އިނގިރޭސިވިލާތުގެ ޚާރިޖީވަޒީރު ކަމުގެ މަގާމުގައި މިހާތަނަށް ހުންނެވި ލިޒް ޓްރަސް އެގައުމުގެ ވެރިކަންކުރާ ކޮންޒަރވެޓިވް ޕާޓީގެ ޒައާމަތަށް ޕާޓީގެ އާއްމު މެންބަރުން މި ހަފުތާގައި ވަނީ ހޮވައިފައެވެ. މާނަޔަކީ ބޮޑުވަޒީރުކަންވެސް އުމުރުފުޅުން 47 އަހަރުވީ ޓްރަސްއަށް ލިބިވަޑައިގަތުމެވެ. މިއަދުގެ ވަގުތެއްގައި ސްކޮޓްލެންޑްގެ ބެލްމޯރަލް ގަނޑުވަރުގައި ލިޒް ޓްރަސްއާ ބައްދަލު ކުރައްވައި އިނގިރޭސި ރާނީ އެލިޒަބަތު ދެވަނަ އެކަމަނާ ރަސްމީ ގޮތުން ބޮޑުވަޒީރު ކަމަށް އައްޔަން ކުރައްވާނެއެވެ. މިއީ ތާރީޚީގޮތުން މިކަން ކުރަމުން އަންނަގޮތާ ތަފާތުވުމެކެވެ. މިހާތަނަށް ރާނީ މިކަން ކުރައްވަމުން ވަޑައިގެންނެވީ ލަންޑަނުގައި ހުންނަ ބަކިންހަމް ގަނޑުވަރުގައެވެ. ލިޒް ޓްރަސްއަކީ އެކަމަނާގެ ރަނިކަމުގައި އައްޔަން ކުރެވޭ ފަނަރަވަނަ ބޮޑުވަޒީރެވެ. އެންމެ ފުރަތަމަ ބޮޑުވަޒީރަކީ މަޝްހޫރު ވިންސްޓަން ޗާރޗިލްއެވެ.

ބޮޑުވަޒީރުކަމަށް ލިޒް ޓްރަސް އައްޔަން ކުރެެއްވުމުގައި ޝާހީ އާދަކާދަތަކާ ޚިލާފަށް ރާނީ އެލިޒަބަތު ކަންކަން ކުރެއްވުމަކީވެސް ޒާތެއްގެ އިއްތިފާގެކެވެ. އެހެނީ އިނގިރޭސި ރަސްކަން އުވާލައި، ރާނީގެ އެންމެހައި ގަނޑުވަރުތައް ދައުލަތަށް ނަގައި، ރައްޔިތުންގެ ޓެކްސް ފައިސާއިން ޝާހީ އާއިލާއަށް ޚަރަދުކުރުން ހުއްޓާލުމަށް އެދި މުޒާހަރާކޮށްފައިވާ މީހަކު އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމަށް އައްޔަން ކުރައްވަން މީގެ ކުރިން އެކަމަނާއަށް ޖެހިވަޑައިގެންފައެއް ނެތެވެ. މިއީ ފުރަތަމަ ފަހަރެވެ. ރަސްކަން އުވައިލުމަށް ގޮވާލައި ބޭއްވުނު އެއްވުންތަކުއި ލިޒް ޓްރަސްގެ ޒުވާން ދައުރުގައި ބައިވެރިވެވަޑައިގެން އުޅުއްވަނިކޮށް ނެގިފައިވާ ފޮޓޯތަކާއި ވީޑިއޯ އެބަހުއްޓެވެ. އެހެންވީމާ މިއީ ރާނީއަށްވެސް މުޅިން އައު ތަޖުރިބާއެކެވެ. ބަކިންހަމް ގަނޑުވަރަށް ނުވައްދަވައި ބެލްމޯރަލް ގަނޑުވަރަށް ވައްދަވަން ނިންމެވީ އެހެންވެގެން ކަމަށްވެސް ވެދާނެއެވެ.

ލިޒް ޓްރަސްއަކީ އެކަމަނާގެ ކުރީގެ ބޮސް ބޮރިސް ޖޮންސަން ފަދައިން އެއްގޮތެެއްގައި ސާބިތުވެ ނުހުންނެވޭ ބޭފުޅެކެވެ. ވަކި ކަމެއްގައި އިސްތިސްނާވުމެއް ނެތި ހުރިހާ ކަމެއްގައެވެ. އިރެއްގައި ރަސްކަމާ ދެކޮޅެވެ. މިހާރު އެއްކޮޅެވެ. ވިލާތުގެ އިއްތިހާދުން އިނގިރޭސިވިލާތް ވަކިވުމާ ދެކޮޅަށް ވޯޓުވެސް ދެއްވިއެވެ. މިހާރު އެކަމަށް ތާއީދެވެ. ސިޔާސީ ހަޔާތް ފެއްޓެވީ ލިބަރަލް ޑިމޮކްރަޓިކް ޕާޓީގެ މެންބަރެއްގެ ގޮތުގައި ވާތުފިޔައިގެ ސިޔާސަތަށް ތާއީދު ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. މިހާރު އެއީ ކޮންޒަރވެޓިވް ޕާޓީގެ ލީޑަރުގެ ގޮތުގައި ކަނާތުފިޔައިގެ ޗެމްޕިއަނެކެވެ. ބަދަލުނުވެ އޮތީ ފިރިކަލުންގެ ނަމެވެ. ފިރިކަލުން ހިއު އޯލިއަރީއަކީ ޓްރަސްފަދައިން އެކައުންޓެންޓެކެވެ. ކައިވެނި ބެއްލެވީ ދެހާސް ވަނައަހަރުއެވެ. ދެ އަންހެންކުދިން ލިބިފައިވެއެވެ. އެކަމަކު ކިރިޔަކިރިޔާ މި ކައިވެނި ދެމިއޮތީއެވެ. މަޖިލީހުގެ މެންބަރުންގެ ތެރެއިން މާރކް ފީލްޑޭ ކިޔުނު މެންބަރަކާއެކު 2004 ވަނަ އަހަރުން 2005 ވަނަ އަހަރާ ހަމަޔަށް ހަމަފާޅުގައި ލޯބީގެ ގުޅުމެއް ޓްރަސް ވަނީ ހިންގަވައިފައެވެ.

އިނގިރޭސި ޕާލަމެންޓަށް ޓްރަސް އެންމެ ފުރަތަމަ އިންތިޚާބުވީ 2010 ވަނަ އަހަރުއެވެ. އޭގެފަހުން މިހާތަނަށް މެދުނުކެނޑި 12 އަހަރު ހޭދަކުރައްވައިފިއެވެ. މީގެ ތެރެއިން 8 އަހަރު ޚިދުމަތް ކުރައްވާފައިވަނީ ކެބިނެޓުގެ މެންބަރެއްގެ ގޮތުގައެވެ. އެންވައިރުމަންޓް މިނިސްޓަރުކަން 2014 ވަނަ އަހަރުން ފެށިގެންނެވެ. ދެން 2016 ވަނަ އަހަރުން ފެށިގެން ޖަސްޓިސް މިނިސްޓަރުކަމެވެ. ބައިނަލްއަގުވާމީ ވިޔަފާރިއާ ބެހޭ މިނިސްޓަރުކަން 2019 ވަނަ އަހަރުން ފެށިގެންނެވެ. އެއަށްފަހު 2021 ވަނަ އަހަރުން ފެށިގެން މިހާތަނަށް ޚާރިޖީވަޒީރު ކަމެވެ. ޑޭވިޑް ކެމެރަން އާއި ތެރީސާ މޭ އަދި ބޮރިސް ޖޮންސަންގެ ބޮޑުވަޒީރު ކަމުގައިވެސް ލިޒް ޓްރަސް ވަނީ ކެބިނެޓުގައި ޚިދުމަތް ކުރައްވައިފައެވެ. މީގެ ތެރެއިން ޓްރަސްގެ ބާރާއި ނުފޫޒު އެންމެ ގަދަވެގެން ދިޔައީ ބޮރިސް ޖޮންސަންގެ ދައުރުގައެވެ. ކެބިނެޓުގައި ޖޮންސަންގެ އެންމެ ބޮޑު ސަޕޯޓަރަކީވެސް ޓްރަސްއެވެ.

އިނގިރޭސިވިލާތުގެ ޚާރިޖީވަޒީރު ކަމަށް ލިޒް ޓްރަސް އައްޔަން ކުރެއްވުމަށް ބޮރިސް ޖޮންސަން ނިންމެވީ އިނާމެއް ދެއްވުމުގެ ގޮތުންނެވެ. ޓްރަސްއަކީ އިނގިރޭސިވިލާތުގެ ތާރީޚުގައިވެސް ދެވަނަ އަންހެން ޚާރިޖީވަޒީރެވެ. އަދި މިއަދު ބޮޑުވަޒީރު ކަމަށް އައްޔަން ކުރެވުނީމާ އެކަމަނާ ވެގެންދާނީ އިނގިރޭސިވިލާތުގެ ތާރީޚުގައިވެސް ތިންވަނަ އަންހެން ބޮޑުވަޒީރު ކަމުގައެވެ. އަނެއް ދެބޭފުޅުންނަކީ މާގްރެޓް ތެޗާރ އާއި ތެރީސާ މޭ އެވެ. ކޮންމެއަކަސް މި ލިސްޓުގައި ލިޒް ޓްރަސް ހިމެނުމަކީ ކުޑަކަމެއް ނޫނެވެ. މީހަކާއި އިނދެގެން އުޅެމުން ހިލޭ ފިރިހެނަކާއެކު ހަމަފާޅުގައި ގުޅުން ހިންގަވައި އާއިލާއެއް ބަރުބާދުވުމަށް މަގުފަހި ކުރެއްވި ކަމުގެ ތުހުމަތުގައި 2010 ގެ އާއްމު އިންތިޚާބުގައި ކޮންޒަވެޓިވް ޕާޓީގެ ޓިކެޓެއް ލިޒް ޓްރަސްއަށް ނުދޭން ބޮޑު ބަހުސެއް ހިނގިތާ އަދިމިވީ އެންމެ ބާރަ އަހަރެވެ. އެވަރުގެ ބޭފުޅަކު މިހާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވުމަކީ ކުޑަކަމެއް ނޫނެވެ.

ކުރީގައިވެސް ދެންނެވުނު ފަދައިން ލިޒް ޓްރަސް ބޮޑުވަޒީރު ކަމަށް މިވަޑައިގެންނެވީ ޕާޓީގެ ޒައާމަތަށް ގެނެވުނު ބަދަލަކުންނެވެ. އާއްމު އިންތިޚާބެއް ބާއްވައިގެނެއް ނޫނެވެ. އިނގިރޭސިވިލާތުގައި އެންމެ އަވަހަށްވެސް އާއްމު އިންތިޚާބެއް ބާއްވާނީ 2025 ވަނަ އަހަރުގައެވެ. ޕާޓީގެ ތެރޭގައި މާވަރުގަދަ ކޯޅުންތަކެއް ނުހިނގަންޏާ އެހާތަނަށްވެސް ބޮޑުވަޒީރު ކަމުގައި އެކަމަނާއަށް ހުންނެވިދާނެއެވެ. ޕާރޓީގެ ޒައާމަތަށް ލިޒް ޓްރަސްއާ މިފަހަރު ވާދަކުރެއްވީ ކުރީގެ މާލީވަޒީރު ރިޝީ ސުނަކެވެ. އެއީ އިންޑިޔާ ދަރިކޮޅުގެ ބޭފުޅެކެވެ. އެހެންވީމާ ޕާޓީގެ ޒައާމަތަށް ލިޒް ޓްރަސް ހޮވުމަށް ޕާޓީގެ ގްރާސްރޫޓް ލެވެލްގައި ދިން ވޯޓަކީ އެމަގާމުގައި ހުންނަންވާނީ ދޮންމީހެކޭ ބުނެ އެންގުމަށް ދިން ވޯޓެއްކަމަށް ނިންމިދާނެއެވެ. އެހެނީ ލިޒް ޓްރަސްގެ ފަރާތުން ކުޅަދާނަ ލީޑަރެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ މާގިނަ ސިފަތަކެއް މިހާތަނަށް ފެނިފައިނުވެއެވެ. ވުމާއެކު އެކަމަނާގެ ލީޑަރޝިޕްގައި އިނގިރޭސިވިލާތަށް ފަހި ދަތުރެއް ލިބޭނޭކަމަށް ނުބެލެވެއެވެ.