ސްރީ ލަންކާގެ ކުރީގެ ރައީސް ގޮޓާބަަޔާ ރާޖަޕަކްސާ, އެނބުރި އެގައުމަށް ވަޑައިގެންފިއެވެ.

ލަންކާގެ އޮފިޝަލުންނާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އުމުރުން 73 އަހަރުގެ ގޮޓާބަޔާ ކޮލަމްބޯއަށް ވަޑައިގެންފައިވަނީ ސިންގަޕޯ އެއާލައިންސްގެ ފުލައިޓަކުން މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ލަންކާގެ ރައީސްކަމުގެ މަގާމުން ގޮޓާބަޔާ އިސްތިއުފާ ދެއްވާފައިވަނީ އެގައުމުގެ އިގުތިސާދީ ހާލަތު ދަށްވުމާ ގުޅިގެން ގިނަ އަދަދެއްގެ ރައްޔިތުން ގޮޓާބަޔާގެ ގެކޮޅާއި އޮފީސް ކައިރިއަށް އެއްވެ ނުރުހުން ފާޅުކޮށް, ގިނަ ހަމަނުޖެހުންތަކެއް ހިންގަމުންދަނިކޮށް މިދިޔަ ޖުލައި މަހުގެ 14 ވަނަ ދުވަހުއެވެ.

ގޮޓާބަޔާ އިސްތިއުފާދެއްވުމުގެ ކުރިން ރާއްޖޭގައި އެއް ދުވަހު މަޑުކުރެއްވުމަށްފަހު ވަޑައިގެންނެވީ ސިންގަޕޫރުން ހިމާޔަތް ހޯއްދަވައިގެން އެގައުމަށެވެ. ފާއިތުވި ދުވަސްތަކުގައި ގޮޓާބަޔާ ހުންނެވީ ސިންގަޕޫރުގައެވެ.

ލަންކާގެ ރައީސްކަމަށް ގޮޓާބަޔާ އިންތިހާބުވެވަޑައިގެންނެވީ 2019 ވަނަ އަހަރުގެ ނޮވެމްބަރު 18 ގައެވެ. ނަމަވެސް ކޮވިޑް 19 އަށްފަހު ލަންކާގެ އިގުތިސާދީ ހާލަތު ދަށްވެ، އެތައް އުނދަގޫތަކެއް ކުރިމަތިވިއެވެ. ރައްޔިތުންގެ އިހުތިޖާޖުތަކާ ގުޅިގެން ގޮޓާބަޔާގެ ބޭބޭފުޅު މަހިންދަ ރާޖަޕަކްސައަށް ވެސް ޕްރެޝަރު ކުރިމަތިވެ, ބޮޑުވަޒީރުކަމުގެ މަގާމުން އިސްތިއުފާދެއްވަން ޖެހިވަޑައިގެންނެވިއެވެ.

ލަންކާގެ ރައީސްކަމުގައި މިހާރު ހުންނެވީ މަހިންދަ އިސްތިއުފާދެއްވުމާ ގުޅިގެން ބޮޑުވަޒީރަކަށް ގެންނެވި ރަނިލް ވިކްރަމަސިންހައެވެ. ރައީސްކަމުގެ މަގާމާ ރަނިލް ހަވާލުވެވަޑައިގެންނެވީ މިދިޔަ ޖުލައި މަހުގެ 21 ވަނަ ދުވަހުއެވެ.