ނިދާފައި އޮތް ފަރީދުގެ މޫނަށް ބަލައިލާފައި ފާހާނާއަށް ދިޔުމަށް ރޫބިޔާ ކޮޅަށް ތެދުވިއެވެ. ގައިމަތީގައި އޮތް ރަޖާގަނޑު ކެހި ހަށިގަނޑު ކަޝްފުވެގެން ދިޔުމާއެކު އަލުން ރަޖާގަނޑު ނަގާފައި ގައިގައި އޮޅާލިއެވެ.
ރޫބިޔާއަށް ނޭނގުނީ ހުވަފެނުގައި ފެނުނު ޒުވާން ފިރިހެނާއަކީ އޭނާގެ ހަލާކުކަމެވެ. ޝަހްވާނީ އެދުންތަކާއި ހަވާނަފުސަށް ހިތް ދީލާލަފައިވުމުން ރަނގަޅު އެއްޗެއް ވިސްނޭވަރަށް ވުރެ ބޮޑަށް ރޫބިޔާގެ ސިކުނޑި ވަނީ ތަގައްޔަރުވެފައެވެ.
************
ހެނދުނުގެ ސަޔަށް ހުރިހާ މީހުން އެރީ އެކީގައެވެ. ހަބީބާ އެދުނީ ފިރިހެނުންނާ އެކުގައި ޖިލްވާވެސް އެރުމަށެވެ. ހާއްސަ ދުވަހެކޭ ހަބީބާ ބުނީ ކީއްވެގެން ކަމެއް ނުބުނެއެވެ. ބަރަކްއަށް ބަލައިލެވުނީ ވައަތް ފަރާތުގައި އައިސް އިށިން ރާޝިދު ފެނިފައެވެ. އެނޫނީ އެއްމޭޒުމަތިން ބަރަކްއާއެކު ރާޝިދު ބައިވެރިވެފައެއް ނެތެވެ. ލޯތްބާއި ކުލުނުން ފުރިގެންވި ބެލުމަކުން ރާޝިދު ބަރަކްއަށް ބަލައިލިއެވެ. އެހާކައިރިން ރާޝިދުގެ ދެލޯ ފެނުމާއެކު ބަރަކްގެ ހިތަށް ވެރިވެގެން ދިޔައީ މުޅިން ތަފާތު އިހުސާސެކެވެ. އަނގައިން 'ބޭބެ' ލަފްޒު ނުކުންނަން އުޅެފައިވެސް ބަރަކްގެ ދޫ ބަންދުވި ކަހަލައެވެ. ހިނިތުންވުމެއް ބަރަކް ދިނެވެ.
"މިއަދު ކޮންކަމެއް އޮތީ؟" ދެބަފައިންގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އިން ޒުބައިރު އެހިއެވެ.
"އަނެއްހެން ވަކި ކަމެއްނެތް. މިހެން މިރަށުގަ އުޅެނިކޮށް ޗުއްޓީގެ ދުވަސްތައް މިހިރަ ދަނީ" ބަރަކް ބުންޏެވެ.
"އެހެންވީމަ ސައިބޮއެގެން ގެއިން އެހެން ތަނަކަށް ނުގޮސް މަޑުކޮށްލައްޗޭ އިނގޭ. ޒުބައިރުބެ ގެއަށް އަންނާނަން އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް" ޒުބައިރު ބުންޏެވެ. ބަރަކްގެ ހިތުގައި ސުވާލު އުފެދުނެވެ. އެހެންނަމަވެސް އިތުރު ސުވާލެއްނުކޮށް ބަރަކް ބޯޖަހާލިއެވެ.
"ރާބޭވެސް މިއަދު ގޭގަ މަޑުކުރާ ދުވަހެއްދޯ" ސަމާސާ އެކުލެވޭ ރާގެއްގައި ޒުބައިރު ބުންޏެވެ.
"އަހަރެންނަށް މިއަދު އޮތީ އެންމެކަމެއް" ތައްޓަށް ރިހަ ސަމްސަލެއް އަޅަމުން ރާޝިދު ބުންޏެވެ.
**********
ގޭ ދޮރުމައްޗަށް ސައިކަލް މަޑުކޮށްލުމާއެކު ރިންދާ ފައިބައިފިއެވެ. އަޔާލްގެ އަތުގައި ހިފާލައިގެން ހުރެ ދޮރާށިން އެތެރެއަށް ރިންދާ ވަނެވެ.
"ނިމިފައެއްނު މިހުރީ" އިމާރަތަށް ނަޒަރު ހިންގާލަމުން ރިންދާ ބުންޏެވެ.
"އާނ. މިހާރު ފިނިޝިން ކުރިއަށް އެދަނީ" އަޔާލް ބުންޏެވެ.
"އެމީހުން ހާދަ ފާސްޓޭ ދޯ" ރިންދާ ބުންޏެވެ.
ރިންދާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ދުރުގައި އަޔާލް ހުއްޓެވެ. އެންމެ ތިރީބައިގެ ހުރިހާ ދިމާލެއް ރިންދާ ބެލިއެވެ. ބަދިގެ އާއި ގަސްހައްދަން ހާއްސަކޮށްފައި އޮތް ބައި ބެލިއެވެ. އަލުން ރިންދާ އައިސް އަޔާލް ކައިރީގައި ހުއްޓިފައި އަޔާލްގެ މޫނަށް ބަލައިލިއެވެ.
"ވަރަށް ކަމުދޭ" ރިންދާ ބުންޏެވެ.
"އަހަރެމެންގެ އެޕާޓްމަންޓް ބަލާލަންވާނެއްނު" އަޔާލް ބުންޏެވެ. ރިންދާ ބޯޖަހާލިއެވެ. އެއާއެކު ރިންދާގެ އަތްތިލައިގެ ތެރެއަށް އަޔާލް އަތް ލައްވާލިއެވެ. ސިޑިން އަރައިގެން ދެކުދިން ދިޔައިރު މަސައްކަތްކުރަން ތިބި ބައެއް މީހުންގެ ނަޒަރު ދެކުދިންނަށް ހުއްޓިފައިވިއެވެ.
ދޮރުފަތް ހަރުނުކޮށް ހުރުމުން ސިޑިން ފައިބައިގެން ދިޔަގޮތަށް ވަދެވުނީ އަޔާލްއަށް ހާއްސަކޮށްފައިވާ ބަޔަށެވެ. ރިންދާ ކުޑަކޮށް ނޭވާ ހަމަޔަކަށް އެޅެންދެން މަޑުކޮށްލައިގެން ހުރެފައި ހުރިހާ ތަނެއް ބަލަން ފެށިއެވެ. ސިޓިންރޫމް ދޮރު ނޫން ދޮރު ހަރުކުރަންޖެހޭ ހުރިހާ ތަނެއްގައި ދޮރުފަތް ހަރުކޮށްފައި ހުއްޓެވެ. އެޕާޓްމަންޓްގައި ދެކޮޓަރި ހުއްޓެވެ. ސިޓިންރޫމުންގެ ކަނާތްފަރާތުން ނުކުމެވޭގޮތަށް ބޮޑު ބެލްކަންޏެއް ހުރިއިރު ބަދިގެ ބަޔާ ސިޓިންރޫމް ހުރީ އެކުނުވާނެހެންނެވެ.
"ކީއްވެ ދެކޮޓަރި؟" ރިންދާ އެހިއެވެ.
"އެއީ ރިދާ ރުޅިހަދާލާފައިވެސް އެހެން ކޮޓަރިއެއްގައި އޮންނަން ބޭނުންވެދާނެއްނު" އަޔާލް ބުންޏެވެ. ރިންދާ އަޔާލްއަށް ބަލައިލިއެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިވެފައިވިއިރު އަޔާލްއަށް ދެލޯކުޑަކޮށްލައިފިއެވެ. އަޔާލްއަށް ހެވުނެވެ.
"މާޝާﷲ... މިހިރީ ހަމަ އަހަރެން ބުނިގޮތަށް" މާސްޓާ ބެޑްރޫމަށް ވަދެވުމާއެކު ރިންދާ ބުންޏެވެ. އަޔާލް އައިސް ރިންދާގެ ފަހަތުން ހުއްޓުނެވެ. ރިންދާ ނުވިސްނާހުއްޓައި ފަހަތުން ރިންދާގެ ގައިގައި ބައްދާލިއެވެ.
"އަހަރެން ހަމަ ބޭކާރުގޮތުގަ ކުރި ސުވާލުތަކެއް ނޫނޭ" އަޔާލް ބުންޏެވެ. ރިންދާއަށް ހެވުނެވެ. ރިންދާއަށް އެންމެ ކަމުދާ ކޮޓަރިތައް ހުންނަން ޖެހޭނެ ގޮތް އަޔާލް އެހި ހަނދާނެއްވިއެވެ. އެއްދުވަހަކު ޖެހި ސަކަރާތެއްގެ ތެރެއިން ރިންދާ ލައްވައި ގަނޑެއްގައި ކުރަހަންވެސް ކުރެހިއެވެ.
"ރިދާ ގޮވައިގެން މި އިމާރާތުގަ މި އެޕާޓްމަންޓްގަ އަދި މިކޮޓަރީގައި ދުވަސްތައް ހޭދަކުރާހިތުން އަހަރެން ކެތްމަދުވެފަ މިހުރީ" އަޔާލް ބުންޏެވެ. ރިންދާ ނުވިސްނާހުއްޓައި ކޮށްލި ހަރަކާތަކާއެކު ދެމީހުން ކުރިމަތިވާނެހެން ރިންދާ އަނބުރާލިއެވެ. ރިންދާގެ މޫނާ މޫނު ގާތްކުރަމުން ގޮސް އަޔާލް މަޑުޖެހިލީ އެކަކު އަނެކަކުގެ ނޭވާ އިހުސާސްވާހާ ގާތުގައެވެ.
"ހިނގާ ދާން. މީހަކު އައިސްދާނެ" ރިންދާ ބުންޏެވެ. އަޔާލްއަށް ހެވުނެވެ. ރިންދާ ގަޔާ ދުރުކޮށްލުމުގެ ކުރިން އަޔާލް ރިންދާގެ ކޯތާފަތުގައި ބޮސްދިނެވެ.
"އެވަރު އޯކެއެއްނު" އަޔާލް ބޮސްދިން ތަނުގައި ރިންދާ އަތްތިލަ ޖައްސާލުމާއެކު އަޔާލް ބުންޏެވެ.
"ބަރަކްގެ ބައި ނުބަލާނަންތަ؟" އަޔާލް އެހިއެވެ.
"ދެވަނަ ބައި ބަރަކްއަށް. ގްރައުންޑް ފްލޯ ކާކަށް" ރިންދާ ބުންޏެވެ.
"އެއީ ބައްޕައަށް ހާއްސަކޮށްފަ. ބައްޕަ ދުނިޔޭގަ ނެތަސް، އަދި އެތަން އެހެން ބަޔަކަށް ކުއްޔަށްދޭން ޖެހުނަސް އެތަނަކީ ބައްޕަގެ" އަޔާލް ބުންޏެވެ.
"ބައްޕަގެ ވާހަކަދައްކާއިރު ހާދަ ދެރަވެފައޭ ޔާލް ހުންނަނީ. އަހަރެން ބޭނުމެއް ނޫން ޔާލް ދެރަވާކަށް" އަޔާލްގެ ގައިގައި ބައްދާލަމުން ރިންދާ ބުންޏެވެ. ދެން ދެކުދިން އެކީގައި ސިޑިން ފައިބައިގެން ހިނގައިގަތެވެ.
"އޮފީހުގަ ހުއްޓަ ނެރެގެން ތިއުޅެނީ. އަދަބުލިބޭނެ އިނގޭ" ސައިކަލަށް އެރިއިރުވެސް އަޔާލް ހިމޭންވެފައި އިންތަން ފެނުމުން މަޖާވެފައި ރިންދާ ބުންޏެވެ.
*************
"ބަރަކް ތިހުރީ ހަމައިގަތަ؟ އަނެއްކާ ތިރަށަކަށް ގޮސް ކޮންކަހަލަ އެއްޗެއް ކެވިގެން ތިއުޅެނީ؟ ނޫނީ މީހަކު ފަންޑިތައެއް ހެދީތަ؟" އެހެންޏާ ފަހެ.... އެއްޗެއް ނުވިސްނޭވަރުގެ ތުއްތު ކުއްޖެއްނޫނޭ ތީ" ފޯނުގައި ހުރި ރޫބިޔާ ބަރަކްއަށް ހަޅޭއްލަވައިގަތެވެ.
"ޕްލީޒް މަންމާ ބުނެބަލަ. ބައްޕަގެ މަރުސާބިތުކުރި ފޯމު އެބައޮތްތަ؟ ނޫނީ އޭތި މަންމަ ދުށިންތަ؟" ނޫނީ ބައްޕަ ބަލިކޮށް އުޅުނުއިރު ޑޮކްޓަރަށް ދެއްކި އެއްވެސް ލިޔުމެއް އެބައޮތްތަ މަންމަ އަތުގަ" ބަރަކް އެހިއެވެ.
ބަރަކްގެ އަޑަށް ވެރިވެފައިވާ ހިމޭންކަމާއި ރާގުގައި ހުރި މަޑުމައިތިރިކަމަކުން ރޫބިޔާގެ ދުވަސް ހަރާބުވިއެވެ. ކުއްލިއަކަށް އެފަދަ ވާހަކައެއް ބަރަކް އަހަންފެށުމުން ހަދާނެގޮތް ހުސްވިއެވެ. ވީގޮތެއް ބަރަކް ކައިރިން އަހައިގެން އޮޅުންފިލުވަން ބޭނުންވިއެވެ. ރުޅިއިސްކޮށްގެން ބަރަކްގެ ފަރާތުން ކަމެއް ނޭނގޭނެތީ ރޫބިޔާ ހަމަޖެހުނެވެ.
"ކިހިނެއްވީ އަނެއްކާ ދަރިފުޅާ. ހުވަފެނުގަ ބައްޕަ ފެނުނީތަ؟" މަޑުމައިތިރިކަމާއެކު ރޫބިޔާ އެހިއެވެ. ބަރަކްއަށް ދޭނެޖަވާބެއް ނޭނގުނެވެ. އޭނައަށް ރޮވެނީއެވެ. އެކަން ރޫބިޔާއަށް އެނގުމާއެކު ވަރަށް ބޮޑަށް ކަންކަން ގޯސްވެއްޖެކަން އެނގުނެވެ.
"ބުނެބަލަ މަންމާ. އެކަހަލަ އެއްވެސް ލިޔުމެއް އެބައޮތްތަ؟" ބަރަކް އަނެއްކާވެސް ސުވާލުކުރިއެވެ.
"މިހާރު އެފަހުން ކިހާ ދުވަހެއްމިވީ. ބަރަކް އާއި އަޔާލު ކުޑައިރު އަހަރެމެންގެ ތިންމައިންނާ އޭނަ ވަކިވެއްޖެ" ރޫބިޔާ ބުންޏެވެ.
"އެހެންވިއްޔާ ބައްޕައަށް ކިޔަނީ ކޮންނަމެއް؟" ބަރަކް އެހިއެވެ. ރޫބިޔާ ދުލުގައި ހީވީ ތަޅެއް އެޅުވިގެން ދިޔަހެންނެވެ. ބަރަކްއަށް ރާޝިދުގެ އެއްވެސް ތެދު މައުލޫމާތެއް ދޭން ރޫބިޔާގެ ޒަމީރު އެއްބަހެއް ނުވިއެވެ. އެހެންކަމުން ކަރުކެހިލފައި ހަމަޖެހިލިއެވެ.
"އަހަންމަދު. އަހަންމަދު ކިޔަނީ" ރޫބިޔާ ބުންޏެވެ.
"ބައްޕަގެ ފޮޓޯއެއް އެބައިންތަ؟ އަހަރެން ބަލާލަން ބޭނުން" ބަރަކް ބުންޏެވެ.
އެހިސާބުން ބަރަކް އަތުން ޖިލްވާ ފޯނު އަތުލައިފިއެވެ. ބަރަކްގެ ދެލޮލުން ކަރުނަ ނުހިކެއެވެ. ރާޝިދަކީ ހަގީގީ ބައްޕަކަން އަދި ޔަގީންނުވާހާލު، ބަރަކްއަށް އެވަރުވާއިރު އެކަން ޔަގީންވާހިނދު ބަރަކްއަށް ވާނެ ގޮތަކަމެދު ޖިލްވާއަށް ވިސްނެން ފަށައިފިއެވެ.
"ހަލޯ މަންމާ... ކިހިނެއްތަ ހާލު؟" ފޯނު އަދި ނުކެނޑޭކަން އެނގުމުން ޖިލްވާ ބުންޏެވެ.
"ބަރަކްއަށް ކިހިނެއްވެގެންތަ އެ އުޅެނީ؟ ކަލޭމެން ކޮންކަހަލަ މޮޔަ ވާހަކަތަކެއް ތިދައްކަނީ؟" ޖިލްވާގެ އަޑު ޖެހުމުން ރޫބިޔާގެ އަޑާއި ރާގު ބަދަލުވެއްޖެއެވެ.
"މާބޮޑުކަމެއްނުވޭ. ބަރަކްއަށް ހުވަފެނެއް ފެނުނީ" ޖިލްވާ ބުންޏެވެ.
ފޯނު ކަނޑާލާފައި އަތްދަބަސް ތެރެއަށްލުމަށްފަހު ކައިރީގައި އިން ބަރަކްއަށް ޖިލްވާ ބަލައިލިއެވެ. ރޮއެރޮއެ ބަރަކްގެ ދެލޯ ވަނީ ރަތްވެފައެވެ. ދެލޯ ކޮންމެވެސް ވަރަކަށް ދުޅަވެފައެވެ. ބަރަކް އިން ހާލު ފެނުމުން ޖިލްވާ ހިތަށް ތަދުވެލިއެވެ.
"މަންމަ ކައިރީގަ އެވާހަކަދެއްކީ ކީއްކުރަން" ޖިލްވާ ބުންޏެވެ.
"ދެން އަހަރެން ކިހިނެއްހަދަންވީ؟ އަހަރެން ބިރުގަތީ. އަހަރެންގެ ކުރިމަތީގައި މަންމަ ބޭޒާރުވާކަށް ބޭނުމެއް ނޫން. މަންމަގެ ރުންކުރުގޮތެއް ހުއްޓަސް އެއީ އަހަރެންގެ މަންމަ. މައެއްގެ ހަޔާތުގައި ދަރިންނަކީ ކޮންބައެއްކަން މަންމަގެ ހަނދާނުގައި ނެތަސް އެއީ އަހަރެންގެ މަންމަކަން އަހަރެންގެ ހަނދާނުގަ އެބަހުރި. އަހަރެން ބޭނުންވީ ޔަގީންކަން. ބައްޕަ މިދުނިޔޭގަ ނެތްކަން މަންމަ އަހަރެންނަށް ޔަގީންކޮށްދޭން. އަހަރެންގެ ހިތުގައި ފުނިޖެހިފައިވާ ޝައްކުތަކާއި ވަހުމްތައް ފިލުވާލަން. އެކަމަކު މަންމައަށް އެ ޔަގީންކަމެއް ނުދެވުނު" ބަރަކް ދެކަކުލުގައި ބޯއެޅިއެވެ.
"ދެން ހުއްޓާލާ. ބައެއް މީހުން އެބަ ބަލާ މިކޮޅަށް. ހިނގާ ދާން" ޖިލްވާ ބުންޏެވެ. ބަރަކްގެ އަތުގައި ހިފައި ދެމުމުންވެސް އިންތަނުން ބަރަކް ގުޑިނުލިއެވެ. ޖިލްވާ ހަދާނެގޮތް ހުސްވިއެވެ. ބަރަކް ހިތްހަމަޖައްސައިދޭން ކުރާނެ ކަމެއް އޭނާއަށް ނޭނގުނެވެ. ކުއްލިއަކަށް ޖިލްވާ ސިހުނީ ބަރަކް ޖިލްވާގެ ދެއަތުގައި ހިފެހެއްޓުމުންނެވެ.
"ޖިލް...." ބަރަކް ގޮވާލިއެވެ.
"ސޮރީ އިނގޭ. މިދަތުރަކީ އަހަރެމެން ހިތްހަމަޖައްސާލަން އައި ދަތުރެއް. އެކަމަކު ކިހިނެއްމިވީ؟ އަހަރެންގެ ހިތްހަލާކުމިވީ" ބަރަކް ވާހަކަދެއްކިއެވެ.
"އެއީ އެވަރުކަމެއް ނޫން. ހިނގާ މިތަނުން ދާން. ޒުބައިރުބެ ބުނީ ކީކޭ. ގެއިން އެހެންތަނަކަށް ނުގޮސް މަޑުކޮށްލަދެއްޗޭ. އެހެންބުނީމަވެސް އައިސް މިތާ މިތިބީ. ހުރިހާކަމެއް އެނގި ސާފުވާނެ މިއަދު" ޖިލްވާ ބުންޏެވެ. ދެއަތުން ލޯކައިިރި ފޮހެލާފައި ބަރަކް ތެދުވިއެވެ. ދެން ދެކުދިން އެކުގައި އެއްގަމަށް އަރަން ހިނގައިގަތެވެ.
**********
ރޫބިޔާގެ ހަބަރެއްނުވެ ގިނައިރުވުމުން ފާހާނާއިގައި އުޅުނު ފަރީދު ބޯދިއްކޮށްލިއެވެ. އެނދުގައި އިން ރޫބިޔާ އިނީ ގާވެފައެވެ. ފަރީދު ގޮވާލުމުންވެސް ހަބަރެއް ނުވިއެވެ. މަޖަލަކަށް ހަދާފައި އަތުން ފެންފޮދެއް ރޫބިޔާގެ ގަޔަށް ފަރީދު ބުރުވާލިއެވެ. އެވަރުންވެސް ރޫބިޔާއަށް ހިލަމެއްނުވިއެވެ. އެހެންކަމުން ފަރީދު އަވަސްކޮށްލައިގެ ފާހަނައިން ނުކުތެވެ.
"އޭތް.. ކޮންވިސްނުމެއްގަ" އެނދުމަތީގައި އޮތް ސޯޓްބުރި ހިފައިގެން އަލަމާރި އާ ގާތަށް ޖެހިލަމުން ފަރީދު ބުންޏެވެ.
"ކީކޭ؟ ހާދަ ލަހުންނޭ ތި ނުކުތީ. އަހަރެން ވަންނަންވީދޯ" ރޫބިޔާ އެނދުން ތެދުވަމުން ބުންޏެވެ.
"އާނ... އަހަރެންނާއެކު ހުރިހާކަމެއް ކުރަންކެރޭ. އެކަމަކު ފެންވަރާކަށް ރޫބީއަކަށް ނުކެރޭ..." ލާނެއް ރާގަކަށް ފަރީދު ބުންޏެވެ. ރޫބިޔާ ކުޑަކޮށް ހީލުންފިޔަވާ އިތުރަށް ބަހެއް ނުކިޔައެވެ. ރޫބިޔާއަށް ކަމެއްވެފައި އިންހެން ހީވެ ފަރީދު ރޫބިޔާގެ ގާތަށް ޖެހިލިއެވެ.
"ކިހިނެއްވީ؟ ބަރަކްގެ ފޯނު އައިފަހުން ރޫބީ ތިއިންނަނީ ވަރަށް ފާޑަކަށް" ފާހާނާއަށް ވަންނަން ދިޔަ ރޫބިޔާގެ އަތުގައި ހިފަމުން ފަރީދު ބުންޏެވެ.
"ބަރަކް ވަރަށް އެހެން ކަހަލަ ސުވާލުތަކެއް ކޮށްފި. ހިތަށް އަރަނީ ކިހިނެއްވާންބާއޭ މިއުޅެނީ؟" ރޫބިޔާ ބުންޏެވެ. ފަރީދުގެ ދެލޯ ކުޑަކޮށްލިއިރު، މޫނުމައްޗަށް ހައިރާންކަމެއް ވެރިވިއެވެ. ރޫބިޔާ ގޮވައިގެން އެނދުގައި އިށީނދެފައި ސުވާލުކުރިއެވެ.
ބަރަކް ދެއްކި ހުރިހާ ވާހަކަތައް ރޫބިޔާ ފަރީދަށް ކިޔައިދިނެވެ. އޭގެފަހުން ރޫބިޔާގެ ކަންބޮޑުވުން ގުޅިފައިވަނީ ކޮންކަމަކާ ކަންވެސް ފަރީދަށް ބުނެދިނެވެ.
"އެވަރުގެ ކަމަކާ ބޯތިގޮއްވަނީ. ބަރަކްގެ އަންހެނުން އެބުނީނު އެސޮރަށް ހުވަފެނެއް ފެނުނީއޭ" ފަރީދު ބުންޏެވެ.
"އެކަމަކު އޭނަ މަރުވިކަން އަހަރެމެންނަށް ޔަގީން ނުވެއެއްނު" ރޫބިޔާ ބުންޏެވެ.
"ރޫބީ ތިވިސްނަނީ މާބޮޑަށް. އަހަރެންނަކަށް ހިއެއްނުވޭ އޭނަ ދުނިިޔޭގަ ހުރިހެނެއް. ދުނިޔޭގަ ހުއްޓަސް އަހަރެން ހެދި އެތިފަހަރުގެ ސަބަބުން މިހާރު ހުންނާނީ އަމިއްލަ ހާލައިގެންވެސް ނޫޅެވޭވަރުވެފަ. އަހަރެމެންނާ ހަމައަށް އޭނައަށް ނާދެވޭނެ. އެހެންނޫނަސް މިހާރު ހުންނާނީ ލޯބޯކޮށިވެގެން ގޮސް ޅަ ދުވަސްވެސް ހަނދާނުން ފޮހެވިފަ ތޯއްޗެ. އަނެއްކޮޅުން ބަރަކް ފެނުނިއްޔާ އޭނައަށް އެނގޭނެތަ؟ ނޫނީ އޭނަ ފެނިފަ ބަރަކްއަށް އެނގޭނެތަ؟" ފަރީދު ވާހަކަދެއްކިއެވެ.
ފަރީދުގެ ވާހަކަތަކުން ރޫބިޔާގެ ހިތަށް ހަމަޖެހުން ލިބުނެވެ. ރާޝިދުގެ އެއްވެސް ހަބަރެއް ދުނިޔޭގެ އެއްވެސް ތަނެއްގައި ނުވާނެކަން އޭނާ އަމިއްލަ ހިތަށް ވިސްނައިދިނެވެ.
**********
ކާރުން ފައިބައިގެން އައި ވިލިނީ އައިސް ކެފޭ ދޮރުމަތީގައި ހުއްޓުނީ އެތެރޭގައި ލައިދު ބަލަހައްޓައިގެން ހުއްޓައެވެ. ދަބަހުގައި އޮތް ފޯނު ނަގާފައި މެސެޖް އައިސްފައި އިން ނަންބަރަށް ވިލިނީ މެސެޖެއްކޮށްލިއެވެ. މާގިނައިރެއް ނުވެ ވިލިނީ ކުރިމަތީގައި ލައިދު ހުއްޓިއްޖެއެވެ.
"އަހަރެން ލަހެއްނުވޭ. އަންނަހިތުން ވިހި މިނެޓް ކުރިން އައިސް އެތެރޭގަ މަޑުކޮށްލައިގެން މި އިންނަނީ. ވިލީގެ އިންތިޒާރުގަ" ލައިދު ބުންޏެވެ.
ވިލިނީ ލައިދުގެ މޫނަށް ބަލައިލިއެވެ. ވާހަކަދެއްކުމުގައި ފަސްޖެހުމެއް ނެތް ޖެހިލުން ކުޑަ ޒުވާނެކެވެ. ބަލާބެލުމަށް ހިތްހެޔޮ ފާޑު ޖަހައެވެ. އިސްކޮޅުންދިގެވެ. ލައިދުގެ މޫނުން ވިލިނީއަށް އެންމެ ތަފާތު ކަމަކަށް ފެނުނީ ލައިދުގެ ކަޅުކަންގަދަ ދެ ބުމަ އައިސް ނޭފަތުގެ މަތިން ގުޅިފައިވާ ގޮތެވެ. ހަމުގެ ކުލަ އަލި ސާފު މޫނުން އެ ތަފާތު ކޮންމެ މީހަކަށްވެސް ފާހަގަވާނެއެވެ. ވިލިނީއަށް އެނގުނީ ލައިދު ބުނަން ބޭނުންވި ކޮންމެ އެއްޗެއްވެސް ބުނެދާނެކަމެވެ. ނޭނގެނީ ލައިދުގެ ބޭނުމެވެ.
"ހިނގާ އެތެރެއަށް" ލައިދު ބުންޏެވެ. އޭނާ އެއްފަރާތަކަށް ޖެހިލާފައި އެތެރެއަށް ވަންނަން އަތުން އިޝާރާތްކޮށްލިއެވެ. އޭނާ ތަންކޮޅެއް ކުރީގައި ހުރެ ދާންވީ މިސްރާބު ވިލިނީއަށް ދައްކަމުން ދިޔައެވެ.
ލައިދު އިށީނީ ވިލިނީ އިށީންނަން ގޮނޑި ނެރެދިނުމަށްފަހު، އެ ގޮނޑީގައި ވިލިނީ އިށީނުމުންނެވެ.
"ހީވަނީ ތަނަކަށް ދާން ނުކުމެފަ އައިސްއިންހެން" ލައިދު ބުންޏެވެ. މޭޒުގެ އެއްފަރާތުން ވިލިނީ ބޭއްވި ހުދުކުލައިގެ ބޮޑު ސިޓީއުރަ ލައިދުގެ ލޮލުގައި އަޅައިގަތްތާ އިރުކޮޅެއްވެއްޖެއެވެ.
"އާނ. ކޯޓަށް ވަދެލަން މިދަނީ. ވަރަށް ވަގުތުކުޑަ. އަސްލު ކޮންވާހަކައެއް ދައްކަން އުޅުނީ" ވިލިނީ ބުންޏެވެ.
ލައިދު ހީލިއެވެ. ވިލިނީ އަވަހަށްދާން ބޭނުންވެފައި އިންވަރު ފެނިފައެވެ.
"ލަވާޒާ ބްލެކްއެއް. ވިލީއަށް ކޯޗެއް؟" ވެއިޓަރަކު އައިސް ހުއްޓުމުން ލައިދު ބުންޏެވެ. ހޫނުގަދަ ދުވަހަކަށްވުމުން ވިލިނީ އޯޑަރުދިނީ ފްރެޝް އޮރެންޖަކަށެވެ.
"ސީރިޔަސްލީ އަހަރެންނަށް ވަގުތެއް ނެތް. އަހަރެންނަކީ ބޭރުން ކުރަންޖެހޭ ކަންކަން ކޮށްދޭނެ މާގިނަ ބަޔަކު ތިބި މީހެއް ނޫން. އަހަރެންގެ ކަންކަން ކުރަނީ އަހަރެން އަމިއްލައަށް. ވަރަށް ލަސްވޭއެބަ" ވިލިނީ ބުންޏެވެ.
"ސޮރީ. ލަސްކުރާކަށް އަހަރެން ބޭނުމެއް ނޫން. އަސްލު އަހަރެން ވިލީ އާ އަޅައިގަނެފަ ހުރީމަ...." ލައިދު ބުންޏެވެ. ދެބުމަ ގޮށްޖެހިގެން ވަގުތު ވިލިނީއަށް ހައިރާންކަމާއެކު ލައިދުގެ މޫނަށް ބަލައިލެވުނެވެ. އެ ޖުމްލަ ލައިދު ބުނި ގޮތުންނެވެ.
"ސީރިޔަސްކޮށް މިބުނީ. އަހަރެންގެ ހިތް ހިފައިގެން ލިވީ ތިއުޅެނީ. އަހަރެން މިއުޅެނީ އެ ހިތާ ނުލާ ނޫޅޭވިގެން" ލައިދު ބުންޏެވެ.
ވިލިނީ ފުންމައިގެން ތެދުިވއެވެ. ސިޓީއުރަ ނަގާފައި ދަބަސް ކޮނޑުގައި އެޅުވިއެވެ.
"އަހަރެންނަށް ބުނެވޭނީ ސޮރީއޭ. ތިއީ މަޖަލަކަށް ބުނި އެއްޗެއް ކަމަށްވަންޏާ އަހަރެންނަށް ރަނގަޅީ ތިކަހަލަ ސަމާސާ ނުކޮށްފިއްޔާ. ތިއީ ހަގީގަތެއް ކަމަށް ވަންޏާ އަހަރެންނަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނެތް" ވިލިނީ ބުންޏެވެ. ހިނގައިގަތް ވިލިނީގެ އަތުގައި ލައިދު ހިފެހެއްޓިއެވެ. ވިލިނީ އާ ސަމާސާކޮށްލާހިތުން އިނަސް ވިލިނީގެ ބަސްތަކާއެކު ލައިދުގެ މޫނަށް ސީރިޔަސްކަން ވެރިވިއެވެ.
"ކީއްވެ؟ ކީއްވެ ނުވާންވީ. އަހަރެންނަކީ ގޯސް މީހެއް ނޫން. އަހަރެން މަޖަލަކަށްވެސް އަދި ދޮގެއްވެސް ނޫން މިބުނީ. އަހަރެންނަށް ވިލީ ވަރަށް ކަމުދޭ. އަހަރެންނަށް އަހަރެންގެ ހިތް އެނގޭ. އަހަރެންނަށް އެނގޭ އަހަރެންގެ ހިތް އެދެނީ ވިލީއަށްކަން... އަހަރެން ގޯހީތަ؟ ކަމުނުދާ ސިފަތަކެއް ހުރީތަ؟ އަހަރެން ހަ...ހަޑީތަ؟" ލައިދު ވާހަކަދެއްކިއެވެ.
ވިލިނީ ލައިދު އާ ދިމާލަށް އެނބުރުނެވެ. ވިލިނީގެ ދެކޯތާފަތުން ފައިބައިގަތް ކަރުނަތައް ފެނުމުން ލައިދު ހިމޭންވިއެވެ. އޭނާއަށް ބުނެވުނު ބަހެއްގެ ސަބަބުން ވިލިނީ ހިތުގައި ޖެހިއްޖެކަން އެނގުމުން ވަރަށް ދެރަވެއްޖެއެވެ. ކުށްވެރިއެއް ފަދައިން އިސްޖެހިފައި ލައިދު ހުއްޓެވެ.
"ލައިދު ތިބުނި ކަހަލަ އެއްވެސް ކަމެއްވެގެނެއް ނޫން. އަހަރެންނަކީ... އަހަރެންނަކީ އަދި މީހެއްގެ އަންބެއް" ވިލިނީ ބުންޏެވެ.
ލައިދުއަށް ތެޅިގަނެވުނެވެ. ގަބޫލުކުރަންދަތި ނަޒަރަކުން ވިލިނީއަށް ބަލަހައްޓައިގެން ހުރެވުނެވެ. ހިތުގައި އެތައް ސުވާލެއް އުފެދިފައެވެ. މީހެއްގެ އަންބަކަށް ލޯބި ހުށަހެޅުނީތީ އަމިއްލަ ނަފުސަށް ލަދުހީވެފައެވެ. އެންމެފަހުން އައިކޮޅަށް ވިލިނީ ދިޔައިރުވެސް އެއްޗެއް ނުބުނެވިފައި ލައިދު ހުއްޓެވެ.
***********
ގޯތިތެރޭގައި ހުރި ވަރުގަދަ ދިއްގާ ގަހުގެ ހިޔަލުގައި ހުރިހާ މީހުން ތިއްބެވެ. ވަކިން ހުރި ޖޯއްޔެއްގައި ބަރަކް އިނެވެ. ޖިލްވާ އިނީ ބަރަކް އިން ޖޯލީގެ ތަންކޮޅެއްގައި ކިރިޔާ އިށީނދެލައިގެންނެވެ. ޒުބައިރު އާއި ރާޝިދު ޖޯލިފަތީގައި ތިބިއިރު ހަބީބާ އެތަނަށް އައީ ފިނިކޮށް ހުރި ކުރުނބާ ފެން ހިފައިގެންނެވެ.
"ޒުބައިރުބެއަށް ހީވަނީ ވާން މިއުޅެނީ ކިހިނެއްކަން ކޮންމެވެސް ވަރަކަށް މިހާރު ބަރަކަށް އެނގިފަ ކަންނޭނގެ އޮންނާނީ" ޒުބައިރު ބުންޏެވެ.
އެހިނދު އެއްވެސް އިހުތިޔާރަކާނުލައި ބަރަކްގެ ނަޒަރު ހުއްޓުނީ ޒުބައިރު ކައިރީގައި އިން ރާޝިދަށެވެ. އެވަގުތު އެއީ ރާޝިދުވެސް ބަރަކްއަށް ބަލައިލި ވަގުތެވެ. ހަތަރަކަޅި ބައްދަލުވެގެން ދިޔުމުން އެކަކަށްވެސް ނަޒަރު ވަކިކޮށްނުލެވުނެވެ. ޖޯލިން ރާޝިދު ތެދުވީ ބަރަކްގެ ގާތަށް ދިޔުމަށެވެ. އެންމެންނަށް ފަނި ދިނުމަށް ހަބީބާ އުޅުނީވެސް އެގަޑީގައެވެ. ޒުބައިރު އަތުން އިޝާރާތްކޮށްލާފައި އިހަށް މަޑުކުރުމަށް ބުނެލިއެވެ. ބަފަޔަކާއި ދަރިޔަކާ ދެމެދުގައި އަލުން ލޯތްބެއް އާލާވާން އުޅޭ ދަނޑިވަޅެއްގައި އެކަމަށް ހުރަސް ނޭޅުމުގެ ގޮތުންނެވެ.
ރާޝިދު ކައިރިވުމާއެކު ބަރަކް ކޮޅަށް ތެދުވިއެވެ. ހިތަށް ލިބުނު ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއްގެ ސަބަބުން ރާޝިދުގެ ދެތުންފަތް ދެފަރާތަށް ދެމިލައިފިއެވެ. ހުދު ދަތްތައް ފެންނަވަރަށް ހީލައިފިއެވެ. ޖެހި ބުދެއްހެން ބަރަކް ހުއްޓެވެ. ރާޝިދުގެ ދެލޮލުން ވެއްޓުނު ކަރުނަތިކި ހުދުކުލައިގެ މަތިމަހުގެ ތެރެއަށް ހިނދިގެން އެ ދިޔައީ ބަރަކް ބަލަހައްޓައިގެން ހުއްޓައެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ