އައްޑޫ ސިޓީގައި ހަ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އައިމިނަތުދިޔެ، 59އ. އަށް އަނބުރާ ވަޒީފާއަށް ދިނުމަށް ވަޒިފާއާ ޓްރައިބިއުނަލުން އަންގައިފިއެވެ.
ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޝަރަފުއްދީން ސްކޫލްގެ 'މަސައްކަތު މީހެއް' ގެ މަގާމުގައި އޭރު ހުރި، އައިމިނަތުދިޔެ ހައްޔަރުކުރި ނަމަވެސް، ދައުވާނުކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައި އޭނާ ވަނީ ދޫކޮށްލައިފައެވެ. އެއީ އެ މައްސަލައިގެ ތަހުގީގުގައި ހޯދާފައިވާ ހެއްކާއި ގަރީނާ ވަޒަންކުރުމަށްފަހު، ޖިނާއީ ދައުވާއެއް ކޮށްގެން ކުށް ސާބިތުކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައިނުވާތީއެވެ.
ނަމަވެސް އެ މައްސަލައާ ގުޅިގެން އައިމިނަތުދިޔެ ވަޒީފާއިން މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑްކުރިއެވެ.
އެކަމާ ގުޅިގެން އައިމިނަތުދިޔެ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ، މުއްދަތެއް ނެތް ގޮތަށް ގޭގައި މަޑުކުރަން އަންގައި، މުއްދަތެއް ނެތް ގޮތަށް ވަޒީފާއަށް ނުކުތުން މަނާކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި އޭނާ ސަސްޕެންޑްކުރި އެ މައްސަލަ ބަލައި އެކަމުގައި ހިމެނޭ މީހުންގެ މައްޗަށް ފިޔަވަޅު އެޅުމަށް ސިވިލް ސާވިސް ކޮމިޝަނަށް އަމުރު ކޮށްދިނުމަށާއި އޭނާ ވަޒީފާއަށް ނުނިކުތުމަށް އަންގާފައިވާ އެންގުން ބާތިލުކޮށް، އޭނާ އަލުން ވަޒީފާއަށް ނުކުތުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދި ސިވިލް ސާވިސްގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.
މި މައްސަަލަ ބަލައި ޓްރައިބިއުނަލުން ނިންމި ނިންމުމުގައި ވަނީ، އައިމިނަތުދިޔެ އަދާކުރަމުންދިޔަ ވަޒީފާއަށް އަނބުރާ ނެރުމަށާއި އޭނާ ވަޒީފާއަށް ނުކުތުން މަނާކޮށްފައިވާ ތާރީހުން ފެށިގެން އޭނާއަށް ހައްގުވާ މުސާރަ އާއި އިނާޔަތްތައް ނަގައިދިނުމަށް ކަނޑައަޅައި، ސިވިލް ސާވިސްމުގެ މައްޗަށް އަމުރުކުރާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު