މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)

ރާއްޖޭގައި ބާއްވާ ސާބާ އަންހެން ބާސްކެޓް މުބާރާތުގެ ލޯގޯ ދައްކާލައިފި

މިމަހު ރާއްޖޭގައި ބާއްވަން ތައްޔާރުވަމުންދާ ސަރަހައްދީ އެންމެ ބޮޑު އެއް ބާސްކެޓްބޯޅަ މުބާރާތް، ސާބާ ވިމަންސް ޗެމްޕިއަންޝިޕްގެ ރަސްމީ ލޯގޯ ދައްކާލައިފިއެވެ.

ސާބާ އަންހެން މުބާރާތް ރާއްޖޭގައި ބާއްވަން ތާވަލުކޮށްފައިވަނީ މިމަހުގެ 24 އިން 30 އަށް މާލޭގައެވެ. މުބާރާތް ކުރިއަށްދާނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ. ދެކުނު އޭޝިއާގެ ގައުމުތަކަށް ހާއްސަ މުބާރާތުގައި މިއަހަރު ހަ ގައުމަކުން ވާދަކުރާނެއެވެ. ރައުންޑް ރޮބިން އުސޫލުން ކުޅޭ މުބާރާތުގައި ވާދަކުރަނީ ރާއްޖެ، ސްރީ ލަންކާ، ނޭޕާލް، އިންޑިއާ، ބޫޓާން އަދި ބަންގުލަދޭޝެވެ.

ޔޫތު މިނިސްޓްރީގައި މިއަދު ބޭއްވި އިވެންޓުގައި މިއަހަރުގެ މުބާރާތުގެ ލޯގޯ ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު، އަހުމަދު މަހުލޫފާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއެވެ.

ރަސްމީކޮށް ލޯގޯ އިއުލާންކުރުމަށްފަހު ދެ ވަޒީރުންވެސް ވަނީ ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމުގެ ކުޅުންތެރިންނާ ބައްދަލުކުރައްވައި، މުބާރާތުގައި ގައުމު ފަހުރުވެރިވާ ކާމިޔާބީއެއް ހޯދުމަށް އެދިވަޑައިގެން ހިތްވަރު ދެއްވައިފައެވެ.

މިއަދު ދައްކާލި ލޯގޯގެ ފަރުމާއަށް ބަލާ އިރު، ބާސްކެޓްބޯޅައިގެ ފަރުމާއެއްގެ ތެރެއިން ފެނިގެން ދަނީ ރާއްޖޭގެ މޫދާއި، އިރުއޮއްސޭ މަންޒަރު ދައްކުވައިދޭ ފަރުމާތަކެއްގެ އިތުރުން ތުނޑުކުނަލުގެ ފަރުމާއެކެވެ.

ސާބާ ޗެމްޕިއަންޝިޕަށް ގައުމީ އަންހެން ޓީމު އަންނަނީ ވަރަށް ދުރާލާ ތައްޔާރުވަމުންނެވެ. އެ ގޮތުން އިންޑިއާ އާއި ތައިލެންޑުގައި ކޭމްޕްތަކެއް ކުރިއަށް ގެންގޮސް އެކުވެރިކަމުގެ މެޗުތަކެއް ވެސް ކުޅެފައިވެއެވެ. މިއީ ރާއްޖޭގައި ބާއްވާ އަންހެން ބާސްކެޓްގެ އެންމެ ބޮޑު މުބާރާތެވެ.