ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ހުސްވެފައިވާ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު އާތިފް މިއަދު އައްޔަންކޮށްފިއެވެ.

އެ މަގާމަށް އާތިފް އައްޔަންކުރިކަން އެޗްޑީސީން ވަނީ މިއަދު އިއުލާނުކޮށްފައެވެ. އެކުންފުނީގެ އެމްޑީގެ މަގާމަށް އާތިފް އައްޔަންކޮށްފައި މިވަނީ އެމަގާމުގައި ކުރިން ހުންނެވި ސުހެއިލް އަހުމަދު މަގާމުން ރިޓަޔާ ކުރެއްވުމުންނެވެ.

އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އާތިފް އައްޔަން ކުރީ 6 މާޗު 2019 ގައެވެ. ފައިނޭންސް އާއިި އެކައުންޓިން ދާއިރާގައި ދިހަ އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ އާތިފް ވަނީ ބޭންކް އޮފް މޯލްޑިވްސް އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ހިމެނޭ ގޮތަށް ޕަބްލިކް ސެކްޓާގައި މަސައްކަތްކުރައްވައިފައެވެ. ޑީއެމްޑީގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ޕްރައިވެޓް ޕްރެކްޓިސްގައި ރެޖިސްޓާޑް އޮޑިޓަރެއްގެ ގޮތުގައި އަދި ޓެކްސް އޭޖެންޓެއްގެ ގޮތުގައިވެސް އާތިފް މަސައްކަތް ކުރެއްވިއެވެ.