ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އަމާޒަކީ މަސައްކަތްތައް ހަލުވިކޮށް ރައްޔިތުން ބޭނުންވާ ސްޕީޑުގައި ކުރިއަށް ދިއުން ކަމަށް އެ ކުންފުނީގެ އާ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފު ވިދާޅުވެއްޖެއެވެ.

އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އާތިފް އެޗްޑީސީގެ އެމްޑީގެ މަގާމަށް އިއްޔެ އައްޔަންކުރެއްވީ އެމްޑީގެ މަގާމުގައި ހުންނެވި ސުހެއިލް އަހުމަދު މަގާމުން ރިޓަޔާ ކުރެއްވުމުންނެވެ.

އެޗްޑީސީގެ މުވައްޒަފުން މިއަދު ވަނީ އާ އެމްޑީއަށް މަރުހަބާ ކިޔުމަށް އެ ކުންފުނީގެ ހެޑް އޮފީހުގައި ރަސްމިއްޔާތެެއް ބާއްވައިފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާތިފް ވިދާޅުވީ އޭނާގެ އަމާޒަކީ އެޗްޑީސީގެ ޓީމާއެކު މިހާރު ހެދިފައިވާ ޕްލޭންތަކާއި ގެނެވިފައިވާ ބަދަލުތަކާއެކު ކުރިއަށްގެންދާން ހުރި މަސައްކަތްތައް އިތުރަށް ހަލުވިކޮށް އަވަސްކޮށް ރައްޔިތުންނާއި ސަރުކާރުން ބޭނުންވާ ސްޕީޑުގައި އެކަން ކުރިއަށް ގެންދިއުން ކަމަށެވެ.

އާތިފް ވަނީ މެލޭޝިއާގެ ޔުނިވާސިޓީ އޮފް ހާޓްފޯޑްޝާ އިން އެކައުންޓިން އިން ބެޗެލާސް ޑިގްރީ ހާސިލުކުރައްވައިފައެވެ. އަދި ފައިނޭންސްއާއިި އެކައުންޓިން ދާއިރާގައި 10 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ އާތިފް ވަނީ ބޭންކް އޮފް މޯލްޑިވްސް އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ހިމެނޭ ގޮތަށް ޕަބްލިކް ސެކްޓާގައި މަސައްކަތްކުރައްވައިފައެވެ.

ޑީއެމްޑީގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ޕްރައިވެޓް ޕްރެކްޓިސްގައި ރެޖިސްޓާޑް އޮޑިޓަރެއްގެ ގޮތުގައި އަދި ޓެކްސް އޭޖެންޓެއްގެ ގޮތުގައިވެސް އާތިފް މަސައްކަތް ކުރެއްވިއެވެ.