ރާއްޖޭގެ އެކި ހިސާބުތަކަށް މިދިޔަ ޖުލައި މަހު ކުރި ވިއްސާރައިގައި ލިބުނު ގެއްލުންތަކަށް ބަދަލުގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ސަރުކާރުން ދީފިއެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނީ މި ވިއްސާރައިގައި ގެއްލުން ވެގެން ރިޕޯޓު ކޮށްފައިވަނީ ދިހަ ރަށަކުން ކަމަށެވެ. އޭގެ ތެރެއިން ނުވަ ރަށަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ 1.3 މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ.
- ހދ. ވައިކަރަދޫ
- ށ. ބިލަތްފަހި
- ށ. ފުނަދޫ
- ތ. ތިމަރަފުށި
- ގދ. ހޯޑެއްދޫ
- ގދ. ފިޔޯރީ
- ގދ. ރަތަފަންދޫ
- ސ. މަރަދޫ
- ސ. މަރަދޫ ފޭދޫ
އެންޑީއެމްއޭ އިން ހެދި އެސެސްމެންޓުން ދައްކާ ގޮތުން ބޯހިޔާވަހިކަމަށާއި ޒަރޫރީ ބޭނުންތަކަށް ބުރޫ އަރާ މިންވަރަށް 277 ގެއަކަށް ގެއްލުންވެފައިވެއެވެ. އަދި 131 ގެއެއްގެ ޒަރޫރީ ހިފާ ގެންގުޅޭ ތަކެއްޗަށާއި ގޭގެ އިމާރާތަށް ގެއްލުންވެފައިވެއެވެ.
އެގޮތުން 10 ޕަސަންޓް ގޭގެ ފުރާޅު އެއްލާލާފައިވާ އިރު، 32 ޕަސަންޓް ގެތަކުގެ ފާހާނާ މައްސަލަޖެހިފައިވެއެވެ. 34 ޕަސަންޓް ގޭގެ ފާރުތަކަށް އެކިވަރުގެ ގެއްލުން ލިބުނު އިރު، 22 ޕަސަންޓް ގޭގެ ތަޅުންގަނޑު ހަލާކުވެ، ދެ ޕަސަންޓް ގޭގެ ކަރަންޓް ވައިރިންނަށް މައްސަލަތައް ޖެހިފައިވެއެވެ.
ޒަރޫރީ ހިފާ ގެންގުޅޭ ތަކެއްޗަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި 294،562.60 ރުފިޔާ ދީފައިވާ އިރު، އިމާރާތްތަކަށް ލިބުނު ގެއްލުންތަކަށް އެހީގެ ގޮތުގައި 961،725 ރުފިޔާ ވަނީ ދީފައެވެ.
ވިއްސާރައިގައި ގެއްލުންވި ފަރާތްތަކަށް ބަދަލުދިން އިރު، އަށް ދަނޑެއްގެ ވެރިންނަށްވެސް ބަދަލު ދީފައިވެއެވެ.
ކޮންމެ އަހަރެއްގެ ވެސް ޖޫން މަހާއި ޖުލައި މަހަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ރާއްޖެއަށް އެންމެ ބޮޑަށް ކުރާ ދުވަސްވަރެވެ.
ޚަބަރު
ޚަބަރު
ޚަބަރު