"ހުރޭ އެންމެން އެއްތަންވަންދެން. ވާރޭ ނުހުއްޓައިފިއްޔާ އިދޫ ކައިރީގަ ބުނާނީ މިގެއަށް އަންނާށޭ. އޯކޭވާނެއްނު ގޭތެރޭގަ ބައްދަލުވުން ނިންމާލީމަ" އަޔާލް ބުންޏެވެ. ރިންދާ ބޯޖަހާލިއެވެ. އެގޮތް މާބޮޑަށްވެސް ރިންދާއަށް ކަމުދިޔައެވެ.
"އަހަރެމެންގެ ޓީމުގަ ވިލީވެސް ބައިވެރިކުރަންވީނުން" ރިންދާ ބުންޏެވެ.
******
ދިހައެއްޖަހައިފިއެވެ ސޯފާގައި ރިންދާ އާއި އަޔާލް އިނެވެ. ދެކުދިން އިންތިޒާރުކުރީ ލައިދު އަންނަނާނެ އިރަކަށެވެ. ސިޓިން ރޫމުގައި ވަށްމޭޒެއް ބަހައްޓާފައި ވަށައިގެން ހަތަރު ގޮނޑި ބަހައްޓާފައި ހުއްޓެވެ. ބައްދަލުވުމަށް ގޭތެރެ އޮތީ ތައްޔާރަށެވެ. މާގިނައިރެއް ނުވެ ދޮރުގެ ބެލްއަޅާލި އަޑު އިވިއްޖެއެވެ. ރިންދާ ތެދުވެގެން ގޮސް ދޮރުހުޅުވާލިއެވެ. ލައިދު ހުރީ ކޮންމެވެސް ވަރަކަށް ތެމިފައެވެ. އިސްތަށިގަނޑުގެ ކޮޅުން ފައިބަމުންދިޔަ ފެންތައް ލައިދުގެ ކަނދުރާ މައްޗަށާއި މޫނުމަތިން ހުރަސްކޮށް ލައިގެން ހުރި ގޮޅިޖެހި ގަމީސް ތެންމަމުން ދިޔައެވެ.
"މުޅިން ތެމިއްޖެދޯ" ލައިދު ވަންނަން ދޮރު ބޮޑަށް ހުޅުވާލައި ތަންހަދާލަމުން ރިންދާ ބުންޏެވެ.
"އާއެނކޭ. ވަކި ހިސާބަކަށް އައިތަނާ ވާރޭ ބޯކޮށްލައިފި. މިގެއާ ތަންކޮޅެއް ކައިރިއަށް އާދެވިފައި ހުރީމަ ހިތަށް އެރީ ކުރިއަށް ދާނީ އޭ" ތެމިފައި ހުރުމުން ސޯފާގައި އިނުމުގެ ބަދަލުގައި ލައިދު އިށީނީ މޭޒު ކައިރީގައެވެ.
"ވިލީއަށް ގޮވަންވީނުން" އަޔާލް ބުންޏެވެ. ރިންދާ ހިނގައިގަތުމުން އަޔާލް ތެދުވެގެން ގޮސް ލައިދު ކައިރީގައި އިށީނެވެ.
"ހަމަ މިގެއަށޭ އެމަންޖެ ވަނީ. ނޭނގެނީ ކޮން ބަޔަކަށް ކަމެއް" ލައިދު ބުންޏެވެ.
އަޔާލް ކައިރިއަށް ހިނިއައެވެ. އެ އަންހެންކުއްޖެއްގެ ވާހަކަ އަބަދު ލައިދު ދައްކާ އަންހެންކުއްޖާއަކީ ވިލިނީކަން އަޔާލްއަށް ޔަގީންވީ ސިފަތައް ކިޔައިދިނުމުންނެވެ. އެދުވަހު ވިލިނީ ވަން ގެއަކަށް ރިންދާގެ ގެ ދެއްކި ދުވަހުއެވެ. އެހެންނަމަވެސް އެއީ ކާކުކަން އަޔާލް އަދި ނުބުނެއެވެ. ވިލިނީ ފެނުމުން ލައިދުގެ ހަރަކާތްތައް ހުންނަގޮތް ބަލައިލަން އަޔާލް އިނީ ބޭނުންވެފައެވެ. އެއްޗެކޭ ކިޔައިގެން ލައިދު އާ ދިމާކޮށްނުލެވޭތޯ ދުވަސްގަނޑެއް ވެއްޖެއެވެ.
"އޭ. ކާކު ބަލާ އެދިޔައީ" ލައިދު އެހިއެވެ.
"އެއީ ރިދާގެ ބެސްޓްފްރެންޑް. މިހުރިހާ ކަމެއް އެނގޭ ކުއްޖެއް. އެއީ މިކަމުގެ އެންމެ އަޑީގަ ހުރެގެން އަހަރެމެންނަށް އަތްގާތްކޮށްދޭ ކުއްޖަކީ" އަޔާލް ބުންޏެވެ.
*********
ޖިލްވާ ފާހާނައިން ނުކުތްއިރު އެނދުގައި ބަރަކް ނެތެވެ. ގަޑި ބަލައިލިއިރު ދިހަގަޑި ބައިވެ ބޮޑުވެއްޖެއެވެ. އެނދުމަތީގައި އޮތް ފޯނު ނަގަން ދިޔަ ވަގުތު ފޯނު ރިންގުވާން ފަށައިފިއެވެ. ބަރަކްގެ ފޯނަކަށްވުމުން ޖިލްވާ އަވަހަށް ފޯނު ނެގިއެވެ.
"އާދޭ ބޭރު ޖޯއްޔަށް. ވަރަށް ހަނދުވަރު ރީތި" ބަރަކް ބުންޏެވެ.
އަލުން ނިދާ ހެދުން ބަދަލުކޮށްގެން ޖިލްވާ ބޭރަށް ނުކުތެވެ. މަގުމަތީގައި ހުރި ޖޯލީގައި ބަރަކް އޮތެވެ. ހާމައަށް އޮތް އުޑަށް ބަލަހައްޓައިގެން ބަރަކް އޮތީ ވިސްނުމަކަށް ގެއްލިފައެވެ. ޖިލްވާ ކައިރީގައި އިށީންއިރުވެސް ބަރަކްއަށް ނޭނގުނެވެ.
"އޭތް... ޔާރައްބީ... މަގޭ ފިރިމީހާއަށް އަނެއްކާ ކިހިނެއްވެފަ. ދޮން ރީތި ބިޓެއް ފެނުނީތަ އަނެއްކާ" ޖިލްވާ ބުންޏެވެ. ދޭތެރެއަކުން ބަރަކް އާ އެކަހަލަ ލޯބި ސަމާސާއެއް ޖިލްވާ ކޮށްލައެވެ.
"ނުވިސްނަން. ތިހާ ރީތި ފަތްމިންޏެއް އަތުޖެހޭ ހިސާބު، އެވެސް އަހަރެންގެ ހަށިގަނޑުގެ އެއްބައި މިލްކުކޮށްގެން ހުއްޓަ އަހަރެންނަށް ތިބުނާކަހަލަ އަންހެނެއް ނުފެންނާނެ" ބަރަކް ބުންޏެވެ. ޖިލްވާ ކައިރިއަށް ހިނިއައެވެ. ބަރަކްގެ ކޮނޑުގައި ބޯއަޅާލާފައި ބަރަކްގެ އަތުގެ އިނގިލިތަކާ ޖިލްވާގެ އިނގިލިތައް ގުޅުވާލިއެވެ.
"ޖިލް، އަހަރެން ދުވަހަކުވެސް ޖިލްއަށް އެއްވެއްކަމެއް ސިއްރުނުކުރަން. އަހަރެން ވާހަކައެއް ބުނަންތަ؟" ބަރަކް ބުންޏެވެ.
ޖިލްވާ ބަރަކްގެ މޫނަށް ބަލައިލިއެވެ. ކަމަކާ ނުވިސްނަމޭ ބުންޏަސް ބަރަކްއަށް ބަދަލުތަކެއް އައިސްފައި ހުރިކަން ދެންމެ އެބުނި ޖުމްލައިން އެކަނިވެސް ޖިލްވާއަށް އެނގުނެވެ.
"އަހަރެންނަށް ބައި އެޅީމަ ހަމަ ގައިމުންވެސް ބަރަކްގެ ސިކުނޑިއަށް ލުއިވާނެ" ޖިލްވާ ބުންޏެވެ.
"އަހަރެންނަށް ވަރަށް ނުބައި ޝައްކެއް ކުރެވެން ފަށައިފި. ދުވަހަކުވެސް މިހެންނުވޭ. އަހަރެން މިވާހަކަ ކުރިންވެސް ޖިލް ކައިރީގަ ބުނެފިން" ބަރަކް ބުންޏެވެ.
"ކޮންވާހައެއް؟ މިގޭގަ އުޅޭ ބޭބެގެ ވާހަކަތަ؟" ޖިލްވާ އެހިއެވެ. އިސްޖަހާލަމުން ބަރަކް ބޯޖަހާލިއެވެ. ޖިލްވާ އެއްޗެއް ނުބުނެ ބަރަކްގެ މޫނަށް ބަލަހައްޓައިގެން އިނެވެ.
"އަހަރެން މިހެން މިބުނީ އަހަރެންގެ ލޯމައްޗަށް ވަރަށް ގިނަ ކަންކަން އިވި ފެންނާތީ. މިރޭ ޒުބައިރުބެ އަހަރެންގެ ފަރާތުން ވަރަށް ގިނަ މައުލޫމާތު ހޯދައިފި. އަހަރެންނަށް އެނގޭ އެ ބޭބެއަށް އެހުރިހާ މައުލޫމާތުތަކެއް ފޯރުކޮށްދޭނެކަން" ބަރަކް ވާހަކަދެއްކިއެވެ.
"ހަބީބާއްތަ އަހަރެންނާވެސް ސުވާލުކުރި. މަންމައަށް ކިޔާ ނަން އެހީ. ކޮންމެސް ނުބައެއް އެބައުޅޭ" ޖިލްވާ ބުންޏެވެ.
"އެއީ އަހަރެންގެ ބައްޕައަށް ވެދާނެތަ؟ ބައްޕަ މަރެއްނުވޭ ކަންނޭނގެ. މަންމަ ސިއްރުކުރަނީ ކަންނޭނގެ. މަންމަ އެއީ ރަނގަޅު މީހެއް ނޫން. ދުވަހަކުވެސް އަހަރެން ބައްޕަގެ ފޮޓޯއެއް ނުދެކެން. ދޮންބެއަށް ފެނުނުކަމެއްވެސް ނޭނގޭ" ބަރަކް ވާހަކަދެއްކިއެވެ.
"ދެން ކިހިނެއްހަދާނީ؟" ޖިލްވާ އެހިއެވެ.
"ނޭނގެ. އަހަރެންގެ ހިތަށް އުނދަގޫމިވާ ހުރިހާ ސުވާލުތަކެއްގެ ޖަވާބު ނުހޯދާ އަހަރެން މާލެ ނުދާނަން" ބަރަކް ބުންޏެވެ.
********
ދޮރުގައި ޓަކިޖަހާލި އަޑަށް އެނދުގައި އޮތް ވިލިނީ އައިސް ދޮރުހުޅުވައިފިއެވެ. ނިދާ ހެދުން ލައިގެން ވިލިނީ ހުރުމުން ރިންދާ ފާޑުކިޔާލިއެވެ.
"ބޭރަށް ދެން ނުނިކުންނަންތަ ތިއޮންނަނީ؟" ރިންދާ އެހިއެވެ.
"ވިއްސާރަވެސްވީމަ. އަނެއްކާ ތި ދެ ލަވްބާޑްސް ސޯފާގަ ތިބީމަ އަހަރެން ނުކުމެ މަންޒަރު ބަލަންތަ އިންނަންވީ" އެނދުގައި އިށީންނަމުން ވިލިނީ ބުންޏެވެ.
"ހިނގާބަލަ. މީގެފަހުން ވިލީ ތިއީ އަހަރެމެންގެ ޓީމު މެންބަރެއް. އިދޫވެސް އައިސްފި. ދެން ހިނގާ" ރިިންދާ ބުންޏެވެ.
ވިލިނީ އެނދުން ފޭބިއެވެ. އަލަމާރި ކައިރިއަށް ގޮސް ބަދަލުކުރާނެ ހެދުމެއް ނެގިއެވެ.
"މަ މިދަނީ އެންމެންނަށް ކޮފީހަދަން. ވިލީ ރެޑީވެގެން ދޭ އެމީހުން ކައިރިއަށް" ރިންދާ ބުންޏެވެ.
"އޭތް މަޑުކޮށްބަލަ. މަށަކަށް އެކަނި ނުކެރޭނެ ދާކަށް. މަވެސްދާނަމޭ ކޮފީހަދަން. ދެކުދިން އެކީގަ ދާނީ" ވިލިނީ ބުންޏެވެ.
ރިންދާގެ އަތުގައި ހުރި ތަބަކުގައި ކޮފީތަށިތައް ހުރިއިރު ވިލިނީގެ އަތުގައި ކާލާނެ އެއްޗެއް އަޅާފައި ހުރި ތައްޓެއް ހުއްޓެވެ. މޭޒުމަތީގައި ކޮފީތަށި ބެހެއްޓި އިރުވެސް ލައިދުގެ ނަޒަރު ވިލިނީގެ މޫނުން ނުނެއްޓެއެވެ. އެކަން އަޔާލްއަށް ފާހަގަކުރެވުމުން ނުލަފާ ހިންޏެއް އައިސްފައި އިނެވެ. ވާނުވާ ނޭނގި އަޔާލްގެ މޫނަށް ރިންދާ ބަލައިލިއެވެ.
"ކުރިން ބައްދަލުވި ދޯ" އިސްވެ ވާހަކަދެއްކީ ވިލިނީއެވެ. ލައިދުއަށް ހޭވެރިކަމެއްވީވެސް ދެނެވެ.
"އާނ... އާނ... ކާރުން ދޯ" ލައިދު ބުންޏެވެ. ދެން ހިނިގަނޑެއް ޖަހާލާފައި ކުރިމަތީގައި އިން އަޔާލްއަށް ބަލައިލިއެވެ.
"ފުރަތަމަ ފަހަރުވީމަ ނަންބުނެލަންވެސް ނުކެރުނީ. ދެވަނަ ފަހަރުވީމަ އޭގެ މާނައަކީ ކޮންމެހެންވެސް ރަހުމަތްތެރިއަކަށް ވާން އެބަޖެހެއޭ" ލައިދު ބުންޏެވެ. "އަހަރެންނަށް ކިޔަނީ ލައިދު" ލައިދު ސަލާމަށް ދިއްކޮށްލި އަތުގައި ވިލިނީ ހިފަހައްޓާލިއެވެ.
"ވިލިނީ" ވިލިނީ ބުންޏެވެ.
ދެކުދިންނަށްވެސް ބަލައިލެވުނީ އަޔާލް ކަރުކެހިލުމުންނެވެ.
"މިތަނުގަ އެހެން މީހުން އެބަތިބި. އެކަކު އަނެކަކަށް ތައާރަފުވެ ނިމުނިއްޔާ ބައްދަލުވުމުގެ ވާހަކަދައްކަމާ" އަޔާލް ބުންޏެވެ. ހުރިހާ މީހުންނަށް އެއްފަހަރާ ހެވުނެވެ.
***********
މޭޒުމަތީގައި އޮތް ފޯނު ދިއްލުނުތަން ފެނުމުން ޝާހްބާޒް ބަލައިލިއެވެ. ރޭގަނޑު އެގާރަޖަހައި ބޮޑުވެއްޖެކަން ޝާހްބާޒަށް އެނގުނީ އެވަގުތުގައެވެ. ލޮލުގައި އޮތް ނަންބަރު އައިނު ނަގައި މޭޒުމަތީގައި ބާއްވާފައި ބަލަން އިން ފައިލް ލައްޕާލިއެވެ. ދެން ފަހަތަށް އެނބުރި އެނދުގައި އޮތް ނަހާއަށް ބަލައިލިއެވެ. ނޫ ކުލައިގެ ފަނޑު އަލިކަމެއްގެ ތެރެއިން ވަކިން ނަހާގެ މޫނު އަލިވެފައި ހުއްޓެވެ. ފޯނުން ނަހާ އެއްޗެއް ބަލަން އޮތްއިރު ފޯނުގެ އަލި ހުރީ މޫނަށް އެޅިފައެވެ. އަނބިމީހާ ނުނިދާކަން އެނގުމުން ޝާހްބާޒް އަވަސްވެލީ ނިދަން ތައްޔާރުވެގެން އެނދަށް އަރާށެވެ.
މާގިނައިރެއް ނުވެއެވެ. ޝާހްބާޒް އެނދުގައި އިށީނުމުން ފޯނު އަރިމަތީ ކަބަޑުމަތީގައި ނަހާ ބޭއްވިއެވެ. ދެން ފިރިމީހާއަށް ބަލައިލިއެވެ.
"ނިމުނީތަ މަސައްކަތް؟" ހިނިތުންވުމަކާއެކު ނަހާ އަހާލިއެވެ.
"ނުނިމޭ. ނިންމާލީ. މާލަސްވެއްޖެއްނު" ޝާހްބާޒް ބުންޏެވެ.
"އާނ. އެހާ ދަންވަންދެން އެ ހުދު ގަނޑުތަކަށް ބަލަހައްޓައިގެން އިންނާނެކަމެއް ނެތް. އެ ސޫރަތް ކިޔަވާލާފައި އަހަރެން ހުރީ ޝާހުއަށް ގޮވަން" ނަހާ ބުންޏެވެ.
"އެއީ ކޮން ކުއްޖެއް. އަހަރެން ކުޑަދޮރުން ބަލައިލި އިރު ހަތަރުކުދިން މޭޒުކައިރީގައި އެބަތިބި" ޝާހްބާޒް ބުންޏެވެ.
"އަޔާލްގެ އެކުވެރިއެއް. ކޮންމެސް މުހިންމު ކަމެއް ކުރަނީ ކަންނޭނގެ. ނަސީބެއްނު މިފަދަ ވިއްސާރަ ރެއަކު ބޭރަށް ނުގޮސް ގޭތެރޭގަ ތިބިކަން" ނަހާ ބުންޏެވެ.
ދެން ފާއިތުވެގެން ދިޔައީ ހިމޭންކަމުގެ ވަގުތުކޮޅެކެވެ. ނަހާގެ ހިތަށް އުނދަގުކުރަމުން ދިޔަ ވާހަކައެއް ޝާހްބާޒް ކައިރީގައި ދައްކަންވީއޭ ހިތަށް އަރާފައި ނަހާ އިރުކޮޅަކާ ޝާހްބާޒްގެ މޫނަށް ބަލައިލައެވެ. ދޮށީ ދަރިފުޅުގެ ވާހަކަ ދައްކައިގެން ޝާހްބާޒްގެ ހިތަށް އުނދަގޫކުރަން ބޭނުންނުވާތީ އެވާހަކަދައްކަން ފަސްޖެހެވެނީއެވެ.
"އިނގިރޭސިވިލާތަށް އެބައޮތް ދަތުރެއް. ހިތަށް މިއަރަނީ ރިދާ ގޮވައިގެން ދާން" ޝާހްބާޒް ބުންޏެވެ.
"އުނހު. އެހާ ދުރަށް ރިދާ ގެންދާނެކަމެއް ނެތް. އަހަރެން ކިހާ އެކަނިވާނެ. ރިދާ ގެންދަންޏާ އަހަރެންނާއި ހައިބްވެސް ގެންދޭ" ނަހާ ބުންޏެވެ. ޝާހްބާޒް ހިނިގަނޑެއް ޖަހާލިއެވެ.
"މިއަދު ނަހީކް ދުށިން" އެންމެފަހުން ނަހާ ބުނެފިއެވެ.
"ކޮންތާކުން. އަހަރެން މިހުންނަނީ އެސޮރު ވަރަށް ދެކިލާހިތުން" ޝާހްބާޒް ބުންޏެވެ.
"ސައިކަލުގަ މި މަގުން ދަނިކޮށް. އަހަރެން ފެނުނީމަ ބަލައިލި. ސައިކަލުގެ ދުވެލި އިތުރަށް ބާރުކޮށްލީ. ހީވީ ކަންނޭނގެ އަހަރެން ވާހަކަދައްކަން އުޅެފާނޭ އެހެންނޫނީ ފަހަތުން އައިސްދާނޭ" ނަހާ ވާހަކަދެއްކިއެވެ.
"މި މަގުންނޭ. އަހަރެންނަކަށް ހިއެއްނުވޭ ދެލޯ އަނދިރިވިޔަސް އޭނަ މިގެ ހުންނަ ހިސާބަކަށް އައިސްދާނެހެނެއް" ޔަގީންނުވެފައި ޝާހްބާޒް ބުންޏެވެ.
*********
ވިލިނީ ދެއްކި ވާހަކަތައް އަޑުއަހާފައި ތަނަށް ވެރިވީ ހިމޭންކަމެވެ. ރިންދާ އިސްޖަހާލައިގެން އިންއިރު އިރުކޮޅަކާ އަޔާލްގެ މޫނަށް ބަލައިލައެވެ. އަޔާލްގެ ފަރާތުން އަންނާނެ ޖަވާބެއް ނޭނގޭތީ ރިންދާ ފަސްޖެހުނެވެ. އެކަމަކީ ހުދު ރިންދާވެސް ޖެހިލުންވާ ކަމެކެވެ.
"އަސްލު އެހިޔާލު ގޯސްހެނެއް ހިއެއްނުވޭ" ލައިދު ޖެހުނީ ވިލިނީގެ ކޮޅަށެވެ.
"ގޯހެއް ނޫން. އެކަމަކު ބިރުވެރި. އެ އިންސާނާ ކައިރިއަށް އެންމެ މިނެޓެއް ކީއްކުރަން ފަޅިސިކުންތަކަށްވެސް ރިދާ ދޫކޮށްލަން އަހަރެން ބޭނުމެއް ނޫން" އަޔާލް ބުންޏެވެ.
"ވިސްނަބަލަ ކުރަން މިއުޅޭ ކަންތަކަށް. އެއަށްވުރެ ފަސޭހައިން ނަހީކްގެ ބޮޮޑު ސިއްރު ފަޅާއަރުވާލެވޭނެ އެއްވެސް ގޮތެއް ނެތް. އަނެއްކޮޅުން އެބުނާ ރައްޓެހި މީހާ ގެނެވޭނީވެސް ރިދާ ނަހީކާ ގުޅުމެއް ބާއްވައިގެން" ވިލިނީ ބުންޏެވެ.
އަޔާލް ވިލިނީގެ މޫނަށް ބަލައިލިއެވެ. ވިލިނީ ދެއްކި ވާހަކަތަކާ ގުޅުވައިގެން ހިތްހަމަނުޖެހި ވިލިނީއަށް އެއްޗެއް ބުނެވޭކަށްވެސް ނެތެވެ. ނަހީކާއި ވިލިނީގެ ގުޅުން ރަނގަޅު ނޫންކަން އަޔާލްއަށް އޮތީ އެނގިފައެވެ. އަނެއްކޮޅުން ރިންދާ އެއްޗެއް ނުބުނާތީ އަޔާލްގެ ހިތަށް އުނދަގޫކުރަމުން ދިޔައެވެ.
"ރިދާ ކޮންގޮތެއް ބޭނުމީ؟" ކުރެހިފައިވާ އަޑަކުން އަޔާލް އެހިއެވެ. ރިންދާ ވާހަކަދައްކަންވީ ވަގުތު ޖެހުނީކަން އެނގުމުން ފުން ނޭވައެއް ދޫކޮށްލާފައި މޭޒުމަތީގައި އޮތް އަޔާލްގެ އަތުގައި ހިފަހައްޓާލިއެވެ.
"އަހަރެން ބޭނުންވަނީ ކިތަންމެ ބޮޑު ގުރުބާނީއެއް ވެގެން ނަމަވެސް ނަހީކް ބޭޒާރުކުރަން. ރަންނިއަށް އިންސާފު ލިބެން" ރިންދާ ބުންޏެވެ. އަޔާލްގެ މޫނުމައްޗަށް ވެރިވީ ހައިރާންކަމެވެ.
"ތިބުނީ....؟ އަހަރެން ރިދާ ދޫކޮށްލާށޭތަ؟" އަޔާލް ބުންޏެވެ.
"ސާބަސް.... އަހަރެން އެހެން ބުނެފިންތަ؟" ރިންދާ ބުންޏެވެ.
އަޔާލްއަށް ވިސްނައިދިނުމަކީ އެހާ ފަސޭހަކަމެއް ނޫންކަން އެނގުމުން ރިންދާ އަޔާލްއާއެކު އެކަނިވާން ބޭނުންވިއެވެ. އަޔާލްގެ ކަންބޮޑުވުމަކީ ކޮބައިކަން ރިންދާއަށް އޮޅިފައެއް ނެތެވެ.
"އަހަރެމެން އެބައަންނަން" ރިންދާ ބުންޏެވެ.
އަޔާލްގެ އަތުގައި ހިފައިގެން ރިންދާ ތެދުވިއެވެ. ބެލްކަނީގެ ދޮރުފަތް ކަހާލާފައި ބޭރު ބަލައިލި އިރު ނަސީބަކުން ވާރޭ އޮތީ ހުއްޓާލައިފައެވެ. ދެކުދިން ނުކުތީ ބެލްކަންޏަށެވެ. ކުރިން ހުރި ގޮތަށް ދޮރުފަތް ލެއްޕުމަށްފަހު އަޔާލްގެ އަތުގައި ހިފައިގެން ދުރަށް ރިންދާ ހިނގައިގަތެވެ.
*******
ލައިދުގެ ބެލުންތަކުން އުނދަގުވެފައި އިން ވިލިނީ ގޮނޑިން ތެދުވެގެން ބަދިގެ އާ ދިމާލަށް ހިނގައިގަތެވެ. އެތަނުގައި ކުރާނެ ކަމެއް ނެތަސް ގޮނޑިއެއްގައި އިށިންތަނާ ބަދިގޭ ދޮރަށް ލައިދު އެރިތަން ފެނުނެވެ. ވިލިނީ ފުންމައިގެން ތެދުވިއެވެ. ބަދިގެއިން ނުކުންނަން އުޅުނު ވަގުތު ލައިދު ވިލިނީގެ ކުރިބެއްދިއެވެ.
"އަހަރެންނަށް އުނދަގޫތަ މިކުރެވެނީ؟" ލައިދު އެހިއެވެ.
"އަހަރެންނަށް ލައިދުގެ ބޭނުމެއް ނޭނގޭ" ވިލިނީ ބުންޏެވެ.
"އަހަރެންނަށް އުނދަގޫ ކުރެވެންޏާ ވަރަށް ބޮޑަށް ސޮރީ އިނގޭ. އަހަރެން ބޭނުމީ ހަމަޖެހިގެން ވާހަކަދައްކާލަން" ލައިދު ބުންޏެވެ.
"ކޮންވާހަކައެއް؟" ވިލިނީ ބުންޏެވެ.
"ހެހެހެ... އަހަރެން މިބުނީނު ހަމަޖެހިގެންނޭ" ލައިދު ބުންޏެވެ.
"ހިނގާ...." ވިލިނީ ބުންޏެވެ.
ދެކުދިން ހިނގައިގަތީ ކުރިން އިށީނދެގެން ތިބި ދިމާލަށެވެ. ގޮނޑީގައި ރަނގަޅަށް ހަމަޖެހިނުލެވި އުޅެނިކޮށް އަޔާލް އާއި ރިންދާ އަތުވެއްޖެއެވެ.
"އަހަރެންނަށް އެންމެ ރަނގަޅު. އެކަމަކު އޭނަ ރިދާއަށް އެއްވެސް ގަދަބާރެއް ނުދައްކާނަމަ" އަޔާލް ބުންޏެވެ.
"އެކަމުން މަނާވެގަނެވޭނީ ރިދާއަށް. ގުޅުމެއް އުފައްދާފައި އިތުރަށް ކުރިއަށްގެންދާނެގޮތްވެސް އެނގޭނީ ރިދާއަށް" ލައިދު ބުންޏެވެ.
"އޭނަ ހުރީ ރިދާ އާ ހެދި ހޭކުޑައިވެފަ. އެހެންވީމަ ރިދާ ބޭނުންގޮތަކަށް އޭނަ އަނބުރާލެވިދާނެ. ރިދާގެ ކޮންމެ އިޝާރާތަކަށް އޭނަ ނަށާނެ" ވިލިނީ ބުންޏެވެ.
ރިންދާ ވިލިނީއަށް ބަލައިލިއެވެ. އަމިއްލަ ފިރިމީހާގެ ވާހަކަ އެގޮތަށް ބުނަންޖެހުމުން ކޮންމެ އަންހެނެއްގެ ހިތަށްވެސް އުނދަގޫވާނެއެވެ. ވިލިނީގެ ހިތްވަރުގަދަކަން ފެނި ރިންދާގެ ދެލޮލުން ކަރުނަ ނީރާލިއެވެ. ރިންދާގެ ވިލިނީގެ އަތްތިލައަށް ފިތާލިއެވެ.
"ދެން މިރެއަށް ނިންމާލަމާ. ވަރަށް ލަސްވެއްޖެ" ރިންދާ ބުންޏެވެ.
"އާނ. ބާރަ ޖަހަނީ. އިދޫ މިހާރު ނައްޓާލައިގެން ނޫނީ ގެއަށް ނުފޯރާފާނެ. ވާރޭވެހެން އުޅޭހެން ހީވަނީ. އަވަހަށް ދޭ" އަޔާލް ބުންޏެވެ.
ލައިދު ވިލިނީއަށް ބަލައިލިއެވެ. ވިލިނީ ކައިރީގައި ދައްކަން ބޭނުންވެފައި ހުރި ވާހަކަތައް މަޑުޖައްސާލެވޭކަށް ނެތެވެ. އެފަދަ ފުރުސަތެއް ދެން ލިބިދާނެހެނެއް ހިއެއްނުވެއެވެ. ވިލިނީއަށް ބެލެމުން ދިޔައީ އެހެންވެއެވެ.
ވިލިނީ ބަލައިލީ ރިންދާއަށެވެ. ލައިދުގެ ބޭނުމަކީ ކޮބައިކަން ބުނާކަށް ވިލިނީއަށް ނުކެރުނެވެ. އެކަން ދެނެގަތީ އަޔާލްއެވެ.
"ހިނގާބަލަ ރިދާ" ރިންދާގެ އަތުގައި ހިފައިގެން އަޔާލް ހިނގައިގަތެވެ.
***********
ފަތިސް ނަމާދަށްފަހު ޤުރުއާން ކިޔަވާލަން މަޑުކޮށްގެން ތިބި މީހުން މިސްކިތުން ނުކުމެ ތަން ހުސްވެއްޖެއެވެ. އެހެންނަމަވެސް ﷲ ގެ މަދަދަށް އެދި ދެއަތް އުފުލާލައިގެން ރާޝިދު އިނެވެ. އުމުރުން ދުވަސްވެ ރޫ ޖެހިފައިވާ ރާޝިދުގެ ކޯތާފަތްމަތިން ކަރުނަ އޮހެރެމުން ދިޔައިރު ދާއިމަށް ދެލޯ މަރާލުމުގެ ކުރިން ދުނިޔޭގައި ތިބި ދެ ދަރިންގެ ތެރެއިން އެއްދަރި ލޮލަށް ދެއްކެވީތީ އެކަލާނގެއަށް ހާސްފަށުން ޝުކުރުދަންނަވަމުން ދިޔައެވެ. ހެޔޮހާލުގައި ހުރެ ބޮޑު ދަރިފުޅާ ބައްދަލުކޮށްދެއްވުމަށް އެދި ރޮމުން ގިސްލަމުން ދުޢާ ދަންނަވަމުން ދިޔައެވެ. ހިތަށް ކެތްނުވެ، ނާރުތައް ބުރިބުރިވާ ވަރަށް ވޭން ގަދަވުމުން އެންމެފަހުން ދެއަތް ތިރިކޮށް އެކަލާނގެއަށް ސަޖިދައަށް ތިރިވިއެވެ. އުމުރުގެ ބާކީ އޮތް ދުވަސްތަކުގައި ދަރިންނާއެކު ލެއްވުމަށްއެދި ދުއާ ކުރަމުން ދިޔައެވެ. ވިއްސާރަ ވިލާތައް އުވި ދުނިޔެ ސާފުވާ ފަދައިން ހިތަށް ވެރިވެފައިވި ކެކުޅުމާއި ގިލަންވެރިކަން ފިލާ ހިތަށް ހިތްހަމަޖެހުން ލިބެންދެން ރާޝިދު ސަޖިދައިގައި އޮތެވެ. ތެދުވެގެން މަޑުމަޑުން ހިނގާފައި މިސްކިތުން ފައިބައިގެން ދިޔައިރު މިއިން ޒަމާނެއްގަވެސް ހިތަށް ހަމަޖެހުން ނުލިބޭ ވަރަށް ރާޝިދު ހުރީ ހިތްހަމަޖެހިފައެވެ.
ރަނގަޅަށް އިރުނޭރިއެއް ކަމަކު މަގުތަކަށް ކޮންމެވެސް ވަރަކަށް އަލިކަމެއް ވެރިވެފައިވިއެވެ. ރާޝިދު ހިނގާފައި ދިޔައީ ޒުބައިރުގެ ގެއާ ދިމާލަށެވެ. ހަގު ދަރިފުޅުގެ ކުރިމައްޗަށް އަރައި ފުރަތަމަ ފަހަރަށް އެ ދަރިފުޅު ދެއަތުގެ ތެރެއަށް ގެނައުމަށް މިއަދު އޭނާއަށް އެއްވެސް ހުރަހެއް ނެތެވެ. އޭނާ ހުއްޓުވާނޭ މީހެއްވެސް ނެތެވެ. ޝައިތާނުންގެ ހުރަގެއެއްގައި އޭނާ ހައްޔަރުކޮށްފައި އެތައް އަހަރަކު ބަހައްޓައިފިއެވެ. އެހެންނަމަވެސް މިހާރު އޭނާގެ ދެލޯ ބަނދެފައިވާ ފަރުދާކެހި މަގު ސާފުވެއްޖެއެވެ. ﷲ ތައާލާގެ ވާގިފުޅާއެކު އޭނާގެ ހިތަށް ސާބިތުކަމާއި ހިތްވަރު ލިބިއްޖެއެވެ. އެކަލާނގެއަށް މަދަދަށް އެދި ކުރި ދުޢާ އިޖާބަކުރައްވާނެކަމުގެ ޔަގީންކަން އޭނާގެ ހިތަށް ލިބިފައިވިއެވެ. އެހެނީ ދުޢާ ކުރަންވާނީ އެ ދުޢާ އިޖާބަކުރައްވާނޭކަމުގެ ޔަގީންކަން ހިތުގައި ބާއްވައިގެންނެވެ.
**********
ރޫބިޔާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ އޭނާގެ ކުރިމަތީގައި އައިސް ހުއްޓުނު ޒުވާން ފިރިހެންކުއްޖާ ފެނިފައެެވެ. އެއީ އޭނާ ދުވަހަކުވެސް ދެކިފައިވާ ޒުވާނެއް ނޫނެވެ. ރޫބިޔާ އާ ދުރަށްޖެހިލައި އެ ޒުވާނާ ރޫބިޔާގެ ފުރިހަމަ އިސްކޮޅަށް ބަލައިލިއެވެ. ރޫބިޔާގެ މޫނުމައްޗަށް ވެރިވީ ހައިރާންކަމެވެ. އެހެންނަމަވެސް އެ ހައިރާންކަން ފިލައިގެން ދިޔައީ އޭނާއަށް ޒުވާނާ ކޮށްލި ތައުރީފުތައް އިވިފައެވެ. ރޫބިޔާ ލަދުން މޫނުމަތީގައި އަތްއެޅިއެވެ. އޭނާ ގަބޫލުކުރާގޮތުގައި އުމުރުން މައްޗަށް ދާވަރަކަށް އޭނާގެ ޒުވާންކަން ދަނީ އިތުރުވަމުންނެވެ. އޭނާގެ ނަސީބަކީ އޭނާގެ ޒުވާން ހަށިގަނޑެވެ. އެ ހަށިގަނޑު ޒުވާންކަންމަތީގައި ބެހެއްޓުމަށް ކޮންމެ ކަމެއް ކުރަންޖެހުނު ނަމަވެސް ރޫބިޔާ ހުރީ އެކަމެއް ކުރާށެވެ.
"ހިނގާ އަހަރެންނާއެކު.... ފިނިފެންމަލުގެ ދާނެއްގެ މަތީގައި ބާއްވައިދޭނަން. ލޯބީގެ ފެންކޯރަކުން ތި ހަށިގަނޑު ފެންވަރުވާލަދޭނަން. ޝަކުވާކުރާނެ އެންމެ ފުރުސަތެއްވެސް ނުދޭނަން. މަލުގެ ފިޔައެއްގައި ފިރުމާލާހާ ލޯބިން ނޫނީ ތިހަށިގަނޑުގައި އިނގިލި ކުރިވެސް ޖައްސައި ނުލާނަން. އަހަރެންގެ ދެލޮލުން ދުނިޔެ ބަލައިލަން ހިނގާ. ތަފާތުވާނެ. ޔަގިންކަންދެން" ޒުވާނާ ބުންޏެވެ.
ރޫބިޔާއަށް ހުރެވުނީ ޒުވާނާގެ ދެލޮލަށް ބަލަހައްޓައިގެންނެވެ. އިތުރަށް ވިސްނާކަށްވެސް އޭނާ ބޭނުމެއް ނުވިއެވެ. ދިއްކޮށްލާފައިވި ޒުވާނާގެ އަތުގެ ތެރެއަށް އަތްތިލަ ލައްވާލާފައި ހިނގައިގަތެވެ. އޭނާއަށް ދެވުނީ ކުޑަ ތަންކޮޅަކަށެވެ. ފަހަތުން މީހަކު ގޮވާލައިފިއެވެ. އެނބުރި ބަލައިލިއިރު ފަހަތުގައި ހުރީ މީގެ އެތައް އަހަރެއްކުރިން އެމީހަކާމެދު ނާއިންސާފުން އޭނާ ކަންތައްކުރި އޭނާއަށް ވުރެ ސައްބީސް އަހަރު ދޮށި ފިރިހެން މީހާއެވެ. ރޫބިޔާއަށް ގަބޫލުކުރަން ދަތިވިއެވެ. ކުރިއަށް ބަލައިލިއިރު ފާއިތުވި ދެތިން މިނެޓުގައި އޭނާއަށް ތައުރީފުކުރި ޒުވާނާ ފެންނާކަށް ނެތެވެ. ރޫބިޔާ ހާސްވިއެވެ. އެހާ އަވަހަށް ޒުވާނާ އެދިޔައީ ކޮންތަނަކަށް ހެއްޔެވެ؟ ޔަގީނެވެ. އެހެން ފިރިހެނަކު ގޮވާލުމުން ޒުވާނާ ހިތްހަމަ ނުޖެހުނީއެވެ. ރޫބިޔާގެ މޫނަށް މާޔޫސީ ކުލަވަރު ވެރިވިއެވެ. ރާޝިދު އެ އަންނަނީ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އޭނާ އާ ގާތަށް އަޅަމުންނެވެ. އެހެންވާންވީ ކީއްވެގެން ހެއްޔެވެ؟ އެއީ މަރުވެފައިވާ އިންސާނެކެވެ. އަހަރެންނަށް މިވަނީ ކީއް ހެއްޔެވެ؟ އަހަރެންގެ ގައިގައި އެހާ ބާރަށް ހިފަހައްޓައިގެން މިހުރީ ކާކު ހެއްޔެވެ؟
އެގޮތް މިގޮތަށް ތެޅިފޮޅެމުން ދަނިކޮށް ރޫބިޔާއަށް އެސްފިޔަތައް އުފުލާލެވިއްޖެއެވެ. މޭމަތީގައި އޮތީ ކައިރީގައި ނިދާފައި އޮތް ފަރީދުގެ އަތްކަންވެސް އެނގުނީ ސިކުނޑި ރަނގަޅަށް މަސައްކަތް ކުރަން ފެށުމުންނެވެ. އިސާހިތަކު ރޭގެ މަންޒަރުތައް ރޫބިޔާގެ ހިތަށް ސިފަވާން ފަށައިފިއެވެ. މުޅި ރޭގަނޑު އެއްކޮށް ފަރީދުގެ ތަންމަތި ހޫނުކޮށްދިނުމުގައި އެތައް ވަގުތެއް ހޭދަކޮށްފައި ނިދިއިރުވެސް ފަތިސްވެއްޖެއެވެ. އަނެއްކޮޅުން އެއޮށް ފެނުނު ހުވަފެނެއްތާއެވެ. ރޫބިޔާގެ ތުންފަތް ދެފަރާތަށް ދެމިލިއެވެ. އެއީ ހުވަފެނެއްކަން އެނގުމުންނެވެ. ހަގީގީ ދުނިޔޭގައި ރާޝިދަކީ ދުވަހަކުވެސް އޭނާ އާ ބައްދަލުވާނޭ މީހެއް ނޫންކަން ހަނދާންވުމުން ހިތަށް ހަމަޖެހުން ލިބުނެވެ. އެކަމަކު އެ ރީތި ޒުވާނާއަކީ ކާކު ހެއްޔެވެ؟ ހާދަހާ ފުރިހަމަ ޒުވާނެކެވެ. މަގުމަތިން ހިނގާފައި ދާއިރު ބައެއް ޒުވާން ފިިރިހެންކުދިން ތުނބުންފުމެލައި ފޮށިލާ ހެދިޔަސް ހުވަފެނުގައި އެފެނުނު ފަދަ ރީތިކަމެއް ދުވަހަކުވެސް ރޫބިޔާއަށް ފެނިފައެއް ނެތެވެ.
"އަދި އެކޮށްލި ތައުރީފެއްދޯ" އަމިއްލަ ނަފުސަށް ރޫބިޔާ ބުނެލިއެވެ.
ނިދާފައި އޮތް ފަރީދުގެ މޫނަށް ބަލައިލާފައި ފާހާނާއަށް ދިޔުމަށް ރޫބިޔާ ކޮޅަށް ތެދުވިއެވެ. ގައިމަތީގައި އޮތް ރަޖާގަނޑު ކެހި ހަށިގަނޑު ކަޝްފުވެގެން ދިޔުމާއެކު އަލުން ރަޖާގަނޑު ނަގާފައި ގައިގައި އޮޅާލިއެވެ.
ރޫބިޔާއަށް ނޭނގުނީ ހުވަފެނުގައި ފެނުނު ޒުވާން ފިރިހެނާއަކީ އޭނާގެ ހަލާކުކަމެވެ. ޝަހްވާނީ އެދުންތަކާއި ހަވާނަފުސަށް ހިތް ދީއްލާލަފައިވުމުން ރަނގަޅު އެއްޗެއް ވިސްނޭވަރަށް ވުރެ ބޮޑަށް ރޫބިޔާގެ ސިކުނޑި ވަނީ ތަގައްޔަރުވެފައެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ