ރާއްޖޭގެ ބާަސްކެޓްބޯޅަ ކުރިއެރުވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ބީއެމްއެލުން ބުނީ އެ އެއްބަސްވުމުގެ ދަށުން ބާސްކެޓްބޯޅަ ކުޅުންތެރިންނާއި ގައުމީ ޓީމުގެ ތަމްރީނުތަކަށް ބޭނުންކުރެވޭނެ ފެންވަރު ރަނގަޅު އިންޑޯ ބާސްކެޓްބޯޅަ އެރީނާއެއް ތަރައްގީކުރުމަށް ބީއެމްއެލުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. ބީއެމްއެލުން ބުނީ އެ އެރީނާ ވެގެންދާނީ ބާސްކެޓްބޯޅަ ގައުމީ ޓީމާއި ބާސްކެޓްބޯޅަ ކުޅުންތެރިންގެ ޕްރެކްޓިސްއަށް ހާއްސަ ކުރެވިފައިވާ ތަަނަކަށް ކަމަށެވެ.

އަދި އެ އެރީނާ ވެގެންދާނީ ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ ދެ ބާސްކެޓްބޯޅަ މުބާރާތް ކަމަށްވާ ނެޝަނަލް ބާސްކެޓްބޯޅަ ލީގާއި ނެޝަނަލް 3 އޮން 3 ލީގަށް އެހީތެރިކަން ފޯރުކޮށްދޭ ތަނަކަށް ކަމަށް ބީއެމްއެލުން ބުންޏެވެ.

"މިއާއެކު ކުޅުންތެރިން ތަރައްގީ ކުރުމަށް މަގުފަހިކޮށްދެވި މުޅި ރާއްޖޭގައި މި ކުޅިވަރު އިތުރަށް ކުރިއެރުވުމަށް މަގުފަހިވެގެންދާނެ" ބީއެމްއެލުން ބުންޏެވެ.

އެ އެއްބަސްވުމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ ބީއެމްއެލްއަކީ ކުޅިވަރުތައް ތަރައްގީކުރުމަށް ގިނަ މަސައްކަތެއް ކުރާ ކުންފުންޏެއް ކަމަށާއި އެމްބީއޭއާއެކު ސޮއިކުރި އެއްބަސްވުމުން ދައްކުވައިދެނީ ރާއްޖޭގައި ކުޅިވަރުގެ ހުނަރު ހަރުދަނާކޮށް، ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދުމަށް ބޭންކުން ދޭ އަހައްމިޔަތުކަން ކަމަށެވެ.

ޝަރީފު ވިދާޅުވީ ބާސްކެޓްބޯޅަ ފަދަ ރާއްޖޭގައި ކުރިއަރަމުން އަންނަ ކުޅިވަރަކަށް އެހީތެރިކަން ފޯރުކޮށްދެވުމަކީ ލިބޭ ފަހުރެއް ކަމަށެވެ.

"އަޅުގަނޑުގެ އުންމީދަކީ ރާއްޖޭގެ ބާސްކެޓްބޯޅަ ކުޅުންތެރިންނަށް މުޅިން އާ ހަރުފަތަކަށް ދިއުން،" ޝަރީފު ވިދާޅުވިއެވެ.

އެމްބީއޭގެ ރައީސް އަހުމަދު އާދަމް ވިދާޅުވީ ބީއެމްއެލުން، ބާސްކެޓްބޯޅަ ކުޅުންތެރިން އިތުރަށް ކުރިއެރުވުމުގެ ގޮތުން އެ އެސޯސިއޭޝަނާ ގުޅުމުން އުފަވާ ކަމަށެވެ. އޭނާ ވިދާޅުވީ ބީއެމްއެލްއާއެކު ސޮއިކުރި އެއްބަސްވުމުގެ ސަބަބުން ބާސްކެޓްބޯޅަ ކުޅުންތެރިންނަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ.

ބީއެމްއެލުން ބުނީ އެ ބޭންކުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ފަރުދުންނާއި ވިޔަފާރިތަކާއި މުޖުތަމައު ބާރުވެރިކުރުމަށް ކަމަށެވެ.