ގާނާގައި ފަތުރުވެރިކަން ކުރިއެރުވުމަށް ދިވެހި ކުންފުނިތަކުން އިންވެސްޓުކުރުމަށް އެގައުމުން ހުށަހަޅައިފިއެވެ.

އެގޮތަށް ހުށަހަޅާފައިވަނީ ގާނާއިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު ކުވާކޫ އަސޫމާ ޝެރަމޭ، ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް އެރުވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމުގައި ގާނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ވަރަށް ގިނަ ކަންތައްތަކެއް ދަސްކުރެވިދާނެ ގައުމެއްކަން ފާހަގަކުރައްވަމުން، ގާނާގެ ސަފީރު ވަނީ އެގައުމުގެ ފަތުރުވެރިކަމުގެ ދާއިރާއަށް އެހީތެރިވެދިނުމުގެ ގޮތުން ރާއްޖޭގެ ވިޔަފާރިތަކުން އިންވެސްޓްކުރުމަށް ހުރި ފުރުސަތުތައް ބައްލަވައިދެއްވުމަށް ރައީސްގެ އަރިހުން އެދިވަޑައިގެންފައެވެ.

އެބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ރާއްޖެ އާއި ގާނާއިން ސިޔާސީ ގުޅުން ގާއިމްކުރިތާ 33 އަހަރު ފުރިފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް އެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މިއަހަރަކީ ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވައި ރައީސް ވަނީ ގާނާގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ރާއްޖެއިން އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ. އަދި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ ދެމެހެއްޓެނިވި ގޮތުގައި ކުރިޔަށް ގެންދެވޭ ސިނާއަތަކަށް ހެދުމަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެ އާއި ގާނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ 1989 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 10 ވަނަ ދުވަހުގައެވެ.