ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައި ހިޔާ ސޭފްޓީ ޕޯޓަލްއަށް ވަނުމަށް ކަމަށް ބުނެ މެސެޖުތަކެއް ކުރާތީ ސަމާލުވުމަށް އެ ކޯޕަރޭޝަނުން އަންގައިފިއެވެ.
އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ކޯޕަރޭޝަންގެ ނަމުގައި އާންމުންނަށް ގިނަ އަދަދެއްގެ ޓެކްސްޓް މެސެޖުތަކެއް ފޮނުވަމުންދާ ކަމަށާއި އެ މެސެޖްތަކުގައި "ހިޔާ ސޭފްޓީ ޕޯޓަލް" އަށް ވަނުމަށް ލިންކުތައް އާންމުންނަށް ފޮނުވާ ކަމަށެވެ.
ނަމަވެސް އެ ކޯޕަރޭޝަންގެ ފަރާތުން އެ ނަމުގައި އެއްވެސް މެސެޖެއް އާންމުންނަށް ނުފޮނުވާނެ ކަމަށާއި "ހިޔާ ސޭފްޓީ ޕޯޓަލް" ނަމުގައި އެއްވެސް ޕޯޓަލްއެއް ހިޔާގައި ދިރިއުޅޭ ރައްޔިތުންނާ މުއާމަލާތް ކުރުމަށް ބޭނުން ނުކުރާނެ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.
އެހެންކަމުން އެ ކޯޕަރޭޝަންގެ ނަމުގައި ފޮނުވާ މެސެޖުތަކަށް ސަމާލުކަންދީ އެއްވެސް ލިންކަކަށް ނުފިތުމަށް އެޗްޑީސީން ވަނީ އެދިފައެވެ. އަދި އެފަދަ މެސެޖެއް ލިބިއްޖެ ނަމަ އެކަން ލަސްނުކޮށް އެ ކޯޕަރޭޝަންގެ ނަންބަރު 3353535 ގުޅައި މައުލޫމާތު ހިއްސާކުރުމަށް ވަނީ އެދިފައެވެ.
ޚަބަރު
ޚަބަރު