ހެޔޮލަފާ ޖީލެއް ބިނާކުރެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެޅި ފުރަތަމަ، ސްކޫލު، ކާމިލް ދީދީ ޕްރައިމަރީ ސްކޫލު ހުޅުވުމަށް މިއަދު އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ނައިބު ރައީސް ވިދާޅުވީ، ބެލެނިވެރިން ދަރިވަރުން ސްކޫލަށް ފޮނުވަނީ ވަރަށް ފޮނި އުންމީދަކާއި ޔަގީންކަމަކާ އެކުގައި ކަމަށާއި އެކުދިންނާ މެދު ގައުމުވެސް ފޮނި އުންމީދުތަކެއް ކުރާ ކަމަށެވެ.
ހެޔޮލަފާ ޖީލެއް ބިނާކުރުމަށް މުދައްރިސުންނާއި ބެލެނިވެރިންނާއި ސަރުކާރުގެ ޒިންމާ އޮތްކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ، ކާމިޔާބީއާ ހަމައަށް ދެވޭނީ އެންމެން އެކުގައި ގުޅިގެން ކުރާ މަސައްކަތުން ކަމަށެވެ.
ނައިބު ރައީސް ވިދާޅުވީ، ރިވެތި އަހުލާގަށް ވުރެ މުހިންމު އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. އެހެންކަމުން ދަރިވަރުންގެ ވަށައިގެންވާ މާހައުލުން ފެންނަން ވާނީ ރިވެތި އަހުލާގާއި ރިވެތި ބަސްތަކުން މީހުންނާ މުހާތަބު ކުރާ މަންޒަރުކަމަށްވެސް ވިދާޅުވިއެވެ.
"ދަރިވަރުންނަށް ފޮތުގައި ކިތަންމެ ރަނގަޅު ފިލާވަޅެއް ލިޔެފައި ހުއްޓަސް އެއަށްވުރެ ބޮޑަށް ދަރިވަރުންނަށް ފެންނާނީ ދަރިވަރުންގެ ލޮލުގެ ކުރިމައްޗަށާއި ދަރިވަރުންގެ ކަންފަަތަށް އަޑުއިވޭ އެއްޗެއް." ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް އިތުރަށް ވިދާޅުވީ، ތައުލީމީ ހަޔާތް ނިންމާފައި ނުކުންނަ ދަރިވަރުންނަކީ ދިރިއުޅުމަކަށް ތައްޔާރުވެފައިވާ، މަސައްކަތް ދަސްވެ އަދި މުޖުތަމައަށް އަހުލުވެރިވެފައިވާ، ރިވެތި ސިފަތަކުން ޒީނަތްތެރިވެފައިވާ ދަރިވަރަކަށް ވާންޖެހޭނެ ކަމަށެވެ. އެދަރިވަރަކީ އުފެއްދުންތެރި އަމިއްލަ މަސައްކަތުން ދިރިއުޅެވޭނެ ދަރިވަރަކަށްވެސް ވާންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ކާމިލްދީދީ ޕްރައިމަރީ ސްކޫލް އަޅާފައިވަނީ، ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ޓަވަރުތައް ކައިރީގައެވެ. މިސްކޫލަކީ، ފައުންޑޭޝަން ލެވެލްއިން ފެށިގެން، ގުރޭޑް 6 އާއި ހަމައަށް ކިޔަވައިދޭ ސްކޫލެކެވެ. މިސްކޫލުގައި 824 ދަރިވަރުން ތައުލީމް ހާސިލްކުރާއިރު، މުދައްރިސުންނާއިއެކު ޖުމުލަ 65 މުވައްޒަފުން މިވަގުތު މިސްކޫލުގައި އެބަތިއްބެވެ.
ކާމިލްދީދީ ޕްރައިމަރީ ސްކޫލް ނިސްބަތްވަނީ، ދިވެހިރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީގެ ދަށުން ވަޒީރުލްމައާރިފްގެ މަގާމަށް އައްޔަނުކުރެއްވި އަހުމަދު ކާމިލްދީދީއަށެވެ. ކާމިލް ދީދީއަކީ ދިވެހި އަދަބިއްޔާތުގައިވެސް ފާހަގަކޮށްލެވޭ ޝަހުސިއްޔަތެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު