެސް ވިކްރަންތަކީ ސާޅީސްހާސް ޓަނުގެ ކެރިއަރެކެވެ. އޭގެ އެންމެ މަތީ ދުވެއްޔަކީ ގަޑިއަކު ބައްތިރީސް މޭލެވެ. އެއްވެސް މަންޒިލެއްގައި މަޑުނުކޮށް 8600 މޭލު ކަޑައްތު ކުރުމުގެ ގާބިލްކަން ލިބިފައިވެއެވެ. އަދި އެއްފަހަރާ ހަނގުރާމަމަތީ ތިރީސް ޖެޓް ގެންގުޅުމުގެ ގާބިލްކަންވެސް ލިބިގެންވެއެވެ.

އައިއެންއެސް ވިކްރަންތު ހަގީގަތަކަށް ހެދުނީ ލައްކަ ގިނަދުވަހުގެ މަސައްކަތުންނެވެ. މި މަޝްރޫއަށް ސަރުކާރުން ހުއްދަދިނީ 2003 ގައެވެ. އަމަލީ މަސައްކަތް ފެށުނީ 2009 ގައެވެ. މަނަވަރުގެ އޮނިގަނޑު ނިންމައި ބޭލުނީ 2013 ގައެވެ. ޚިދުމަތަށް ނެރެވުނީ 2022 ގައެވެ. ކިތަންމެ ފަހަރަކު ފަރުމާޔަށް ބަދަލު ގެނެސްފައިވެއެވެ. މިއީ ކުރީގައިވެސް ބޭނުންކުރަމުން އައި ވިކްރަމަދީތިޔާއަށްވުރެ ކުޑަ މަނަވަރެކެވެ. އެކަމަކު ބޭނުންކުރެވޭ ޓެކްނޮލޮޖީއާއި ހަތިޔާރުގެ ގޮތުން އެއަށްވުރެ ފުރިހަމަ އެއަށްވުރެ ބާރުގަދަ މަނަވަރެކެވެ. ހުރިހާ ބާވަތެއްގެ މިސައިލްވެސް މިއިން އުދުއްސައިލެވެއެވެ. މިއީ އިލެކްޓޯނިކް ހަނގުރާމައިގެ ހަބެއްވެސްމެއެވެ. މި މަނަވަރު ޚިދުމަތަށް ނެރުނު ކަމަށްވިޔަސް ފަރުމާކުރެވިފައިވާ ގޮތަށް އޭގެ ހުރިހާ ކަންކަން ފުރިހަމަވުމަށް އަދިވެސް ދެތިން އަހަރެއް ހޭދަވާނެއެވެ. އެހިސާބަށްދާއިރު ތިންވަނަ މަނަވަރެއްގެ އަމަލީ މަސައްކަތްވެސް އޮންނާނީ ގާތްގަނޑަކަށް ނިމިފައެވެ.